بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަންގެ ވެރިންގެ 12 ވަނަ ޖަލްސާއަށް އަޅުގަނޑު މިސުރަށް ކުރި ދަތުރަށްފަހުގައި، މިއަދު އެނބުރި މިއައީ.

މިދަތުރުގައި، މެދުއިރުމައްޗަށް ދިމާވެފައިވާ، އަދި އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ވަރަށް މުހިންމު މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދެކެވި، އެކަންކަމާ މެދުގައި ބަޙުޘް ކުރެވުނު. އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރު އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ބައެއް އިސްލާމީ ޤައުމުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން ދުނިޔެވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައި. އެގޮތުން، ޚާއްޞަ ގޮތެއްގައި، ސޫރިޔާއަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި އަދި މާލީވެސް ވަރަށްބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި މިހާރު އެދަނީ. މީގެއިތުރުން، ޢާންމު ގޮތެއްގައި މިފަދަ ޖަލްސާތަކުގައި އަބަދުވެސް ވާހަކަ ދެކެވޭ މައްސަލަތަކެއް، ފަލަސްޠީނާބެހޭ މައްސަލަތައް. އެހެންވީމާ، މިކަންކަމާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ ވެރިން މަޝްވަރާ ކުރެއްވި. އެގޮތުން، ޚާއްޞަކޮށް، ސޫރިޔާގައި އުޅޭ ހަމަނުޖެހުމާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ ވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި. އަދި ސީރިޔާއަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ކުޑަކުރުމަށާއި، ސީރިޔާގެ އެކިއެކި ފަރާތްތަކުން ވާހަކަ ދައްކައިގެން، މައްސަލަ ހަމަޖެއްސުމަށްޓަކައި ވަރަށް ބޮޑަށް ބާރުއެޅުއްވި. ސީރިޔާގެ ސަރުކާރުން ސީރިޔާގެ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުންނަށް ޙަމަލާދެމުންދާތީއާ އެކީގައި، ވަރަށް ބޮޑަށް ކަންބޮޑުވެ، އެކަން ވަގުތުންވަގުތަށް ހުއްޓާލުމަށް ހުރިހާ ޤައުމުތަކުންވެސް ގޮވާލި. އަދި ވާހަކަ ދެއްކުމުގެ ތެރެއިން، އިންތިޚާބެއް ބާއްވައި، ކުރިއަށް ދިޔުމަށްޓަކައި ސީރިޔާއަށް އިލްތިމާސް ކުރެވުނު.

މީގެއިތުރުން، އެނގިވަޑައިގަންނަވާނޭ ފަދައިން، އިސްލާމީ ޤައުމެއް، އެފްރިކާގެ މާލީއަކީވެސް. މާލީއަށްވެސް ވަރަށްގިނަ ޢަދަދެއްގެ ޓެރަރިސްޓުން ޙަމަލާދީ، މާލީގެ ވަރަށްބޮޑު ބައެއް ވަނީ އެމީހުންގެ އަތްދަށުގައި. އެކަމުގައި ބޭރު އެއްވެސް ފަރާތެއް އެކަމަށް އެހީތެރިވެނުދިނުމަށް، އިސްލާމީ ޤައުމުތަކުން ވަނީ ގޮވާލާފައި. އަދި މާލީގެ ސަރުކާރަށް ތާއީދުކޮށް، މާލީއަށް ހަމަޖެހުން އިޢާދަކުރުމަށްޓަކައި ހުރިހާ ބޭފުޅުން މަޝްވަރާ ކުރެއްވި.

ދެން މީގެއިތުރުން، ފަލަސްޠީނުގެ މައްސަލަ. ފަލަސްޠީނު ވަނީ ދާދިފަހުން އ.ދ.ގެ ނޮން މެންބަރ އޮބްޒަރވަރ ސްޓޭޓަކަށް ހަމަޖައްސާފައި. އެއީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ފަލަސްޠީނު، ވަކި ދައުލަތަކަށް ވުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. އެހެންވީމާ، މިހާރު ފަލަސްޠީނުގެ އެކިއެކި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުން ގެންދަނީ، އެންމެން ވާހަކަ ދައްކައިގެން، ހުރިހާ ޕާޓީތައް އެކުލެވޭ ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ފަލަސްޠީނުގައިވެސް އުފެއްދުމަށް. މިވާހަކަތައް ހިނގަމުންދިޔަ، އަޅުގަނޑުމެންގެ ޖަލްސާ ކުރިއަށް ދިޔައިރުގައިވެސް. އެހެންވީމާ، އަޅުގަނޑުމެން އުންމީދު ކުރަނީ، ދާދި އަވަހަށް ހަމާސްއާއި ޕީ.އެލް.އޯ ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް ފަލަސްޠީނުގައި އުފެދިގެންދާނެ ކަމަށް.

އާދެ! ދެން އިސްލާމީ ޤައުމުތަކަށް އަންނަމުންމިދާ ޑިމޮކްރަސީގެ ބަދަލުތައް ގެނައުމަށްޓަކައި ހުރިހާ ޤައުމުތަކަކުންވެސް އެކަމުގައި މަސައްކަތް ކުރުމަށް ޚިޔާލުފާޅުކުރެވުނު. އިސްލާމީ ޤައުމުތަކުގެ ރައްޔިތުންނަކީވެސް، އިންސާނީ ޙައްޤުތައް ލިބެންޖެހޭ ބައެއްކަމާއި، އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުމާއެކުގައި، އެ ޤައުމުތަކުގެ ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތައް ޤާއިމް ކުރުމަށާއި އަދި އެކަމުގައި ސަރުކާރުތަކުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބާރުއެޅުއްވި.

ދެން މި ޖަލްސާއަކީ މިއީ، މިސުރުގައި ބޭއްވުނު ޖަލްސާއެއް. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، މިސުރުގައިވެސް މިވަގުތު ދަނީ ވަރަށް ބޮޑެތި ހަމަނުޖެހުންތައް އުފެދެމުން ކުރިއަށް. އެގޮތުން، ބައެއް ރަށްރަށުގައި މިހާރުވެސް އަޅުގަނޑު މިވާހަކަ ދައްކަމުން ގެންދާއިރުގައިވެސް، ކޮންމެވެސްވަރެއްގެ ހަމަނުޖެހުންތަކެއް ހިނގަމުން އެބަދޭ.

އާދެ! މިއީ ދެން ޢާންމު ގޮތެއްގައި މަޝްވަރާ ކުރެވުނު ކަންކަމަކީ. ދެން މީގެއިތުރުން، އަޅުގަނޑަށް އެ ޖަލްސާއަށް ދިޔުމުގެ ސަބަބުން ބައެއް ޤައުމުތަކުގެ ވެރިންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު ލިބުނު. އޭގެތެރޭގައި، ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކުރަން، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް. އަދި މީގެއިތުރުން، ތުރުކީގެ ރައީސް ޢަބްދުﷲ ޤުލް. ތުރުކީގެ ރައީސާ ބައްދަލުކޮށް، ތުރުކީއާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރުމަށްޓަކައި ވާހަކަ ދެކެވުނު. އަދި ތުރުކީގެ އިންވެސްޓްމަންޓްސް ރާއްޖެއަށް ގެނައުމަށްޓަކައިވެސް ވާހަކަ ދެކެވުނު. ޚާއްޞަކޮށް، ތުރުކީގެ އިންޓްރަސްޓް އެބަހުރި، ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް. އަދި އެހެން މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާގައިވެސް. އެހެންވީމާ، ރައީސް ވިދާޅުވި، ތުރުކީގެ އަމިއްލަ ކުންފުނިތަކާ ތިމަންނަ ވާހަކަފުޅު ދައްކަވައިގެން، ދިވެހިރާއްޖޭގައި ތުރުކީގެ އިތުރު އިންވެސްޓްމަންޓްސް ގެނެވޭނެ ގޮތަކަށް މަސައްކަތް ކޮށްދެއްވާނެ ވާހަކަ.

މީގެއިތުރުން، ބައެއް އެހެނިހެން ޤައުމުތަކުގެ ވެރިންނާވެސް ބައްދަލުވި. މީގެތެރޭގައި، ޤަޠަރު، ސަޢޫދީޢަރަބިއްޔާ އަދި އީރާން. އަދި މީގެއިތުރުން، މެލޭޝިޔާ، އިންޑޮނީޝިޔާ. އިންޑޮނީޝިޔާގެ ރައީސާވެސް ބައްދަލުވި. އެމަނިކުފާނުވެސް ދިވެހިރާއްޖެއަށް ޝައުޤުވެރިކަން ފާޅުކުރެއްވި. އަދި ދިވެހިރާއްޖެއާއި އިންޑޮނީޝިޔާއާ ދޭތެރޭގައި އޮންނަ ގުޅުންވެސް މިހާރަށްވުރެ ބަދަހިކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވާހަކަ ދެކެވުނު.

މި ދެން ކުރުގޮތަކަށް ދަންނަވަންޏާ، މިދަތުރުގެ ޚުލާޞާ. ދެން ދަތުރާ ބެހޭގޮތުން ނޫނީ އަދި ރާއްޖޭގެ މިވަގުތުގެ މަސްރަޙާ ބެހޭގޮތުންވެސް ތިޔަބޭފުޅުން އެއްޗެއް ސާފުކޮށްލައްވަން ބޭނުންފުޅީވިއްޔާ ވަގުތުކޮޅެއް އަރުވާނަން.

ޢާއިޝަތު ލީޒާ – ޓީ.ވީ.އެމް:

އަޅުގަނޑު އެމް.ބީ.ސީ ނިއުސްއިން ލީޒާ އިނގޭތޯ. އަޅުގަނޑުގެ ދެތިން ސުވާލެއް އެބައުޅޭ. ފުރަތަމަ ސުވާލަކީ، މަނިކުފާނު ބައިވެރިވެވަޑައިގެންނެވި އޯ.އައި.ސީ ސަމިޓާ ގުޅޭގޮތުން ވިދާޅުވެއްޖެ، އިސްލާމީ ޤައުމުތަކުގެ ޑިމޮކްރަސީއާ ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާ ކުރެވުނޭ. ދެން އެއްވެސްވަރަކަށް ރާއްޖޭގެ ޑިމޮކްރަސީއާއި ރާއްޖޭގެ މިވަގުތުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވޭތޯ؟

ދެން ވިދާޅުވެއްޖެ ތުރުކީއިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް. ދެން މި ބައްދަލުވި ލީޑަރުންނާއެކު، ބައްދަލުކުރައްވައި ދެއްކެވި މަޝްވަރާތަކުގައި، އެއްވެސްވަރަކަށް ރާއްޖެއަށް މި އިންވެސްޓްމަންޓް ގެނައުމަށްޓަކައި ޢަމަލީގޮތުން މަޝްވަރާއަކާ ހަމައަށް ދިޔުމަށް އެއްވެސް ކަމެއް ނިންމިފައިވޭތޯ؟

