بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ކަނޑިތީމުގެ ލޮބުވެތި ރައްޔިތުން އަދި މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ކަނޑިތީމުގެ ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، މިއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް އަދި ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރަށަށް ބޭނުންވާ ކިތަންމެ ކަންތައްތަކެއްގެ ވާހަކަ މިއަދު ދެކެވިއްޖެ. އަޅުގަނޑަށް ހީވަނީ އެކަންތައްތަކުގެ ތެރެއިން އަލިކަންވެސް އެއީ، ބޭނުންވެފައިވާ ކަމެއްހެން. ކަރަންޓް ނުލިބޭ ގޮތަކަށް، ރަށުގެ ކަރަންޓްގެ ކަންކަން އިންތިޒާމު ކުރުމަކީ އެއީ، ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް މިއަދު ވަރަށް ރަނގަޅަށް ތަޖްރިބާ މި ކުރެވުނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިރަށުގެ ކަރަންޓްގެ ކަންތައް، މިއަށްވުރެ ރަނގަޅަށް އިންތިޒާމް ކުރެވޭނެ ގޮތެއްވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! އަޅުގަނޑު ހަމަ، ތެދުތެދަށް ދަންނަވަނީނަމަ، މިއަދު އަޅުގަނޑު ހީކުރީ މިރަށަށް އަނެއްކާ އެހެން ރަށްރަށުންވެސް މީހުން ގެންނެވީބާއޭ. އެހެން ނަމަވެސް، ރަނގަޅަށް ވިސްނާލިއިރުގައި، މިރަށުގެ ފާއިދޭފުރާވަރުގެ ހުރިހާ ކުދިންނާއެކީގައި ރަށުގެ ރައްޔިތުން އެކީގައިހެން ނުކުމެ، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވި. މިވަރުގެ ހޫނު މަރްޙަބާއެއް އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ދެއްވި ކަމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކަށްވަނީ ވަރަށްބޮޑު އުފަލެއް ލިބިފައި. އެ ދެއްވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން.

އާދެ! އެއިން އަޅުގަނޑަށް ދޭހަވީ، ކަނޑިތީމަކީ އާދައިގެ ރަށެއް ނޫން ކަމަށް. ކަނޑިތީމަކީ ކުރަންޖެހޭ ކަންކަމުގައި، މިރަށުގެ ތަރައްޤީއަށްޓަކައި، މިރަށަށް ރަނގަޅަށް ކަންތައް ކުރުމަށް ބޭނުންވާ، މިރަށަށް ހެޔޮއެދޭ ރައްޔިތަކު އުޅޭ ރަށެއްކަން. އެހެންވީމާ، ކުރަންޖެހޭ ކަންކަމުގައި، ޕާޓީގެ ޚިޔާލުގެ ތަފާތުތަކާއި، ފިކުރުގެ ތަފާތުތަކާއި، އަވަށުގެ ތަފާތުތަކާ، މިހެންހުރި ހުރިހާ ތަފާތުތަކެއް އެއްކިބާކޮށް، ރަށުގެ ކުރިއެރުމަށްޓަކައި، ތަރައްޤީއަށްޓަކައި މިރަށުގެ ރައްޔިތުން ތިބީ އަތުގުޅާލައިގެން އެކީގައި މަސައްކަތް ކުރަން. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިގެންދިޔައީ، ވަރަށްވެސް ބޮޑު އުންމީދެއް.

