ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ތުރުކީވިލާތުގެ ރައީސް ޢަބްދުﷲ ޤުލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭގޮތުން، ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމާއި އަދި ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުން، ތުރުކީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.

ތުރުކީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، މި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. މިގޮތުން، ވިޔަފާރީގެ ދާއިރާގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވައި، ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ތުރުކީން އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.