بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحَابِه أجمعـين.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ވަގުތީ ގޮތުން ހިންގެވުމާ ޙަވާލުވެ ވަޑައިގެން ހުންނެވި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޖަމްޝީދު، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައިކަމިޝަނަރ ހިޒް އެކްސެލެންސީ ޑީ.އެމް. މުލޭ، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން، ޙާޒިރުވެ ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަދި ދުރާއި ގާތުން މި ރަސްމިއްޔާތު ބައްލަވަމުން އަދި އަޑު އައްސަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ހދ. ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކޮށް، ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއްގެ މަސައްކަތްތައް ފެށުމުގެ ގޮތުން މިއަދު މި ބޭއްވޭ ތާރީޚީ ރަސްމިއްޔާތުގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ރައްޔިތުންގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖުތިމާޢީ ދުޅަހެޔޮކަމާ ސީދާގޮތުން ގުޅިފައިވާ މިފަދަ ކޮންމެ ކަމެއްގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! މިއަދަކީ މި ސަރަޙައްދުގެ ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، ހަނިމާދޫގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރި ދުވަހެއްކަމާމެދު އެއްވެސް ޝައްކެއްނެތް. އެހެންކަމުން، މިއަދުގެ މިއުފާވެރި މުނާސަބަތުގައި، ހަނިމާދޫއާއި މި ސަރަޙައްދުގެ އެހެނިހެން ރަށްރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިޚްލާސްތެރިކަމާއެކު ތަހުނިޔާއާ މުބާރަކްބާދު ދަންނަވަން.

ލޮބުވެތި ރައްޔިތުން:

މިއަދުގެ ސަރުކާރަކީ، ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ކަންތައްތައް ކޮށް ނިންމާ، ނަތީޖާ ހާސިލުކުރުމުގައި ފަސްނުޖެހޭ ސަރުކާރެއްކަން، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންވާނީ ސާބިތުކޮށްދީފައި. ހަމައެކަނި ވަޢުދުތައް ވުމުގެ ބަދަލުގައި، ކަންކަން ކުރާ ސަރުކާރެއްގެ ގޮތުގައި ރައްޔިތުންވަނީ މި ސަރުކާރު ބަލައިގެންފައި. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީވެސް އެކަމުގެ ދަލީލެއް. ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމުގެ ވާހަކަ ދެކެވެމުން އަންނަތާ ވަނީ ވަރަށްގިނަ ދުވަސްތަކެއް ވެފައި. އެތައް ފަހަރެއްގެ މަތިން ލަސްވަމުން އައިނަމަވެސް، މިއަދު މިވަނީ އެކަން ޙަޤީޤަތަކަށް ވެފައި. އެހެންކަމުން، މި މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ހިންގެވުމާ މިވަގުތު ޙަވާލުވެވަޑައިގެން ހުންނެވި ކާނަލް ރިޓަޔަރޑް މުޙަންމަދު ނާޒިމް އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކުރަން. މި މަސައްކަތް މިހާ ބާރަށް ނިންމާލެވުނީ، އެމަނިކުފާނުގެ ޤާބިލް ލީޑަރޝިޕްގެ ދަށުން. އަދި މިކަމުގައި ޙިއްޞާވާ އެންމެހާ އިދާރާތަކުގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުންކަން ޔަޤީން. ވީމާ، އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކު، މި މަސައްކަތް ކާމިޔާބު ކުރުމުގައި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ސަރުކާރަށް ދެއްވާފައިވާ އެއްބާރުލުން ފާހަގަކޮށް، އެ ކުންފުނީގެ ޗެއަރމަން އަލްފާޟިލް ބަންދު އިބްރާހިމް ސަލީމާއި، މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލްޙާރިޘް އަދި އެންމެހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! އެނގިވަޑައިގަންނަވާނެފަދައިން، ރާއްޖޭގައި އެކިއެކި އެއަރޕޯޓްތައް އަޅައި، ވައިގެ ދަތުރުފަތުރު ތަރައްޤީ ކުރުމަށްޓަކައި ޚާއްޞަކޮށް، އެކިއެކި ޑޮމެސްޓިކް އެއަރޕޯޓްތައް އެޅުމަށްޓަކައި، ކުރީގެ ސަރުކާރުތަކުން ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި. އެގޮތުން، މި އެއަރޕޯޓް އަދި ދެކުނުގައިވެސް އެއަރޕޯޓްތައް ހެދުމުގައި، ކުރީގެ ސަރުކާރުން ޚާއްޞަކޮށް، އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި މަސައްކަތް، އަޅުގަނޑު މިފުރްޞަތުގައި ފާހަގަކޮށް، އެމަނިކުފާނަށް ޝުކުރު ދަންނަވަން. އަދި ހަމަ މި ފުރްޞަތުގައި، މިމަސައްކަތުގައި ޢަމަލީގޮތުން ވަރަށް މުހިންމު ރޯލެއް އަދާކުރެއްވި ބޭފުޅެއް، އޭރުގެ މިނިސްޓަރ އިލްޔާސް އިބްރާހީމް. އެމަނިކުފާނުގެ ނަންވެސް އަޅުގަނޑު މިއަދު ހަނދާންކުރަނީ، ވަރަށް ޝުކުރުވެރިކަމާއެކީގައި.

އާދެ! އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ދަތުރުތައް ކާމިޔާބުކަމާއެކު ފަށައިގަނެވޭނީ، އެ އެއަރޕޯޓަކުން ދަތުރުކުރާ މަންޒިލްތަކަށް ދިޔުމަށް ބޭނުންވާ ވިސާ އެ ސަރަޙައްދަކުން ފަސޭހައިން ލިބެން ހުރެގެން. އެހެންކަމުން، ދިވެހިން އިންޑިޔާއަށް ދިޔުމަށް ބޭނުންވާ ވިސާ، ހަނިމާދޫއިން ލިބޭނެ އިންތިޒާމް، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހަމަޖައްސަވައި ދެއްވިކަމަށްޓަކައި، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކަމިޝަނަރ ހިޒް އެކްސެލެންސީ ޑީ.އެމް. މުލޭ އަށާއި، ހައިކަމިޝަންގެ އެންމެހާ މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހެދި، ރާއްޖެއިން ބޭރަށް ދަތުރުތައް ފަށައިގަތުމުން، މި ސަރަޙައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން ކަށަވަރު. އެގޮތުން، ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކުގައި އިންޑިޔާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހަނިމާދޫއިން ވިސާ ލިބިގެން ފުރޭގޮތްވުމަކީ، ވަރަށްވެސް ބޮޑު ލުޔަކަށް ވެގެންދާނެ. ހަމައެއާއެކު، މި ސަރަޙައްދުގެ އިޤްތިޞާދީ ތަރައްޤީގެ މައި ހަބަކަށް، ކުރިއަށް އޮތް ތަނުގައި މި އެއަރޕޯޓް ވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އިތުރުވެގެންދާ ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމުގެ ފުރުސަތު، އެއަރޕޯޓުގެ ސަބަބުން ފުޅާވެގެންދާނެކަމަށް އަޅުގަނޑު ދެކެން. އަދި އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމުން، މި ސަރަޙައްދުގައި ޓުއަރިސްޓް ރިޒޯޓުތައް ތަރައްޤީ ކުރުމަށް ފަސޭހަވެ، ފަތުރުވެރިކަމުން ލިބޭ މަންފާވެސް އިތުރުވެގެންދާނެކަމަށް އަޅުގަނޑު ދެކެން.

އާދެ! މި އެއަރޕޯޓް އިންޓަރނޭޝަނަލްވުމާ ގުޅިގެން، ދާދި އަވަހަށް މި ސަރަޙައްދަށް ބައިނަލްއަޤްވާމީ ވަރަށްބޮޑު އިންވެސްޓްމަންޓެއް އަންނާނެކަން އަޅުގަނޑަށް ވަނީ އެނގިފައި. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރާ ވާހަކަވެސް ދަންނަވަން.

އާދެ! އިންޓަރނޭޝަނަލް އޮޕަރޭޝަންތައް ފެށިގެން މިދަނީ ހަމައެކަނި މިވަގުތަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކާއެކީގައި ކަމަށްވިޔަސް، ކުރިއަށް އޮތް ތަނުގައި، އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ގޮތަށް އެއަރޕޯޓް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެއް. އެގޮތުން އަޅުގަނޑު ދެކޭގޮތުގައި، މުސްތަޤްބަލުގައި ސީދާ ޔޫރަޕްގެ ޤައުމުތަކުންވެސް ޖެޓްގައި މި އެއަރޕޯޓަށް ފަތުރުވެރިން އަންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކޮންމެކަމެއްވެސް ކުރަންވާނީ ދުރާލާ ރޭވިގެން ކަނޑައެޅޭ ވަކި އަމާޒުތަކެއް ޙާސިލުކުރުމަށްޓަކާ. އެގޮތުން، ރާއްޖޭގައި އެއަރޕޯޓުތައް ތަރައްޤީ ކުރެވިގެންދާނެ ގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން މިހާރު ގެންދަވަނީ ކުރައްވަމުން. މި މާސްޓަރ ޕްލޭން އެކުލަވާލެވޭއިރުގައި، އެއަރޕޯޓުތައް އިތުރަށް ތަރައްޤީކުރެވޭނެ ރަށްތައް ކަނޑައެޅިފައި ހުންނާނެ. މިގޮތުން ރަށްތައް ކަނޑައެޅުމުގައި ބަލާނީ، އެރަށެއްގެ ނުވަތަ އެސަރަޙައްދެއްގެ އާބާދީގެ ނިސްބަތަށާއި، އެސަރަޙައްދެއްގައި ފަތުރުވެރިކަން ތަރައްޤީކުރެވޭނެ މިންވަރެއްގެ މައްޗަށް. ސަރުކާރުގެ އަމާޒަކީ، ތަރައްޤީކުރެވޭ އެއަރޕޯޓަކީ، އެ އެއަރޕޯޓަކުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ އެއަރޕޯޓަކަށް ހެދުން.

އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ޑޮމެސްޓިކް އެއަރޕޯޓްތައް ހިންގާ ބެލެހެއްޓުން، އަމިއްލަ ފަރާތްތަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔުން. މިއަދު މިވަނީ ގދ. ކާޑެއްދޫ އެއަރޕޯޓު، މެނެޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ހިންގުން ޙަވާލުކުރުމުގެ ލެޓަރ އޮފް އިންޓެންޑް ސޮއިކޮށް ޙަވާލުކުރެވިފައި. އަޅުގަނޑު މި އުންމީދުކުރަނީ، ކައިރި މުސްތަޤްބަލެއްގައި، ލ. ކައްދޫ އަދި ގއ. ކޫއްޑޫ އެއަރޕޯޓުވެސް ހިންގުން، އަމިއްލަ ފަރާތްތަކާ ހަވާލުކުރެވޭނެކަމަށް. މިގޮތަށް ޑޮމެސްޓިކް އެއަރޕޯޓްތައް ހިންގުން ބަދަލުކުރެވިގެން ދިޔަޔަސް، އެ އެއަރޕޯޓުތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރުގެ ބެލުމުގެ ދަށުގައި.

ވިޔަފާރިވެރިންނަށް ފުރުސަތު ހޯދައިދީ، އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. އެގޮތުން، އަމިއްލަ ފަރާތަކުން ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ތަރައްޤީ ކުރައްވާފައިވާ އދ. މާމިގިލި އެއަރޕޯޓް، އިންޓަރނޭޝަނަލް ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ގެންދަނީ ވިސްނަމުން. މީގެ އިތުރުން، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، ކަނޑުމަގުން ދަތުރު ކުރުމުން ގެއްލޭ ވަގުތުތައް ސަލާމަތްކޮށް، ރައްޔިތުންނަށް ހަލުވިކަމާއެކު ދަތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަނޑަށް ޖައްސާ ބޯޓުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލުމަށްވެސް ސަރުކާރުން މިހާރުވަނީ ނިންމަވާފައި. އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ވަރަށް ކައިރި މުސްތަޤްބަލެއްގައި، މި ޚިދުމަތް ރާއްޖޭގެ ބައެއް ރަށްރަށަށް ފެށިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިކަންކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވެގެން ދިޔުމަށް މަގުފަހިވެގެންދާނެ. އަދި ރައްޔިތުންނަށް އެތައް ލުއި ފަސޭހަތަކެއް ލިބިގެންދާނެ.

އާދެ! މިސަރަޙައްދުގެ ތަރައްޤީއާ ގުޅިލާމެހިފައިވާ މި އެއަރޕޯޓު، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ވެގެން ދިޔުމުގެ މުނާސަބަތުގައި، އަދިވެސް އެއްފަހަރު ހަނިމާދޫއާ މި ސަރަޙައްދުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވަން. އަޅުގަނޑު އެދެނީ، މި އެއަރޕޯޓުގެ ސަބަބުން މި ސަރަޙައްދުގެ ރައްޔިތުންނަށް އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުން ލިބިގެންދިޔުން. އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އަދަށްވުރެ ފަހި މާދަމާއެއް އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.