ދެން އަޅުގަނޑުގެ ތިންވަނަ ސުވާލަކީ، މި ސަމިޓާ ތަންކޮޅެއް ދުރުގައި އޮތް ސުވާލެއް. އެހެން ނަމަވެސް، ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނާތީ. މަނިކުފާނު ވަނީ އެހެން ޕާޓީތަކާ އިއްތިހާދުވެގެން ރާއްޖޭގެ ރައީސް ކަމަށް ވާދަކުރެއްވުމަށް، ކޮންމެވެސްވަރަކަށް އެ ވިސްނުން ހުރިކަމަށް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައި. މިހާތަނަށް އެއްވެސް ޕާޓީއަކުން މަނިކުފާނަށް އެބައޮތްތޯ، އެގޮތަށް، މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޕާޓީއާއެކު ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ފުރަތަމަ ސުވާލަށް އެއްޗެއް ދަންނަވާނަން. ޢަމަލީގޮތުން ވާހަކަ ދެކެވުނު ކަންކަން ހަމަ މިދެންނެވީވެސް. ޚާއްޞަކޮށް، ތުރުކީއާއި ޤަޠަރާ ދޭތެރޭގައި ވާހަކަ ދެކެވުނު. މި ދަތުރުގެ ފޮލޯއަޕެއްގެ ގޮތުގައި، އެފަރާތްތަކުން ރާއްޖެއަށް ބޭފުޅުން ވަޑައިގަތުމަށް. އަދި ދެން މީގެއިތުރުން، އެމިރޭޓްސްގެ ބައެއް އިންވެސްޓަރުންނާވެސް ބައްދަލުވި. އަޅުގަނޑު އުންމީދު ކުރަނީ، އެމިރޭޓްސްގެވެސް ވަރަށް ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް ޝައުޤުވެރިކަން އެބަހުރި ކަމަށް. އަދި އެބޭފުޅުން ދާދި އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށް.

ދެން ތިޔަ ވިދާޅުވި ސުވާލަށް، އަޅުގަނޑު ވާނީ އަޅުގަނޑުގެ ޚިޔާލު ހުރިގޮތް ދަންނަވާފައި. އަޅުގަނޑު ކުރިން ދެންނެވިހެން، އަޅުގަނޑުގެ މަޤްޞަދަކީ ވީހާވެސް ގިނަ ބަޔަކާ އެކުގައި ސިޔާސީ ގޮތުން މަސައްކަތް ކުރުން ކުރިއަށް ގެންދަން. މިހާރު ބައެއް ފަރާތްތަކާ ނުރަސްމީގޮތުން ވާހަކަ ދެކެވެމުން އައިއްސަ މިހިރީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ބައެއް ސިޔާސީ ޕާޓީތަކުންވެސް ޝައުޤުވެރިކަން ހުންނާނެ ކަމަށް، އަޅުގަނޑާ އެކީގައި މަސައްކަތް ކުރެއްވުމަށް. ނަމަވެސް، ކަނޑައެޅިގެން ރަސްމީ ވާހަކަތަކެއް އަދި ދެކެވިފައެއް ނެތް. އަދި އަޅުގަނޑުގެ އުންމީދަކީ، އިންތިޚާބާ ކައިރިވަމުން ދިޔަދިޔަހެން، މިބާވަތުގެ ވާހަކަތައް ތަންކޮޅެއް ރަސްމީވެ، މިއިން ތަންކޮޅެއް ޔަޤީން ޚަބަރުތަކެއް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް.

ފަޒީނާ އަޙްމަދު – ހަވީރު ނޫސް:

އަޅުގަނޑުގެވެސް ދެ ސުވާލެއް އެބައުޅޭ. އެއީ ހަމަ ލީޒާގެ އެ ސުވާލާ ގުޅޭގޮތުން. މަނިކުފާނު ބައްދަލުކުރައްވާފައިވަނީ، އެކި ޤައުމުތަކުގެ އިސްވެރިންނާ. ދެން މީގެ ނަތީޖާ ކިހާތަނެއްގައި އަޅުގަނޑުމެންނަށް ފެނިގެންދާނެތޯ؟ ދެން ރާއްޖެއަށް އެ ވިދާޅުވިގޮތަށް އިންވެސްޓަރުން ޝައުޤުވެރިކަން ފާޅުކޮށްފައި، މަސްވެރިކަމުގެ އިތުރުން ކޮންކޮން ދާއިރާތަކަކަށްތޯ އެހީ ލިބިގެންދާނީ؟

ހަމައެއާއެކު، އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އެއަރޕޯޓް މާސްޓަރ ޕްލޭނެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ނުވަތަ އިފްތިތާޙުވެގެންދާނެ ކަމަށް ސަރުކާރުން އެ އޮތީ ވިދާޅުވެފައި. ދެން ހަމަ އަޅުގަނޑުމެންނަށް އެނގޭ، ޖީ.އެމް.އާރު ޙަވާލުވީއިރުގައިވެސް ޕްލޭންއަކާއެކު ޙަވާލުވީ. އެހެންވީމާ، ސަރުކާރުގެ ޕްލޭންއަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ކަނޑައެޅިގެން ތާރީޚެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގޭނެ. ބޭރުން ކޮންބައެއް، ކޮންއިރަކުތޯ އަންނަނީކީ. އަދި ޖަލްސާ ނިމުނުތާ މާގިނަ ދުވަހެއްނުވޭ. އެހެންވީމާ، ދެން މިކަހަލަ ކޮންމެ ޖަލްސާއެއްގައިވެސް، ޖަލްސާއަށްފަހުގައި ދެން ފޮލޯއަޕް އެއީ، ވަރަށް މުހިންމު އެއްޗެއް. އެހެންވީމާ، މި ޖަލްސާގައި ފޮރިން އެފެއާޒްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރާނަން، ވީހާވެސް އަވަހަކަށް މިދެންނެވިފަދަ ބައްދަލުވުންތަކެއް ބޭއްވޭތޯ.

ދެން ތިޔަ ވިދާޅުވިގޮތަށް އެއަރޕޯޓާ ބެހޭގޮތުން އަޅުގަނޑު ދަންނަވަން އޮތީ، އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވަނީ. އެގޮތުން، ސަރުކާރުން މިހާރު އުފައްދަވާފައިވާ އޯވަރސައިޓް ކޮމިޓީގެ އިތުރުން އަދި މިހާރުވަނީ އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ލަފާދޭ އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާފައި. ދެން އެ ކޮމިޓީގެ ޖަލްސާއެއް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޭއްވޭނެ. ދެން އޭގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އެވެއިލެބިލިޓީ ހުރިގޮތަކުން ވީހާވެސް އަވަހަކަށް އެކަން ކުރުމަށް އަޅުގަނޑު މި ޤަޞްދުކުރަނީ.

ހަމައެހެން، ތިޔަ ވިދާޅުވިހެން، އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި މިހާރުވެސް ހެދިފައި އޮތް ޕްލޭނެއް އެބައޮތް. ދެން އެ ޕްލޭނަކީ އެއީ، ބޭރުގެ ފަރާތްތަކާ މަޝްވަރާކޮށްގެން، ބޭރުގެ ފަރާތަކުން ހަދާފައި އޮތް ޕްލޭނެއް. އެހެންވީމާ، އެ އަޅުގަނޑުމެން ޖެހޭނީ، އަލުން މުޠާލިޢާކޮށް، ދިރާސާ ކުރުމަށްފަހުގައި، އެއަށްވެސް ބަދަލުތަކެއް ގެންނަން ހުރިތޯ ބަލާފައި، އެ ބަދަލުތަކާ އެކީގައި، މި އެޑްވައިޒަރީ ކޮމިޓީގެވެސް ލަފައާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދަން.

ދެން މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ކުންފުންޏެއް ވަނީ އުފެދިފައި. ދާދި އަވަހަށް ކުންފުނީގެ ބޯޑާއި ކުންފުނީގެ ވެރިން ހަމަޖެހޭނެ. ހަމަޖެހުމަށްފަހުގައި، އެ ކުންފުނީގެ ފަރާތުން ތިޔަ ވިދާޅުވި މަސައްކަތްތައް ކުރިއަށް ގެންދަން ފަށަންވީ.

ޙުސައިން އަމީން – ދި ޓީވީ:

އަޅުގަނޑުގެވެސް އެބައޮތް ތިން ސުވާލު. އެގޮތުން، އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނު ތިޔަ ކުރެއްވި އޯ.އައި.ސީ ދަތުރުގައި، ވަރަށް ބޮޑަށް އިންސާނީ ޙައްޤުތައް ގެއްލެމުންދާ ގިނަ ޤައުމުތަކެއްގެ މަސްރަޙާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި ވަނީ. ދެން އަޅުގަނޑުމެންނަށްވެސް އަޑުއިވިގެން ދިޔައީ، މީގެކުރިން ރާއްޖޭގައިވެސް އިންސާނީ ޙައްޤުތައް ވަރަށް ބޮޑަށް ނެތިގެންދާތަން. ކިހާވަރަކަށްތޯ އެ ޤައުމުތަކުގެ މެދުގައި ރާއްޖޭގެ އިންސާނީ ޙައްޤުތައް ގެއްލެމުންދިޔަ މިންވަރާއި އަދި މިއަދުގެ ޙާލަތާމެދު ކޮބައިތޯ އެބޭފުޅުންގެ ވިސްނުން ހުރި ގޮތަކީ؟

ދެން ދެވަނަ ސުވާލަކީ، އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ މި ސަރުކާރަށް، މި ހިނގާ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަށް އެއްއަހަރު ފުރިގެން ދިޔައިރު، ސަރުކާރުގެ އެންމެބޮޑު ޙިއްޞާއެއް އޮންނަ ކަމަށް އަޅުގަނޑުމެންނަށް މި ބެލޭ، ޕީ.ޕީ.އެމް.ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެފައިވޭ، މި ސަރުކާރު ފެއިލްވަމުންދާ ކަމަށް. ކިހާވަރަކަށް ސަރުކާރުގެ ކާމިޔާބީއާއި އަދި ސަރުކާރުގެ ފެއިލްވުމާމެދު ކޮންގޮތަކަށްތޯ ދެކެވަޑައިގަންނަވަނީ؟

ދެން މަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ގޮތަކާމެދު އެއްވެސް ވަރަކަށް އަދި ވަކި އެއްޗެއް ސާފެއްނުވޭ. ކޮންގޮތަކަށްތޯ މަނިކުފާނުގެ ނިންމެވުން އޮތީ؟ ކިހާ ހިސާބެއްގައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ތިންވަނަ ސުވާލުގެ ޖަވާބު، ފަހުން އަޅުގަނޑު ދަންނަވާނީ. މިއަދަކު ނޫން. ފުރަތަމަ ދެސުވާލުގެ ޖަވާބު އަޅުގަނޑު ދަންނަވާނަން.

ރާއްޖޭގެ ތަޖުރިބާއަށް ބަލާއިރުގައި، ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރު ފެށުނުތާ ލައްކަ ދުވަސްވެއްޖެ. 2003 ވަނަ އަހަރުން ފެށިގެން އެ ދަތުރުވަނީ ތަންކޮޅެއް ބާރު ސްޕީޑެއްގައި ކުރިއަށް ގޮއްސަ. އެދިޔަ ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، 2008 ވަނަ އަހަރު އާ ޤާނޫނުއަސާސީއެއް ކަނޑައެޅިގެން، ހަމަ އެ އަހަރު މަލްޓިޕާޓީ، ގިނަ ޕާޓީތައް ހިމެނޭ އިންތިޚާބެއް ބޭއްވިގެން މިދިޔައީ. މިދަތުރުގެ ތެރޭގައި އެނގިވަޑައިގަންނަވާނޭ ފަދައިން، އެހެނިހެން ޤައުމުތަކުގައި މި ކުރިމަތިލާ ކަހަލަ ނުރައްކާތެރި ބޮޑެތި ހަމަނުޖެހުންތަކެއް އިރާދަކުރެއްވީތީ ނުހިނގާ. އެކަމުގެ ސަބަބަކީ، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ޞުލްޙަވެރިކަމާއެކީގައި، ކަންކަން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކޮށްފައިވާތީ. އަދި މިހާރުވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައްވެސް މަސައްކަތް ކުރަމުން ގެންދަނީވެސް ހަމަ ޞުލްޙަވެރިކަމާއެކީގައި، ޑިމޮކްރަސީ ކުރިއަށް ގެންދިޔުމަށްޓަކައި. އޭގެ ނަތީޖާއެއްގެ ގޮތުން، މިއަހަރު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިހާރު އޮތީ އިންތިޚާބުގެ ތާރީޚެއް ކަނޑައެޅިފައި. ރިޔާސީ އިންތިޚާބު، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ހަމަޖެހިފައިވާ ތާރީޚުގައި، އެ އިންތިޚާބު އޮންނާނެ. އަޅުގަނޑުމެން ހުރިހާ ޕާޓީތަކުންވެސް މަސައްކަތް ކުރަމުން ގެންދާނީ، މި އިންތިޚާބަކީ މިއީ ދެފުށް ފެންނަ، ވަރަށް މިނިވަން އަދި އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި. އެހެންވީމާ، އެގޮތުން ހުރިހާ ފަރާތްތަކުންވެސް ކުރަންޖެހޭ މަސައްކަތް ކުރުމަށް އަޅުގަނޑަށް ޔަޤީން، ހުރިހާ ބޭފުޅުންވެސް ތައްޔާރަށް ތިއްބެވިކަން. އެހެންވީމާ، ދިވެހިރާއްޖޭގައި އެހެން ޤައުމުތަކާ އަޅާބަލާއިރުގައި، ވަރަށް އޮމާންކަމާއެކީގައި ޑިމޮކްރަސީގެ ދަތުރު، އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. މިކަން އެހެނިހެން ޤައުމުތަކުން އެބަ ފާހަގަކުރޭ. އަޅުގަނޑުމެންގެ ތެރޭގައި އިރާދަކުރެއްވީތީ އަދި ލޭއޮހޮރުވުމެއްނެތި، ހަނގުރާމައަކަށް ނުގޮސް، އަޅުގަނޑުމެންގެ ޤައުމު، ޤައުމީ ކަންކަން އިސްކޮށްގެން، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދުވެސް އެދާ ދުވެއްޔެއްގައި ކުރިއަށް ދަމުން، އަޅުގަނޑުމެންނަށް މި ކުރިއަށް ދެވެނީ. މިގޮތަށް ކުރިއަށް ދިޔުމަކީ ވަރަށް މުހިންމު ކަމެއް.

ދެން ކުރިން ދެންނެވިހެން، އެހެނިހެން ޤައުމުތަކުންވެސް ދިވެހިރާއްޖޭގެ ކަންތައްތައް ކުރިއަށްދާ ނުދާގޮތް ބައްލަވަމުން އެ ގެންދަވަނީ. އެއްވެސް ޤައުމަކުން ރާއްޖޭގެ ކަންކަމާ ދޭތެރޭގައި ކަންބޮޑުވެގެން ވާހަކައެއް ނުދައްކަވާ، އިސްލާމީ ކޮންފަރެންސްގެ ތެރޭގައި، އަޅުގަނޑުމެންނާ ބައްދަލުވި އެއްވެސް ޤައުމެއްގެ އެއްވެސް ވެރިޔަކު.

