އިސްލާމީ ޤައުމުތަކުގެ ރައްޔިތުންނަށް ލިބެންޖެހޭ އިންސާނީ ޙައްޤުތައް ލިބިދިނުމުގަޔާއި، އެ ޤައުމުތަކުގެ ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތައް ޤާއިމް ކުރުމުގައި، ސަރުކާރުތައް ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ކުރުމަށް އޯ.އައި.ސީ ސަމިޓްގައި މަޝްވަރާ ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އޯ.އައި.ސީ ސަމިޓްގެ 12 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މިސުރުގެ ޤާހިރާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު މާލެ ވަޑައިގެން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި، މިދަތުރުފުޅާބެހޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުންނެވެ. އިސްލާމީ ޤައުމުތަކަށް ޑިމޮކްރަސީގެ ބަދަލުތައް ގެނައުމަށްޓަކައި، ހުރިހާ ޤައުމުތަކަކުންވެސް މަސައްކަތް ކުރުމާ ބެހޭގޮތުންވެސް މި ޖަލްސާގައި މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެދުއިރުމައްޗަށް މިހާރު ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި އަދި އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ވަރަށް މުހިންމު މައްސަލަތަކާ ބެހޭގޮތުންވެސް ބަޙުޘް ކުރެއްވުނު ކަމުގައި ވިދާޅުވިއެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔެވަނީ ކަންބޮޑުވެފައި ކަމަށާއި، ޚާއްޞަކޮށް، ސީރިޔާއާއި މާލީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުންނާއި، ފަލަސްޠީނުގެ މައްސަލައާ ބެހޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދަތުރުފުޅުގައި އިސްލާމީ ބައެއް ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވި ކަމަށާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭގޮތުން އެބޭފުޅުންނަށް މަޢުލޫމާތު އަރުވައި، ރާއްޖެއަށް އެކިއެކި އިންވެސްޓްމަންޓް ގެނައުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމުގައި ވިދާޅުވިއެވެ.

އޯ.އައި.ސީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މިކުރެއްވި ދަތުރުފުޅާބެހޭ މަޢުލޫމާތު ދެއްވުމުގެ އިތުރަށްވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙާއި އަދި އެނޫންވެސް ބައެއް ކަންކަމާ ބެހޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.