އާދެ! އަޅުގަނޑަށް މިރަށަށް އާދެވުމުން، އަޅުގަނޑަށް އިޙްސާސް ކުރެވިގެން ދިޔައީ، މިރަށަކީ މިއީ، ވަރަށް ދިރުންހުރި ރަށެއްގެ ގޮތުގައި. އަޅުގަނޑަށް ވިސްނިގެންދިޔައީ، މިރަށަކީ އެހެން ރަށްރަށުގެ މީހުންވެސް ހަމަ އައިސް އުޅޭހިތްވާ ކަހަލަ ރަށެކޭ. މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ، މިރަށުގެ އާބާދީ ބޮޑުވެ، މިރަށަކީ މިއަތޮޅުގެ ދެވަނަ އާބާދީގެ މަރްކަޒު ކަމުގައި ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އާދެ! އެގޮތަށް އެކަން ފަހިވުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއް، މިރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ހެދިފައި އޮތުން. ކަންދިމާވި ގޮތުން، މިހާރު ބަނދަރު އޮތީ ވަރަށް ހާލުގައި. ﷲ އިރާދަކުރެއްވިއްޔާ، މިއަހަރު ބަނދަރު އަނެއްކާވެސް ރަނގަޅު ކުރެވި، ރަނގަޅު ފެންވަރަކަށް ހެދިގެންދާނެ. އާދެ! އެކަން ކުރާނީ، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން. އެކަން އެމް.ޓީ.ސީ.ސީ. އިން މިހާރުދަނީ ރާވަމުން. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެކަމާއިގެން މަސައްކަތް ފަށާނެ.

ދެންއޮތީ މިރަށުގެ ނަރުދަމާ. ނަރުދަމާއަކީ އަޅަންޖެހޭ އެއްޗެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ، ހުރިހާ ރަށުގައިވެސް ނަރުދަމާ އެޅޭތޯ. އެހެން ނަމަވެސް، އިސްކަން ދިނުމުގެ ގޮތުން، މިރަށުގައި މިއަހަރު ނަރުދަމާ އަޅާގޮތަށް ހަމަޖެހިފައި އޮންނާނީ. ހަމައެހެން، މިސްކިތެއް ހުރުމަކީ އެއީ އާބާދީއަކަށް ވަރަށް މުހިންމު ކަމެއް. އަދި ދިރުންހުރި މިފަދަ ރަށެއްގައި ބޮޑު މިސްކިތެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު އަޅުގަނޑުމެންނަށް މިރަށުގެ ބޮޑު މިސްކިތުގެ ބިންގާ އެޅުނުކަމަށްޓަކައި. އެކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން.

އާދެ! އަޅުގަނޑު ދެކޭހިތްވަނީ، ކުރިން ދެންނެވިހެން މިރަށަކީ އިތުރަށް ކުރިއަރައި ދިރި، މިރަށުގައި އިތުރު އާބާދީ އުފެދި، މިރަށަކީ ހުރިހާ ވަސީލަތްތަކެއް ޤާއިމްވެފައިވާ ތަނަކަށްވުން. އެގޮތުން، މިރަށުގެ ސްކޫލާއި، މިރަށުގެ ޞިއްޙީ މަރްކަޒުވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތައް އެބަހުރި. މިރަށުގެ އާބާދީ ބޮޑުވަމުންދާނެ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި. އަދި ކިޔެވުމުގެ ފެންވަރު މިހާރުވެސް ރަނގަޅު. މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ، މިއަށްވުރެވެސް ރަނގަޅުވާނެ. މިރަށުގައި މިހާރު އޭ ލެވެލްގެ ކިޔެވުން އެބައޮވޭ. އަދި ކައިރީގެ އެހެން ރަށްރަށުންވެސް ބައެއް ކުދިން ކިޔަވަން އަންނަ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، މިރަށަކީ އޭ ލެވެލް ރަނގަޅަށް ކިޔަވައިދޭ އަދި މަތީ ތަޢުލީމުގެ ފުރްޞަތުތައްވެސް ހުޅުވިގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު އުންމީދު ކުރަން.

އެހެންވީމާ، ކުރުކޮށް ދަންނަވަންޏާ، އަޅުގަނޑު މިރަށަށްޓަކައި ދެކެނީ ވަރަށް ފޮނި ހުވަފެންތަކެއް. ތިޔަބޭފުޅުންގެ އެހީއާއި، ތާއީދާއި، އެއްބާރުލުމާއެކީގައި، ﷲ އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުން މި ބޭނުންފުޅުވާ ކަންކަން ކުރެވިގެންދާނެ. އަދި މިރަށަކީ ތިޔަބޭފުޅުން ދެކެވަޑައިގަންނަވާ، ފަޚްރުވެރިވާ، ކުރިއަރާފައިވާ ރަށެއްގެ ގޮތުގައި ހިމެނިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! އަޅުގަނޑު އަދި އިތުރު ވާހަކައެއް ދައްކާލަން މިއަދު ޤަޞްދުކުރަން. މިކަންކަން އަޅުގަނޑުމެން ކުރަން ޤަޞްދުކޮށްފައި މިވަނީ، ކަންދިމާވި ގޮތުން، ދައުލަތުގެ ބަޖެޓްގެ ތާށިތަކެއް އުޅޭ ދުވަސްވަރެއްގައި. އެކަން އެހެން އޮތް ކަމުގައިވިނަމަވެސް، އަޅުގަނޑު މިދެންނެވި ކަންކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިރަށުގައި ކުރާނަން. ނަމަވެސް، އަޅުގަނޑުމެން އެންމެންނަށް ދިމާވެފައިވާ ބައެއް ޙާލަތުތަކާމެދު ވާހަކަ ދައްކާލުމަކީ ނެތް ކަމެއް ނޫން. ރައްޔިތުންނަށް، ރައްޔިތުންގެ ސަރުކާރަށް ކުރިމަތިވެފައިވާ ބައެއް ޙާލަތުތަކާ ބެހޭގޮތުން އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. ދިވެހިރާއްޖެއަށް، ދިވެހިރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން އަޅުގަނޑު ކުޑަކޮށް މިއަދު އަލިއަޅުވާލާނަން.

އެނގިވަޑައިގަންނަވާނޭ ފަދައިން، މި ރާއްޖެއަށް އާމްދަނީ މިއޮންނަނީ ލިބޭ ބޮޑު ދެދާއިރާއެއް. އެއްކަމަކީ ފަތުރުވެރިކަން. އަނެއްކަމަކީ މަސްވެރިކަން. ވަރަށް ފާޑުފާޑުގެ ވާހަކަ ތިޔަބޭފުޅުން އައްސަވާފައި ހުންނާނެ. ބައެއް ބޭފުޅުން ވިދާޅުވެފައި އެބަހުރި. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އަންނައިރުގައި، މި ޤައުމުގެ އިޤްތިޞާދު މުޅިން ވެއްޓޭނޭ. މިވާހަކަވެސް އަޅުގަނޑުމެންނަށް އިވިފައި ހުރީ. އެހެން ނަމަވެސް، އަޅުގަނޑުމެން ކެތްތެރިކަމާ އެކީގައި، އަޅުގަނޑުމެން އެކިކަންކަމުގައި ވަރަށް ފަރުވާތެރިކަމާ އެކީގައި މަސައްކަތް ކުރުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ދަނީ ކުރިއަށް. އަޅުގަނޑުގެ އުންމީދަކީ، 2012 ވަނަ އަހަރަށްވުރެ، މިޤައުމުގެ އިޤްތިޞާދު، 2013 ވަނަ އަހަރު ރަނގަޅުވުން. ﷲ އިރާދަކުރެއްވިއްޔާ، ޤައުމުގެ އިޤްތިޞާދު ފުޅާވެގެންދާނެ. އަދި ފަތުރުވެރިކަމުންވެސް، މަސްވެރިކަމުންވެސް ލިބޭ އާމްދަނީ އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ. 2011 ވަނަ އަހަރަށްވުރެ 2012 ވަނަ އަހަރު ރަނގަޅު. ވީމާ، އިޤްތިޞާދު ދަނީ މަޑު ދުވެއްޔެއްގައި ނަމަވެސް ކުރިއަށް.

ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި އެކަން އޮތީކީ އެހެނެއް ނޫން. އެނގިވަޑައިގަންނަވާނޭ ފަދައިން، ޔޫރަޕްގެ ޤައުމުތަކަށްވެސް ވަރަށް ބޮޑެތި އިޤްތިޞާދީ ހުއްޓުންތަކެއް އައިސްފައިވަނީ. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އެބަ އަސަރުކުރޭ. އެއީ ރާއްޖެއަށް އަންނަ ވަރަށްގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ޔޫރަޕުން ކަމަށްވާތީ. އެހެން ނަމަވެސް، އަޅުގަނޑުމެން ޗައިނާގެ ފަތުރުވެރިން އިތުރުވުމާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ އާމްދަނީ ވަނީ މިދިޔަ އަހަރު އިތުރުވެފައި. އަދި ރާއްޖެއަށް ލިބޭ އާމްދަނީ، މިވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފައި. އޭގެ ސަބަބުން މިއަދު ރާއްޖެ ހިމެނިގެން ގޮސްފައިވަނީ ކުޑަކޮށް ތަރައްޤީވާ ޤައުމެއްގެ ގޮތަކު ނޫން. ދިވެހިރާއްޖެއަކީ މިއަދު މެދުފަންތީގެ ތަރައްޤީވެފައިވާ ޤައުމެއް. އަދި މެދުފަންތީގެ ތެރޭގައިވެސް، އޭގެ އުސް ހަރުފަތްތަކުގައި އުޅޭ ޤައުމަކަށްވެފައި މިއޮތީ. ރާއްޖޭގެ ރައްޔިތުންގެ ކޮންމެ ބޮލަކަށް މިހާރުޖެހޭ އާމްދަނީއަކީ ހަހާސް ޑޮލަރު. މިއީ މިވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި މި ޢަދަދު މިވަނީ ގާތްގަނޑަކަށް ޑަބަލްވެފައި. އެހެންވީމާ، ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ރާއްޖެއަށް ލިބެމުން މިހާރު މިދަނީ. އެހެން ނަމަވެސް، ޙަޤީޤަތަކީ ރާއްޖޭގައި އުޅޭ މުއްސަނދިންނާއި ފަޤީރުންގެ ތަފާތު މިވަނީ ވަރަށް ބޮޑަށް ފުޅާވެފައި. ފަޤީރުންވަނީ ނިކަމެތިވެފައި. މުއްސަނދިން ވަނީ ކުރިއަށްވުރެ މުއްސަނދިވެފައި.

މިހެންވީމާ، މި ތަފާތު ކުޑަކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް، ދައުލަތުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތަކެއް ހުރޭ. އެ ފިޔަވަޅުތަކުގެ ތެރޭގައި، އެއްކަމަކީ ނިކަމެތިންނަށް އެހީތެރިވުން. ނިކަމެތިންގެ ދިރިއުޅުމުގެ ފެންވަރުވެސް ވަކިވަރަކަށް މައްޗަށް އުފުލައިލުން. އެކަމަށްޓަކައި ރައްޔިތުންގެ އެކިއެކި ކަންކަމުގައި ދައުލަތުގެ ފަރާތުން މި އެހީތެރިކަން ފޯރުވަމުން ދަނީ.

އާދެ! ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ސަބްސިޑީއެއްގެ ވާހަކަ އަޅުގަނޑުމެން އެބަ ދައްކަމު. ސަބްސިޑީ ދޭންޖެހެނީ، މިދެންނެވިހެން ޚާއްޞަކޮށް، ނިކަމެތިންގެ ދިރިއުޅުމުގެ ކަންކަން ވަކި ޙާލަތަކަށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި. އެހެން ނަމަވެސް، މި ޤައުމުގައި އަދި މިހާތަނަށް ސަބްސިޑީގެ ކަންތައް ރޭވިފައިވަނީކީ މިދެންނެވި ގޮތަކަށް ނޫން. މިއަދު އަޅުގަނޑުމެންގެ ސަބްސިޑީ ދެމުން މިގެންދަނީ އެންމެނަށް. އާދެ! މިދަންނަވާ އެއްޗެއްގެ ތަފްޞީލު އަޅުގަނޑު އެބަ ދަންނަވަން. އަޅުގަނޑުމެންނަށް ސަބްސިޑީދޭ އެންމެ މުހިންމު ދާއިރާތަކަކީ، ކަރަންޓާއި، ޞިއްޙަތާއި، ކާބޯތަކެއްޗާއި އަދި އޭގެއިތުރުން ތަޢުލީމްވެސް. މި ގާތްގަނޑަކަށް ހުރިހާ ރޮނގުތަކަކުން ދައުލަތުގެ ފަރާތުން ސަބްސިޑީ ދެމުން މިގެންދަނީ. ތިޔަބޭފުޅުންނަކަށް ހުރިހާ ތަފްޞީލުތަކެއް އެނގިވަޑައެއްނުގަންނަވާނެ. އެހެން ނަމަވެސް، މިހާރު ތެލަށް އެކަނިވެސް އަޅުގަނޑުމެން އެބަ ޚަރަދުކުރަން، އަޅުގަނޑުމެންގެ ބަޖެޓްގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި. މިކަން އަޅުގަނޑުމެން އެބަޖެހޭ ކުޑަކުރަން. އަޅުގަނޑުމެން ކަރަންޓް ސަބްސިޑީ މިހާރު އެބަދެން ގާތްގަނޑަކަށް ހުރިހާ އެންމެންނަށް. އޭގެތެރޭގައި އެބަ ހިމެނޭ، ދިވެހިރާއްޖޭގައި ދިރިއުޅޭ ދޮޅުލައްކައެއްހާ ބިދޭސީންވެސް. އަޅުގަނޑުމެންގެ ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގައި، ހުރި މަދު ފައިސާކޮޅުތަކެއް އަޅުގަނޑުމެންނަކަށް އިސްރާފު ކުރެވޭކަށް ނެތް. އެހެންވީމާ، ކަރަންޓްގެ ސަބްސިޑީއަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ޚާއްޞަކޮށް، މާލޭގައި އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށްގިނަ ތަންތަނަކީ ކުއްޔަށްދީފައި ހުންނަ ތަންތަން. ބައެއް މީސްމީހުން އެބަ ސަބްސިޑީ ނަގާ 8 މީޓަރަށް، 7 މީޓަރަށް އެކަކު. އެދޭ ކޮންމެ މީހަކަށް މިއޮންނަނީ ސަބްސިޑީ ލިބޭގޮތަށް. ވީމާ، ވަރަށްބޮޑު އިސްރާފެއް މިހާރުދަނީ ކަރަންޓް ސަބްސިޑީގައި ކުރެވެމުން. ކަރަންޓް ސަބްސިޑީގެ ބޮޑު ޚަރަދަކަށް މިދަނީ ތެލަށް ދައްކާ ޚަރަދު. ތެލުގެ އަގުބޮޑުވަމުންދިޔަދިޔަހެން އަޅުގަނޑުމެންގެ ޚަރަދުތައް ދާނީ ބޮޑުވަމުން. އެހެންވީމާ، މިކަން ހަމައަކަށް އެޅުވުމަށްޓަކައި މިއަހަރު ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. ކަރަންޓްގެ އަގު ކުޑަކުރުމަށްޓަކައި 20 ރަށުގައި އަޅުގަނޑުމެން މިއަހަރު އިރާދަކުރެއްވިއްޔާ، އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަށާނަން. އެގޮތުން، ޚާއްޞަކޮށް، ފޮޓޯ ވޯލްޓޭޖް އެއީ އިރުގެ ހޫނުމިން، އަވި ބޭނުންކޮށްގެން އަޅުގަނޑުމެން އުފައްދާ ކަރަންޓް. މިކަން ކުރުމުގެ ސަބަބުން ބައެއް ރަށްރަށުގައި ކަރަންޓްގެ ޚަރަދު ކުޑަވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި ހަމައެހެން، ތެލުގެ، އިމްޕޯޓްކުރާ ތެޔޮ މަދުކުރުމަށްޓަކައި މީގެ ސަބަބުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދާނެ. ދެން ހަމައެހެން، މިދެންނެވިހެން އަޅުގަނޑުމެންނަށް މި ތެލުގެ ސަބްސިޑީ މިހާރަށްވުރެ ބޮޑަށް