ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މައި ހަބަކަށް، ކުރިއަށް އޮތް ތާނގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އިފްތިތާޙު ކުރެއްވުމަށް މިއަދު ހަވީރު ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހަނިމާދޫ ވައިގެ ބަނދަރު، ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ބަދަލުވުމާ ގުޅިގެން، އެ ސަރަޙައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށާއި، ބޭސްފަރުވާއަށާއި، އެހެނިހެން ބޭނުންތަކުގައި އިންޑިއާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހަނިމާދޫން ވިސާ ލިބިގެން ފުރޭގޮތްވުމަކީވެސް ވަރަށްބޮޑު ލުޔަކަށް ވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އިތުރުވެގެންދާ ވަޒީފާތަކުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމުގެ ފުރްޞަތު، އެއަރޕޯޓްގެ ސަބަބުން ފުޅާވެ، އެ ސަރަޙައްދުގައި ޓޫރިސްޓް ރިޒޯޓްތައް ތަރައްޤީ ކުރުމަށް ފަސޭހަވެ، ފަތުރުވެރިކަމުން ލިބޭ މަންފާވެސް އިތުރުވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލްވުމާ ގުޅިގެން، ދާދި އަވަހަށް އެ ސަރަޙައްދަށް ބައިނަލްއަޤްވާމީ ވަރަށްބޮޑު އިންވެސްޓްމަންޓެއް އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ކަމެއްވެސް ކުރަންވާނީ، ދުރާލާ ރާވައިގެން، ކަނޑައެޅޭ ވަކި އަމާޒުތަކެއް ޙާޞިލު ކުރުމަށްޓަކައި ކަމަށް ވިދާޅުވެ، މިގޮތުން، ރާއްޖޭގައި އެއަރޕޯޓްތައް ތަރައްޤީ ކުރެވިގެންދާނެ ގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވާލެއްވުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން މިހާރު ކުރައްވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ. އަދި މި މާސްޓަރ ޕްލޭން އެކުލަވައިލެވޭއިރު، އެއަރޕޯޓް ތަރައްޤީ ކުރެވޭނެ ރަށްތައް ކަނޑައެޅިފައި ހުންނާނެ ކަމަށާއި، ރަށްތައް ކަނޑައެޅުމުގައި، ބެލުމަށް ހަމަޖެހިފައިވަނީ، އެރަށެއްގެ ނުވަތަ އެ ސަރަޙައްދެއްގެ އާބާދީގެ ނިސްބަތަށާއި، އެ ސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީ ކުރެވޭނެ މިންވަރެއްގެ މައްޗަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ، ތަރައްޤީ ކުރެވޭ ކޮންމެ އެއަރޕޯޓަކީ، އެ އެއަރޕޯޓަކުން ދެމެހެއްޓެނިވި ގޮތެއްގައި ފައިދާހޯދޭނެ އެއަރޕޯޓަކަށް ހެއްދެވުމެވެ. އަދި ސަރުކާރުގެ މިހާރުގެ ސިޔާސަތަކ، ޑޮމެސްޓިކް އެއަރޕޯޓްތައް ހިންގައި ބެލެހެއްޓުން، އަމިއްލަ ފަރާތްތަކާ ޙަވާލުކުރައްވައިގެން ކުރިއަށް ގެންދެވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިޔަފާރިވެރިންނަށް ފުރްޞަތު ހޯއްދަވައިދެއްވައި، އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދެއްވުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އދ. މާމިގިލީ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ ހުއްދަ ދެއްވުމަށް ސަރުކާރުން މިހާރު ވިސްނާވަޑައިގަންނަވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ކަނޑުމަގުން ދަތުރުކުރުމުން ގެއްލޭ ވަގުތުތައް ސަލާމަތްކޮށް، ކަނޑަށް ޖައްސާ ބޯޓުގައި ދަތުރުފަތުރުގެ ޚިދްމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެފުރްޞަތު ހުޅުއްވައިލެއްވުމަށް، ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަނިމާދޫ ވައިގެ ބަނދަރު، ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ބަދަލުވުމާ ގުޅިގެން، މި ރަސްމިއްޔާތުގައި ހަނިމާދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ހަނިމާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްސަލާމް ޢަލީއެވެ.

ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުޅުއްވައިދެއްވުމުގެ މުނާސަބަތުގައި، ހަނިމާދޫ ސްކޫލްގެ ފަރާތުން ޘަޤާފީ އައިޓަމެއްވެސް ހުށަހެޅިއެވެ.