بســم اللّـه الرّحمـن الرّحيــم


ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ވަޑައިގެން ދެއްވީތީ. ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވި. ކިހިނެއްތޯ މިހާރުވެސް ތިޔަ ހުންނެވީ ހަމަ ވާދަކުރައްވާ ގޮތަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އިރާދަކުރެއްވިއްޔާ، ދެން ވާދަކުރާ ގޮތަށް އަޅުގަނޑުވެސް ވިސްނައިގެން މި ހުންނަނީ. ދެން އެކަމުގައި ވަކިގޮތެއް އަދި އަޅުގަނޑު ނުނިންމަން. އަޅުގަނޑުގެ އުންމީދަކީ، ވީހާވެސް ގިނަ ބަޔަކާ އެކީގައި ނުކުމެގެން ކާމިޔާބު ކުރުން. ﷲ އިރާދަކުރެއްވިއްޔާ، އެ މަގު، އެހާ ހިސާބަށް ދާންވާއިރަށް ދައްކަވާނެ. އަޅުގަނޑަށް މިހާރު މިކުރެވޭ މަސައްކަތާ ދޭތެރޭގައި ހިތްހަމަޖެހޭ ފަރާތްތަކުން އަޅުގަނޑަށް ތާއީދު ކުރައްވާނެ ކަމަށް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އެހެން ޕާޓީއެއްގެ ޓިކެޓްގައި ނުކުންނަވަން، މިކަހަލަ ޚިޔާލެއް ގެންގުޅުއްވަނީތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އަޅުގަނޑު މިހާރު ބޮޑަށް ވިސްނަމުން މިގެންދަނީ، ވީހާވެސް ގިނަ ޕާޓީތަކަކާ އެކީގައި ނުކުންނަން. އެއީ އަޅުގަނޑަށް ހަމަ ޤަބޫލުކުރެވޭ ގޮތުގައި، ރާއްޖޭގެ ސިޔާސީ ޕާޓީތައް މިހާރު ރޭވިފައި މިހިރަ ގޮތުން، އެހާ ގިނަ ޕާޓީތައް އޮތުމާއި އަދި ރައްޔިތުންގެ ޚިޔާލުވެސް ހުރިގޮތުން އަޅުގަނޑަކަށް ހިއެއްނުވޭ، މާބޮޑަކަށް އެންމެ ޕާޓީއަކަށް އެއްފަހަރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަކަށް. ދެން ކުރީފަހަރުގެވެސް ތަޖުރިބާއަކީވެސް އެއީ. އެހެންވީމާ، އެގޮތަށް އަޅުގަނޑަށް ވިސްނެނީ. މިހާރު ގުޅިގެން ބަޔަކު ނުކުމެއްޖެއްޔާ ކާމިޔާބު ކުރަން ފަސޭހަވާނެ ކަމަށް. ފުރަތަމަފަހަރުންވެސް ކާމިޔާބު ކުރުމަކީ އެކަށީގެންވާ ކަމެއް. ރަނގަޅު ކޯލިޝަނެއް ހެދިގެން ނުކުމެއްޖިއްޔާ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ޤައުމީ އިއްތިޙާދުގެ ކެންޑިޑޭޓެއްގެ ގޮތުގައިތޯ ނުކުންނަވާނީ؟ ނޫނީ އެއްވެސް ފުރްޞަތެއް އެބައޮތްތޯ، އެހެން ޕާޓީއެއްގެ ޓިކެޓްގައި ނުކުންނެވުމުގެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު އަދި އެއްގޮތަކަށްވެސް ނުނިންމަން. ފަހަރެއްގައި ހަމަ ނުކުމެވިދާނެ ދޮއެއްތޯ، އަމިއްލަ ކެނޑިޑޭޓެއްގެ ގޮތަށްވެސް. މިދެންނެވީ ވަކި ޕާޓީއަކާނުލާވެސް. އެހެންވީމާ، އަދި ވަކިގޮތަކަށް ނުނިންމަން އަޅުގަނޑު.

ޕްރެޒެންޓަރ މަސްޢޫލު ޢަލީ:

އަޅުގަނޑުމެންނަށް އިވޭ އަޑުތަކަށް ބަލައިލާއިރުގައި، ބައެއް ޕާޓީތަކުން މަނިކުފާނަށް ފުރްޞަތު ދެއްވަން މަސައްކަތް ކުރައްވާ. ރައީސް މައުމޫންގެ ޕާޓީ، ޕީ.ޕީ.އެމް.އިން އެއްވެސް ކަހަލަ ފުރްޞަތެއް ލިބިވަޑައިގެންނެވިތޯ؟ ނުވަތަ އެކަހަލަ އިޝާރާތެއް ރައީސް މައުމޫން ނަމަވެސް ކުރެއްވިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން ބައެއް މަޖިލިސް މެންބަރުން އެކިގޮތްގޮތަށް އެކަހަލަ ވާހަކަ ދައްކަވާފައި އެބަހުރި. އެހެން ނަމަވެސް، ރަސްމީ ސިފައެއްގައި އެކަހަލަ ވާހަކައެއް ދެކެވިފައެއް ނެތް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކޮބައިތޯ ދެން މިހާރު ރާއްޖޭގައި އަޅުގަނޑުމެން ސިޔާސީ މަސްރަޙަށް ބަލައިލާއިރުގައި، ޕާޓީތަކުގެ ނުފޫޒު ވަރަށްގަދަ. އަޅުގަނޑުމެންނަށް އެބަ އެނގޭ، ކައުންސިލްތަކަށާއި އަދި ޕާލަމެންޓަށް މީހުން ހޮވުމުގައި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ވަރަށް ފުރިހަމަ ކާމިޔާބީތަކެއް ހޯދަމުންދަނީ. އެހެންވީމާ، އަމިއްލަފުޅަށް ނުވަތަ ކުޑަ ޕާޓީއަކުން ނުކުމެވަޑައިގެން ރިޔާސީ އިންތިޚާބު ކުރެއްވުމަކީ އެއީ ވަރަށް ދަތި އުނދަގޫ ކަމެއް ކަމަށް، ގައިމުވެސް އަޅުގަނޑަށް ފެންނަނީ. ކިހިނެއްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ އެކަމުގައި؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި، އެކަނިމާއެކަނި ނިކުމެގެން މިހާރަކު ކާމިޔާބެއް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ ކުރިންވެސް، ގިނަ ބައެއްގެ ތާއީދާއި އެއްބާރުލުމާ އެކީގައޭ، އަޅުގަނޑު ނުކުންނަންޏާ ނުކުންނާނީ. އެހެންވީމާ، އެ އުންމީދު އަޅުގަނޑުގެ ވަރަށް ބޮޑަށް އެބައޮތޭ. އެހެންވީމާ، އަދި މުޅިއަކުން އެކަން ނިމިގެން ހަމަޖެހިގެންދާނީ ކިހިނެއް ކަމެއް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ޔަޤީނެއް ނޫން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ، އެފަދަ ޕާޓީތަކަކާ މިހާރުވެސް މަޝްވަރާ ކުރައްވަމުން ގެންދަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ކޮންމެވެސްވަރަކަށް އެވާހަކަ މިހާރު ފެށިފައި މިއޮތީ. އެހެންވީމާ، ބައެއް ފަރާތްފަރާތުގެ އެންކަރެޖިންގ އަޅުގަނޑަށްވެސް ހަމަ ހިތްވަރު ލިބޭ ކަހަލަ ބައެއް އިޝާރާތްތައްވެސް ވެފައި ހުރީ. އެހެންވީމާ، ރަނގަޅުވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކޮބައިތޯ ކުރިމަތިލައްވާ ސަބަބަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރާއްޖެއަށް އަދި އިތުރު ފަސް އަހަރުގެ ސްޓެބިލިޓީއާއި ތަރައްޤީ ގެނައުމަށްޓަކައި އަޅުގަނޑަށް މަސައްކަތެއް ކޮށްދެވިދާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތަޖްރިބާއާއި އަދި އޭގެއިތުރުން އަޅުގަނޑަށް ލިބިފައިވާ ތަޢުލީމަކާއި ތަޖްރިބާއެއް، މިހުރިހާ ކަމެއް އެއްކޮށްލުމާއެކީގައި، ރާއްޖެއަށްޓަކައި އަދިވެސް އިތުރު ޓަރމެއްގައި ޚިދްމަތް ކޮށްދިނުމަކީ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ އަޅުގަނޑު ރައްޔިތުންނަށްޓަކައި އެ އޮފަރ، އެކަމަށް އެބަ އަޅުގަނޑުޖެހޭ، އަޅުގަނޑު ތައްޔާރަށް ހުރިކަން ރައްޔިތުންނަށް އެނގެން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

މަނިކުފާނު ތައްޔާރަށް ހުންނެވީ. ދެން ކީއްވެގެންތޯ، ޢާންމު ރައްޔިތުންގެ ތެރެއިން ވޯޓުދޭ މީހުން މަނިކުފާނަށް ވޯޓް ދެއްވަންވީ؟ ވިދާޅުވެއްޖައީމު، ތަޢުލީމާއި ތަޖްރިބާއަށް. އެހެން ކެންޑިޑޭޓުންވެސް އެބަ ތިއްބެވި. އެބޭބޭފުޅުންވެސް ހަމަ އެކަހަލަ މޭރުމަކުން ކަންނޭނގެ ބަސްމަގު ހުންނާނީ. އެހެންވީމާ، އެހެން ކެންޑިޑޭޓަކަށްވުރެ މަނިކުފާނަށް ތާއީދު ކުރައްވަންޖެހޭ ސަބަބަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑު މިހާތަނަށް އަޅުގަނޑުގެ ރައްޔިތުންނަށް ފެންނާނެ އަޅުގަނޑު މަސައްކަތް ކުރަމުން އައިސްފައި ހުރި ގޮތް. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުން އައިސްފައި މިހިރީ، އެއްގޮތަކަށްވެސް އަޅުގަނޑުގެ އަމިއްލަ އެދުންތަކަށްވުރެ ބޮޑަށް ރައްޔިތުންގެ ބޭނުންތަކާއި، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށގެންް. އެހެންވީމާ، އަޅުގަނޑުގެ އަމިއްލަ ކަމެއް މީގެތެރެއަށް ނުވައްދައި، ހަމަ ވީހާވެސް ބޮޑަކަށް، ރައްޔިތުންނަށް ފައިދާހުރި ގޮތްގޮތަށް ވިސްނައިގެން އަޅުގަނޑު ކަންކަން މިގެންދަނީ. އަޅުގަނޑަށް ވީހާވެސް ކެތްތެރިކަމަކާއެކީގައި. ރާއްޖެއަށް މިހާރު މި އަންނަމުންދާ ވަރަށް ބޮޑެތި ބަދަލުތަކުގެ ތެރޭގައި، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ވަރަށްބޮޑު، ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެންގެ ވެރިންނަށް ތިބޭ މީހުންނަކީ، ކެތްތެރިކަމާއެކީ، އެހެން މީހުންނާ އެކީގައި އުޅެން އެނގޭ މީހުންނަށްވުން. އަދި ހަމަ އެހެން، ރައްޔިތުންގެ އިތުބާރު އޮތުން. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، މިވޭތުވެދިޔަ އެއްއަހަރު ދުވަހު އަޅުގަނޑާ މި ޙަވާލުކުރެވުނު ވަރަށް އުނދަގޫ، ވަރަށްބޮޑު މަސްއޫލިއްޔަތުވެސް އަޅުގަނޑު އަދާކުރީ އަޅުގަނޑަށް ވީހާވެސް ރަނގަޅަކަށް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޔިތުން އެކަން ޤަބޫލުކުރޭ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ޤައުމުގެ ޙާލަތަށް ބަލާއިރު، ޤައުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން މިވަނީ ބީވެގެން ގޮސްފައި. ފާއިތުވި އެއް އަހަރަށް ބަލައިލާއިރުގައި، ސުލްހަމަސަލަސްކަން ޤާއިމް ކުރެއްވުމަށްޓަކައި ކިހާވަރަކަށް މަނިކުފާނަށް މަސައްކަތްޕުޅު ކުރެއްވުނުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑާ މިމަސައްކަތް ޙަވާލުވީ މީގެ އަހަރެއްހާ ދުވަސް ކުރިން ވަރަށް އުނދަގޫ ފައްތަރެއްގައި. ވަރަށްބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި. އެހެން ނަމަވެސް، އަޅުގަނޑު ފުރަތަމަވެސް މަސައްކަތްކުރީ ހަމަ ވީހާވެސް ބޮޑަކަށް ހުރިހާ އެންމެން ގޮވައިގެން އުޅެވޭތޯ. އަދި ވީހާވެސް ބޮޑަކަށް އެހެން ބޭފުޅުންނަށް އިޙްތިރާމް ކޮށްގެން، އެބޭފުޅުން ވިދާޅުވާ ކަންތައްތައް ކޮށްދީގެން، ހުރިހާ އެންމެން ގޮވައިގެން އުޅެވޭތޯ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިދަނޑިވަޅުގައި އެކަން އެގޮތަށް ކުރަން އެބަޖެހޭ. އެއީ، ރާއްޖެއަށް މިހާރު އަޅުގަނޑުމެން ކުރިމަތިލާފައި މިވާ ވަރަށް އުނދަގޫ، ވަރަށް ޗެލެންޖިންގ މި މަރްޙަލާއަކީ މިއީ މުޅި ނިޒާމް، މުޅި ސިޔާސީ ނިޒާމް ބަދަލުވެގެން އަންނަ މަރްޙަލާއެއް. މިދުވަސްކޮޅުގެ ތެރޭގައި، ޤާނޫނުތަކާ އެއްޗެހި ބަދަލުވެ، ދައުލަތުގެ މުއައްސަސާތައްވެސް ވަރަށް ތަފާތު ގޮތްގޮތަށް މިހުރީީ ބަދަލުކުރެވިފައި. ދެން މި ކަންކަން ހިންގުމުގައި ދިމާވާ ނުލާހިކު ބޮޑެތި ދަތިތައްވެސް އެބަހުރި. އެހެން ނަމަވެސް، އެކަންކަމަށް ކެތްތެރިވެގެން، އޭގެތެރެއިން ސޮލިއުޝަންތައް، ޙައްލުތައް ހޯދައިގެން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަޅުގަނޑު މިއައީ މިހާތަނާ ޖެހެންދެން. އޭގެ ސަބަބުން އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް ހަލަބޮލިކޮށް އޮތް ތަނެއް، ކޮންމެވެސްވަރެއްގެ ހަމަޖެހުމެއްގައި އަޅުގަނޑުމެން މިހާރު މިތިބީ. ދެން ކަންކަން ޙައްލު ކުރުމުގައި، އަޅުގަނޑު މަސައްކަތް ކޮށްފައި މިވަނީ ވީހާވެސް ބޮޑަކަށް ދުނިޔެ ޤަބޫލުކުރާ ފެންވަރުގައި، ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވި، ތަޙުޤީޤު ކުރެވި، އެކަމާ ބެހޭގޮތުން ޙަޤީޤީ މަޢުލޫމާތު ހޯދައި، ކަންކަން ޙައްލު ކުރަމުން ގެންދިޔުމަށް. އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް އެންމެ އުނދަގޫ މައްސަލައެއް ކަމުގައި މި ދިމާވި 7 ފެބްރުއަރީގައި ވެރިކަން ބަދަލުވުމުގެ މައްސަލަވެސް. އަޅުގަނޑުމެން މިއޮތީ ވަރަށް ޙިކްމަތްތެރިކަމާ އެކީގައި، ވަރަށް ކެތްތެރިކަމާއެކީގައި، އަޅުގަނޑުމެން ބޭރުގެ ފަރާތްތަކާއި އަދި ރާއްޖޭގައިވެސް ތިއްބެވި ބޭފުޅުން ބައިވެރިކޮށްގެން، އެކަމުގައި ޙައްލެއް ހޯދާފައި. ދެން އެކަމާ ބެހޭގޮތުން ދުނިޔެ މިހާރު ވަނީ ކަން ހިނގާދިޔަގޮތް ޤަބޫލުކޮށްފައި. އެއާ ގުޅިގެން ރާއްޖެއަށް މިވަނީ ފުދޭވަރެއްގެ ހަމަޖެހުމެއް އައިސްފައި މިހާރު. ދެން ހުރިހާ އެންމެންގެ އިންތިޒާރަކީ މިހާރު އިންތިޚާބު. އެހެންވީމާ، އެއީ ވަރަށްބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަށް ލިބުނު އިނގޭތޯ. އެހެން ސިޔާސީ ކޯޅުންތަކާއި، ދެބަސްވުންތަކުން އަރައިގަނެގެން އަނެއްކާވެސް އުންމީދީ މަރްޙަލާއަކަށް އާދެވުނީތީ. އެހެންވީމާ، މިހާރު އަޅުގަނޑުމެން މިތިބީ އުންމީދީ މަރްޙަލާއެއްގައި. އެއީ އިންތިޚާބެއްގެ މަރްޙަލާގައި.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ދެންމެ ތި ވިދާޅުވީ، 7 ފެބްރުއަރީގެ ކަންތައް ޙައްލުކުރަން ވަރަށް ކެތްތެރިކަމާއެކު މަސައްކަތް ކުރެއްވި ކަމަށް. ދެން އޭގެ ކުރީގައި ވިދާޅުވި، ގިނަ ބަޔަކު ގޮވައިގެން އުޅުއްވާ ޚިޔާލެއްގައި އެގޮތަށޭ ތިމަންނަ މަސައްކަތް ކުރައްވަނީ. އޭގެ މިސާލެއް ވިދާޅުވެދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އޭގެ މިސާލެއްގެ ގޮތަށްވެސް އެންމެ ފުރަތަމަވެސް އަޅުގަނޑު ހަމަ އަޅުގަނޑާ މިކަން ޙަވާލުވުމާ ގުޅިގެން، އަޅުގަނޑު ހުރިހާ ސިޔާސީ ޕާޓީތަކަށް އަޅުގަނޑު ދަޢުވަތު ދިނިން. ސަރުކާރުގައި ބައިވެރިވެގެން، ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފައްދަން. ދެން އެވަގުތު ހަމަ އެމް.ޑީ.ޕީ ފިޔަވައި ހުރިހާ އެހެން ޕާޓީތަކަކުން އިޖާބަ ދިން. ދެން ހަމަ އެހުރިހާ ޕާޓީތަކާ އެކީގައި އަޅުގަނޑު މަސައްކަތް ކުރަމުން މިހާރުވެސް މިގެންދަނީ. ދެން ވާނެގޮތަކީ އިނގޭތޯ، ކުޑަކުޑަ ޤައުމެއްގައި، މަދު ސިޔާސީ ލީޑަރުންތަކެއް ތިބި ތަނެއްގައި، ކޮންމެ ބޭފުޅެއްގެވެސް ހުންނާނެ އުންމީދުތަކާއި އެސްޕިރޭޝަން ދެން އޭގެތެރޭގައި އަޅުގަނޑުމެން ކޮމްޕްރޮމައިޒްތަކާއި، ސޮލިޔުޝަން ހޯދައިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރަމުން އަޅުގަނޑު މިގެންދިޔައީ. ނަތީޖާއެއްގެ ގޮތުން، އަހަރު ދުވަސްވީއިރުގައި އިރާދަކުރެއްވީތީ، ހަމަ އަޅުގަނޑުމެންގެ ކޯލިޝަން އަދިވެސް އޮތީ ހަމަ ވަރުގަދަކޮށް. ދެން ބައެއް އަޑުތައް އިވޭނެ އިނގޭތޯ. އެއީ ޢާއިލާއެއްގެ ތެރޭގައިވެސް އެކަހަލަ ހަމަނުޖެހުމާއި ބައެއް އަޑުތައް ހުންނާނެ. އެހެން ނަމަވެސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ކޯލިޝަން އަދިވެސް އޮތީ ހަމަ ވަރަށް ވަރުގަދަކޮށް. އަޅުގަނޑުގެ އުންމީދަކީ، އިންތިޚާބާ ހަމައަށް މިގޮތަށް ގެންދިޔުން. އެއަށްފަހުގައި ދެން އިންތިޚާބުގައި ކާމިޔާބުވެވަޑައިގަންނަވާ ސަރުކާރަކުން ކުރިއަށް ގެންދަވާނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އެއް އަހަރު ދުވަހުގެ ތެރޭގައި ދެން މިވެނި ކަމެއް ކިހާވަރަކަށްތޯ ކުރެއްވުނީ؟ ދެން ވަރަށް އެހެން ކަހަލަ ސުވާލެއްވެސްކަންނޭނގެ. މާގިނަ ކަންތަކެއް ނުކުރެއްވޭނެކަންނޭނގެ އެއްއަހަރު ދުވަހުގެ ތެރޭގައި. އެކަމަކު އެއްއަހަރު ދުވަހުގެ ތެރޭގައި، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރަންބިސްއަޅާ ކުކުޅު ކަމަށް އަޅުގަނޑުމެން ބަލަނީ ފަތުރުވެރިކަމުގެ ދާއިރާ. ވަރަށްގިނަ ގޮންޖެހުންތަކެއް އެބަހުރި. ކޮންކަހަލަ ނަތީޖާތަކެއްތޯ، އެ ދާއިރާގައި ނެރުއްވިފައިވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާކަމަށްވާނަމަ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ކަންބޮޑުވާންވީ ކަމެއްވެސް ނެތް އިނގޭތޯ. ކުރީ އަހަރާ އަޅާބަލާއިރު، 2011 ވަނަ އަހަރާ އަޅާބަލާއިރުގައި، 2012 ވަނަ އަހަރު ވަނީ ރާއްޖެ އައި ޓޫރިސްޓުންގެ ޢަދަދު އިތުރުވެފައި. އެނގިވަޑައިގަންނަވާނެ، ހަމަ ޔޫރަޕް އަޅުގަނޑުމެންގެ އެންމެބޮޑު މާކެޓަކީ އިނގޭތޯ. އަނެއްކާ ޔޫރަޕްގައި މިދުވަސްވަރު ހަމަ ވަރަށްބޮޑު އިޤްތިޞާދީ ދަތިތަކާ ކުރިމަތިލައިގެން އެ ދަނީ. ޔޫރަޕްގެ އަޅުގަނޑު ދަންނަވާނީ ހަމަ ޖަރމަނީ ފިޔަވައި ހަމަ ގިނަ ޤައުމުތަކުގައި ވަރަށް ބޮޑެތި އިޤްތިޞާދީ ގޮންޖެހުންތަކާ އެކީގައޭ އެދަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް ޢާންމު ގޮތެއްގައި ޔޫރަޕުން އަންނަ ޓޫރިސްޓުން އައުންވެސް މިއޮތީ ދަތިވެފައި. އެހެން ނަމަވެސް ބައްލަވާ، ރާއްޖެއަށް 2011 ވަނަ އަހަރު އައީ ގާތްގަނޑަކަށް ނުވަލައްކަ ވިއްސަކަށްހާސް ޓޫރިސްޓުން. 2012 ވަނަ އަހަރު އަތުވެއްޖެ، ނުވަލައްކަ ފަސްދޮޅަސް ފަސްހާސް ޓޫރިސްޓުން. އިތުރުވުމެއް އެއައީ. ކުޑަ އިތުރުވުމެއް. އަޅުގަނޑުމެން އުންމީދުކޮށްގެން ތިބީ އެއް މިލިއަނަށް އަރާނެ ކަމަށް. އެހެން ނަމަވެސް، ދެން މިދެންނެވިހެން ޔޫރަޕްގެ އިޤްތިޞާދުގެ ކަންތައް ހުރިގޮތުންނާއެކީގައި، އެ ޓާގެޓް އަޅުގަނޑުމެންނަކަށް އެޗީވް ނުވި. އެހެން ނަމަވެސް އަޅުގަނޑު އުފާކުރަން، ޓޫރިޒަމުން އަޅުގަނޑުމެންނަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުވެސް ވަނީ އިތުރުވެފައި.

ދެން ތިޔަ ވިދާޅުވިހެން ވަރަށް އުނދަގޫ ދުވަސްވަރެއްގައި އަޅުގަނޑުމެންނަށް މިކަންކަން ކުރަން މިޖެހުނީ. މިވޭތުވެދިޔަ އަހަރަކީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އަޅުގަނޑު ދަންނަވާނީ ހަމަ ފާހަގަކުރަންޖެހޭ ކަހަލަ ގޮންޖެހުންތަކެއް ހުރި، އެހެން ނަމަވެސް، އުންމީދީ އަހަރެއް ހަމަ އިނގޭތޯ. އެ އަހަރުގެ ތެރޭގައި، އަޅުގަނޑުމެން ވަރަށް އުނދަގުލުގައި މަސައްކަތްކުރި ކަމުގައިވިނަމަވެސް، ތަރައްޤީ ގޮތުން ރާއްޖެއިން ހަމަ މަސައްކަތްތަކެއް ހަމަ ކުރެވިފައި އެބަހުރި އިނގޭތޯ. ދެން ސިޔާސީ ކަންކަމުގެ ތެރޭގައި އުޅުއްވާ ބޭފުޅުންނަށް، ފަހަރެއްގައި ހަމައެކަނި ޚިޔާލު ކުރެއްވިދާނެ ސިޔާސީ ކަންކަމަށް. އެހެން ނަމަވެސް، ޤައުމު އޮތީ ހުއްޓިފައެއް ނޫން. ޤައުމު ދިޔައީ ކުރިއަށް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ ޞިއްޙީ ދާއިރާ، މިއީ އަޅުގަނޑުމެންގެ ވަރަށް ޗެލެންޖިންގ ދާއިރާއެއް އަޅުގަނޑުމެންގެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ޞިއްޙީ ދާއިރާގައިވެސް ބައްލަވާ މިހާރު އަޅުގަނޑުމެން ދެމުންދިޔަ ޚިދްމަތްތައް ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެނެވުނު. އެނގިވަޑައިގަންނަވާނެ ފަދައިން، ޞިއްޙީ ދާއިރާގައި އޮތީ ހެލްތް ކޯޕަރޭޝަންތަކެއް އުފެދިގެން، ކޯޕަރޭޝަންތަކާ ޙަވާލުކުރެވި، ކޯޕަރޭޝަންތަކުން ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދަމުން ދިޔައީ. ޕަބްލިކް ހެލްތްގެ ދާއިރާ ޚާއްޞަކޮށް އޮތީ ވަރަށް ބޮޑަށް އިހުމާލު ކުރެވިފައި. އެއީ ވަރަށް ނުރައްކާތެރިކަމެއް. ޙަޤީޤަތުގައި ޕަބްލިކް ހެލްތަށް ބޮޑަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނީ. ރައްޔިތުން ސަލާމަތް ޞިއްޙަތެއްގައި ބޭތިއްބުން އެންމެ މުހިންމު ކަމަކީ. ބަލިވީމާ ބޭސްކުރަންޖެހޭނެ. އެހެން ނަމަވެސް، ބަލިނުވެ ސަލާމަތުން ތިބެވޭތޯ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ. އެހެންވީމާ، ޕަބްލިކް ހެލްތާއި، ޕްރިވެންޓިވް ހެލްތް ކެއަރ މިއީ ވަރަށް މުހިންމު އެއްޗެއް. މިކަމަކަށް އެއްގޮތަކަށްވެސް ސަމާލުކަމެއް ނުދެވިއޮތީ. އެހެންވީމާ، މިހާރު އަޅުގަނޑުމެން އަނެއްކާ އެއަށް ބަދަލުގެނެސް، އަނެއްކާ މިނިސްޓްރީ އޮފް ހެލްތްގެ ރޯލު، ކުރިއަށްވުރެން ވަރުގަދަކޮށް، ސަރުކާރުން ދެވޭ އެހީތެރިކަންވަނީ އިތުރުކޮށްފައި. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، ޞިއްޙީ މަރްކަޒުތަކުގައި އެބަހުރި ވަރަށްގިނަ ޗެލަންޖަރސްތައް. އެއީ ބަޖެޓްގެ ދަތިކަން ހުރުމާއެކީގައި، ބައެއް ތަންތަން، މިދިޔަ ގާތްގަނޑަކަށް ތިން ހަތަރު އަހަރު ދުވަސް ވަންދެން ހުރީ ވަރަށް ބޮޑަށް މަރާމާތުނުކޮށް. މެޝިންތައް އެއްޗިހިވެސް ހަލާކުވެފައި. ބައެއް ތަންތާނގެ އެއަރ ކޮންޑިޝަނަރތައް ހަލާކުވެފައި. މިކަހަލަ ގޮތަކަށް ހުރީ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި، އަޅުގަނޑު ހަނދާން އެބަހުރި، ކޮންމެވެސް އެއް ރަށަކަށް ގޮސް ހަމަ ބެލިއިރުގައި، އެއަރ ކޮންޑިޝަނަރ ހަލާކުވެފައި ހުންނަތާ އަހަރެއްހާ ދުވަސްވަނީ. އެހެން ނަމަވެސް، ހަމަ އަޅުގަނޑުމެން ދިޔުމާ ގުޅިގެން ހަމަ އަނެއް ދުވަހު ހަމަ އެ ހެދިއްޖެ އިނގޭތޯ. އެއީ ވާގޮތަކީ ހަމަ އެކަމުގައި، ހެލްތް ސިސްޓަމްގެ ތެރޭގައިވެސް ހަމަ ޕޮލިޓިކްސްވެސް ކޮންމެވެސްވަރަކަށް ވަދެފައި ހުރީ. ކޮންމެ ދާއިރާއަކަށްވެސް އެހެންް ވަދެފައި ހުރީ. އެހެންވީމާ، އެހެންހުރި ބައެއް ގޮންޖެހުންތައްވެސް ހުރީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ދެން ކިހިނެއްތޯ މާލޭގެ މައި ހޮސްޕިޓަލަކީ އައި.ޖީ.އެމް.އެޗް. އައި.ޖީ.އެމް.އެޗް.ގެ ޚިދްމަތް އިތުރަށް ފުޅާކުރެއްވުމަށް ކޮންކަހަލަ މަސައްކަތްތަކެއްތޯ ކުރެވެނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިހާރު އައްސަވާފައި އޮންނާނީ. އަޅުގަނޑު މިދިޔަ އަހަރުގެ ތެރޭގައި ހޮސްޕިޓަލަށް ގޮސް، އަޅުގަނޑު ބުނެފައި އޮންނާނީ، ހޮސްޕިޓަލްގެ އާ ޢިމާރާތް، ދިހަ ބުރީގެ އާ ޢިމާރާތެއް އެތާނގައި ހަދަން ފަށާފައި ހުއްޓާލާފައި ހުރީ އިނގޭތޯ. ކުރިއަށް ނުގެންގޮސް. އެހެން ނަމަވެސް، އެހާބޮޑު އިންވެސްޓްމަންޓެއް ކޮށްފައި އެހިސާބުން ދޫކޮށްލީމާ ވާނެގޮތަކީ އެއީ ވަރަށްބޮޑު ގެއްލުމެއް. އަނެއްކާ ހޮސްޕިޓަލްގައި ވަރަށް ޖާގަވެސް ނެތް. އެހެންވީމާ، އަޅުގަނޑު ދަންނަވާފައި އޮންނާނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އަންނަންވާއިރަށް އެތަން ޖެހޭނެ ހަދަން. އެހެން ނަމަވެސް، އެކަން ނުވެދިޔައީ. ދެން އަޅުގަނޑަށް އެނގޭ، އޭގެ ބައިވަރު ދަތިތަކަކާހުރެ، އެކަމަށް ބޭނުންވާ ފައިސާ ހޯދުމާ، މިހުރިހާ ކަމެއް ކުރިމަތިވެގެން ގޮސް ހަމަ ދިގުދެމެމުން ދެމެމުން ހަމަ ގޮއްސަ އޮތީ.

ދެން އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު އާސަންދަ ޕްރޮގްރާމް އައުމާ ގުޅިގެން، ހަމަ ހެލްތް ކެއަރ އަށް އޮންނަ ޑިމާންޑްވެސް ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ. އެއީ އަމިއްލަ އަތުން ޚަރަދުނުކޮށް، މިހާރު ގޮސް ހަމަ ކޮންމެކަހަލަ ޓެސްޓްތަކެއްވެސް ކޮންމެއިރަކުވެސް ހެދޭނެ. އެހެންވީމާ، ކޮންމެހެން ހަދަން ބޭނުންނުވާ ކަހަލަ ޓެސްޓްވެސް ބައެއްފަހަރު ހެދިފައި ހުންނާނެ. ދެން އެކަމުގައި އަޅުގަނޑުމެން އެނގިވަޑައިގަންނަވާނެ ފަދައިން އާސަންދައަށްވެސް އިޞްލާޙީ ބަދަލުތަކެއް ގެނެއްސަ. އަޅުގަނޑުމެންނަށް އާސަންދަ ޕްރޮގްރާމް ހިންގަން ލިބުނުއިރުގައި، އެއަށް އަންދާޒާ ކުރެވިފައި އޮތީ، 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް. އެހެން ނަމަވެސް، ބަޖެޓްގައި ހިމަނާފައި އޮތީ ހައެއްކަ ސަތޭކަ މިލިއަން އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެންނަށް މަޖުބޫރުވީ، އެއަށް ބައެއް ބަދަލުތައް ގެންނަން. ގެނެސްގެން އަޅުގަނޑުމެން އަހަރު ނިމުނުއިރުގައި، އަށްސަތޭކަ މިލިއަނުން އަޅުގަނޑުމެން އެ ޕްރޮގްރާމް މެނޭޖްކުރީ. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، ހަމައެކަނި އެއްލައްކަ ރުފިޔާއިން ބޭސްކޮށް ނިމުނީމާ ނިމުނީކީވެސް ނޫން. ޓަރމިނަލް ބޮޑެތި ބަލިތަކުގައި، އިންޑިޔާ ތަންތަނުގައި ތިއްބަވާ ބޭފުޅުންނަށްވެސް އަޅުގަނޑުމެން މިދަނީ ހަމަ ވީވަރަކުން އިތުރަށް ކުރަންޖެހޭ ޚަރަދެއްވެސް ހަމަ ކުރަމުން. އެއީ، ޚާއްޞަ ޢިނާޔަތެއްގެ ދަށުން ހެލްތް މިނިސްޓްރީން. އެހެންވީމާ، ވާނެގޮތަކީ ބޭސްކޮށްކޮށް އޮތް މީހަކަށް އެއްލައްކަ ރުފިޔާ ހަމަވީއޭ ކިޔާފައި ހުއްޓައެއްނުލެވޭނެ. އެހެން ނޫންތޯ ވާނީ. އެހެންވީމާ، ދައުލަތުގެ ފަރާތުން އެ އެހީތެރިކަން ދޭންޖެހޭނެ. އެކަން އެގޮތަށް ކުރަމުން އަޅުގަނޑުމެން މިގެންދަނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އެއްވެސް ކަމެއް ލިބުުމުގެ ކުރިން ނުވަތަ ބޭނުންވުމުގެ ކުރިން އަޅުގަނޑުމެންނަށް އުޅެވެން އެބަޖެހޭ. އަމާން ތަނަކަށް ޤައުމުވާން އެބަޖެހޭ، އަޅުގަނޑުމެންގެ ދަރިންނާއި އަނބިންނަށް. ކިހިނެއްތޯ، ރާއްޖެ ވަރަށް ނާމާން ތަނަކަށް މިދޭތެރެއަކުންް ބަދަލުވެގެން ގޮސްފައި މިވަނީ. މިހާރުގެ ޙާލަތު ސިފަކުރައްވަންޏާ ކިހިނެއްތޯ މަނިކުފާނު ސިފަކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިހާރު ތެދެއް ތީ އިނގޭތޯ. ރާއްޖޭގެ ހަމަ ކުށުގެ ވެށި ވަރަށް ގޯސްކޮށް އޮތީ އިނގޭތޯ. ކުށް ގިނަވުމުގެ ސަބަބުން ރައްޔިތުންނަށް ބިރުހީވާ ހިސާބަށް ގޮއްސަ އޮތީ ކަންކަން. ދެން އަނެއްކާ ހަމަ އެނގިވަޑައިގަންނަވާނެ ފަދައިން، މާލޭގައިވެސް މާރާމާރީގެ ކިތަންމެ ކަންތައްތަކެއް ހަމަ ސިލްސިލާކޮށް ހިނގަމުންދިޔައީ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް. ދަމުން ދަމުން ދިޔައީ. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން ވަކިހިސާބަކުން ނިންމީ، މާލެތެރެ ކުރިއަށްވުރެ ބޮޑަށް ބަލަހައްޓަން. އެ ބެލެހެއްޓުމަށްޓަކައި އަޅުގަނޑުމެންނަށް މަޖުބޫރުވީ، ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން ހުޅުވާފައި ހުންނަ ތަންތަންވެސް މަދުކޮށްލަން. ދެން އަޅުގަނޑުމެންގެ ޒުވާނުންވެސް، އަޅުގަނޑުމެންވެސް ރައްޔިތުންވެސް އެބަޖެހޭ ރޭގަނޑު ނިދަން އެހެން ނޫންތޯ. އަބަދު ހޭލާ އުޅުމަކީ އެއީ އެހާ ރަނގަޅު ކަމެއް ނޫން އިނގޭތޯ. އޭގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާތަކުގެ ތެރެއިން އެއްކަމެއް، ކުށްގިނަވުންވެސް. އެހެންވީމާ، އެކަހަލަ ބަދަލުތަކެއް ގެނެސް، ރަށުތެރޭގައި ޕޮލިސް ޕެޓްރޯލްވެސް އިތުރުވުމާ ގުޅިގެން، ކުށުގެ ޙާދިޘާތައް ވަނީ ވަރަށް ބޮޑަށް މަދުވެފައި މިހާރު.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ނަތީޖާ ރަނގަޅު ކަމަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ވަރަށް ބޮޑަށް ނަތީޖާ ރަނގަޅުވެގެން އައިސްފައި ވަނީ އޭގެފަހުން. ދެން އެކަމާ ބެހޭ ތަފްޞީލު، އަޅުގަނޑަށް ހީވަނީ ހަމަ ފުލުހުން ކައިރީގައި އައްސަވާލެއްވީމަ އެނގިވަޑައިގަންނަވާނެ. ވަރަށްބޮޑުތަން މިހާރު މަދުވެގެން ހިނގައްޖެ، ކުށް ޚާއްޞަކޮށް މާލޭގައި. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ ގިނަ ރަށްރަށަކު އަދިވެސް ހަމަ ފުލުހުންނެއް ނުތިބޭ. އަޅުގަނޑުމެންނަށް ކޮންމެ ރަށެއްގައި ފުލުހުން ބައިތިއްބާހާ ފޯރުންތެރިކަމެއް ހަމަ ނެތީ. ނެތީމަ އެކަން ނުވެގެން މިދަނީ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ދުއިސައްތަ އިތުރު ފުލުހުން އަޅުގަނޑުމެން ރެކްރޫޓްކޮށް، ޓްރެއިނިންގ ދެމުން މިގެންދަނީ. އަދި މިއަހަރުވެސް ކިތަންމެ އާ ރަށްރަށެއްގައި ޕޮލިސް ޕޯސްޓްސްތައް އުފެދިގެންދާނެ. އަޅުގަނޑުމެން އެބަޖެހޭ، ރައްޔިތުން އުޅޭ ތަނެއްގައިވިއްޔާ ފުލުހުންވެސް ބައިތިއްބަން. ކުރީ ޒަމާނެއް ނޫން މިއީކީ. މިއަދު ރަށްރަށުގައި ހަމަ އެންމެ ކުދި ރަށްރަށުގައިވެސް އެބަދޭ ކުށް ކުރެވެމުން. މަސްތުވތަކެތި އެތެރެކުރެވެމުން. ވައްކަން ކުރެވެމުން. އެހެންވީމާ، މިކަންކަމުގައި ރައްޔިތުން ޙިމާޔަތް ކުރުމަށްޓަކައި ފުލުހުންގެ ޚިދްމަތް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެބަ ހުންނަންޖެހޭ. އަޅުގަނޑުމެންގެ އަމާޒަކީ، ހުރިހާ ރަށަކަށްވެސް އެ ޙިމާޔަތްތެރިކަން ދިނުން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

މިއީ އަޅުގަނޑުމެންގެ ތެރޭގައި ހަމަ ވަރަށް އަޑުގަދަކޮށް ދެކެވޭ ވާހަކައެއް. ސިޔާސީ ނުފޫޒު ޢަދުލު އިންޞާފް ޤާއިމު ކުރުމުގެ ދާއިރާއަށް ވަންނަމުންދާ ކަމަށް. އެ ނުފޫޒު މިހާރު ނުފޯރުވާ ކަމަށް ކިހާވަރެއްގެ ގެރެންޓީއެއް ދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ސަތޭކަ ޕަސެންޓް ޔަޤީންކަން އަޅުގަނޑު އަރުވާނަން. އެއީ ދަންނަވަންތޯ! މިހާރު ސުވާލު ކުރައްވާ، ޖުޑީޝަރީގެ ބޭފުޅުންގެ އަރިހުގައިވެސް، ފުލުހުންގެވެސް އަދި އެމް.އެން.ޑީ.އެފް.ވެސް. އަޅުގަނޑު ނޯންނާނެ އެއްވެސް މީހަކު ހައްޔަރު ކުރުމަކަށް، ބަންދުކުރުމަކަށް، ދޫކޮށްލުމަކަށް، މިކަހަލަ އެއްވެސް ކަމެއްގައި އަޅުގަނޑުގެ ނުފޫޒެއް ނޯންނާނެ. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، އެކަންކަން ޙަވާލުވެފައި ތިއްބެވި އެބޭފުޅުންނަކީ ޕްރޮފެޝަނަލް ބޭފުޅުން ކަމަށް ބަލައިގެން، އެބޭފުޅުންގެ ނިންމެވުން އެއީ އެންމެފަހު ނިންމެވުން ކަމަށް އަޅުގަނޑު ބަލައިގެން އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑުގެ ފުރިހަމަ އިތުބާރު، ލޯ އެންފޯސްމަންޓް އޭޖެންސީތަކަށް އެބައޮތް. އެހެންވީމާ، އަޅުގަނޑު އެކަމާ ދޭތެރޭގައި ވިސްނާކަށް ނުޖެހޭ. މީގެކުރިން އެހެނެއް ނޫން ކަންތައް ހުރީކީ. އެނގިވަޑައިގަންނަވާނެ ފަދައިން، އެތައްހާސް ކުށްވެރިންނެއް ތިބީ މާލޭގެ މަގުތަކަށް ދޫކޮށްލެވިފައި. މިހާރު އެހުރިހާ އެންމެން ވަނީ، އޭގެތެރެއިން ކުށްކުރި މީސްމީހުން ވަނީ އެތެރެއަށް ގެންދެވިފައި އަނެއްކާވެސް. މާލޭގެ މަގުތައް ވަނީ ސަލާމަތް، ސޭފް ތަނަކަށް ހެދިފައި. އަޅުގަނޑުމެންނަކަށް ނުޖެހޭ، ޖަލުގައި ތިބޭ މީސްމީހުން، އެކިއެކި ސަބަބުތަކުގައި ނެރެ މަގުތަކަށް ދޫކޮށްލާކަށް. އަޅުގަނޑުމެން މިހާރު މިދަނީ ޖަލުގެ ކަންތައްވެސް ރަނގަޅު ކުރަމުން. އެހެންވީމާ، ކުރިއާ އެއްގޮތަށް ޖަލުވެސް އެހާ ނުތަނަވަސް ތަނެއްގެ ގޮތަކު ނޫން މިހާރު އޮންނާނީކީ. އެހެންވީމާ، މިކަހަލަ ބަދަލުތަކެއް ގެނައުމުގެ ސަބަބުން އަޅުގަނޑުމެންނަށް މީތި ރަނގަޅަށް މެނެޖް ކުރެވެމުން މިގެންދެވެނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ދަތުރުފަތުރު ކުރުމަކީ ވަރަށް މުހިންމު ކަމެއް، ރާއްޖެ މިއޮތް ގޮތުން. މި ސެކްޓަރގައި ކޮންކަހަލަ ކުރިއެރުންތަކެއްތޯ ހޯއްދެވިފައިވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިދިޔަ އަހަރުގެ ތެރޭގައި، ކުރިން ފަތުރުވެރިކަމުގެ ވާހަކަ ވިދާޅުވި. ދެ ރިޒޯޓާއި، ދެ އާ އެއަރޕޯޓް ހުޅުވުނު. އަނެއްކާ އިތުރު އެއަރޕޯޓްތައް މިހާރު ހެދެމުން މިދަނީ. އޭގެތެރޭގައި، ތިމަރަފުށީ އެއަރޕޯޓް ވަރަށް އަވަހަށް ނިމޭނެ. އަދި އައްޑޫ ގަން އެއަރޕޯޓ އެއޮތީ އަމިއްލަ ބަޔަކާ ޙަވާލުކުރެވިފައި އެތަން ތަރައްޤީ ކުރުމަށްޓަކައި. އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް، އައްޑޫގެ އެއަރޕޯޓް ވަރަށް އަވަހަށް، ވަރަށް ބާރަށް ތަރައްޤީވެގެން ކުރިއަރައިގެންދާނެ ކަމަށް. އޭގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނެ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އަޅުގަނޑު އެ އުފާ ލިބިގަންނަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑުގެ އުންމީދަކީ، ދަންނަވަންތޯ، އަޅުގަނޑުގެ އުންމީދަކީ ހަމަ ވަރަށް އަވަސް ފުރްޞަތެއްގެ ތެރޭގައި، ގަން އެއަރޕޯޓުން ފުރައިގެން، ދުނިޔޭގެ އެހެން ތަންތަނަށް ދިވެހިންނަށް ދަތުރުކުރެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ހަމަގައިމުވެސް ސިލޯނަށް ސީދާ ގަމުން ދެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ އަޅުގަނޑު ބަލާނަން. ދެން އެނގިވަޑައިގަންނަވާނެ ފަދައިން، ހަމަ އިހަކަށްދުވަހަކު އަނެއްކާ ހަނިމާދޫ އެއަރޕޯޓްވެސް އިންޓަރނޭޝަނަލް އެއަރޕޯޓަކަށްވެސް މި ހެދުނީ. އެހެންވީމާ، އެއަރޕޯޓްތަކުގެ ފެންވަރު ރަނގަޅުކޮށް، އެކަން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިގެންދަނީ.

ދެން ދަތުރުފަތުރުގެ ނިޒާމް. މީގެކުރިން ފަށްޓަވާފައި އޮތް ނިޒާމަށް އެބަހުރި ގޮންޖެހުންތަކެއް. އެކަން ކުރައްވަން ފެށްޓެވި ބޭފުޅުން އެކަން ރަނގަޅަކަށް ނުގެންދަވާ ކުރިއަކަށް. އެހެންވީމާ، އެކަމާ ބެހޭގޮތުން މިހާރު ޓްރާންސްޕޯޓް މިނިސްޓްރީން އަލުން ގެންދަވަނީ އެކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ފަށްޓަވައިގެން އެ ގެންދަވަނީ ކުރިއަށް. ދެން އެފަރާތްތަކަށް ޙަވާލުކުރަންޖެހޭ ބިންތަކާއި، ރަށްތަކާވެސް ރަނގަޅަށް ޙަވާލުނުކޮށް ހުރީ. ހުރުމުގެ ސަބަބުން އެ ކުންފުނިތަކަށްވެސް ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ގޮތަކަށް ނުކުރެވި، ދަތުރުފަތުރުތައް ބައެއް އަތޮޅުތަކުގައި ހުއްޓިފައި ހުރީ. ނަމަވެސް، އެކަން މިހާރު އަޅުގަނޑުމެން މިގެންދަނީ އަލުން ދިރާސާކޮށް، ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަމުން. ކުރެވޭނެ ފަރާތްތަކާ ޙަވާލުކޮށްގެން އެކަން ކުރާގޮތަށް މިހާރު މިއޮތީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އެއަރޕޯޓްތަކުގެ ވާހަކަ ދައްކާއިރު އަޅުގަނޑަށް ހީވަނީ ހަމަ އެއް ނަމެއް ހަމަ ހިތަށް އެބަ އަންނަންޖެހޭކަންނޭނގެ، ޖީ.އެމް.އާރު. ޖީ.އެމް.އާރު މައްސަލައިގައި ތަންކޮޅެއް ބޮޑަށް، ބައެއް ފަރާތްތަކުން، ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވަނީ، މަނިކުފާނު މާބޮޑަށް ދޫދެއްވައި، ނެގޯޝިއޭޓް ކުރައްވައި، މިހެން ހެއްދެވި ކަމަށް. އަނެއްބައި ބޭފުޅުން، ފަހުން ނަމަވެސް، އެމައްސަލަ ވަކިގޮތަކަށް ނިންމަވާލެއްވި ނިންމަވާލެއްވުމާމެދުވެސް ފާޑުކިޔަމުން ދިޔައީ. ކިހިނެއްތޯ މަނިކުފާނުގެ ޚިޔާލުގައި، މާ ދިގުދެންމެވީތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑުގެ މަސްއޫލިއްޔަތެއް ދޮއެއްތޯ، ސަރުކާރުގެ ހިންގުމާ ޙަވާލުވެހުރި އެންމެ އިސްވެރިއެއްގެ ގޮތުން، އަޅުގަނޑު ބަލަންޖެހޭނެ ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތަކީ ކޮބައިތޯ. އަދި ރައްޔިތުންނަށް އެންމެ ގެއްލުން ކުޑަގޮތަކަށް، ކަންކަން ނިންމުމަކީ އެއީ، އަޅުގަނޑުގެ މަސްއޫލިއްޔަތެއް. އެހެންވީމާ، ބަލަންހުރި ކަންތައްތައް ބަލަން އެބަޖެހޭ އިނގޭތޯ. ކަންކަމުގައި ޞުލްޙަވެރި ޙައްލު ހޯދޭތޯ އަބަދުވެސް މަސައްކަތްކުރާ މީހެއް އަޅުގަނޑަކީ. އެހެންވީމާ، އެގޮތުން އަޅުގަނޑު ޖީ.އެމް.އާރު.ގެ މައްސަލަ ވަރަށް ބޮޑަށް ދިރާސާކުރިން. އަދި އެކަމަށް އެކިއެކި ކޮމިޓީތައް ނަގައިގެން، ޓެކްނިކަލް ކޮމިޓީ، ޤާނޫނީ ކޮމިޓީ ނަގައިގެން މަސައްކަތް ކޮށްގެން އަދި ބޭރުގެވެސް ތިން ފަރާތެއްގެ ޤާނޫނީ ލަފާ އަޅުގަނޑު ހޯދިން. ސިޔާސީ ޕާޓީތަކުގެ ލަފާ އަޅުގަނޑު ހޯދިން. އެހެންވީމާ، އެހުރިހާ އެއްޗެއްގެ މައްޗަށް ބިނާކޮށްފައި، އަޅުގަނޑު ނެގި ޑިސިޝަނެއް ނެގީ. އެ ޑިސިޝަނަކީ އެއީ ސިޔާސީ ޑިސިޝަނެއް ނޫން. އެއީ ހަމަ ކަނޑައެޅިގެން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް ޤާނޫނީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އެކަން އަޅުގަނޑަށް ޔަޤީންވީމާ، އެކަން އެގޮތަށް ނިންމީ. ދެން އެކަމަށްޓަކައި، ތެދެއް ދުވަސްކޮޅެއް ނަގައިފި. އެހެން ނަމަވެސް އެކަމަކީ އެއީ ވަރަށްބޮޑު ކަމެއް. މިހާތަނަށް ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެބޮޑު އެއް މައްސަލަ، އެ މައްސަލައަކީ. މި ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، މައި ބަނދަރަކީ އެއީ، ރާއްޖެއަށް ވަރަށްބޮޑު އާމްދަނީއެއް ލިބެމުން އައި ތަނެއް. އަދި އެކަން އެގޮތަށް ބޭރު ބަޔަކަށް ދޫކޮށްލުމުގެ ސަބަބުން ރާއްޖެއަށް ވަރަށްބޮޑު ދަތިތަކެއް ވެގެންދިޔަ ކަމެއް. ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާއަށްވެސް ވަރަށްބޮޑު ދަތިކަމެއް އައިސްގެންދިޔަ. އަދި ހަމައެހެން، ސަރުކާރުގެ އާމްދަނީއަށް ވަރަށްބޮޑު އުނިކަމެއް ލިބިގެންދިޔަ. ދެން އެހެންވީމާ، މިހެންހުރި ކަންކަން ދިރާސާކޮށް، އެކަންކަން ރަނގަޅަށް ބެލުން އެއީ، އަޅުގަނޑު ކުރަންޖެހޭ ކަމަކަށްވާތީ، އަޅުގަނޑު ދުވަސްކޮޅެއް ނެގި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެކަން ގެންދެވެން އޮތް އެންމެ ރަނގަޅަށް އަޅުގަނޑު ގެންދިޔައީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ، އެކަމުގެ ސަބަބުން އިންޑިޔާއާ އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ގުޅުމަށް ބުރޫތަކެއް އެރިކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދަންނަވަންތޯ. އިންޑިޔާއާ ދޭތެރޭގައި އަބަދުވެސް ދިވެހިރާއްޖެއާ އޮންނަނީ ވަރަށް ގާތް އުޚުއްވަތްތެރި ގުޅުމެއް. މިއީ ކޮމާޝަލް އެގްރީމަންޓެއް. މި ކޮމާޝަލް އެގްރީމަންޓް މިގޮތަށް ދިޔުމުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮތް ބައިލެޓްރަލް ގުޅުމަކަށް އެއްވެސް ލޮޅުމެއް އައިކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އެހެން ނަމަވެސް، ދަންނަވަން ޖެހެނީ ސިޔާސީގޮތުން އެކަން ގޯސްކުރުމަށްޓަކައި ބައެއް ފަރާތް ފަރާތުން މަސައްކަތް ކުރައްވާފައި އެބަހުރި. އޭގެ ސަބަބުން ނުކުންނަ ބައެއް ނަތީޖާތައްވެސް ހުރޭ. ދެން އަޅުގަނޑު އަދިވެސް ޤަބޫލެއް ނުކުރަން، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮތް ގުޅުމަކަށް އެއްވެސް އަސަރެއް ކޮށްފި ކަމަކަށް. ހަމަގައިމުވެސް އިންޑިޔާގެ ސަރުކާރުގެ ފޮރިން މިނިސްޓަރާއި އަދިވެސް އެހެން ބޭފުޅުން، އަޅުގަނޑުމެންނަށް ހަމަ ތަކުރާރުކޮށް ޔަޤީންކޮށް ދެއްވަމުން ގެންދަވަނީ، ދެޤައުމުގެ ދޭތެރޭގައި އޮތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

މި ސިސްޓަމް ގެނައުމުގައި އެއްވެސްކަހަލަ ދައުރެއްވޭތޯ މަނިކުފާނުގެ؟ މިހާރު ޤާއިމްކުރަން މަސައްކަތްކުރި ނުވަތަ ޤާއިމް ކޮށްފައިވާ ނެކްސްބިޒްގެ ޕްރޮޖެކްޓްގައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ނެކްސްޓްބިޒްގެ ޕްރޮޖެކްޓްގައި އަޅުގަނޑުގެ އެއްވެސް އަތެއް ނޯންނާނެ. ހަމަ ސީދަލަށް ސާފުކޮށް އަޅުގަނޑު މިދެންނެވީ، ހަމަ އެއްވެސް އަތެއް އަޅުގަނޑުގެ ނޯންނާނެ. އަނެއްކާ އެމީހުން ވަކި ގެނައުމަކަށް އަޅުގަނޑު ބާރުއަޅާފައެއްވެސް ނޯންނާނެ. އެ ޑިސީޝަނަކީ އެއީ، ނަޝީދު ސަރުކާރުން ނެންގެވި ޑިސިޝަނެއް. ދެފަހަރަށް ކެބިނެޓަށް ގެނެސް ޑިސްކަސް ކުރެވުނު އެކަމާ ބެހޭގޮތުން. އަނެއްކާ ހަމަ ޓެންޑަރ ޕްރޮސެސްގެ ތެރެއިން އެކަން ގޮސް ނިންމާފައި އޮތީ. ދެން އޭގައި މައްސަލަތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވައިގެން، އެކަން ބައްލަވައިފި. ބައްލަވާފައި އެކަން އޮތީ ސާފުކުރައްވާފައި. އެހެންވީމާ، ދެން މިހާރު މަޖިލީހުން ނިންމަވާފައި އެއޮތީ، އެ ސިސްޓަމް ހުއްޓާލަން. ހުއްޓާލާފައި ދެން އެހެން ސިސްޓަމެއް ގެންނާނީ އެހެންވީމާ. އަޅުގަނޑުގެ މައްސަލައެއް އެއަކު ނެތް އެއްގޮތަކަށްވެސް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ، ބައެއް މީހުން ދައްކާ ވާހަކައިގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، މަނިކުފާނަށް މަނިކުފާނުގެ އަނބިކަނބަލުންގެ ނުފޫޒު ވަރަށްގަދަ ކަމަށް. ދެން ކޮންޓްރޯލް ކުރައްވަނީ އަނބިކަނބަލުން ކަމަށް. ދެން އަޅުގަނޑަށްވެސް އެނގޭ ވަރަށް ގާތް ދެބޭފުޅުންކަން. ވަރަށް އެކީގައި އުޅުއްވަނީ. ދެން ބައެއްފަހަރު ވެދާނެކަންނޭނގެ، ނުފެންނަންޖެހޭ ކަހަލަ ބައެއް މަންޒަރުތަކުން ފެނުންކަހަލަ ކަންތައްތައްވެސް ވަނީކަމަށް. މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟ އެއްވެސް ޙަޤީޤަތެއްވޭތޯ މިކަމުގައި؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދަންނަވަންތޯ. އަންހެނުންގެ ނުފޫޒު ފިރިހެނުންނަށް އޮތުމަކީ އެއީ ވަރަށް ރަނގަޅު ކަމެއް. ދަންނަވަންތޯ. އަޅުގަނޑުމެން އިނގޭތޯ، ކައިވެނިކޮށްގެން އުޅޭއިރުގައި އޮންނަންޖެހޭނެ ބެލެންސް ރިލޭޝަންޝިޕެއް އިނގޭތޯ. އެއީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ މާޙައުލެއްގައި އުޅެންވާނީ އިނގޭތޯ. އެކަކު އަނެކަކު ދެރަކޮށްގެން އުޅެގެން ނުވާނެ. އެއީ އަންހެނުންނަކީވެސް ހަމަ އިންސާނުން އެހެން ނޫންތޯ. އަނެއްކާ އަންހެނުންނަކީވެސް ހަމަ މިހާރު ދިވެހިރާއްޖޭގައި ހަމަ ކިޔަވައިގެން ތިބި ހަމަ ފިރިހެނުންނަށް ދޫނުކުރާވަރުގެ ބައެއް. އެހެންވީމާ، އަންހެނުންނޭ ކިޔާފައި، ވަކި ދުރުކޮށްލުން އެއީކީ ކޮށްގެންވާނެ ކަމެއް ނޫން އެއްވެސް މީހަކު. އަޅުގަނޑަކީ ވަރަށްގިނަ ޒަމާން ވަންދެން ރާއްޖެއިން ބޭރުގައި އުޅުނު މީހެއް، އެހެން ނޫންތޯ. ހަމަ ކިޔެވުމަށް އެންމެ ފުރަތަމަ އަޅުގަނޑު ޢުމުރުން 18 އަހަރުގައި ރާއްޖެއިން ބޭރަށް ދިޔަގޮތަށް، ވަރަށްގިނަ ޒަމާން ވަންދެން، އެކިއެކި ގޮތްގޮތަށް، އެކިއެކި ޤައުމުތަކުގައި އަޅުގަނޑު އުޅެމުން އައީ. އަދި އަޅުގަނޑު މީހަކާ އިނީއްސުރެންވެސް އަބަދުވެސް ދެމަފިރިން އެކީގައި އުޅެނީ. ވަތްކަކުން އެއްވެސްއިރަކު ނޫޅެން. ވަރަށްކުޑަ ދުވަސްކޮޅެއްގައި އަޅުގަނޑު އަފްޣާނިސްތާނުގައި ހުރިއިރުގައި، އަންހެނުން ހުރީ ނެޕާލްގައި. އެނޫނިއްޔާ އަޅުގަނޑުމެން ވަތްކަކުންނެއް ނޫޅެން. އަބަދުވެސް އެކީގައި އުޅެނީ. ހުރިހާ ތަނަކަށްވެސް އެކީގައި ދަނީވެސް. އަނެއްކާ އަޅުގަނޑުމެންގެ ކުދިންވެސް އެގޮތަށް ބޮޑެތި ކޮށްފައި ހުންނާނީވެސް. ހަމަ އަންހެނުންނާއި ފިރިހެނުންނާ އެއްވަރަކަށް އިޙްތިރާމްކޮށްގެން. އެހެންވީމާ، އެކަހަލަ އުޅުމެއް އަޅުގަނޑުމެން އުޅެނީ. ދެން ތެދެއް، އަޅުގަނޑުދާ ރަސްމީ ތަންތަނަށް އަޅުގަނޑު އަންހެނުންނަށްވެސް ދަޢުވަތު ލިބޭ. ލިބުނީމާ އަންހެނުންވެސް ގޮވައިގެން ދަނީ. އެހެން ނަމަވެސް، އިލްހާމަކީވެސް މިހާރު އަމިއްލަ މަސައްކަތްތަކެއްވެސް ކުރަމުން ގެންދާ މީހެއް. އެހެންވީމާ، އިލްހާމްގެކަމެއް އޮންނަ ފަހަރެއްގައިވިއްޔާ، އެކަމެއްގައި އޭނަ އުޅޭނީ. ކަމެއް ނެތިއްޔާ އަޅުގަނޑާ އެކީގައި އަންނާނެ. އަނެއްކާ އިލްހާމް ދާންޖެހޭ ބައެއް ތަންތަނަށް އަޅުގަނޑުވެސް ދަން އިލްހާމާ އެކުގައި. އެހެންވީމާ، އެކަހަލަ ގޮތަކަށް އެކަން އެ އޮންނަނީ. އެއްގޮތަކަށްވެސް ދެން އަނެއްހެން ބައެއް މީހުން ހީކުރާގޮތަކަށް ކޮންމެހެން އިލްހާމްގެ ނުފޫޒު އަޅުގަނޑުގެ މައްޗަށް ގަދަވެގެން، އެއީކީ ރަނގަޅު ވާހަކައެއް ނޫން. އެއީ އެކަން އޮންނަ ގޮތެއްވެސް ނޫން. އޮންނާނެ ގޮތެއްވެސް ނޫން. އަޅުގަނޑުގެ ރަސްމީ ކަންކަމުގައި، އަޅުގަނޑުގެ ގާތް މީހުންނަކީ ހަމަ އަޅުގަނޑުގެ ރަސްމީ ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ އިލްހާމް ބައްދަލުވީ ފުރަތަމަ. ހަނދުމަފުޅު އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އެއީ ވަރަށް ކުރިން. ވަރަށް ކުރިން. އަޅުގަނޑުމެން ސްކޫލްގައި އުޅުނުއިރުގައި، އަޅުގަނޑުގެ ކަޒިންއަކާ އިލްހާމާ އެއީ ކްލާސްމޭޓުން. ދެން އޭނައާ އެކީގައި، ޒުލްފާ، ޒުލްފާއާ އެކީގައި އިލްހާމް އަންނާނެ އަޅުގަނޑުމެން ގެޔަށް. އޭރު އެ ދިމާވިގޮތަށް ހަމަ ދެން އިނގޭތޯ. އޭރުއްސުރެ ހަމަ، ދެން ހަމަ ރައްޓެހިވެގެން، ކުޑައިރުއްސުރެ އުޅެމުން އައިސް، އަޅުގަނޑުމެން މިހާ ހިސާބަށް މިއައީ ދެން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކާކުތޯ އިސްނެންގެވީ. މަނިކުފާނުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު ހަނދާނެއް ނެތް މިހާރު. މާކުރީގެ ވާހަކައެއް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

އަޅުގަނޑު އިލްހާމަށް ދަންނަވާލާނަން ކޮންމެވެސްފަހަރަކުން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ދެން ކިހިނެއްތޯ. މަނިކުފާނަކީ އެދާއިރާއެއްގައި ވަރަށްގިނަ ދުވަހު މަސައްކަތް ކުރައްވައި، ވަރަށް ޝައުޤުވެރިވާ ދާއިރާއެއް، އަޅުގަނޑުމެންގެ އެޑިޔުކޭޝަންގެ ދާއިރާ. މި ސެކްޓަރގައި، މި ދާއިރާގައި ވަރަށް ބޮޑެތި ގޮންޖެހުންތައް، ޢަރަބިއްޔާގެ މައްސަލަ ހަމަ ކުއްލިއަކަށް އަޅުގަނޑު ހިތަށް އަންނަނީ. މިދާއިރާއަށް ކޮންކަހަލަ ކުރިއެރުންތަކެއް ހޯއްދަވައިދެއްވުނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދަންނަވަންތޯ، ދިވެހިރާއްޖޭގައި އެޑިޔުކޭޝަންގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި އިނގޭތޯ. އެހެން ނަމަވެސް، އޭގައި މިހާރު އެބަހުރި ގޮންޖެހުންތަކެއް. އެކަންކަން އެބަޖެހޭ ރަނގަޅު ކުރަން. އަޅުގަނޑު ހަނދާން އެބަހުރި، ރާއްޖޭގައި ހަމައެކަނި އެދުރުގެ ހުންނަ ޒަމާންވެސް. އޭރަކު ނުހުރޭ، އެ ރަށްރަށުގައި ޕްރައިމަރީ ސްކޫލްތަކެއް އިނގޭތޯ. އެންމެ ފުރަތަމަ ހުރިހާ ރަށްރަށެއްގައި، ޕްރައިމަރީ ސްކޫލްތައް ޤާއިމް ކުރެވުނީވެސް ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުގައި އެމަސައްކަތް ފެށުނީ. ފުރަތަމަ ރާއްޖޭގައި ޕްރައިމަރީ ސްކޫލްތަކަށް މުޤައްރަރެއް ކަނޑައެޅުނީވެސް އޭރުގައި. އެ މުޤައްރަރު ކަނޑައެޅުމުގައި ހަމަ އިނގިރޭސި ބަހުގެ ޓެކްސްޓް ފޮތް ލިޔުމުގައިވެސް އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައީމު. ދެން އަނެއްކާ ޓީޗަރުން ތަމްރީނު ކުރުމުގައިވެސް. އެންމެ ފުރަތަމަ ރާއްޖޭގައި އިނގިރޭސި މީޑިއަމުން ޓީޗަރ ޓްރޭނިންގ ކޯހެއް ހިންގީ އަޅުގަނޑު. އެކޯހުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން، ޑޮކްޓަރ އާމާލާއި، ޑޮކްޓަރ ޢާއިޝަތު ޝިހާމާ މިބޭބޭފުޅުންނަކީ. އަނެއްކާ އަޅުގަނޑުމެންނަށް ތަޢުލީމީ މަރްކަޒުތަކެއް އުފައްދައި، ރާއްޖޭގެ އެކި ދިމަދިމާލުގައި ތަޢުލީމް ކުރިއަރުވާ މަރްކަޒުތަކެއް ބަހައްޓާ، މިކަހަލަ ކިތަންމެ މަސައްކަތްތަކެއް ކުރެވިފައި ހުރީ. އޭގެ ސަބަބުން މިއަދު މިހާ ގިނަ ޢަދަދެއްގެ ކުދިންނަށް ގްރޭޑް 10 އާ ހަމައަށް މި ކިޔެވެނީ. ދުނިޔޭގެ ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުގައި، ޔުނިވަރސަލް އެޑިޔުކޭޝަނެއް ނާދޭ ގްރޭޑް 10އާ ހަމައަށް. މިހާރު ރާއްޖޭގައި ގާތްގަނޑަކަށް 10 އާ ހަމައަށް އައިއްސަ މިއޮތީ، އެހެން ނޫންތޯ. ރާއްޖެއަށް ލިބޭ އާމްދަނީއާއި، ރާއްޖޭގެ އެހެން ކަންކަން ތަރައްޤީވެފައި ހުރިވަރާ، މިކަންކަމާ އަޅާބަލާއިރުގައި، އެޑިޔުކޭޝަން ދާއިރާވެސް ހަމަ ފުރިހަމަ، ވަރަށް ރަނގަޅު ލަނޑުދަނޑިތަކެއްވަނީ ޙާޞިލްކޮށްފައި. އަޅުގަނޑުމެންގެ އަންހެން ކުދިން، އަޅުގަނޑުމެން އެކަހެރިއެއް ނުކުރަން، އަޅުގަނޑުމެންގެ ތަޢުލީމަކުން. އެހެން ނަމަވެސް، އަދިވެސް ދުނިޔޭގެ ފެންވަރުގައި، ގިނަ ޤައުމުތަކުގައި އަންހެން ކުދިންނަކީ އެކަހެރި ކޮށްފައި ތިބޭ ބައެއް ހަމަ. ނަމަވެސް، މިހާރު އެބަހުރި ގޮންޖެހުންތަކެއް. އޭގެތެރޭގައި ގިނަ ޢަދަދެއްގެ ކުދިންތަކެއް ރަނގަޅު ފެންވަރަކަށް ފާސްނުވުން. މިއީ މައްސަލައެއް. އެކަން ރަނގަޅު ކުރުމަށްޓަކައި ތަޢުލީމްގެ މުޤައްރަރުގެ ތެރެއަށް، ތަފާތު އެހެނިހެން ރޮނގުތައް ތަޢާރުފް ކުރުން. މިހާރު އާ މުޤައްރަރެއް މިއޮތީ އެކުލަވައިލެވިފައި. ދެން އެ ތަންފީޛު ކުރުމުގެ މަރްޙަލާގެ ތެރޭގައި މިހާރު އަޅުގަނޑުމެން މިއުޅެނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަން ރަނގަޅަށް ތަންފީޛު ކުރެވެން ފެށީމާ، އަޅުގަނޑުމެންނަށް ތަޢުލީމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރެވޭނެ. ދެން ތަޢުލީމީ ކަންކަމުގައި އެންމެ މުހިންމު ބަޔަކީ މުދައްރިސުން. ޓީޗަރުންގެ ފެންވަރު ރަނގަޅުވުން. އެހެންވީމާ، އަޅުގަނޑު ހީކުރަން، ގިނަ ޢަދަދެއްގެ ދިވެހިން ޓީޗިންގ އެއީ، ޕްރޮފެޝަނެއް ކަމަށް ބަލައިގެން، އެރޮނގުން ކިޔަވާނެ ކަމަށް. ދެން މިހާރު ޔުނިވަރސިޓީވެސް އުފެދުމާއި އަދި އެހެނިހެން ކޮލެޖްތައްވެސް ހުރުމާ އެކީގައި، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސަތޭކައެއްހާ ކުދިން ޑިގްރީ ފެންވަރުގައި، މިއަހަރު އަލަށް ކިޔަވައިދިނުމުގެ ދާއިރާއާ ގުޅިގެންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ވަރަށް ރަނގަޅަށް މުސްތަޤްބަލް ފެންނަނީ ތަޢުލީމީ ދާއިރާގައި.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ، ވަރަށްގިނަ ބަޔަކު ތަޢުލީމް ޙާޞިލްކޮށްގެން ބާޒާރަށް ނުކުންނަމުންދަނީ. ވަޒީފާގެ ފުރްޞަތުތައް ދަނީ ނެތެމުން. ކުރިއަށް އޮތް ތާނގައި، ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުމަކީ އަޅުގަނޑުމެން ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. މިކަންތައް ނުކޮށްފި ކަމުގައިވާނަމަ، އޭގެ އަނެއް އިތުރު މައްސަލަތަކާ އަޅުގަނޑުމެންނާ ކުރިމަތިވާނެ. ކިހާވަރަކަށްތޯ އެކަން ޙާޞިލް ކުރައްވަން މަސައްކަތް ކުރެއްވިފައިވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިހާރު ތިއީ ހަމަ ރަނގަޅު ވާހަކައެއް. ޒުވާނުންގެ ތެރޭގައި، ޚާއްޞަކޮށް، އަންއެމްޕްލޮއިމަންޓް ރޭޓް ވަރަށްމަތި. ދެން މިކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑަށް ހީވަނީ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ވަޒީފާއެއްނެތި ތިބޭ ޢުމުރުން 16، 17 އަހަރުގެ ކުދިން، އެކުދިން އަދިވެސް ކިޔަވަން އެބަޖެހޭ. އެހެންވީމާ، ހަމަ އުޞޫލެއްގެ ގޮތުން، އަޅުގަނޑު މިހާރު ދެތިންފަހަރަކު ދަންނަވާފައި އޮންނާނީ، އަޅުގަނޑުގެ ސިޔާސަތަކީ، ޢުމުރުން 18 އަހަރު ވަންދެން، ކޮންމެ ކުއްޖަކުވެސް ހުންނަންވާނީ، ކޮންމެވެސްކަހަލަ ތަޢުލީމީ ޕްރޮގްރާމެއްގެ ތެރޭގައި. ނޫނީ ތަމްރީން ޕްރޮގްރާމެއްގެ ތެރޭގައި. އެއީ ޙަޤީޤަތުގައި ކުޑަކުއްޖެއްގެ ސިފަ ކެނޑިގެން މިދަނީވެސް ޢުމުރުން ގާތްގަނޑަކަށް 18 އަހަރުން، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން. އެހެންވީމާ، އެހާ ހިސާބުން ދެން ކުދިން މަސައްކަތުގެ ބާޒާރަށް ނުކުންނަންވީ. ދެން މަސައްކަތް އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން ހަމަ އެބަޖެހޭ، އަޅުގަނޑުމެންގެ މިހާރުވެސް އިޤްތިޞާދީ ގޮތުން ހުރި ރޮނގުތައް ފުޅާކޮށް، ޓުއަރިޒަމް ސެކްޓަރުގައިވެސް އިތުރު ރިޒޯޓްތައްވެސް އެބަ ހުޅުވެންޖެހޭ. ހަމައެހެން، މަސްވެރިކަމުގެ އާ ކަންކަން އަޅުގަނޑުމެންނަށް ފެށެން އެބަޖެހޭ. މިހާރު އަޅުގަނޑުމެން މިސާލަކަށް، މަސްވެރިކަމުގެ ރޮނގުންވެސް މިހާރު މިދަނީ ކުރިއަށްވުރެ ރަނގަޅުވަމުން. އަނެއްކާ ތަޢުލީމީ ޒުވާނުންވެސް މަސްވެރިކަމުގެ ތެރެއަށް ވަންނަމުން މިދަނީ. މަސް ޕްރޮސެސް ކުރުމާ، އެހެން ނޫންތޯ. މަސް ހިފުމުގެ ގޮތްތައްވެސް މިހާރު ބަދަލުވަމުން މިދަނީ. އެހެންވީމާ، އެ ދެރޮނގުން އަދި އޭގެއިތުރުން، އަޅުގަނޑުމެންގެ އިޤްތިޞާދު އެބަޖެހޭ ފުޅާކުރަން. އާ ކަންކަން ފަށަން. އެހެންވީމާ، އާ ކަންކަމުގެ ތެރޭގައި، އަޅުގަނޑުމެން އެއްކަމަކަށް އެބަ ވިސްނަންޖެހޭ، ހަމަ ޝިޕިންގ ދާއިރާވެސް. ދިވެހން ކުރިން ކޮށް އުޅުނު ކަމެއް އެމަސައްކަތަކީ. އެހެން ނަމަވެސް، މިހާރު ގާތްގަނޑަކަށް ހިނދިފައި. ދިވެހި ވަރަށްގިނަ ދަތުރުކުރާ މީހުން މިހާރު މިއުޅެނީ ބޭރުގެ ބޯޓްފަހަރުތަކުގައި. އެހެންވީމާ، ރާއްޖޭގައި އަނެއްކާވެސް އެބަޖެހޭ، ޝިޕިންގ ލައިނެއް އުފެއްދުމުގެ މަސައްކަތް ކުރަން. އެކަމާ އަޅުގަނޑުމެން ޚިޔާލުކުރަމުން މިދަނީ. މި ސަރުކާރުން ބޭރުގެ ބަޔަކާ ގުޅިގެން ނަމަވެސް އެކަން އެބަ ކުރަންޖެހޭ. އަދި ޢަމުދުން އަޅުގަނޑުމެންގެ ރާއްޖެއަކީ، މިހެން ވަކިވަކިން އޮންނަ ޖަޒީރާ ތަކަކަަކަށްވުމާ އެކީގައި، ކަނޑުމަގުގެ ގުޅުންތައް ނެތި، އަޅުގަނޑުމެންނަށް ބޭނުންވާ އަސާސީ މުދާތައް ގެނައުމަކީ އެއީ ވަރަށް އުނދަގޫ ކަމަކަށްވާނީ.

ދެން މީގެއިތުރުން އަޅުގަނޑުމެން މިހާރު ބޭރުގެ ފަރާތަކާ ވާހަކަ ދައްކަމުން މިގެންދަނީ، ރާއްޖޭގައި ބަންކަރިންގ ފެސިލިޓީއެއް އުފެއްދުމަށްޓަކައި. އެއީ ބޭރުން މިދަތުރުކުރާ ބޯޓްފަހަރަށް ސަރވިސްކޮށްދިނުމާއި، ތެޔޮއެޅުމާ، މިބާވަތުގެ މަސައްކަތް ކުރުމަށްޓަކައިވެސް ދަނީ މަސައްކަތެއް ކުރެވެމުން. އެހެންވީމާ، އަޅުގަނޑުމެން މިހާރު މިދަނީ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ޚާއްޞަ ދިރާސާއެއް ހަދަމުން. އެ ދިރާސާގެ ފުރަތަމަ ދެލިކޮޕީ މިހާރު ތައްޔާރުވެފައި އޮތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަން ކުރިއަށް ދިޔުމުންވެސް އިތުރު ވަޒީފާތައް އުފެދިގެންދާނެ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު، ޒުވާނުންނަށް ތަޢުލީމީ ފުރްޞަތު އަދި ޒުވާނުންނަށް އެބަ ބޭނުންވޭ އިތުރު ފުރްޞަތުތައް. މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެ، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތްތަކާއި، މުނިފޫހިފިލުވުމަށް ކުރާނެ ކަންތައްތައް އެބަ ބޭނުންވޭ. ކިހިނެއްތޯ؟ މިވާހަކަތަކަކީ ދެން އަބަދު ދެކެވޭ ވާހަކަތަކެއް. މާބޮޑު ނަތީޖާއެއް ފެންނަ ކަމަކަށް ހަމަގައިމުވެސް ނުދެންނެވޭނެ. ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ތިއީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް. ޒުވާނުންގެ މުނިފޫހިފިލުވުމަށްޓަކައި ގިނަ ކަންތައްތަކެއް އެބަޖެހޭ ހަމަޖައްސަން. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރުވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ކުޅިވަރަށް ސަމާލުކަންދީ، ސަރުކާރުން ދެވެންހުރި އެހީތައް ވަމުން މިގެންދަނީ. އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ފުޓްސެލް ދަނޑުތަކެއް އެޅުމަށްޓަކައި މަސައްކަތް ކުރަމުން އެބަ ގެންދަމު. މިހާރު އޭގެ އެއްދަނޑު ހުޅުމާލޭގައި އެޅިއްޖެ. ދާދި އަވަހަށް މާލޭގައިވެސް އިތުރު ދަނޑެއް އެޅޭނެ. ދެން އަދި އަތޮޅުތެރޭގައިވެސް ގާތްގަނޑަކަށް ފަންސާސް އަށްރަށޭ އަޅުގަނޑު ހަނދާންވަނީ، އެކިއެކި ބޯޅަދަނޑުތަކާއި، ކޯޓްތަކާ، މިކަހަލަ ތަންތަން ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ވަނީ އެހީވެދީފައި މިދިޔަ އަހަރުގެ ތެރޭގައި. ދެން ބޭރަށް އެކިއެކި ޓީމްތައް ދިޔުމުގައާއި، މިކަންކަމުގައިވެސް ސަރުކާރުން ވެދެވެން ހުރި އެހީތަކެއް ވަމުން މިގެންދަނީ. ރޭގައި އަޅުގަނޑު ވަރަށް އުފާވި. އަޅުގަނޑު މިއައީ ރޭސިންގ، މޮޓޮ ރޭސިންގ، މިއަހަރުގައި ބޭއްވުނު އިވެންޓެއްގެ ފައިނަލް، އެންމެފަހުގެ ޖަލްސާއަށް އަޅުގަނޑު ދިޔައީމު. އަޅުގަނޑު ވަރަށް ޙައިރާންވި، ހަމަ ރާއްޖޭގައި ވަރަށް ރަނގަޅު ފެންވަރަކަށް ރޭސިންގ މަސައްކަތްކުރާ ޒުވާނުންތަކެއް ތިބީމަ. އަޅުގަނޑު ހަމަ ވަރަށް އުފަލާއެކީގައި އެކަން ހަމަ ކޮންމެވެސް ޙައިރާންކަމެއްގެ ތެރޭގައި އަޅުގަނޑަށް އެކަން ޤަބޫލު ކުރެވިގެން ދިޔައީ. ދެން އަޅުގަނޑު އިރާދަކުރެއްވިއްޔާ، ރޭސިންގއަށް ކުރިއަށް އޮތް ތާނގައި ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް އަޅުގަނޑުމެން ދޭނަން. ދީގެން އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑު އުންމީދު ކުރަނީ، މިއަންނަ ޖޫންހާ ތާނގައި، ބޭރުގެ ފަރާތްތަކުން ބައިވެރިވެވޭނ ރޭސިންގ އިވެންޓެއް ރާއްޖޭގައި ރާވަން. ބޭރުގެ ޤައުމުތަކަށް ބައިވެރިވެވޭގޮތަށް. ދެން ހަމަ އެހެން، އަޅުގަނޑުމެން އުންމީދު ކުރަނީ، ހުޅުމާލޭގެ ދެވަނަ ފޭސް މިހާރު އަޅުގަނޑުމެން ފަށަން މިއުޅެނީ. އިރާދަކުރެއްވިއްޔާ، އެތަން ހިއްކުމުގެ މަސައްކަތް. ދެން އެތަން ލޭންޑްޔޫސްޑް ޕްލޭނެއް އެބައޮތް. އެހެން ނަމަވެސް، އެވެސް ރިވައިޒްކޮށް، އެތާނގައިވެސް ރޭސިންގ ޓްރެކެއް އެޅުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ރޭގައި ވާނީ ބުނެފައި.

ދެން ކުދިންގެ، ޒުވާނުންގެ މުނިފޫހިފިލުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެއްކަމެއް، ސިނަމާފަދަ ތަންތަން ހުރުން. އެނގިވަޑައިގަންނަވާނޭ ފަދައިން، އޮލިމްޕަސް އެއީ ވަރަށް ދުވަސްވީ ތަނެއް، އެހެން ނޫންތޯ. އަޅުގަނޑުމެން އެންމެ ކުޑައިރުގައިވެސް ދާ ތަނެއް އޮލިމްޕަހަކީ. މިހާރު 50 އަހަރުވެފައި ހުރި ތަނެއް ތަނަކީ. ޙަޤީޤަތުގައި އެއީ ހަމަ މިހާރު މޮނިއުމަންޓެއް. އާޘާރީ ތަނެއް. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވައިގެންދާނެ ހަމަ މުޅިން އާ އޮލިމްޕަހެއް. އެހެންވީމާ، އޭރުން ރާއްޖޭގައި ވަރަށް އަރާމުގައި، ވަރަށް ރީތިކޮށް ފިލްމު ބަލައިލުމުގެ ފުރްޞަތު ލިބިގެންދާނެ. އަދި ހަމަ އެހެން، އޮކެސްޓްރާފަދަ އެކިއެކި ކަންކަންވެސް، ހަމަ ބޭއްވޭވަރުގެ ސިނަމާއެއް ރާއްޖެއިން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ދެން އަޅުގަނޑު ވަރަށް ބޮޑަށް އެކަމާ އެގްޒައިޓްވެގެން މިއުޅެނީ. އަޅުގަނޑަށް ހީވަނީ މިއީ ވަރަށްބޮޑު ކަމަކަށްވާނެހެން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ މަނިކުފާނު ފިލްމް ބައްލަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑަށް ވަގުތެއް ވެއްޖިއްޔާ ފިލްމެއް ބަލައިލަން.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ހޮލީވުޑްތޯ؟ ބޮލީވުޑްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން ބޮޑަށް ހޮލީވުޑް އަޅުގަނޑަށް ބެލެނީ. ދެން އަޅުގަނޑަށް އެންމެފަހުން ފެނުނު، އެންމެ ދެން އަޅުގަނޑަށް އެންމެ ރަނގަޅު ފިލްމަކަށްވީ "އެވަޓާ" އިނގޭތޯ. އޭގައި ހުރި ސްޕެޝަލް އިފެކްޓްސްއާއި، އޭގެ ކޮންސެޕްޓާ އިނގޭތޯ. އޭގައި ހުރި އެންވަޔަރަންމަންޓަލް ކަންތައްތަކާ. މިހުރިހާ ކަމެއްވެސް. އަޅުގަނޑު ދެފަހަރަކު ބަލައިލައިފިން އެފިލްމް. ފުރަތަމަ ފަހަރު އަޅުގަނޑު އޭތި ދުށީވެސް ތްރީ ޑީއިން. އަނެއްކާ ބޮޑު ސްކްރީނެއްގައި 70 މިލިމީޓަރ ސްކްރީނެއްގައި. އެހެންވީމާ، އަޅުގަނޑަށް ވަރަށް އިމްޕްރެސްވި އެ ފިލްމް. ދެން އަނެއްހެން ޢާންމު ގޮތެއްގައި ބަލާނެ ވަގުތެއްނުވޭ. އަޅުގަނޑުވެސް ބަލާހިތްވޭ ވަރަށް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކޮބައިތޯ ހޮލީވުޑްގެ އެންމެ ފޭވަރިޓް އެކްޓަރަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ހޮލީވުޑްގެތޯ؟ ދެން ކީކޭ ދަންނަވާނީ. އާދެ! ދެން އަޅުގަނޑުމެން އަނެއްހެން، ކުރިން ފިލްމް ބަލާ އުޅުނުއިރުގައި ތިއްބަވާނީ ތަންކޮޅެއް މުސްކުޅި ބޭފުޅުން. އަލްޕަޗީނޯ އެހެން ނޫންތޯ. ހަމަ އެހެން، ކީކޭ ދަންނަވާނީ. ޗާލްޓަން ހެސްޓަން. މިކަހަލަ މީސްމީހުން. ދެން މިހާރު ބްރެޑްޕިޓް މެންފަދަ މީސްމީހުންވެސް ހަމަ އެހެން ނޫންތޯ، ވަރަށް ރަނގަޅު ކަމަށް އަޅުގަނޑަށް ފެންނަނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ، މި ހުޅުމާލޭގެ ވާހަކަ ވިދާޅުވުމާ ގުޅިގެން، ހަމަ ހިތުގައި އުފެދޭ ސުވާލެއް. ހުޅުމާލެއާއި ބޯހިޔާވަހިކަމާ ވަރަށް ބޮޑަށް ގުޅިފައި މިވަނީ. ބޯހިޔާވަހިކަމަކީ ހަމަ ރާއްޖޭގެ ރައްޔިތުންނަށް ވަރަށްބޮޑު، ބޮޑު މައްސަލައެއް ޒަމާނުއްސުރެ. ރާއްޖެތެރެއިންވިޔަސް އަދި މާލޭގައިވިޔަސް. ކިހިނެއްތޯ، މިކަމަށް ކޮންކަހަލަ މަސައްކަތެއްތޯ، މިވީ އަހަރު ދުވަސްތެރޭގައި ކުރެއްވިފައިވަނީީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ވަރަށް މުހިންމު ސުވާލެއް ތިއީ އިނގޭތޯ. އެއީ މިހާރު ކުރިން ސަރުކާރުން ފަށްޓަވާފައި ހުރި މަޝްރޫޢުތަކެއް އެބަހުރި. އަޅުގަނޑުމެން އެއަށް އެއްވެސް ހުރަހެއް ނާޅައި، އެކަން ހަމަ ވަރަށް ބާރު ސްޕީޑްގައި ގެންގޮސް މި ނިންމީ މިހާރު އެ މަޝްރޫޢުތައް. އޭގެތެރެއިން އެއް މަޝްރޫޢަކީ، އެއްހާސް ފްލެޓްގެ ހުޅުމާލޭގެ މަޝްރޫޢު. އެ މިހާރު ނިމުނީ އެ. އެކަމަކު އެހެން ނަމަވެސް، ކުރިއަކުން ވިސްނާފައެއްނެތް، އެތާނގެ މަގުހެދުމެއް، އެތަނަށް ފާޚާނާލުމެއް، ފެން، ބޯފެންލުމެއް، ކަރަންޓްލުމެއް، މިކަހަލަ ކަމެއް މަޝްރޫޢުގެ ތެރޭގައި ހިމަނާފައެއް ނެތް. އެހެންވީމާ، އެކަން އަލުން ފަހުން ހިމަނައިގެން، މިހާރު އެބަ އެ ފުރިހަމަކުރެވެނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަހެއް، ދެމަހެއްހާ ދުވަހުގެ ތެރޭގައި، އެ ފްލެޓްތައް ޙަވާލުކުރެވޭނެ. ދެން ހަމަ އެހެން، އިތުރު އެއްހާސް ފައްސަތޭކަ ހައުސިންގ ޔުނިޓްގެ މަޝްރޫޢެއްގެ ފައިސާ މިހާރު އަޅުގަނޑުމެން ވާނީ ހޯދާފައި. ދެން އެއާ ބެހޭ އެގްރީމަންޓްގައިވެސް މިހާރުވަނީ ސޮއިކުރެވިފައި. އެހެންވީމާ، އެބައިވެސް ކުރިއަށްދާނެ. ދެން މީގެއިތުރުން، އަޅުގަނޑުމެން މިދިޔަ އަހަރުގެ ތެރޭގައި، ތުރުކީގެ ކުންފުންޏަކާ އެކީގައި އެގްރީމަންޓެއްގައި ސޮއިކޮށްފައިވާނެ، ހުޅުމާލޭގައި އެގާރަސަތޭކަ ހައުސިންގ ޔުނިޓް އަޅަން. މިހެންގޮސް ތަފާތު މަޝްރޫޢުތައް އެބަ ހިނގާ. ގިނަ ޢަދަދެއްގެ ފްލެޓްތައް އެޅިގެންދާނެ، އެކި ފެންވަރުގެ ފްލެޓްތައް. ބައެއް ފްލެޓްތައް ތަންކޮޅެއް އަގުބޮޑުކޮށް. އެހެން ނަމަވެސް، ގިނަ ފްލެޓްތައް ހަމަ ފުދޭވަރެއްގެ ރަނގަޅު ހެޔޮ އަގެއްގައި ލިބޭގޮތަށް. ދެން އަތޮޅުތެރޭގައި އަޅުގަނޑުމެން މިވަނީ އެޅުނު ފްލެޓްތަކުގެ އަގުވެސް މިހާރު ބަދަލުކޮށްފައި. ހަތަރުހާހަށް ހުރި ޔުނިޓްތައް މިހާރު ތިންހާހަށް ބަދަލުކޮށް، ތިންހާހަށް ހުރި ޔުނިޓްތައް ދެހާސް ފައްސަތޭކައަށް ބަދަލު މިކުރީ، އަތޮޅުތެރޭގެ ބައެއް ރައްޔިތުންނަށް، އެންމެ ބޮޑަށް އެތަންތަން ބޭނުންވާ ރައްޔިތުންނަށް، އެ ޢަދަދުތަކަށް ފައިސާ ދައްކަން ދަތިވާތީ.

ދެން މިހާރު އަދި ޚާއްޞަކޮށް، ފާހަގަކުރަންޖެހޭ ކަމެއް. މިހާރު ސުނާމީއަށް 8 އަހަރު ވެގެންދިޔައިރުގައި އަދިވެސް ގެދޮރު ނުލިބި ތިބި މީހުންތަކެއް އެބަތިބި. އެހެންވީމާ، މިގޮތުން، ސުނާމީގައި ގެދޮރު ނުލިބި ތިބި މީހުންނަށްވެސް ކޮޅުފުށީގަޔާ، މިކަހަލަ ބައެއް ތަންތާނގައި އަޅުގަނޑުމެން ގެދޮރު މިއަހަރު އަޅައި، މި ގެދޮރުތައް ޙަވާލުކުރަމުން މިގެންދަނީ. އެހެންވީމާ، އެއީވެސް ވަރަށްބޮޑު މަސައްކަތެއް. ދެން އެނގިވަޑައިނުގަންނަވާނެކަންނޭނގެ، އެހާ ގިނަ ޢަދަދެއްގެ ބަޔަކަށް އަދިވެސް ގެދޮރު ނުލިބި ތިބި ކަމެއް.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ދެން ކިހިނެއްތޯ، ޑޮލަރުގެ ކަންތަކަށް ކޮންއިރަކުންތޯ ޙައްލެއް އަންނާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ޑޮލަރު މިހާރު ތަންކޮޅެއް ރަނގަޅު.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ތަންކޮޅެއް ރަނގަޅު. ޑެބިޓް ކާޑުގެ ކަންތައް ދެން ވަރަށް އުފާވެރި ޚަބަރެއްކަންނޭނގެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެއީ އިނގޭތޯ، މިދިޔަ ފަހަރު އަޅުގަނޑު ސިލޯނަށް ދިޔައިރުގައި، ސިލޯނުގައި އަޅުގަނޑު ބައްދަލުކުރި ބޭފުޅުންވެސް އަދި މެލޭޝިޔާއިން ބައްދަލުކުރި ބޭފުޅުންވެސް ވިދާޅުވި. މި ކާޑަށް ފައިސާ ނުނެގޭ ވާހަކަ. ދެން މިހާރު އިރާދަކުރެއްވިއްޔާ، ބޭންކް އޮފް މޯލްޑިވްސްގެ ކާޑަށް ފައިސާ ނެގޭނެ. ޑޮލަރުވެސް ނެގޭނެ ރާއްޖެއިން ބޭރުގައި.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ރިނިއުވެސް ކުރާގޮތަށް ދޮއެއްތޯ. ކޮށްދޭގޮތަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ރިނިއުވެސް ކޮށްދޭގޮތަށް. ދޭތެރެއަކުން ހުއްޓާލާފައިވެސް އޮތް. މިހާރު އެކަން އެގޮތަށް އެހެންވީމާ އެގޮތަށް ރަނގަޅުވީ. ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން، ދިވެހި ފައިސާގެ އަގު ދަށްކުރެއްވި. ޑީ ވެލިޔު ކުރެއްވި ކުރިން. ކުރެއްވި ކުރެއްވުމާ ގުޅިގެން ޑޮލަރުގެ އަގު، އާދެ! ކުރިއަށްވުރެވެސް މައްޗަށް ތަންކޮޅެއް ޖެހިފައި މިހިރީ. އެހެން ނަމަވެސް، އެވަރެއްގައި އަޅުގަނޑުމެންނަށް ހިފަހައްޓާލެވިއްޖެ، މިދިޔަ އަހަރުގެ ތެރޭގައި. އެހެންވީމާ، އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ޕޮޒިޓިވް ކަމެއް. ދެން މިހާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް އައުމާ ގުޅިގެން، އިތުރު ލުއިކަމެއް ޑޮލަރަށް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމުން މިގެންދަނީ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ، މަނިކުފާނާ ބައްދަލުވާއިރު ހަމަގައިމުވެސް ރާއްޖޭގެ ތިމާވެށީގެ ވާހަކަ ދައްކާލަން އެބަޖެހޭ. ރައީސް މައުމޫންގެ ސަރުކާރުން ތިމާވެށްޓަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވި. ރައީސް ނަޝީދުވެސް ތަފާތު ކަންތައްތައް ކުރެއްވި. މަނިކުފާނު ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދަންނަވަންތޯ. ކޮންމެ ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ކަމުގައިވީ ނަމަވެސް، ދިވެހި ސަރުކާރަށް އަބަދުވެސް ލާޒިމްވާނެ، ތިމާވެށީގެ ކަންކަން ރަނގަޅަށް ބަލަހައްޓަން. އަދި ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭން. އެގޮތުން މިހާރު ކުރިން އަޅުގަނޑު ސަރުކާރުގައި ނައިބު ރައީސަކަށް ހުރިއިރުގައިވެސް، ތިމާވެށީގެ ބައި ބަލަހައްޓަމުން އަޅުގަނޑު ގެންދިޔައީ. ޚާއްޞަކޮށް، ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑަކާއި، އެޑްވައިޒަރީ ކައުންސިލަކާ، މިތަންތާނގެ މަސައްކަތް. އޭރުގައި ފެށިފައި ހުރި މަސައްކަތެއް، ރިނިއުބަލް އެނަރޖީ، އިޢާދަކުރަނިވި ހަކަތަ ރާއްޖޭގައި ޢާންމު ކުރުމަށްޓަކައި ބޮޑު މަޝްރޫޢެއް ރޭވި. ދެން އެ މަޝްރޫޢަށް މިހާރު ފައިސާ ލިބޭގޮތް ހަމަޖެހުމާ ގުޅިގެން، އެއީ 130 މިލިއަން ޑޮލަރުގެ މަޝްރޫޢެއް. އެކަން މިހާރު ފެށޭގޮތްވެފައި އޮތީ. އެއަށް ބޭނުންވާ ފުރަތަމަ ފައިސާ މިހާރު އެޕްރޫވްވެސް ވެފައި ހުރީ. އެހެންވީމާ، ވިއްސަކަށް ރަށުގައި ހައިބްްރިޑް ސިސްޓަމްސްތައް އަޅުގަނޑުމެން ތަޢާރުފް ކުރާނަން. އޭގެ ސަބަބުން އެ ތަޢާރުފްކުރާ ރަށްރަށުގައި، ކަރަންޓްގެ އަގު، މިހާރަށްވުރެ ކުޑަވެގެންދާނެ. ތެލަށް އަޅުގަނޑުމެންނަށް ބަރޯސާކޮށްގެންނެއް ނުތިބެވޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ މިހާރުގެ ތިމާވެށީގެ ސިޔާސަތުގެ ތެރޭގައި، އެންމެބޮޑު އަހަންމިއްޔަތު ކަމެއްދޭ އެއްކަމަކީ، ތެލުގެ ޚަރަދު، ތެލުގެ ބޭނުން ކުޑަކުރުން. އިޢާދަކުރަނިވި ހަކަތައަށް ސަމާލުކަން ދިނުން. އެއީ އިޤްތިޞާދީ ގޮތުންވެސް އަޅުގަނޑުމެންނަށް މިހާރު ލާޒިމްވެފައި އޮތް ކަމެއް. އެހެންވީމާ، މިހާރު އަޅުގަނޑު ވަރަށް އުފާކުރަން. ހަމަ އިހަކަށްދުވަހަކު ވަރަށްބޮޑު ޚާރިޖީ ގޮތުން ވަރަށްބޮޑު ކާމިޔާބެއް އަނެއްކާ ލިބިއްޖެ. ކުރިން އޮތީ އަޅުގަނޑުމެންނަށް ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްކަން ލިބިފައި، މިދިޔަ އަހަރުގެ ތެރޭގައި. ހަމަ އަނެއްކާވެސް މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މިހާރު ދާދި އިހަކަށް ދުވަހަކު މި ލިބުނީ އަޅުގަނޑުމެންނަށް އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީގެ ނައިބު ރައީސްކަން. މިއީ ވަރަށް ބޮޑެތި ޤައުމުތަކާ އެކީގައި އަޅުގަނޑުމެން ވާދަކޮށްގެން މި މަޤާމުތައް އަޅުގަނޑުމެން މި ހޯދަނީ. އެހެންވީމާ، ރާއްޖޭގައި ތިމާވެށީގެ ގޮތުން، އަޅުގަނޑުމެންކުރާ މަސައްކަތް، އެހެން މީހުން ދެނެގަންނާތީ، އެކަން ޤަބޫލުކުރާތީ، އަޅުގަނޑުމެންނަށް އެ މަޤާމުތައް އެ ލިބެނީ. އަޅުގަނޑު އުންމީދުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް ދިމާވާ ތިމާވެށީގެ ބޮޑެތި މައްސަލަތައް އަޅުގަނޑުމެންނަށް ޙައްލު ކުރެވޭނެ. އެކަން ކުރުމަށްޓަކައި ބޭރުން ބޭނުންވާ އެހީތެރިކަންވެސް އަޅުގަނޑުމެންނަށް ލިބޭނެ.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ކިހިނެއްތޯ، ސިޔާސީ ބޭފުޅުންނަކީ ޢާންމުކޮށް ވަރަށް ބަސްގިނަ، ނަތީޖާ ޢަމަލުން ވަރަށްމަދު ކަމަށް ގިނަފަހަރު އަޅުގަނޑުމެންނަށް ބެލެވެނީ. ކިހިނެއްތޯ، މަނިކުފާނަކީ ކޮންކަހަލަ ބޭފުޅެއްތޯ؟ ބަސްގިނަ، ޢަމަލު މަދު ނުވަތަ ބަސްމަދު، ޢަމަލުގިނަ، ކޮންކަހަލަ؟ ނޫނީ ބަސްވެސް ގިނަ، ޢަމަލުވެސް ގިނަ. ކޮންކަހަލަ ބޭފުޅެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑުމެން މިހާރު ވަރަށް ބޮޑަށް ޕްރޫފްކޮށްދީފިން ދޮއެއްތޯ، މިދިޔަ އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަކީ ނަތީޖާ ދައްކާ ބައެއްގެ ގޮތުގައި. އަޅުގަނޑުމެން މާގިނަ ވަޢުދުތަކެއް ނުވަން. އެހެން ނަމަވެސް، އަޅުގަނޑުމެން ބުނި ކަމެއްވިއްޔާ، އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އަޅުގަނޑުމެން ނުބުނާ ކަންތައްވެސް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަކީ ކަންކުރާ ސަރުކާރެކޭ. އެގޮތަށް ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭ ދެކެވަޑައިގަންނަވަން ފަށްޓަވައިފި.

ޕްރެޒެންޓަރ މަސްޢޫދު ޢަލީ:

ވަރަށް ބޮޑަށް ޝުކުރިއްޔާ ވަޑައިގެން ދެއްވީތީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ތެންކްޔޫ.