ސްރީލަންކާއަކީ ވަރަށް ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި ރާއްޖެއިން އަބަދުވެސް ދެކެމުންދާ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއަށް ސްރީލަންކާއިން ވެދީފައިވާ އެހީތަކަކީ، ގުނާ ޢަދަދު ނުކުރެވޭވަރުގެ އެހީތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިއްޔެއަކީ، ސްރީލަންކާގެ މިނިވަން ދުވަސްކަމަށްވުމާއެކު، ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނުން އިންތިޒާމް ކުރައްވައިގެން، މިނިވަން ދުވަހުގެ މުނާސަބަތުގައި، ރޭ މޫކައި ހޮޓަލުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސްރީލަންކާގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަމުން، ސްރީލަންކާއަކީ ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ޤައުމެއްކަމާއި، އަދި ވަރަށް ގިނަ ދިވެހިން ސްރީލަންކާގައި އެކިއެކި ބޭނުންތަކުގައި ދިރިއުޅެމުން ގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަށް ސްރީލަންކާ ރައްޔިތުންނާއި ސަރުކާރުން ދެއްވާ މެހްމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަހަރުގެ ތެރޭގައި ދިވެހިންނަށް ސްރީލަންކާގައި ބޭސްފަރުވާގެ ޚިދުމަތް މިހާރަށްވުރެ ފަސޭހައިން ލިބޭނޭ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާއާއި ރާއްޖެއާ ދެމެދު ޤާއިމުވެފައިވާ ގުޅުން ކުރިއަށް އޮތް ތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެ، ސްރީލަންކާ ސަރުކރުން ރާއްޖެއަށް ވެދެއްވާފައިވާ ގިނަގުނަ އެހީތަކަށްޓަކައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ސްރީލަންކާގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާވަނީ ތަހުނިޔާ ވިދާޅުވެ، މެސެޖުވެސް ފޮނުއްވާފައެވެ.