ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އަމީނީމަގުގައި، ގާ އެތުރުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު ފަށްޓަވައިދެއްވައިފިއެވެ. އަދި ކުޅުދުއްފުށީގައި އަލަށް ހަދާ މަގުތަކުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޒީމެވެ.

ކުޅުދުއްފުށީ އަމީނީ މަގުގައި ގާ އެތުރުމާއި، ކުޅުދުއްފުށީގައި އަލަށް ހަދާ މަގުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޅުދުއްފުށީގައި ޕްލޭންކޮށްގެން މިޒަމާނުގެ ފެންވަރަށް ހެދޭ ފުރަތަމަ މަގު ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވެ، މިއީ ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް މިކަމުން ވަރަށްބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށާއި، މި މަގު ހެދުމުގެ ފުރަތަމަ ބޭނުމަކީ، ރައްޔިތުންނަށް ފަސޭހަކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަގުތައް ހަދާއިރު، ފުރަތަމަ ވިސްނަންޖެހޭ ކަމަކީ، މަގުމަތީގައި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް މަގުތައް ހެދުން ކަމުގައިވެސް ވިދާޅުވިއެވެ. އަދި ރަނގަޅަށް ޕްލޭންނުކޮށް ކަންތައް ކުރީމާ، ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، މިކަންކަމަށްވެސް ވިސްނައިގެން މަގުތައް ހެދުމަކީ ހަމަ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުޅުދުއްފުށީގެ މަގުތައް ހަދާ ނިމުމުގެ ކުރިން، މަގުމަތީގައި ގަސްޖެހޭނެ ގޮތަކާމެދުވެސް ވިސްނަވައިގެން، މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.