އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޝެލް ޖޭ. ސިސޯން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށާއި، މިގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުން ރާއްޖެއާ ދޭތެރޭ ބަހައްޓަވަމުން ގެންދެވާ ގާތްކަމާއި، ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި ރާއްޖެ، ބަޔޮސްފިއަރ ރިޒަރވަކަށް ހެއްދެވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު، އެމެރިކާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން، މިއަހަރަށް ކަނޑައަޅުއްވާފައިވާ ބަޖެޓުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެއްވެސް ޚިދުމަތަކަށް އުނިކަމެއް ނައިސް އެ ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދެވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަނީ ރާއްޖޭގައި އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.