ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބަޖެޓުން ފުއްދުމަށްޓަކައި ޚަރަދު ކުޑަކުރެއްވުމުގެ މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މި ފިޔަވަޅުތައް އެޅުއްވުމަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިގޮތުން އެޅުއްވުމަށް ނިންމެވި ފިޔަވަޅުތަކުގެ ތަފްޞީލު، އެ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ވަރަށް އަވަހަށް އަންގަވާނެއެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ނުކޮށްފިނަމަ، އަހަރުގެ ފަހުކޮޅަށްދާއިރު ބޮޑެތި ދަތިތަކަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ދައުލަތުން ރައްޔިތުންނަށް ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ނުގެނެސް، އެ ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދެވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.