بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކުޅުދުއްފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަން، މެނެޖިންގ ޑިރެކްޓަރ އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިވަގުތަކީ މިއީ މާ ދިގު ވާހަކަތަކެއް ދައްކާކަހަލަ ވަގުތެއް ނޫން. މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ މިރަށުގައި ވަރަށް މުހިންމު މަސައްކަތެއް އަޅުގަނޑުމެން މިއަދު ފަށައިގަނެގެން ކުރިއަށްގެންދާ ދުވަސް މިއަދު މިއީ. އަޅުގަނޑުމެން ކުޑައިރުގައިވެސް ހުކުރު ދުވަހުގެ މެންދުރުކުރިއަކީ އެއީ ޢާންމުކޮށް، ގޭގައި ކުރަންޖެހޭ މަސައްކަތްކުރާ ދުވަސް. ގަހެއް ކަނޑާލަން ޖެހުނަސް، ވަޅުދިޔަހިއްކަން ޖެހުނަސް، މިހެން ހުންނަ ކަންތައްތައް އަޅުގަނޑުމެން ހުކުރުގެ ކުރިން ކޮށްލާނެ. އެހެންވީމާ، މިއަދުވެސް އަޅުގަނޑުމެން މި އުންމީދު ކުރަނީ، އެގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކޮށްލެވޭނެ ދުވަހެއް ކަމަށް. ދެން ކޮންމެއަކަސް މިއަދު އެކީގައި މިއީ، މަގުގައި ގާ އަޅައެއް ނުނިންމޭނެ. އެހެން ނަމަވެސް، މި ފަށާގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހުއްޓާނުލާ ގެންގޮސް ނިންމާލާނަން.

އާދެ! މިރަށުގައި ޕޭވްކޮށްގެން މިޒަމާނުގެ ފެންވަރަށް ހެދޭ ފުރަތަމަ މަގު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން މިއަދު މި ފަށަނީ. މިއީ މިރަށުގެ ތަރައްޤީއަށްޓަކައި ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން. އަދި ހަމަ އެއާއެކީގައި، ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ. އަޅުގަނޑަށްވެސް ވިއްސާރަ މޫސުމުގައި މިރަށުގައި ހެދިފައި ހުންނަ ފެންގަނޑުތައް އަޅުގަނޑަށް ފެނިފައި ހުރީ. އެހެންވީމާ، ސްކޫލްތަކަށްދާ ކުދިންނަށާއި، މަގުމަތީގައި ހިނގާ ބިގާވެ އުޅޭ މީހުންނަށް ދިމާވާ ދަތިތައް ވަރަށް ރަނގަޅަށް އަޅުގަނޑަށް އިޙްސާސްކުރެވޭ. މި މަގުހެދުމުގެ ބޭނުމަކީ، އެންމެ ފުރަތަމަ މިރަށުގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުން. މިރަށުގެ ރައްޔިތުންނަށް ފެންގަނޑަށް ނޭރި ހިނގާބިނގާ އުޅެވޭނެނެ ގޮތެއްވުން. އެންމެ ފުރަތަމަ ބޭނުމަކީ. މިރަށުގައި ދުއްވާ ކާރާއި، މޮޓަރު ސައިކަލާ، މި އެއްޗެހި އަންނަނީ އޭގެފަހުން. ފުރަތަމަ އަޅުގަނޑުމެން މަގުހަދާއިރުގައި ވިސްނަން މިޖެހެނީ، މަގުގައި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތްގޮތަށް މަގުތައް ހަދަން.

އަޅުގަނޑު މިހެން މިދެންނެވީ ސަބަބެއް ނެތިއެއް ނޫން. އެނގިވަޑައިގަންނަވާނެ ފަދައިން، އެންމެ ފުރަތަމަ މިބާވަތުގެ މަޝްރޫޢެއް ފެށިގެން ހިނގި ތަނަކީ މާލެ. މާލޭގައި މިއަދު ހިނގާ މީހުންނަކަށް މާފަސޭހައެއް ނޫން. ހިނގާނެ ތަނެއް ނުވެސް ނެތް. މި އުޅެންޖެހެނީ ވަރަށް ހާލުގައި. އެހެންވެގެން ނުވާނެ، ދެން އަޅުގަނޑުމެން މަގުހަދާ ތަންތާނގައި. ފުރަތަމަ އިސްކަމެއް އަޅުގަނޑުމެން ދޭން މިޖެހެނީ ހިނގާ މީހުންނަށް. އެހެންވީމާ، ހިތްފަސޭހަކަމާއެކީގައި މަގުމަތީގައި ހިނގާލެވެންޖެހޭނެ. އަދި މަގުމަތީގައި ހިޔާ ގަސްތައްވެސް ހުންނަންޖެހޭނެ. މިހާރު އަޅުގަނޑުމެން މި ގަސް އިންދަނީ މާލޭގައި ކާނުގެ ތެރޭގައި. ގަސް އިންދާކަށް ކުރިއަކުން ވިސްނާފައެއް ނެތް. އެހެންވީމާ، ގަސް މި އިންދަނީ ކާނުގަނޑުގެ ތެރޭގައި. އިންދީމާ ދެން، ވާރޭވެހޭ މޫސުމެއްގައި އަނެއްގައި އަޅުގަނޑުމެން އުޅެނީ ފެންބޮޑުވެ ފެން ނުހިއްކިގެން. މިހެން ވިސްނާނުލައި ރަނގަޅަށް ޕްލޭންނުކޮށް، ކަންތައްތައް ކުރީމާ، އޭގެފަހުން ޖެހޭނެ ވަރަށްބޮޑެތި އުނދަގޫ.

އަޅުގަނޑު މިރަށަށް އައިސް މިތަން ބަލައިލިއިރުގައި، އަޅުގަނޑަށް އެބަ އެނގޭ، އެއަށްވުރެ ރަނގަޅަށް މިހާރު ތިޔަބޭފުޅުން ހުރީ ވިސްނަވާފައިކަން. އެހެންވީމާ، މިމަގުގެ ޕޭވްމަންޓްވެސް ތަންކޮޅެއް ފުޅާ، މާލޭގެ މަގުތަކަށްވުރެ. ތަންކޮޅެއް ފަސޭހައިން ހިނގާބިނގާ އުޅެވޭނެ މިރަށުގައި. އަޅުގަނޑު އުންމީދު ކުރަން، މިރަށުގައި މަގުމަތީގައި ގަސްޖެހޭނެ ގޮތެއްވެސް ތިޔަބޭފުޅުން ވިސްނަވާނެ ކަމަށް، މަގު ހައްދަވައި ނިންމުމުގެ ކުރިން.

އެހެންވީމާ، އަޅުގަނޑު ދެންނެވިހެން، މީގެ ބޭނުމަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ދުއްވާ ތަކެތި ގިނަކޮށް، ތެޔޮ ބޭނުންކުރާވަރު ގިނަކޮށް، މިކަންކަން ކުރުމެއް ނޫން. ހިތްފަސޭހަކަމާއެކީގައި މަގުމަތީގައި ހިނގާލައި، ފެންގަނޑަށް ނޭރި އެއްތަނުން އަނެއް ތަނަށް ދެވޭނެގޮތެއްވުން. އެހެންވީމާ، އަޅުގަނޑުމެންގެ ހިތުގައި އެ މަޤްޞަދު ބާއްވައިގެން، މި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު ހީކުރަން. ދެން އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން، މިއަދު އިރާދަކުރެއްވިއްޔާ، މިމަސައްކަތް ފެށިގެން މި ނިންމާލެވޭނެ ކަމަށް، މާގިނަދުވަހެއްނުވެ. އަދި މި މަގު އެކީގައި ނިންމާލެވޭނެ ކަމަށް. އެއްކޮޅުން އަނެއްކޮޅަށް. މަގުގެ އެއްބައި ހަދާފައި ހުއްޓާނުލާ. އެހެންވީމާ، އެގޮތަށް މަސައްކަތް ގޮސް ނިމޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެން އަދި ހަމަ އެއާއެކީގައި އަޅުގަނޑު ވަރަށް ބޮޑަށް މިރަށުގެ ރައްޔިތުންނަށް ފުރަތަމަވެސް މުބާރަކްބާދު ދަންނަވަން. އަދި ހަމައެއާއެކީގައި، މިއަދު މި ސޮއިކުރެވުނު އެގްރީމަންޓްގެ ސަބަބުން މިރަށުގައި އިތުރު، މިމަގުގެ އިތުރުން އަދި ފަހެއް ޕޮއިންޓް ކޮންމެވެސް ކިލޯ މީޓަރުގެ މަގުގައި ތާރުއެޅޭނެ މިއަހަރު. މިއީވެސް ވަރަށްބޮޑު މަސައްކަތެއް. މިއީ ޢާންމު ގޮތެއްގައި އަޅުގަނޑުމެން އައިސް މިތާ ވާހަކަ ދައްކާފައި، ދެން ގޮސް ހަނދާން ނައްތާލައިގެން މި ތިބެނީ. ދެން ތިޔަބޭފުޅުން ވިދާޅުވާނެ، ބަލަ ކޮބައިހެއްޔޭ މަގު. ނޫނީ ކޮބައިހެއްޔޭ ނަރުދަމާ. ދެން އެތައް އަހަރެއްވާއިރުގައިވެސް އެކަންނުވެ ހުންނާނީ. އެހެން ނަމަވެސް، މިއަހަރު އަޅުގަނޑަށް ހީވަނީ އެކަން އަޅުގަނޑުމެންނަށް ކުރެވޭނެހެން.

އަޅުގަނޑު ވަރަށް ގަދަ އަޑުން އަޅުގަނޑު ދަންނަވަން ތިޔަބޭފުޅުންނަށް. މިމަސައްކަތް ކޮށްދެއްވުމަށް މިއަހަރު. އެއްގޮތަކަށްވެސް ލަސްނުކުރެއްވުން. ދެން އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މިކަމަށް ބޭނުންވާ ފައިސާ މިހާރުހުރީ ލިބިފައި. އެހެންވީމާ، ދެން ލަސްވާންޖެހޭ ސަބަބެއް ނެތް. މިރަށުގައި އެބަތިބި ބައިވަރު މަސައްކަތް ކުރާނެ ކުދިން. މިހާރު ތިރީހަކަށް ކުދިން އަދި މިތާ މި ގެންގުޅެނީ. އެހެން ނަމަވެސް، މި މަސައްކަތް ފެށިގެންދާއިރުގައި، އަދި ބައިވަރު އިތުރު ކުދިންނަށް ވަޒީފާވެސް ލިބިގެންދާނެ. އެހެންވީމާ، މިރަށުގެ ރައްޔިތުންނަކީ މިއީ މިކަހަލަ ކަމެއް ކުރަން ޖެހިއްޖިއްޔާ، އެއްގޮތަކަށްވެސް ފަހަތަށްޖެހޭނެ ބައެއް ނޫން. އެހެން ރަށްރަށާ ވަރަށް ޚިލާފު، މަސައްކަތްތެރި ރައްޔިތަކު އުޅޭ ރަށެއް ކުޅުދުއްފުށްޓަކީ. އެހެންވީމާ، ކުޅުދުއްފުށީގައި މިކަހަލަ މަސައްކަތެއް ނުކުރެވިގެން، އަޅުގަނޑުމެންނަށް މިހާ ބޮޑަށް ލަސްވެގެންދިޔަކަންވެސް މިއީ އަޅުގަނޑު ހިތާމަކުރާ ކަމެއް. އެއީ، އެއްގޮތަކަށްވެސް މިރަށުގެ ރައްޔިތުންގެ ކަމެއް ނޫން މިއުޅެނީކީ. މިރަށުގެ ރައްޔިތުންނަކީ، އެބޭފުޅުންނަށް މިކަހަލަ ކަމެއް ކުރަން ހަމަ ދަންނަވާލުމުން، އަޅުގަނޑަށް އެނގޭ، ހަމަ ކިތަންމެ ބޭފުޅުންނެއް، ހަމަ ހިލޭ ސާބަހަށްވެސް މަސައްކަތް ކޮށްދެއްވާނެ. އެހެންވީމާ، ވީހާވެސް ގިނަ ރައްޔިތުން ޝާމިލް ކުރައްވައިގެން، މި މަސައްކަތް ބާރު ސްޕީޑްގައި ގެންގޮސް ނިންމަވާލަދެއްވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން.

އަޅުގަނޑު މި ރޯޑް ކޯޕަރޭޝަންގެ، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ ޗެއަރމަން އަލްފާޟިލް އަސްލަމް ރަޝީދަށާއި، އަދި މެނެޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމަށް ވަރަށް ތަޢުރީފް ކުރަން. އެއީ، އެބޭފުޅުން އަޅުގަނޑު ދަންނަވާލި ދަންނަވާލުމަކަށް، ވަރަށް އަވަސް ސްޕީޑެއްގައި މިއަދު މިމަސައްކަތް ފެށްޓޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވީތީ. އެބޭފުޅުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމައެހެން، މި މަޝްރޫޢުތައް ކުރިއަށް ރޭވުމުގައި، މި ރަށްރަށުގެ ތާރުއަޅަންޖެހޭ މަގުތައް ފާހަގަކުރައްވައި، މިކަން ފަހިކޮށްދެއްވައި، މިކަން ރާއްވަވައިދެއްވާކަމަށްޓަކައި އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ އެމިނިސްޓްރީގެ ހުރިހާ ވެރިންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ދެން އާދެ! ހިންގަވާ މަސައްކަތް ފަށަމާ. އަޅުގަނޑުމެން ހަމަ ގަލެއް ބާއްވާލާފައި ދިޔައީމަކާ ކަމަކުނުދާނެ. ކުރިން ދެންނެވިހެން، ހަމަ މިއަދުވެސް މަސައްކަތް ކުރިއަށް ގެންގޮސްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ވީހާވެސް ބޮޑަކަށް. ގާތްގަނޑަކަށް ފަންސާހަކަށް މީޓަރަށް ނަމަވެސް. އެވަރު ނުވިޔަސް، މަސައްކަތް ކުރިއަށް ގެންގޮސްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އަޅުގަނޑުގެވެސް ދުޢާއަކީ ހަމަ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް ތައުފީޤު ދެއްވުން. އަދި ކުޅުދުއްފުށްޓަކީ ހިތްފަސޭހަ ތަނެއް ކަމުގައި މާތްﷲ މިންވަރު ކުރެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލައްވައި، މިރަށަކީ ކުރިއަރާ ތަނެއް ކަމުގައި ލެއްވުމަށް އަޅުގަނޑު އެދި ދުޢާކުރަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه