بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ކުޅުދުއްފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން، ހދ. އަތޮޅު އަތޮޅު ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، އަދި ކުޅުދުއްފުށީ ކައުންސިލްގެ ބޭފުޅުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ކުޅުދުއްފުށްޓަށް އައުމަކީ އަޅުގަނޑުމެން އެންމެންގެ ހިތަށްވެސް ވަރަށްބޮޑު ފިނިކަމެއް ލިބިގެންދާނެ ކަމެއް. ކުޅުދުއްފުށްޓަކީ އާދަޔާ ޚިލާފަށް ރީތި، ދިރުންހުރި، ހިތްހެޔޮ ރައްޔިތަކު އުޅޭ ރަށަކަށްވާތީ. އެހެންވީމާ، އަޅުގަނޑު މިފަހަރު އަނެއްކާވެސް ކުޅުދުއްފުށްޓަށް އާދެވުނީތީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑު އެކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި މިއަދު އަޅުގަނޑުމެން މިރަށަށް އައުމުން، ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވުމަށްޓަކައި ވަޑައިގެން، ތުއްޕުޅު ބޭފުޅުންނާއެކީގައި އަޅުގަނޑުމެންނާ ބައްދަލުކުރައްވައި، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވީތީ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުންނަށްވެސް.

އާދެ! މިދަތުރަކީ މިއީ ހަމައެކަނި ހދ. އަތޮޅަށް، ޚާއްޞަކޮށް، ހަނިމާދުއަށާއި ކުޅުދުއްފުށްޓަށް އަޅުގަނޑު ކުރާ ދަތުރެއް. މިދަތުރުގައި އައި އެންމެބޮޑު އެއް މަޤްޞަދަކީ، ހަނިމާދޫ އެއަރޕޯޓް، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަށްޓަކައި، މާދަމާ އޮންނަ ރަސްމިއްޔާތުގައި ބައިވެރިވުން. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. ވަރަށްބޮޑު ނަޞީބެއް. މިއަތޮޅުގައި، ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް މާދަމާ ﷲ އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ. އޭގެ ސަބަބުން ތިޔަ އެންމެހާ ބޭފުޅުންނަށް މާލެ ވަޑައިނުގެން، ސީދާ ހަނިމާދޫން އިންޑިޔާއަށާއި ސިލޯނަށާއި ތަންތަނަށް ދަތުރުކުރެއްވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އަދި އެކަމަށްޓަކައި މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، މާލެ ވަޑައިނުގެން، ސީދާ މިކޮޅުން ވިސާވެސް ހޯއްދަވަންޖެހޭ ބޭފުޅުންނަށް ވިސާވެސް ލިބިވަޑައިގަންނަވާނެގޮތް މިހާރުދަނީ އިންތިޒާމް ކުރެވެން. އެހެންވީމާ، މިއީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަސޭހައަކަށް ވެގެންދާނީ.

