ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެއްބަނޑުއެއްބަފާކަމުގެ ގުޅުމާއި، ޢާއިލީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ރޫޙުގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. މި މެސެޖުގައި، އިސްލާމްދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް ބޭރުގެ ބައެއް ފަރާތްތަކުން ކުރާ މަސައްކަތާމެދު ހޭލުންތެރިވެ ތިއްބެވުމަށްވެސް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ.

މިދަންނަވާލަނީ، މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖެވެ.

[މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ނިޢުމަތް، މި ލޮބުވެތި ދިވެހިރާއްޖެއަށް މިންވަރު ކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ދަންނަވަމެވެ. އެއަށްފަހު، ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ ދަންނަވައި ދުވަހުގެ ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަމެވެ.

އިސްލާމްދީނަކީ މާތްﷲ ބާވައިލެއްވި އެންމެ މަތިވެރި އެންމެ މާތް ދީން ކަމަށްވާއިރު، ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި، މާތްވެގެންވާ އިސްލާމްދީނަށް އޮތް ލޯބި އިތުރުކޮށް، އެ ދީނުގެ މަތިވެރި ޢަޤީދާގައި އިތުރަށް ސާބިތުވެ ތިބުމުގެ ޢަޒުމް އާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ފުރްޞަތުގައި، އަޅުގަނޑުމެން ހަނދާން ކުރަންވީ، ރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ ސިއްރަކީ، މާތްވެގެންވާ އިސްލާމްދީން ކަމެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އެއްބަނޑުއެއްބަފާ ކަމާއި އަޚްވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، މާތްވެގެންވާ އިސްލާމްދީން ކަމެވެ.

އެހެންނަމަވެސް، އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމަށް، މިއަދު ކޮންމެވެސްވަރެއްގެ ހީނަރުކަމެއް އަންނަމުންދާކަމީ، އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި އަދި އޭގެ ސަބަބުން ޚާއްޞަކޮށް، ޢާއިލީ ގުޅުންތަކަށާއި، ޤައުމުގެ މަޞްލަޙަތަށް ބުރޫއަރަމުންދާ ކަމަށްވާނަމަ، އެކަމާދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. އެހެންކަމުން، މިއަދު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެއްބަނޑުއެއްބަފާކަމުގެ ގުޅުމާއި، ޢާއިލީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ރޫޙުގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ސިޔާސީ ފިކުރަށްވުރެ ޤައުމީ އެއްބައިވަންތަކަން އިސްކުރެއްވުމަށް އަޅުގަނޑު ގޮވާލަމެވެ.

ހަމައެހެންމެ، އިސްލާމްދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް ބޭރުގެ ބައެއް ފަރާތްތަކުން ކުރާ މަސައްކަތާމެދު ހޭލުންތެރިވެ ތިއްބެވުމަށްވެސް އަޅުގަނޑު ގޮވާލަމެވެ.

މާތްﷲ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި އިތުރަށް ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދިވެހިންނަށް ދެއްވާށިއެވެ! އިސްލާމްދީނުގެ އަލިގަދަ ދަންމަރުން ދިވެހިންގެ ހިތްތައް އަބަދަށް އަލިކުރައްވާށިއެވެ! ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލަހައްޓަވާށިއެވެ! ރާއްޖެއަކީ އަމަންއަމާންކަން ޤާއިމުވެފައިވާ ޞުލްޙަމަޞްލަޙަތަށް ލޯބިކުރާ ރައްޔިތުން ދިރިއުޅޭ ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަވާށިއެވެ! އާމީން."