މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމާއި އަދި މިކަމުގެ ތެރެއަށް ވަނުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބައިތޯ އިތުރަށް ބައްލަވައި، އެޅުއްވެން ހުރި ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން މަސައްކަތްތަކެއް ކުރައްވަން ފަށްޓަވައިފިއެވެ.

މި ޚިޔާލު ބަދަލުކުރުމުގެ މައިގަނޑު މަޤްޞަދުތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ހިންގޭ ޕްރޮގްރާމްތައް ހިންގުމުގައި ދިމާވާ މައްސަލަތަކާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ތަންފީޒުކުރުމަށް އެކި ދާއިރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމެވެ. މިގޮތުން ދިމާވާ ގޮންޖެހުންތައް ޙައްލުކުރާނެ ގޮތްތަކެއް ހޯދައި އެކި ދާއިރާތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަދި ޙައްލުކުރާނެ ރެކަމެންޑޭޝަންތަކެއް ހޯދުމެވެ. މިގޮތުން، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބޭފުޅުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާގޮތަށް ރިޓްރީޓެއް މި މަހުގެ 3 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ވަނީ ބާއްވަވާފައެވެ. އެކި އިދާރާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ޙައްލުކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތައް މި ރިޓްރީޓުގެ ބައިވެރިން ކައުންސިލަށް ހުށަހެޅުއްވިއެވެ.

ކައުންސިލަށް ހުށަހެޅުއްވުމުގެ ކުރިން، ރިޓްރީޓްގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ އިދާރާއަކާއެކު ވަކިވަކި ބައްދަލުވުންތަކެއް ރައީސުލްޖުމްހޫރިޔާގެ އޮފީހުގައި ބޭއްވެވިއެވެ. އޭގެފަހުން، މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހާއި 31 ވަނަ ދުވަހު، ހުރިހާ ބޭފުޅުންނާއެކު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މަސައްކަތު ބައްދަލުވުންތަކެއް ބޭއްވުނެވެ.

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލަތަކަކީ، އެކި އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ކުޑަވުމާއި، ޤާނޫނު ބައްޓަން ކުރެވިފައިވާގޮތުން ކުރިމަތިވާ ހުރަސްތަކާއި ބަޖެޓުގެ ދަތިކަމާއި އަދި ފަންނީ ބޭފުޅުން ނެތުމުން ކުރިމަތިވާ ދަތިތައްކަންވެސް މި ރިޓްރީޓުގައި ބައިވެރިން ފާހަގަކުރައްވާފައިވެއެވެ.

ރިޓްރީޓްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ކޮމިޓީއެއް ހޮއްވަވައި، އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހިފައިވާ ކަންކަން ދެނެގަތުމުގެ ބައްދަލުވުންތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވައި، ކޮމިޓީއިން އެކަމާ ބެހޭ މަސައްކަތްތައް މިހާރު ކުރިޔަށްދަނީއެވެ.

ފާހަގަކުރެވުނު މައްސަލަތަކާ ގުޅޭގޮތުން ހުށަހެޅުއްވި މި ދެންނެވި ކަންތައްތަކަށް ކައުންސިލުން ރިޢާޔަތް ކުރައްވައިގެން މި ރިކޮމެންޑޭޝަންތައް ތައްޔާރުކުރެއްވުމަށްފަހު، ކައުންސިލަށް ހުށަހެޅުއްވައި ކުރިއަށް ގެންދިޔުމަށް ކައުންސިލްގެ މެންބަރުންވަނީ ނިންމަވާފައެވެ.