އާދެ! ދެން މިދަތުރާ ގުޅިގެން މިރަށަށް އަޅުގަނޑު މިއައީ. އަޅުގަނޑު، ތިޔަބޭފުޅުންނަށް ކޮށްފައިވާ ވަޢުދެއް އެބައޮތް. އެހެން ނަމަވެސް، ކަންދިމާވި ގޮތުން ތަންކޮޅެއް ލަސްވެގެން ހިނގައްޖެ. އަޅުގަނޑު އެންމެފަހުން މިރަށަށް އައި ދަތުރުގައި އަޅުގަނޑު ދެންނެވިން، މިރަށުގެ މަގު އަޅުގަނޑުމެން ހަދާނަމޭ. އެހެންވީމާ، އަޅުގަނޑު މިއަދު މިއައީ، އެމަސައްކަތް ފަށަން. ގާ އެޅުމުގެ މަސައްކަތް ފަށަން. ގާ ގަންނަން ވަރަށްގިނަ ދުވަސްތަކެއް ހިނގައްޖެ. ދެން އަނެއްކާ ގާ ގެނެސް މިތާ ހުންނަތާވެސް ތަންކޮޅެއް ދުވަސްކޮޅެއްވެއްޖެ. އެހެންވީމާ، ދެން މިހާރު އަޅުގަނޑު މިއަދު މިއައީ މިރަށުގައި މަގުހަދަން ފަށަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެން ލަސްނުވެ މި މަގު ހަދާ ނިމޭނެ. ދެން އަނެއްކާ އަމީނީމަގަކީ ގާތްގަނޑަކަށް ދެކިލޯ މީޓަރުގެ މަގެއް. ހަދަން ޤަޞްދުކޮށްފައި އޮތީ އެކެއް ޕޮއިންޓް އަށެއް ކިލޯ މީޓަރު. އެހެންވީމާ، އިތުރަށް ހަދަންޖެހޭ ބައިވެސް މިހާރު ހަދާގޮތަށް މިއޮތީ. އެހެންވީމާ، މުޅި މަގު އިރާދަކުރެއްވިއްޔާ އެއްކޮޅުން އަނެއްކޮޅަށް ހަދާ ނިމޭނެ. ދެން މީގެއިތުރުން، މިހާރު މިއަދު އަޅުގަނޑުމެން އެގްރީމަންޓެއްގައި މި ސޮއިކުރީ، އަދި ފަސް ކިލޯ މީޓަރަށްވުރެ ދިގު މަގު މިރަށުގައި ތާރުއަޅައިގެން މިއަހަރު ހަދަން. އެހެންވީމާ، މިހާރު ޗާޓުގައި ފާހަގަކުރެވިފައި ފެނިވަޑައިގަންނަވަން އެހެރަ މަގުތަކަކީ އެއީ، މިރަށުގެ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހުގައި، ތިޔަބޭފުޅުންނަށް ފެނިވަޑައިގެންނެވި މަގުތައް. އެހެންވީމާ، އެ މަގުތައް އިރާދަކުރެއްވިއްޔާ މިއަހަރު ތާރުއެޅިގެން ހެދިގެންދާނެ. އަދި ހަމައެހެން ފުދޭވަރެއްގެ ބޮޑު މަސައްކަތްތަކެއް މިރަށުގައި މިއަހަރު ހިނގަން ފަށާނެ.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ މުހިންމު ވާހަކައެއް އެބައޮތް. އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ، އެނގިވަޑައިގަންނަވާނޭ ފަދައިން ދަންނަ ބައެއް ކުޅުދުއްފުށީ މީހުންނަކީ. އަޅުގަނޑު އުޅެ ބޮޑުވީ ކުޅުދުއްފުށީ މީހުންނާއެކީގައި. އަޅުގަނޑަށް އެނގޭ، ކުޅުދުއްފުށީ މީހުންގެ ހިތްވަރާއި، އެމީހުން ކުރާ މަސައްކަތާއި، އެމީހުންގެ ހުރި ސާބިތުކަމާއި، މި ހުރިހާ ކަމެއް އަޅުގަނޑަށް ހަމަ ރަނގަޅަށް އެނގޭ. އެހެންވީމާ، އަޅުގަނޑަށް އެއްގޮތަކަށްވެސް ޝައްކެއް ނުކުރެވޭ، ކުޅުދުއްފުށީ ބަޔަކު ކުރަން ޤަޞްދުކުރި ކަމެއް، ނުކުރެވިއެއް ނޯންނާނެ. އެއީ، އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް އެނގޭ ކަމެއް. އެހެންވީމާ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މިރަށުގައި ކުރަންހުރި ހުރިހާ ކަމެއް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، މިހާރު އަޅުގަނޑުމެން ވެއްޖެއޭ، އަޅުގަނޑުމެންގެ ރައްޔިތުންނަށްޓަކައި، މިރަށުގެ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެން ވެއްޖެއޭ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ތަފާތުތައް ހަނދާން ނައްތާލަން. އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރަން. މިރަށުގެ ކައުންސިލްވެސް، މިއަތޮޅުގެ ކައުންސިލްވެސް، މިރަށުގެ ރައްޔިތުންވެސް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ އެކީގައި، ޚާއްޞަކޮށް، އަޅުގަނޑު މިދަންނަވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ. ދެންމެ މިތާނގައި އެ މިނިސްޓްރީގެ މިނިސްޓަރު ވާހަކަފުޅު ދައްކަވާފައި އެ ވަޑައިގަތީ. ޚާއްޞަކޮށް، އެ މިނިސްޓްރީއާ ގުޅިވަޑައިގަންނަވައިގެން ތިޔަބޭފުޅުން މަސައްކަތް ކުރައްވައިފީވިއްޔާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްއަރުވަން، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ބޭނުންފުޅުވާ ހުރިހާ ޢުމްރާނީ މަޝްރޫޢުތަކެއް ހަމަޖެހިގެން، އެކަންކަން ކުރެވިގެންދާނެ ވަރަށް އަވަސް ފުރްޞަތެއްގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑު ވަރަށް އާދޭހާ އެކުގައި އެދެން، ތިޔަބޭފުޅުންގެ އަރިހުން، މިދެންނެވިކަހަލަ ތަފާތުތައް ހަނދާން ނައްތާލައްވައި ހިންގަވާށޭ އެކީގައި މަސައްކަތް ކުރައްވަން. އަޅުގަނޑު، އިރާދަކުރެއްވިއްޔާ މިކަމަށް އަޅުގަނޑު ޙައްލެއް ހޯދާނަން.

މިހާރު މިރަށުގައި އެބަހުރޭ މަގުހަދާ އޮފީހެއް. މި މަގުހަދާ އޮފީހުގައި އެބަހުރި ބައިވަރު މަގުހަދާ ރޯލަރާއި، ޑަމްޕަރާއި، ޓްރެކްޓަރާ، މިހެންހުރި އެއްޗެހިތަކެއް އެބަހުރޭ. މިހާރު އަހަރުދުވަސްވާއިރުގައިވެސް، މިތަކެތި މި ހުންނަނީ. މިއީ ޤާނޫނީގޮތުން މިހާރު މިތަކެތި މި އަންނަނީ އަދި މާލިއްޔަތުގެ ދަށުން. މި އެބަޖެހޭ ހަމަޖައްސަން، ދެފަރާތުން ވާހަކަ ދައްކައިގެން. ކޮންމެވެސް އެއްބަޔަކު އެކަމާ އެބަ ޙަވާލުވާންޖެހޭ. ޙަވާލުވެގެން އެތަކެތި ނެރެގެން، އެ އެއްޗެތި ހަދައިގެން އެ އެއްޗެތި ބޭނުންކުރަން އެބަޖެހޭ. މިއީ ހަމަ ރައްޔިތުންގެ އެއްޗެތި. އޭގެ ބޭނުންކުރެވެނިކޮށް އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވާ އޮޑިއެހެލާ ސަރަޙައްދުވެސް އަޅުގަނޑުމެންނަށް ސާފުކޮށްލައި އެތާހުރި ހިރިގާ، ގާތައް ނަގައި، އޮށްގާތައް ނަގައި، އެތަނަށް ވެލިއަޅާލާ ހަދާކަށް މާބޮޑު ކަމަކަށް ނުވާނެ. ދެން އަދި މަގުހެދުންވެސް. މަގުހެދުމުގައިވެސް ހަމަ މި ކުންފުންޏަކުން އައިސް، ކުންފުނީގައި އުޅޭ ތިރީހަކަށް މީހުން، ސާޅީހަކަށް މީހުން މީތި ހެދުމުގެ ބަދަލުގައި، ރައްޔިތުންވެސް މީގައި ބައިވެރިކޮށްގެން، ހުރިހާ އެންމެންއެކީގައި މި މަސައްކަތް ކުރަނިކޮށް، މި މަގު ހަދާކަށްވެސް މާގިނަ ދުވަހެއް ނުނަގާނެ. އެހެންވީމާ، މިހެންހުރި ކަންކަން އެބަޖެހޭ އަޅުގަނޑުމެން ރަނގަޅުކޮށްލަން.

ދެން އާދެ! މިދުވަސްވަރަކީ ދަތި ދުވަސްވަރެއް ކަމުގެ ވާހަކަ އަޅުގަނޑު އަބަދު ދައްކަމުން މިދަނީ. ދެން އެވާހަކަ އަޅުގަނޑުމެން ދެއްކިޔަކަސް ވަކި ތަނަވަހެއް ނުވާނެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، ރާއްޖޭގެ އިޤްތިޞާދު ވަކި ގޯހެއް ނޫން. މީގެ ކުރީ ވޭތުވެދިޔަ އަހަރަށްވުރެ، 2011 ވަނަ އަހަރަށްވުރެ 2012 ވަނަ އަހަރު ރަނގަޅު. 2012 ވަނަ އަހަރަށްވުރެ އިރާދަކުރެއްވިއްޔާ، 2013 ވަނަ އަހަރު ރަނގަޅުވާނެ. އެހެންވީމާ، ރާއްޖެއަށް ހަމަ އާމްދަނީވެސް އެބަ ލިބޭ. އެހެން ނަމަވެސް، މީގައި މައްސަލަތަކެއް އެބައުޅޭ. އެ މައްސަލަތަކަކީ އެއީ އަޅުގަނޑު ދަންނަވާ ގޮތުގައި، ބޮޑަށް މިއުޅޭ ސިޔާސީ މައްސަލަތައް މިއުޅެނީ. މި ސިޔާސީ މައްސަލަގަނޑާ ހެދިގެން އަޅުގަނޑުމެންނަށް ކުރިމަތިވާ ބައެއް ދަތިތައް މިހުންނަނީ. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިދިޔަ އަހަރުތަކަކީވެސް އަޅުގަނޑުމެންނަކަށް ފަސޭހަ އަހަރެއް ނޫނޭ. އެހެން ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތަކާއި، ރައްޔިތުންނަށް ދޭންޖެހޭ ޢިނާޔަތްތަކާ، މިތަކެތި ހަމަ ބަރާބަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށްވަނީ ދެވިފައި.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އެންމެ ފުރަތަމަ މިރަށަށް އައިއިރުގައި އުޅެންޖެހުނު ހާލު. ތިޔަބޭފުޅުން ބައްލަވާ. މިރަށަށް އެކަންޏެއް ނޫން. ކިތަންމެ ރަށަކަށް ދިޔައީމަވެސް އަޅުގަނޑަށް އެބާވަތުގެ މަންޒަރުތަކާ ކުރިމަތިވެ، އެކަހަލަ ކަންތައްތަކާ ދިމާވި. އެހެން ނަމަވެސް، އަޅުގަނޑުމެން ހަމަ ހިތްވަރުކޮށްލާފައި، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ކުރަމުން މިގެންދަނީ. އޭގެ ނަތީޖާއެއްގެ ގޮތުން، މިރަށަށް އެކަނި ބަލައިލިޔަސް، މިރަށުގެ ރައްޔިތުންގެ ތެރެއިންވެސް އެހީއަށް ބޭނުންވާ އެކިއެކި ފަރާތްތަކަށް، މުޅިއަކު ޖުމްލަ ދައުލަތުގެ ބަޖެޓުން ސަތޭކަ މިލިއަން ރުފިޔާ ޚަރަދު ކުރެވުނު މިދިޔަ އަހަރު. އެކަންކަންވެފައި ހުރީ. މިއަހަރުވެސް ﷲ އިރާދަކުރެއްވިއްޔާ ހަމަ އެކަންކަން ބަރާބަރަށްވާނެ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، ކިތަންމެ ދަތީގައި އުޅެންޖެހުނަސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މީތި ރަނގަޅަށް ހަމަ މެނޭޖް ކުރެވޭނެއޭ.

އާދެ! އަޅުގަނޑު އެންމެފަހުން އައި ފަހަރު މިރަށު ހޮސްޕިޓަލަށް އަޅުގަނޑު ދިޔައިން. މިފަހަރުވެސް އަޅުގަނޑު ހޮސްޕިޓަލަށް ގޮސްފައި މިއައީ. އަޅުގަނޑުވެސް ބޭނުން، މިރަށުގައި ހުންނަ ހޮސްޕިޓަލަކީ، ރާއްޖޭގައި ހުރި އެންމެމޮޅު އެއް ހޮސްޕިޓަލަށްވާން. އެކަން ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ތަންދިން މިނަކުން އެކަންކަން ކުރެވޭތޯ އަޅުގަނޑު މަސައްކަތް އެބަކުރަން. އެގޮތުން، އަޅުގަނޑު ތިޔަބޭފުޅުންނާ އެންމެފަހުން ބައްދަލުކުރިފަހުން، މި ހޮސްޕިޓަލްގައި މިހާރު އެވަނީ ދެތަނެއް ހެދިފައި. އެއްތަނަކީ އެއީ، އަލަށް އުފަންވާ ކުދިންނަށް ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓެއް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެތަންވެސް ހުޅުވޭނެ. އެތަން މިހާރުހުރީ ހަދާ ނިމިފައި. އަޅުގަނޑު މިއަދު ބެލިން. ދެން އެތަނަށް ބޭނުންވާ އެކިއެކި މެޝިންތަކާއި، ބޭނުންވާ އެނދާއި މިކަހަލަ އެއްޗެތި ހުރީ ލިބިފައި. އެހެންވީމާ، އެތަން އިރާދަކުރެއްވިއްޔާ، ކުޑަކުދިން ބެލެހެއްޓުމުގެ ކަންތައް ހޮސްޕިޓަލްގައި މިހާރަށްވުރެ ވަރަށްބޮޑުތަން ރަނގަޅުވެގެންދާނެ.