ދެން ހަމަ އެއާ ގުޅިފައި އޮތް ސުވާލެއް، ދެވަނަ ސުވާލަކީވެސް އެއީ. ރާއްޖޭގެ މިއަދުގެ ޙާލަތު އޮތްގޮތުން، މި ބަދަލުވަމުންދާ ބަދަލުވުމުގެ ތެރޭގައި، އެނގިވަޑައިގަންނަވާނޭ ފަދައިން، މުޅިން އާ ޤާނޫނުއަސާސީއެއް އަޅުގަނޑުމެން ތަންފީޛު ކުރަމުން މިގެންދަނީ. އެކަމަށްޓަކައި އުފެދިފައިވާ ތަފާތު މުއައްސަސާތައް، ތަފާތު ބާރުތަކާއެކީގައި މިއޮތީ. އަދި ހަމައެހެން، ރައްޔިތުންގެ މަޖިލިސްވެސް އަލަށް އުފެދި، ރައްޔިތުންގެ މަޖިލިސްގެވެސް މެންބަރުންތައް، މެމްބަރޝިޕްވެސް އިތުރުވެ، އިތުރު ބާރުތަކަކާއެކީގައި ހިނގަމުން މިދަނީ. ހުރިހާ މުއައްސަސާތައް މިހިރީ މުޅިން މުސްތަޤިއްލުވެފައި. އެހެންވީމާ، މިކަހަލަ މާޙައުލެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރުގައި، އަޅުގަނޑުމެންނަށް މިޖެހުނީ ގިނަ ޕާޓީތައް އެކުލެވޭ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން. އެގޮތުން، މީގެ އެއްއަހަރު ދުވަސް ކުރިން، އަޅުގަނޑުމެން އެފަދަ ސަރުކާރެއް އުފެއްދީ. އުފެއްދިއިރުގައި ބޮޑެތި ޕާޓީތަކަށް ބޮޑު ޝެއަރ ލިބޭ ފޯމިއުލަރއެއްގެ ދަށުން ސަރުކާރު އުފެދިގެން ދިޔައީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއަދު ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއެކީގައި، ސަރުކާރުން ދަނީ ސަރުކާރަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކުރަމުން. އަދި އޭގެ ނަތީޖާއަކީ، ރާއްޖޭގެ އިޤްތިޞާދު ހީނަރުނުވެ، ޓޫރިޒަމް ސެކްޓަރުވެސް އަދި ފިޝަރީޒް ސެކްޓަރުވެސް ހަމަ ރަނގަޅަށް ކުރިއަށްދާކަން. އަދި ރާއްޖޭގެ އާމްދަނީވެސް، ކުރީ އަހަރުތަކާ އަޅާބަލާއިރުގައި، ރަނގަޅުވަމުންދާކަން. މިކަން މިހެން މިދަނީ، ވެރިކަން ކުރުމުގެ އުޞޫލުތައް ރަނގަޅުވީމާ. އަޅުގަނޑު ދަންނަވާނީ، ހަމަ އެންމެ ރަނގަޅަށޭ، ސަރުކާރުގެ ކަންކަން ހިނގަމުން މިދަނީ. ރަނގަޅު ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް ހުންނާނެ އަބަދުވެސް. އަދި އަމުދުން މިކަހަލަ ބަދަލުވަމުންދާ ދަނޑިވަޅެއްގައި، ރަނގަޅު ކުރަންޖެހޭ ކިތަންމެ ކަންކަމެއް ހުންނާނެ. އެހެންވީމާ، އެބާވަތުގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ހުރިހާ ފަރާތެއްގެ އެއްބައިވަންތަކަމާއި އެއްބާރުލުން އެއީ، ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް، އަޅުގަނޑުމެން ސަރުކާރުގައި ބައިވެރިވާ ހުރިހާ ކޯލިޝަން ޕާޓީތަކެއްގެވެސް އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެއް. މިދަނޑިވަޅަކީ މިއީ އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔަންވީ ވަގުތެއް ނޫން. އަދި އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް އިނގިލި ދިއްކޮށް، ބައިބައިވާންވީ ވަގުތެއްވެސް ނޫން. ރާއްޖޭގެ މި ޑިމޮކްރަސީގެ ދަތުރުގައި އަދިވެސް އަޅުގަނޑުމެން މިތިބީ ވަރަށް ކުރީގެ، ވަރަށް ނާޒުކު ފައްތަރެއްގެ ތެރޭގައި.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ހަމަ ހުރިހާ ބޭފުޅުންވެސް ގުޅިވަޑައިގަންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދެވުން. މިވަގުތު އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތަށްވުރެ، މި ޤައުމުގެ މަޞްލަޙަތު އިސްކުރަން. ޤައުމުގެ އިޤްތިޞާދު މިހާރަށްވުރެވެސް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން. އަދި ޚާއްޞަކޮށް، ދައުލަތުގެ މާލީ އަދި ހިންގުމުގެ ކަންކަންވެސް މިހާރަށްވުރެ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދަން. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، އަދި ފަހަރެއްގައި ބައެއް ފަރާތްތަކުގެ ވާހަކަފުޅުތައް އެހެން ހުރި ކަމުގައިވި ނަމަވެސް، އަޅުގަނޑުމެންގެ ހުރިހާ އެންމެންގެވެސް މަޤްޞަދަކީ ހަމަ ވަރަށް އޮމާންކޮށް ކުރިއަށް ދިޔުންކަން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ކުޑަ ދެސުވާލެއް ދަންނަވާނަން. ފުރަތަމަ ސުވާލަކީ ރާއްޖޭގެ މީޑިއާއަކުން ފާހަގައެއްނުކުރޭކަންނޭނގެ، މިދެންނެވީ ރަސްމީކޮށް އެނގިފައެއް ނެތް. އެކަމަކުވެސް އަޅުގަނޑު ކަޒަކިސްތާނުގެ ނޫހަކުން ކިޔިން. އަޅުގަނޑަށް ހީވާގޮތުގައި، ކަޒަކިސްތާނަކީ ކުރީގައިވެސް މިތަނަށް ވަރަށްމަތީ ފެންވަރެއްގެ ވަފްދެއް ވަޑައިގެން، މަޝްވަރާތަކެއް ކުރެވިފައި އޮތް ޤައުމެއްކަންނޭނގެ. އެޤައުމުގެ ވެރިންނާ މަނިކުފާނު ބައްދަލުކުރެއްވި ކަމުގެ ޚަބަރެއް އަޅުގަނޑު ކިއިން. ދެން އޭގައި އަޅުގަނޑަކަށް ނޭނގެ. ރަސްމީގޮތުން ކޮންފަރމް ކުރެވިފައެއް ނެތް. އެހެންވީމާ، އެއީ އިންވެސްޓްމަންޓްތަކެއް ލިބޭނެ ކަމުގެ އުންމީދެއް، ކުރީގައި ލިބިފައި އޮތް ޤައުމެއްވީމަ، އެއީ ހިނގި ކަމެއްތޯ ނޫނީ އެކަން ކިހިނެއްތޯ ދިޔައީ، އަޅުގަނޑު ދަންނަވާލަން ބޭނުން.

ދެން ދެވަނަ ސުވާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާލާނީ، ކޮންމެ ގޮތެއްވިޔަސް މަނިކުފާނުގެ ވެރިކަމަށް އަހަރެއް ފުރިގެން މިއައީ، މަނިކުފާނު ރާއްޖޭގައި ނެތިސް. އެހެން ނަމަވެސް، މަނިކުފާނު ތި ހުންނެވީ ހަމަ ޤައުމީ ވާޖިބެއްގައި. އެހެންވީމާ، އެނބުރި ވަޑައިގަންނަވާއިރު، މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، މިދިޔަ ފާއިތުވި އަހަރު ތެރޭގައި، މަނިކުފާނުގެ ސަރުކާރަށް ހޯއްދެވުނު އެންމެބޮޑު ކާމިޔާބީއަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ފުރަތަމަ ކަޒަކިސްތާނާބެހޭގޮތުން. ކަޒަކިސްތާނުން ވަޑައިގަތީ، ކަޒަކިސްތާނުގެ ފޮރިން މިނިސްޓަރ. އެބޭފުޅާއާވެސް އަޅުގަނޑާ ބައްދަލުވި. އެހެން ނަމަވެސް، ޖަލްސާގެ ތެރޭގައި މާބޮޑު ވަގުތެއް ނުލިބޭ، އިތުރު ސްޕެސިފިކް މަޝްރޫޢުތަކަކާ ބެހޭގޮތުން ކަޒަކިސްތާނާ ވާހަކަ ދައްކާކަށް. އެހެން ނަމަވެސް، ކަޒަކިސްތާނުގެ ޑެލިގޭޝަންގެ ވެރިއަކަށް ހުންނެވި ޚާރިޖީ ވަޒީރާ ބައްދަލުކޮށް، ވާހަކަ ދައްކާލުމުގެ ފުރްޞަތު ލިބުނު.

އާދެ! ދެން ތިޔަ ކުރެއްވީ ވަރަށްބޮޑު ސުވާލެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިވޭތުވެދިޔަ އެއްއަހަރާ ދޭތެރޭގައި ވިސްނާލާއިރުގައި، އަޅުގަނޑުމެންނަށް ލިބުނު އެންމެބޮޑު ކާމިޔާބަކީ، ދިވެހިރާއްޖެ ޞުލްޙަމަސަލަސްކަމާއެކީގައި ކުރިއަށް ދިޔުން. ރާއްޖެއަށް ކުރިމަތިވި ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކުމެ، ރާއްޖޭގައި ހަމަޖެހުން ޤާއިމްކުރެވި، ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއެކީގައި ދިރިއުޅުމުގެ ފުރްޞަތު އޮތުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ، އެންމެ މުހިންމު ކަންތައް. އެކަން ޙާޞިލު ކުރުމަށްޓަކައި އަޅުގަނޑުމެން ކިތަންމެ މަސައްކަތްތަކެއް ކުރީމު. އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވުމާ ގުޅިގެން، އެ ވެރިކަން ބަދަލުވިގޮތާ މެދުގައި ވަރަށް ބޮޑެތި ސުވާލުތައް އުފެދިގެންދިޔަ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށް ވަރަށްބޮޑު ހިތްނުތަނަވަސްކަމެއްވެސް ލިބިގެން އައި. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް އެކަމާ ސުވާލު ކުރަމުން އައި. ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން ވަރަށް ކެތްތެރިކަމާއެކީގައި، އެ ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި، އަޅުގަނޑުމެންނަށް އެކަން ކުރެވެން އޮތް އެންމެ ރަނގަޅަށް އެކަން ކޮށް ނިންމީ. އަދި ހަމައެހެން، ވަރަށް ހަލަބޮލި ދުވަސްތަކެއްވެސް ފެނުމަށްފަހުގައިވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ހިތްހަމަނުޖެހޭ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައްވެސް އަޅުގަނޑުމެން ކެތްތެރިކަމާއެކީގައި އަހަމުން ދިޔައީ. އަދި އެފަރާތްތަކުންވެސް އުފުލަމުންދިޔަ އަޑުތައްވެސް އަޅުގަނޑުމެން އަހަމުން ދިޔައީ. އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް މިހާރު މިއޮތް ހަމަޖެހުމާ ހަމައަށް ދެވިފައި މިއޮތީވެސް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިދެންނެވި ކަންކަން މިއީ އެންމެ މުހިންމު ކަންކަން.

ދެން މީގެއިތުރުން، މިކަމާ ގުޅިފައި އޮތް ކަމެއް ހަމަ އިޤްތިޞާދު. ކުރިން ދެންނެވިހެން ވަރަށް ނާޒުކު އިޤްތިޞާދެއް އަޅުގަނޑުމެންގެ މިއޮތީ. ފަތުރުވެރިކަމަކީ އެއީ ހަމަ އެއްދުވަހު ފަތުރުވެރިން އައިސް، އަނެއް ދުވަހު ނައުން އެކަށޭނެ ކަމެއް، ތަނުގައި ހަމަނުޖެހުން ބޮޑުވެއްޖެ ކަމަށްވާނަމަ. ނަމަވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ކުރީ އަހަރަށްވުރެ ގިނަ ޓޫރިސްޓުން، 2012 ވަނަ އަހަރު ރާއްޖެ އައި. އަދި ފަތުރުވެރިކަމުން ލިބުނު އާމްދަނީވެސް 2011 ވަނަ އަހަރާ އަޅާބަލާއިރު އިތުރު. މަސްވެރިކަންވެސް ކުރީ އަހަރުތަކަށްވުރެ، ކުރީގެ ތިން ހަތަރު އަހަރަށްވުރެ ރަނގަޅުކޮށް ދިޔައީ. މިއީ އަޅުގަނޑު ދަންނަވާ ގޮތުގައި، ވަރަށްބޮޑު ކާމިޔާބެއް އަޅުގަނޑުމެންނަށް ލިބުނު، ދިވެހިރާއްޖެއަށް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއީއޭ ޙަޤީޤީ ކާމިޔާބުތަކަކީ.

ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރާގޮތަށް ފެށިފައި ހުރި ހުރިހާ މަޝްރޫޢުތަކެއްވެސް ހަމަ އަޅުގަނޑުމެން ކުރިއަށް ގެންދިޔައީމު. އޭގެ ނަތީޖާއެއްގެ ގޮތުން، އެއްހާސް ހައުސިންގ ޔުނިޓްގެ މަޝްރޫޢުވެސް ނިމިއްޖެ. އަދި އެ މަޝްރޫޢަށް ބޭނުންވާ އިތުރު ކަންކަން، އޭރުގައި ކުރިން ޕްލޭން ނުކުރެވި ހުރި ކަންކަންވެސް މިހާރު އެހެރަ ނިންމެމުން އެދަނީ. އޭގެތެރޭގައި، އެތަނަށް ބޭނުންވާ މަގުތަކާއި، ފާޚާނާގެ ނިޒާމާއި، ބޯފެނާ، މިތަކެތި، އެވެސް، މިކަންކަންވެސް ފުރިހަމަކުރުމަށްޓަކައި މަސައްކަތް ކުރެވެމުން މިދަނީ.

ދެން ހަމަ އެހެން، މިދިޔަ އަހަރުގެ ތެރޭގައި އިތުރު އެއަރޕޯޓްތައްވެސް ހުޅުވިއްޖެ. ހަނިމާދޫ އެއަރޕޯޓްވެސް، ދާދި އިހަކަށްދުވަހު އެދިޔައީ ހަމަ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށްވެސް ވެގެން. އަދި މީގެއިތުރުން، ކިތަންމެ ރަށެއްގެ ބަނދަރާއި އަދި އެނޫންވެސް އެކިއެކި ޢިމްރާނީ މަޝްރޫޢުތައް ކުރިއަށްދިޔަ.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފުދޭވަރެއްގެ ބޮޑު މަސައްކަތްތަކެއްވަނީ ކުރެވިފައި. މި ނޯމަލްސީ ގެނައުމަށްޓަކައި ޤައުމެއްގައި ކުރަންޖެހޭ ކަންކަން ކުރެވިފައި އެއޮތީ. އެހެންވީމާ، އަޅުގަނޑު އުފާކުރަން، އަޅުގަނޑުމެންނަށް މިގޮތަށް މިހާ ހިސާބަށް މަސައްކަތް ކުރެވިފައިވާތީ. އަޅުގަނޑު ޔަޤީންކުރަން، ކުރިއަށް އޮތް ތާނގައިވެސް، މިއަހަރުގެ، މި ސަރުކާރުގެ ދެންއޮތް ދުވަސްތަކުގައިވެސް އިރާދަކުރެއްވިއްޔާ، ހަމަ މިދެންނެވި ގޮތަށް ސާބިތުކަމާއެކީގައި، ކުރަންޖެހޭ ކަންކަން ކުރަމުން ﷲ އިރާދަފުޅުން ގެންދެވޭނެ. އަދި އޭގެ ސަބަބުން ރާއްޖެއަށް އިތުރަށް ހަމަޖެހުން އައިސް، ކާމިޔާބު އިންތިޚާބެއް ބޭއްވިގެން، ދެން ކުރިއަށް ދިޔުމުގެ ފުރްޞަތުތައް ހުޅުވިގެންދާނެ.

މުޙަންމަދު ނަސީމް – ސަން އޮންލައިން:

އޯ.އައި.ސީ.ގެ ބައްދަލުވުމުގައި ރާއްޖެއިން އިސްނަގައިގެން ކުރެވުނު ކަންތައްތަކަކީ ކޮބައިތޯ؟ ދެން އެ ބައްދަލުވުމުގައި ރާއްޖެއަށް ކިހާވަރެއްގެ ތަރުޙީބެއް ލިބުނުތޯ؟

ދެން އަނެއް ސުވާލަކީ، މަނިކުފާނުގެ ސަރުކާރުން އެންމެބޮޑު ޙިއްޞާއެއް އޮންނަ އެއްޕާޓީގެ ލީޑަރަކު އެބަ ތުހުމަތު ކުރައްވާ، ބޭރުގެ ނުފޫޒު ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަކަމަށް. ދެން އެކަމަށް ކޮބައިތޯ ދެއްވާނެ ޖަވާބަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިދަތުރުގައި އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސްގައި، ދިވެހިރާއްޖޭގެ ފަރާތަކުންނެއް ވަކިކަމެއް ހުށައެއްނާޅާ. އެހެން ނަމަވެސް، ޖަލްސާގެ އެޖެންޑާގައި ހުށަހެޅިފައި ހުރި ކަންކަން ކުރިން ދެންނެވީ. މާލީގެ މައްސަލައާއި، ސޫރިޔާގެ މައްސަލައާއި، ފަލަސްޠީނުގެ މައްސަލައާ ބެހޭގޮތުން ރާއްޖޭގެ ޕޮޒިޝަން ވަރަށް ސާފުކޮށް އަޅުގަނޑުމެން އޮޅުންފިލުވައިދިނިން. އަދި އެތަންތަނަށް ހަމަޖެހުން ގެނައުމަށްޓަކައި، އެހެން ޤައުމުތަކުގެ ވެރިންނާ އެކީގައި މަޝްވަރާ ކުރެވި، މިހާރުވާނީ އެނގިވަޑައިގަންނަވާނޭ ފަދައިން، ކޮންފަރެންސްގެ ނިންމުންތަކެއް މިހާރުވެސް ޝާއިޢުކޮށްފައި.

އާދެ! ދެން ކުރިން އަޅުގަނޑު ދަންނަވައިފިން، ދެވަނަ ސުވާލުގެ ޖަވާބު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ދަނޑިވަޅަކީ މިއީ އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔަންވީ ވަގުތެއް ނޫން. ދިވެހިރާއްޖޭގައި، ރާއްޖޭގެ މިއަދުގެ ސަރުކާރަށް ބޭރުގެ ނުފޫޒުތައް ވަރަށްކުޑަ. މިއީ، ހުރިހާ ޤައުމުތައްވެސް ގުޅިގެން މަސައްކަތްކުރާ ދުވަސްވަރެއް. އެއްވެސް ޤައުމީ އެއީ އެހެން ޤައުމުތަކާ މުޅިން ވަކިވެފައި އޮންނަ، އެކަހެރިވެފައި އޮންނަ ޤައުމެއް ނޫން. އެހެންވީމާ، އެހެނިހެން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރާނީ. އެހެން ނަމަވެސް، ތިޔަބޭފުޅުން ވިސްނާވަޑައިގެންފިއްޔާ، ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރާއްޖެއަށް މީގެކުރިން ކޮށްފައި ހުރި، ކުރަމުންއައި ބޭރުގެ އަސަރުތައް، މި ސަރުކާރުގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައި. އަދި ރާއްޖޭގެ ސިޔާސަތު ވަރަށް ސާބިތުކަމާއެކީގައި، އެއީ ކޮމަންވެލްތް ކަމުގައިވިނަމަވެސް އަދި އަޅުގަނޑުމެންގެ އަވަށްޓެރި އެހެން ޤައުމުތަކުގައި ކަމަށްވީނަމަވެސް، ވަރަށް ރަނގަޅަށް ސާފުކޮށް ބަޔާންކޮށްދެވި، އަޅުގަނޑުމެންގެ ސިޔާސަތުގައި އަޅުގަނޑުމެން ހިފަހައްޓައިފި. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މި ސަރުކާރާ ޙަވާލުވީއިރަށްވުރެ، މިއަދު ދިވެހިރާއްޖެވަނީ ސާބިތުކަންމަތީ ދިވެހިރާއްޖޭގެ އަމިއްލަ އިސްތިޤްލާލާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްފައޭ.

ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް.