ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން މިވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ޙާޞިލް ކުރައްވާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބައްލަވާލައްވައި، ތައްޔާރު ކުރައްވާފައިވާ ލީފްލެޓެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވައިފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، އޭރުގެ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނު އެކުލަވައިލެއްވި ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ މުހިންމު މަސައްކަތްތަކާއި އަދި ޙާޞިލް ކުރެވިފައިވާ ބައެއް ކާމިޔާބީތައް، މި ލީފްލެޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ގޮތުން، ޑިމޮކްރަސީއާއި ހެޔޮވެރިކަމާއި، ޤާނޫނީ އަމުރު ނެގެހެއްޓުމާއި، އަމާން ވެށްޓެއް ޤާއިމް ކުރުމާއި، އިޤްތިޞާދީ ތަރައްޤީއާއި، ވަޒީފާގެ ފުރްޞަތުތަކާއި، ތަޢުލީމާއި އަދި ޞިއްޙަތުގެ ދާއިރާއިން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކާއި، ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް، މި ލީފްލެޓްގައި ބައްލަވައިލައްވާފައިވެއެވެ. އަދި ބޯހިޔާވަހިކަމާއި، ޢުމްރާނީ ފަސޭހަތަކާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތާއި، ދަތުރުފަތުރުގެ ދާއިރާއިން ކުރައްވާފައިވާ މުހިންމު މަސައްކަތްތައްވެސް ފާހަގަކުރައްވާފައިވެއެވެ.

މި ލީފްލެޓްގައި، މިވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، މާތްވެގެންވާ އިސްލާމްދީނާއި، ކުދި ޤައުމުތަކުގެ ދިފާޢުގައި ފާޅުކަންބޮޑު ގޮތެއްގައި ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއިން ވަކާލާތުކޮށްފައިވާ ކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި ސިޔާސީ މަޤާމުތައް މަދުކުރައްވައި، މަހަކު ދެމިލިއަނަށްވުރެ ގިނަ ރުފިޔާ، ދައުލަތުގެ މާލިއްޔަތުން ސަލާމަތް ކުރައްވައި، ސިވިލް ސަރވިސްގެ ދައުރު ފުޅާކުރައްވައި، ސިވިލް ސަރވިސްގެ އޮނިގަނޑުގެ ތެރެއިން ސަރުކާރު ހިންގުން ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރު ބަދަލުވުމާ ގުޅިގެން އުފެއްދި ސިޔާސީ ހަލަބޮލިކަން މައިތިރި ކުރައްވައި، ޤައުމުގައި އަމަންއަމާންކަން ޤާއިމް ކުރައްވައި، ދެވަނަ ފުރްޞަތުގެ ދަށުން މިނިވަންކުރި 437 ގައިދީންގެ ތެރެއިން ކުށުގެ މާޙައުލުން ހައްޔަރު ކުރެވުނު 215 ގައިދީން އަނބުރާ ޖަލަށް ގެންދެވުނުކަމާއި، މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އެއްވެސް ގައިދީއަކު ދޫކުރައްވާފައިނުވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.

އިޤްތިޞާދީ ދާއިރާގެ ކާމިޔާބީތަކުގެ ތެރޭގައި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އަނބުރާ ހޯއްދަވައިދެއްވުމާއި، އިޢާދަކުރަނިވި ހަކަތަ ޤާއިމް ކުރުމަށް، ބޭރުގެ އެހީދޭ ފަރާތްތަކުން 131 މިލިއަން ޑޮލަރު ލިބޭނެ މަގު ފަހިކުރެއްވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށް 40 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެއްވުން ހިމެނެއެވެ.