ދެވަނަ ކަމަކަށް، މި ހޮސްޕިޓަލްގައި ހުންނަ އިންޓެންސިވް ކެއަރ، ބޮޑެތި މީހުންގެ އިންޓެންސިވް ކެއަރ ޔުނިޓް، އެއީ ވަރަށް ބޮޑަށް ހާލުބޮޑުވީމާ ގެންގޮސް ބައިތިއްބާ ކޮޓަރި. އެތާނގައި ހުންނަނީ އެންމެ ދެ އެނދު. ދެން ވަރަށް ދަތީގައި ކަންތައް ހުރީ. އެހެންވީމާ، އަޅުގަނޑު ދެންނެވިން، އަޅުގަނޑު އިންޓެންސިވް ކެއަރ ޔުނިޓް ބޮޑުކުރާނަމޭ. އޭރުއްސުރެ ފަށައިގެން މަސައްކަތް ކޮށްގެން، މިހާރު އެތަންވެސް ހުރީ ހެދިފައި. އެތަނަށް ބޭނުންވާ އެކިއެކި އިކްވިޕްމަންޓްތަކާ އެއްޗެހި، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މާލެ އަންނާނެ. އެހެންވީމާ، ދެމީހުންނަށް އެ ފަރުވާ ދިނުމުގެ ބަދަލުގައި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމީހުންނަށް ފަރުވާދިނުމުގެ ޖާގަ އެތާނގައި ހެދިގެންދާނެ.

ދެން ހަމައެހެން، މާބަނޑު މީހުން ނޫނީވިއްޔާ ވިހައިގެން ކުޑަކުދިން ގޮވައިގެން ނުކުމެ ތިބޭނެ ތަނެއް ނެތް. މީސްމީހުން ތިބުމަށްޓަކައި ހަދާ މެޓަރނިޓީ ހޯމެއްގެ މަސައްކަތް. މިވެސް ހަމަ މިހާރު ދެތިން އަހަރުވެފައި އޮތްކަމެއް ނުކުރެވި. މިހެން އޮންނަތާ ކިތަންމެ ދުވަހެއް. އެގްރީމަންޓްގައި ސޮއިކޮށްފައި، ބިންގާ އަޅާފައި ކަމެއްނުވެ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ މިއަދު އެތާނގެ މަސައްކަތްވެސް ދެން މި ފެށުނީ. އެހެންވީމާ، ނުހުއްޓި މަސައްކަތް ގެންގޮސް އިރާދަކުރެއްވިއްޔާ ނިންމޭނެ.

އާދެ! މިގޮތުން، އެހެންވީމާ ހޮސްޕިޓަލަށް ގެންނަންޖެހޭ ބަދަލުތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ގެންނާނަން. ގެނެސް މި ހޮސްޕިޓަލަކީ ހަމަ ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލަކަށް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަޅުގަނޑު ބެލި ބެލުމުން، މިއީ އަދި ކުޑަކުދިންނާބެހޭ ތަނެއް ހެދިކަމަށްވިޔަސް، މިތާނގައި މިހާރަކުއެއް ކުޑަކުދިންނާބެހޭ ޑޮކްޓަރެއް ނެތް. އެހެންވީމާ، އަޅުގަނޑު ދެންނެވިން، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެތަނަށް ކުޑަކުދިންނާބެހޭ ޑޮކްޓަރެއް އަޅުގަނޑުމެން ފޮނުވައިދޭނަމޭ. ހަމަ އެގޮތަށް، ހޭނައްތާ ޑޮކްޓަރުވެސް މިވަގުތު ނެތް. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ ދެދުވަހެއްގެ ތެރޭގައި ހޭނައްތާ ޑޮކްޓަރުވެސް ލިބޭނެ ކަމަށް އަޅުގަނޑަށް ޔަޤީންކަން ލިބިފައި އޮތީ.

އާދެ! ދެން ކުރިން ދެންނެވިހެން، މި އިންޑިޔާއަށް މިދާ މަތިންދާބޯޓު، ސީދާ ހަނިމާދޫން ދާން ފެށުމުން، މާލެއަށް ގޮސްފައި ދިޔުމަށްވުރެ، މާބޮޑުތަން ފަސޭހަވެފައި، މާ އަވަހަށް އިންޑިޔާއަށް ބޭސްފަރުވާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވަޑައިގެންނެވޭނެގޮތް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.

ދެން އަޅުގަނޑު އެއްޗެއް ދަންނަވާލާނަން އަދިވެސް. ތިޔަ ވިދާޅުވި ވަރަށް ރަނގަޅު ވާހަކައެއް. އާދަމް ވަޙީދު ދެންމެ ވާހަކަ ދައްކަވަމުން ވިދާޅުވި، އިޤްތިޞާދީ ގޮތުން މިރަށުގެ ރައްޔިތުންނަށްވެސް އަދި މިއަތޮޅުގެ ރައްޔިތުންނަށްވެސް ވަޒީފާގެ އިތުރު ފުރްޞަތުތައް އެބަ ލިބެންޖެހޭ. ވަރަށްދެރަ ކަމެއް، މިއަތޮޅުގައި އަދިވެސް ޓުއަރިސްޓް ރިޒޯޓެއް ނެތްކަން. އަޅުގަނޑުވެސް އެކަމާ ހިތާމަކުރަން. އެކަމަކު މިއަތޮޅުންވެސް ރަށްތަކެއް ބަޔަކާ ޙަވާލުކޮށް، އެރަށްތައް އެމީހުން ނަގައިގެން، އެތާނގައި ރިޒޯޓް ނަހަދާ، ލަސްކުރަމުން ކުރަމުން ކުރަމުން ކުރަމުންދާތާ މިހާރު ކިތަންމެ އަހަރެއް. އެކަމާ ޙަވާލުވެ މިތިބެނީ ސަރުކާރުގެ ވަރަށްމަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން. ސަރުކާރުގެވެސް ދައުލަތުގެވެސް ވަރަށްމަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އެއްބޭފުޅަކީ. ހަމަ ނަންގަވައިގެން އެ ހުންނަވަނީ. މިތަން ހެދޭ ދުވަހެއް ދުވަހަކު ނާދޭ. މިހާރު އެގްރީމަންޓްގައި އެކަން ކަނޑައެޅިފައި އޮތް މުއްދަތަށްވުރެ ދުވަހެއް ފާއިތުވެގެންވެސް ހިނގައްޖެ. އެހެންވީމާ، އެކަން ކުރައްވަންޏާ އެކަން ކުރައްވަންވީ. ނުކުރައްވަންޏާ ވިދާޅުވާންވީ، ތިމަންނަމެންނަކަށް ނުވާނޭ، އެހެން ބަޔަކާ ޙަވާލުކުރާށޭ. އެހެންވީމާ، ދެން އަޅުގަނޑަށް ޖެހޭނީ ޓުއަރިޒަމް މިނިސްޓަރަށް އަންގަން، މިކަމާ ދޭތެރޭގައި ފިޔަވަޅެއް އަޅުއްވާށޭ. ދެންވެސް އަޅުގަނޑު ނުބައިވާނީ. ނުބައި މީހަކަށްވާނީ. ކުރާނެ ކަމެއްނެތް. ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަމެއް. އަޅުގަނޑަކީ ތިޔަބޭފުޅުންގެ ޚާދިމެއް. ތިޔަބޭފުޅުން ވިދާޅުވާގޮތަށް ކަންތައް ކުރަން ހުރި މީހާ. އެހެންވީމާ، ތިޔަބޭފުޅުން އެގޮތަށް އެދިވަޑައިގަންނަވާއިރަށް މިހާރު އަޅުގަނޑު ދެން ފަހަތަކަށްނުޖެހޭނަން. އިރާދަކުރެއްވިއްޔާ، މިއަތޮޅުގައި މާ ލަސްތަކެއްނުވެ ރިޒޯޓްވެސް ހެދޭނެ. އާދެ! ކޮންމެވެސް ބޭފުޅަކު ވިދާޅުވި، މިއަށްވުރެ މާބޮޑެތި އެއްޗެތިވެސް ނެގިފައޭ މިހުރީ. އެހެންވީމާ، މި ނަގާކަށް އަދި މާބޮޑުކަމަކަށް ނުވާނެ ނޫންހެއްޔޭ. އެއީ، ހަމަ ރަނގަޅު ވާހަކައެއް.

އާދެ! ދެން ބަނދަރުގެ ވާހަކަ. އަޅުގަނޑުމެން އެންމެފަހުން މިކަމާ ބެހޭގޮތުން މާލޭގައި އަތޮޅު ކައުންސިލްގެ ބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހުގައި، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މި އަތޮޅުގައި މި ހިސާބުގަނޑުގައި ބޭރުގެ ބޯޓްފަހަރަށް ކައިރިކުރެވި، އެ ބޯޓްފަހަރަށް ޚިދްމަތްދެވި، އެ ބޯޓްފަހަރަށް ތެޔޮއެޅޭނެ އިންތިޒާމްތަކެއް ހަމަޖައްސަން. އެކަމާބެހޭގޮތުން އަޅުގަނޑުމެން މިހާރު ބޭރުގެ ކުންފުންޏަކާ ވާހަކަ ދައްކަމުން މިގެންދަނީ. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މާލަސްތަކެއްނުވެ އެމީހުން މިކަމުގެ ސަރވޭ ފަށާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އެސް.ޓީ.އޯ އާ ގުޅިގެން އެމަސައްކަތް އެބަ ހިނގަމުންދޭ ކޮންމެވެސްވަރަކަށް. އެހެންވީމާ، އެސް.ޓީ.އޯ.ގެ ޗެއަރމަން މިތާނގައި އެބަ އިންނެވި މިހާރު. އެބަ ކުޑަކޮށް ބޯޖައްސަވާ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެކަންވެސް އެބަ ހިނގާހެން. މާލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ، އެސް.ޓީ.އޯ.އާއި ބޭރުގެ ކުންފުންޏަކާ ގުޅިގެން، މި ހިސާބުގަނޑުގައި ބޮޑެތި ބޯޓްފަހަރަށް ތެޔޮއެޅުމާއި، އެ ބޯޓްފަހަރަށް ޚިދްމަތް ދިނުމުގެ މަޝްރޫޢެއް ފެށޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން. އެކަމުން ވަރަށްގިނަ ވަޒީފާތަކެއްވެސް އުފެދިގެންދާނެ.

އާދެ! ދެންވެސް މިއަހަރުގެ ތެރޭގައި މިރަށުގައި ހިންގަން ވަރަށްގިނަ މަޝްރޫޢުތައް ބަޖެޓްގައި ހިމެނިފައި އެބަހުރި. އެކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އަޅުގަނޑުމެން ޔަޤީންކޮށް އަރުވަން ތިޔަބޭފުޅުންނަށް، އެއްގޮތަކަށްވެސް ފަސްނުޖެހި، މި ހުރިހާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނަމޭ.

ދެން އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑުމެން އެބަޖެހޭ ހަމަ އިނގޭތޯ ތަންކޮޅެއް އެކީގައި މަސައްކަތް ކުރަން. ތަންކޮޅެއް ބޮޑަށް އެންމެން އެއްބައިވެގެން މަސައްކަތް ކުރަން. އެހެން ނޫނިއްޔާ ހަމަ އަޅުގަނޑުމެން އެންމެންނަށް މީގެ ގެއްލުން ދައްކާނެ. ވަކި މީހަކަށް ނޫން. ތިޔަބޭފުޅުންނަށްވެސް އެ ގެއްލުން ދައްކާނެ. ދެން މިތަނަށް މިހާރު ވަޑައިނުގެން ބޭރުގައި ތިއްބެވި ބޭފުޅުންނަށްވެސް އޭގެ ގެއްލުން ދައްކާނެ. އަޅުގަނޑަށްވެސް، ސަރުކާރަށްވެސް ހަމަ ގެއްލުން ދައްކާނެ. ހުރިހާ އެންމެންނަށްވެސް ހަމަ ގެއްލުންވާނެ. އެހެންވީމާ، ހިންގަވާށޭ އެކީގައި މަސައްކަތް ކުރަމާ. ވަކި ބަޔަކަށް ވަކިގޮތެއް އަޅުގަނޑު ނަހަދާނަން. އަޅުގަނޑު އަބަދުވެސް ތިޔަބޭފުޅުންނަށް ދަންނަވަމުން މިގެންދަނީ، ވަކިފަރާތަކަށް ނުޖެހި، ހަމަހަމަކަމާއެކީގައި، ﷲ އިރާދަކުރެއްވިއްޔާ، ހުރިހާ އެންމެންނަށް އެއްގޮތަކަށް މަސައްކަތް ކުރެވޭތޯ އަޅުގަނޑު ހަމަގައިމުވެސް މަސައްކަތް ކުރާނަމޭ.

އެހެންވީމާ، އަޅުގަނޑު އަދިވެސް ބޭނުން، ހަމަ އަތޮޅު ކައުންސިލާއި އަދި ކުޅުދުއްފުށީ ކައުންސިލާވެސް މިކަމާ ބެހޭގޮތުން އިތުރަށް މަޝްވަރާކޮށް، ތިޔަބޭފުޅުންގެ އެހީއާ އެކީގައި ސަރުކާރުން ކުރަންހުރި މަސައްކަތްތައް، މިހާރަށްވުރެ ހަލުވި ސްޕީޑެއްގައި ކުރަމުން ގެންދެވޭނެ ކަމުގެ ފުރްޞަތު އަޅުގަނޑު ހީކުރަން، ލިބޭނެ ކަމަށް. އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް އާދޭހާއެކީގައި އިލްތިމާސް ކުރަން، މިދެންނެވި އެއްބާރުލުމާއި އެހީތެރިކަން ސަރުކާރުގެ އިދާރާތަކަށް ތިޔަ ފަރާތްތަކުން ދެއްވުމަށް. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ، ސަރުކާރުން ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ އެހީތެރިކަން ހަމަ ދެމުން ގެންދާނެ.
އަޅުގަނޑު އިހަކަށް ދުވަހަކު އަތޮޅު ކައުންސިލްތަކުގެ ރައީސުންނާ ބައްދަލުކޮށްފިން. އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާވެސް ބައްދަލުކޮށްފިން. އެބޭފުޅުންގެވެސް އެބަހުރި ވަރަށްގިނަ މައްސަލަތައް. އެ މައްސަލަތައް ސަރުކާރުންވެސް އެބަޖެހޭ ބަލައި، އެކަމުގައި އެހީތެރިވާން. އަޅުގަނޑުމެންނަށް ބައެއްފަހަރު ހީވާކަހަލަ، ދެން މިހާރު އެލް.ޖީ.އޭ އުފެދުނީމާ ސަރުކާރަކަށް ނުޖެހޭނެއޭ، މި ރަށްރަށުގެ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާ، މިތަންތަނަކާ މާބޮޑަކަށް އެކީގައި މަސައްކަތް ކުރާކަށް. ބައެއްފަރާތްތަކަށް އެހެން ހީވެދާނެ. އެހެންނަމަވެސް، ޙަޤީޤަތުގައި އަތޮޅު ކައުންސިލްތަކަކީވެސް އެއީ ސަރުކާރުގެ މުއައްސަސާތަކެއް. އެއީކީ ސަރުކާރުން ބޭރުގައި ހުރި މުއައްސަސާތަކެއް ނޫން. ހަމަ ސަރުކާރުގެ ބަޖެޓްގެ ތެރޭގައި ހިމެނިގެން، ސަރުކާރުގެ މުވައްޒަފުން ލައިގެން ހިންގާ ސަރުކާރުގެ ތަންތަން. އެހެންވީމާ، ސަރުކާރުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ނުދެއްކޭ ހިސާބަށް ގޮސް، އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުންކުރާގޮތަށް ކަންތައްވީމާ، ރައްޔިތުންނަކަށް އެއަކުންނެއް ފައިދާއެއް ނުކުރާނެ. އެހެންވީމާ، ދެން އަޅުގަނޑުގެ މިދައުރުގައި ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑު ހީކުރަން، މިހާރަށްވުރެ ބާރު ސްޕީޑްގައި ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ހުރިހާ ބޭފުޅުން އެހީވެވަޑައިގެންދެއްވާނެކަމަށް.

އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކުރައްވަން ނުކުމެވަޑައިގެން، މިރަށުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، އަތޮޅު ކައުންސިލުގެ ރައީސާއި، އަތޮޅު ކައުންސިލުގެ މުވައްޒަފުން، އަޅުގަނޑުމެންގެ މިދަތުރުގައި ބެހެއްޓެވި އޯގާތެރިކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ﷲ އިރާދަކުރެއްވިއްޔާ، އަނެއްކާވެސް މާގިނަދުވަސްތަކެއް ނުކޮށް، އަޅުގަނޑަށް ކުޅުދުއްފުށްޓަށް އައުމުގެ ނަޞީބު ލިބޭނެ ކަމަށް އަޅުގަނޑު ހީކުރަން. އަދި އިރާދަކުރެއްވިއްޔާ، ދެން އަންނަ ފަހަރަކުން އެއްދުވަހަށްވުރެ ގިނަ ދުވަހު ކުޅުދުއްފުށީގައި މަޑުކޮށްލުމުގެ ނަޞީބުވެސް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި، ފާގަތިކަމާއި، ހިތްފަސޭހަކަމާއެކީގައި، މި ކުޅުދުއްފުށީގައި ދިރިއުޅުމުގެ ނަޞީބު މާތްﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه