އެސް.ޓީ.އޯ އާއި ބޭރުގެ ކުންފުންޏަކާ ގުޅިގެން ބޮޑެތި ބޯޓުފަހަރަށް ތެޔޮއެޅުމާއި، އެބޯޓުފަހަރަށް ޚިދްމަތް ދިނުމުގެ މަޝްރޫޢެއް ވަރަށް އަވަހަށް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުން، އެ ސަރަޙައްދުގައި މިމަޝްރޫޢު ފެށުމަށްޓަކައި ބޭރުގެ ކުންފުންޏަކާ މިހާރު ވާހަކަ ދެކެވެމުން އެބަދާ ކަމަށާއި، މާލަސްތަކެއްނުވެ އެކަމުގެ ސަރވޭ ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުންވެސް އެ ސަރަޙައްދުގައި ވަރަށްގިނަ ވަޒީފާތައް އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޤްތިޞާދީ ގޮތުން ކުޅުދުއްފުށީ ރައްޔިތުންނަށާއި އަދި އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރްޞަތުތަކެއް ތަނަވަސްވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، އެއަތޮޅުގައި އަދިވެސް ޓޫރިސްޓް ރިޒޯޓެއް ނެތްކަން އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ އަތޮޅުގައި ރިޒޯޓް ހެދުމަށް ކަނޑައެޅިފައިވާ ރަށްތައް ޙަވާލުކުރެވިފައިވާ ފަރާތްތަކަށް، ރިޒޯޓްތައް ހަދާ ނިންމުމަށް ދެވިފައިވާ މުއްދަތުވެސް މިހާރު ހަމަވެ، އޭގެފަހުންވެސް އެތައް ދުވަހެއް ފާއިތުވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، ރިޒޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ނުކުރެވޭ ކަމަށްވާނަމަ، އެކަން ނުވާނެ ކަމަށް، އެފަރާތްތަކުން ވިދާޅުވާން އެބަޖެހޭ ކަމަށާއި، ދެން ޖެހިވަޑައިގަންނަވާނީ މިކަމާ ދޭތެރޭގައި ފިޔަވަޅު އަޅުއްވަން ޓުއަރިޒަމް މިނިސްޓަރަށް އަންގަވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައިގެން ނަމަވެސް، އެއަތޮޅުގައި ރިޒޯޓް ހަދަން އެބަޖެހޭ ކަމަށް ވިދާޅުވެ، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެރިޒޯޓްތައް ހެދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީގެ ހުރިހާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިކަން މިހެން ކުރަމުންދާއިރު، އެންމެން އެކީގައި މަސައްކަތް ކުރަން އެބަޖެހޭ ކަމަށާއި، އެގޮތަށް މަސައްކަތް ނުކުރެވޭ ކަމަށްވާނަމަ، އެކަމުގެ ގެއްލުން، ހުރިހާ ފަރާތްތަކަށްވެސް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައްޗަށް ބައްލަވާލައްވަމުން، 2011 ވަނަ އަހަރަށްވުރެ 2012 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކަމަށާއި، މިދިޔަ އަހަރަށްވުރެ މިއަހަރު އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް ދިމާވާ އެންމެބޮޑު އެއް ދައްޗަކީ ސިޔާސީ މައްސަލަތަކާ ގުޅިގެން ކުރިމަތިވާ ބައެއް ދަތިތައް ކަމަށާއި، އެކަންކަމަށް ޙައްލެއް ހޯދަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.