މިސުރުގެ ޤާހިރާގައި މިހާރު ހިނގަމުންދާ "12 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސް"ގައި ބައިވެރިވެވަޑައިގަތުމަށް މިސުރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ފަލަސްޠީނަށް އ.ދ.ގެ ނޮން-މެންބަރ އޮބްޒަރވަރ ދައުލަތެއްގެ ދަރަޖަ ލިބިފައިވާތީ، އެކަމަށްޓަކައި ފަލަސްޠީނުގެ ރައީސަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ފުރިހަމަ މިނިވަން ދައުލަތެއްގެ ޤާއިމުކުރުމަށް ފަލަސްޠީނުން ކުރާ މަސައްކަތްތަކަށް، ދިވެހިރާއްޖޭގެ ތާއީދު އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ފަލަސްޠީނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންނާމެދު ދިވެހިރާއްޖެއިން ބަހައްޓާ އުޚުއްވަތްތެރި ގުޅުން ފާހަގަކުރައްވައި އެކަމަށްޓަކައި ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.