އަމާޒުކޮށްގެން ދިވެހިންނަށް އޭގެ ބޮޑު ފައިދާކުރާގޮތަށް ކުރެވިއްޖިއްޔާވެސް އޭގެ ޚަރަދު ކުޑަވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! މީގެއިތުރުން، އަޅުގަނޑުމެން ސަބްސިޑީދޭ ވަރަށްގިނަ ކަންކަމުގައި، އަޅުގަނޑުވާނީ މިއަހަރުގެ ކުރީކޮޅުގައި އާސަންދަ ޕްރޮގްރާމަށް ބައެއް ބަދަލުތައް ގެނެސްފައި. އޭގެ ސަބަބުންވެސް ދައުލަތަށް ގާތްގަނޑަކަށް އަޅުގަނޑުމެން އަންދާޒާ ކުރިވަރަށްވުރެ، ގާތްގަނޑަކަށް ހަތަރުސަތޭކަ މިލިއަންވަރު ޚަރަދުކުޑަކޮށްލެވުނު. އަޅުގަނޑުމެން އޭރުގައި އަންދާޒާކޮށްފައި އޮތީ، 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް. އަދިވެސް އާސަންދަ ޕްރޮގްރާމަށް އެބަޖެހޭ އިޞްލާޙެއް ގެންނަން. ހަމައެއާއެކީގައި، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެންގެ ކާބޯތަކެތީގެ ޚަރަދުތައް ހުންނަގޮތާ ދޭތެރޭގައިވެސް. މިއަދު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެއްނޭނގެ. ހަކުރު ކިލޯއަކަށް އަޅުގަނޑުމެންނަށް ބޭރުން ގަންނަން އެބަޖެހޭ ސާދަ ރުފިޔާ ހަތާވީސްލާރި. އަޅުގަނޑުމެން މި ހަކުރު މި ވިއްކަނީ ހަތަރު ރުފިޔާއަށް. ވާހަކައަކީ، ކޮންމެ ހަކުރު ކިލޯއަކަށް ދިހަރުފިޔާ ހަތާވީސްލާރި އަޅުގަނޑުމެން އެބަ ސަބްސިޑީ ލަން. ދިވެހިރާއްޖެވަރުގެ ހަކުރު އަގުހެޔޮ ތަނެއް، މި ސަރަޙައްދަކުއެއް ނެތް. ނަތީޖާއެއްގެ ގޮތުން، ސިލޯނުގައި ދިރިއުޅޭ ދިވެހިންވެސް، މިހާރު ބައެއް މީހުން މިހާރު މާލެއިން ހަކުރު ގަނެގެން ސިލޯނަށް އެބަގެންދޭ. މި ހަކުރުގެ ވަރަށްބޮޑު ބައެއް ބޭނުންކުރަނީ ކޮންތާކުތޯ؟ ރިޒޯޓްތަކުގައި. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ތެރެއިން ކޮންމެ ހަކުރު ކިލޯއަކަށް ދިހަ ރުފިޔާ، ރާއްޖެ އަންނަ ޓުއަރިސްޓުންނަށްވެސް އަޅުގަނޑުމެން އެބަދޭ.

މިހެންހުރި ކަންކަން އެބަޖެހޭ އަޅުގަނޑުމެން ބަލަން. މިކަންކަމުގައި އިސްރާފު ކުޑަކުރެވޭނެ ގޮތަކަށް ވިސްނައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަން. ރާއްޖޭގެ އާމްދަނީ މިވަނީ އިތުރުވެފައި. އެހެން ނަމަވެސް، ރާއްޖޭގެ ޚަރަދުތައްވެސް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައި. ސުނާމީ ކާރިޘާއަށްފަހުގައި، ހަމަ ކޮންމެ އަހަރަކުވެސް ދަރަނި ބަޖެޓެއް ހަދަމުން ހަދަމުން ހަދަމުން ހަދަމުން އައިސް މިއަދު މިވަނީ ދަރަނި މިވަނީ ވަރަށް ބޮޑަށް ގޮއްސަ. ނަތީޖާއަކީ ކޮބައިތޯ؟ ނަތީޖާއަކީ މިއަދު ދަރަންޏަށްވެސް ދިވެހިރާއްޖެއަށް ފައިސާ ހޯދުން ވަނީ ދަތިކަމަކަށްވެފައި. އެހެންވީމާ، އަޅުގަނޑުމެންޖެހޭ ޚަރަދު ކުޑަކުރަން. އަޅުގަނޑުމެންނަށް ދަރަންޏަށް ނެގޭ އެއްޗަކީ އެއީ އަޅުގަނޑުމެން ބޭނުންކޮށް ހުސްކޮށްލާ އެއްޗެއް ކަމުގައި ވެގެންނުވާނެ. އޭރުން އަޅުގަނޑުމެންނަށް އެ ބޭނުންކުރެވެނީ، އަޅުގަނޑުމެންގެ މުސްތަޤްބަލުގެ، އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލް. އެ ދަރަނި ބޮލުގައި އަޅަންޖެހޭނީ އަޅުގަނޑުމެންގެ ދަރިންނަށް. އެހެންވީމާ، އަޅުގަނޑުމެން ދަރަންޏަށް ނަގާ ފައިސާއަކީ، އެ އިތުރު އުފެއްދުންތެރި ކަމެއް އޭގެ ސަބަބުން ލިބޭ އެއްޗަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިހާރު މިއަހަރު ނަގާ ދަރަނި ވެގެންދާނީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރާ، ޢިމްރާނީ ގޮތުން ރާއްޖެ ކުރިއަރުވާ އެއްޗެއްގެ ގޮތުގައި. އަޅުގަނޑުމެން ނަގާ ދަރަންޏެއް އަޅުގަނޑުމެން ކައި ހުސްކޮށެއް ނުލާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑުމެންގެ ބޮޑެތި މަޝްރޫޢުތައް އަޅުގަނޑުމެން މިއަހަރު ހިންގަން ރާވާފައިވަނީ ސަރުކާރުގެ ބަޖެޓްގެ ތެރެއިން ވަރަށްބޮޑު ބައެއް ކުޑަކޮށްގެން. ޚާއްޞަކޮށް، ސަރުކާރު ހިންގުމުގެ ޚަރަދު ވަރަށްބޮޑު ބައެއް ކުޑަކޮށްގެން. އެހެންވީމާ، އަޅުގަނޑު ހީކުރަން، އަޅުގަނޑުމެންގެ އެކިއެކި އިދާރީ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން، އެކަން ދެނެވަޑައިގެން، އެކަމުގައި ކެތްތެރިވެވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކޮންމެ ކައުންސިލަކަށްވެސް، ކޮންމެ ރަށެއްގެ ކައުންސިލަކަށްވެސް، ކޮންމެ އަތޮޅު ކައުންސިލަކަށްވެސް އެދިވަޑައިގެންފައިވާ ވަރަށްވުރެ މާ ކުޑަކުޑަ ބަޖެޓެއް މިހާތަނަށް ދެވިފައިވަނީ. އަދި އެވަރުން ފުދޭނެ ކަމެއްވެސް ނޭނގެ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންނަށް އެކަން މަޑުމަޑުން ގޮސް ރަނގަޅު ކުރެވޭނެ ކަމަށް. ވީމާ، ވަގުތުވެސް މިވަގުތު ކުޑަތަންވެފައިވުމާ އެކުގައި، އަޅުގަނޑު މާ ދިގު ވާހަކައެއް ދައްކާކަށް ނެތިން. އަޅުގަނޑު މިވާހަކަ ދެއްކީ، މިކަމުގެ ޙަޤީޤަތް އޮތްގޮތް ތިޔަބޭފުޅުންނަށް ކޮންމެވެސްވަރަކަށް ނަމަވެސް ފާޅުކުރުމުގެ ގޮތުން. ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން. ﷲ އިރާދަކުރެއްވިއްޔާ، މިއަހަރުގެ ބަޖެޓް ވީހާވެސް ރަނގަޅަކަށް މެނޭޖްކޮށް، ބަޖެޓްގައި ހިމެނިފައިވާ މިރަށުގެ މަޝްރޫޢުތައްފަދަ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން. މިރަށަކީ ކުރިއަށްދާ، ކުރިމަގުގައި ތަރައްޤީވެފައިވާ، އުފާވެރި، ފާގަތި ދިރިއުޅުމެއް އުޅުއްވާ ރައްޔިތެއް އޮތް ރަށެއް ކަމުގައި ލެއްވުން. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އެދެނީ، ދުޅަހެޔޮ ޞިއްޙަތަކާއި ޢާފިޔަތު. މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه