ރާއްޖޭގައި ހަދާ ޢިމާރާތްތަކަކީ، ތިމާވެށީގެ ގޮތުން ރަޙްމަތްތެރި، ހަކަތަ ސަލާމަތްކުރެވޭ ޢިމާރާތްތަކަކަށް ހައްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިންތިޒާމް ކުރައްވައިގެން ބާއްވާ "ބިލްޑް އެކްސްޕޯ 2013/2012" އިފްތިތާޙް ކުރެއްވުމަށްޓަކައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ލިބޭ އާމްދަނީގެ ހަތަރުބައިކުޅަ އެއްބައި ތެލަށް ޚަރަދުކުރާކަން ހާމަކުރައްވަމުން، ތެލުގެ ޚަރަދު ކުޑަވާގޮތަށް ޢިމާރާތްތައް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ތަނެއް އަބަދު އެއަރކޯން ކޮށްފައި ބެހެއްޓުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމަށާއި، ފަރުދުންގެ ޖީބަށް ކުރާ އަސަރުގެ އިތުރަށް، މުޅި އިޤްތިޞާދަށްވެސް އެކަމުގެ އަސަރު ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި މަސީން ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި މި އެކްސްޕޯ ހުޅުވުމަކީ، ރާއްޖޭގައި ކޮންސްޓްރަކްޝަން ޞިނާޢަތް ތަރައްޤީކުރެއްވުމަށްޓަކައި އެ ޖަމާޢަތުން ވަރަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާކަމުގެ ފުރިހަމަ ދަލީލެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޞިނާޢަތު މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި، ސަރުކާރުގެ ފަރާތުން ކުރެވެންހުރި ކަންތައްތައްވެސް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ފުރިހަމަ ކުރެއްވުމަށްޓަކައި މަސީއާ ގުޅިވަޑައިގެން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން މިއަހަރު މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މި މަސައްކަތްތަކުގެ ތެރެއިން، ބިލްޑިންގ ކޯޑް މުޅިން ނިންމަވައި، ރައްޔިތުންގެ މަޖިލިސް މެދުވެރިކުރައްވައި، ޤާނޫނެއްގެ ސިފަ ގެންނަވައި، އޭގެކުރިންވެސް މިހާރު ހުރި ޤަވާޢިދުތަކަށް ގެންނަވަންޖެހޭ އިސްލާހުތައް ގެނެސްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސައްކަތްކުރާ ތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކަދައްކާއިރު މަސައްކަތްތެރިންގެ ޙައްޤުތަކާ ދޭތެރޭގައި ވިސްނަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މިޞިނާޢަތުގައި ވީހާވެސް ގިނަ ޒުވާނުން މަސައްކަތްކުރުމަކީވެސް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ އެކިއެކި ހުނަރުތައް ދަސްކޮށްދެއްވުމަށްޓަކައި މަސީގެ ފަރާތުން އިސްނަންގަވައިގެން މިބާވަތުގެ ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރައްވާތީ އެކަމާ އުފާފުޅު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުން ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިއްސައިގެންދާވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނަ ކަމަށާއި، އެހެންވީމާ، ރާއްޖެއާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވެގެން ދިޔަކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ބޭރުގެ ކުންފުނިތަކާ ގުޅިގެން ރާއްޖޭގައި އެކިއެކި މަޝްރޫޢުތައް ހިންގެވުމަށް މަސައްކަތްކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.