بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ބިލެތްފަހީގެ ލޮބުވެތި އަޚުންނާއި އުޚުތުން، ބިލެތްފަހީ ކައުންސިލްގެ ރައީސް، ކަނޑިތީމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަދި މިއަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް، މިރަށު ކައުންސިލްގެ މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އެއީ، މި ރީތި ނަލަ ރަށަށް އައިސް، ތިޔަ ޢިއްޒަތްތެރި ހިތްހެޔޮ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރްޞަތު އަޅުގަނޑަށް އަދި އަޅުގަނޑާއެކު ވަޑައިގެންނެވި ބޭފުޅުންނަށް ލިބުނު ދުވަސް. މިއަދު ތިޔަބޭފުޅުންގެ ހުރި އޯގާތެރިކަމާއި މެހްމާންދާރީކަން އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގިއްޖެ. ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންހެން އަޅުގަނޑުމެންގެ އިސްތިޤްބާލުގައި ނުކުމެވަޑައިގެން، ވަރަށް ހޫނު މަރްޙަބާއެއް އަޅުގަނޑުމެންނަށް ކިޔުއްވިކަން އަޅުގަނޑު ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން. އަދި އެކަމަށްޓަކައި ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އާދެ! މިހާރު މިހާހިސާބަށް މި ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ، ތިޔަ ލޮބުވެތި ރައްޔިތުން މިވަގުތު އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ކަމަކަށް މިއޮތީ މިރަށުގެ ބަނދަރުގެ ކަންތައްތައް ޙައްލުކުރުން. ބަނދަރަށް ވަންނަން އޮންނަ އެންޓްރަންސް މިހިރީ ހުންނަންވާ ވަރަށްވުރެ މާ ހަނިކޮށް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އަދި އެތާނގެ އޮއި ހުންނަގޮތުން، ގަދަ ދުވަސްދުވަހު މިތަނަށް ވަދެ އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އޭގެ ސަބަބުން ބައެއް ދޯނިފަހަރަށް ގެއްލުން ލިބި އަދި ޚާއްޞަކޮށް، ގަދަ އިރެއްގައި ރޭގަނޑު އެއްގޮތަކަށްވެސް މި ފަޅަށް ނުވަދެވޭ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އެހެންވީމާ، މިއީ ވަރަށް ސީރިއަސް ކަމެއް. މިކަން ޙައްލު ކުރުމަށްޓަކައި އަޅުގަނޑު ދަންނަވާނީ، ދައުލަތުގެ ފަރާތުން ހަމަ ދެވެން އޮތް އެންމެ އިސްކަމެއް އަޅުގަނޑުމެން ދޭނަމޭ. އޭގެ ސަބަބުން، މާލަހެއްނުވެ އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި، މިކަން ބެލުމަށް، ތަން ދިރާސާ ކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޓީމެއް މިރަށަށް ފޮނުވާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަދި އެއަށްފަހު، މާލަސްތަކެއްނުވެ މިއަހަރު އެކަން ރަނގަޅު ކޮށްދިނުމުގެ މަޤްޞަދު އޮތް ވާހަކަވެސް ދަންނަވަން. އަދި އެކަމަށްޓަކައި ދައުލަތުގެ ބަޖެޓުގައި ފައިސާވެސް ހުންނާނެ. އެހެންވީމާ، އެކަން ޙައްލުވެގެންދާނެ ކަމަށް އަޅުގަނޑު ހުރީ އުންމީދުކޮށް، އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ސަރުކާރުން ކުރާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

ދެންވެސް މިރަށުގައި އެބަހުރި ކުރަންހުރި ކިތަންމެ ކަންތައްތަކެއް. ޚާއްޞަކޮށް، ތަޢުލީމާއި ޞިއްޙީ ދާއިރާގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން މި ސްކޫލަށް ބޭނުންވާ ބައެއް ފަރުނީޗަރު، އަޅުގަނޑަށްވެސް ޔަޤީންކަން އެބައޮތް، ޢިއްޒަތްތެރި މިނިސްޓަރު މިތާ އެބަ އިންނެވި. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، ސްކޫލަށް ބޭނުންވާ، ޚާއްޞަކޮށް، ޓީޗަރުންނަށާއި ކުދިންނަށް ބޭނުންވާ، ދަރިވަރުންނަށް ބޭނުންވާ ގޮނޑި، މޭޒުފަދަ ތަކެތި މިއަހަރު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

ދެން ހަމައެހެން، ޞިއްޙީ މަރްކަޒުވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑަށް އަދިވެސް އެތަން ބަލައިލެވޭވަރެއްނުވޭ. އެހެން ނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަންވެސް ހުރީ ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައި. އެހެންވީމާ، އެކަމަށްޓަކައިވެސް ދައުލަތުގެ ބަޖެޓުން މިއަހަރު ޚަރަދުކޮށް، މިހާރަށްވުރެ އެތަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތައް ކުރާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! އަޅުގަނޑު މިއަދު ހެނދުނު މިރަށަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށް، އަޅުގަނޑު ހިތަށްއެރި، ތިޔަބޭފުޅުންނާ މުޚާޠަބުކޮށް އަޅުގަނޑު ދަންނަވާލަންޖެހޭ ވާހަކައެއް އެބައޮވޭ. އެއީ، މިއަހަރު އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހަމަ މިރަށަށް ދައުލަތުގެ ފަރާތުން އިންވެސްޓްކުރާ ކުރުން ހަމަ އެންމެ ރަނގަޅަށް ކުރެވޭ އެއް އަހަރު ކަމަށްވެގެންދާނެއޭ. އެކަން އެގޮތަށް އެފަހިވީ އެކަމަށްޓަކައި މިރަށުގެ ކައުންސިލްގެ ރައީސާއި މެންބަރުންނާ އަދި މިދާއިރާގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައިގެން. އެހެންވީމާ އެބޭފުޅުންނަށް މިރަށުގެ ރައްޔިތުން ޝުކުރުވެރިވާން ޖެހޭ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! މިއަހަރު ޢާންމު ގޮތެއްގައި ރާއްޖޭގެ އެކިއެކި ރަށްރަށުގައި އެކިއެކި ޢުމްރާނީ މަޝްރޫޢުތައް ހިންގުމަށްޓަކައި ވަނީ ރޭވިފައި. އެ ޢުމްރާނީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ، އަޅުގަނޑުމެންގެ މަޤްޞަދު. އަޅުގަނޑުމެން މަސައްކަތް ކުރާނަން، މި ސަރުކާރުގައި ހަމަ ހުރިހާ ހިތްވަރެއްލާފައި އެ ހުރިހާ މަޝްރޫޢުތަކެއްވެސް ދައުލަތުގެ ބަޖެޓުގައި ފައިސާ ހުރި ވަރަކުން ކޮށް ނިންމޭތޯ. އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ، އެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަހުރިހާ ރައްޔިތުންނަށް އަރުވަން.

އާދެ! މިއަހަރަކީ ފަސޭހަ އަހަރަކަށް އެކަމަކު ނުވާނެ. ފަސޭހަ ނުވާނެ ތަފާތު ސަބަބުތަކެއް އެބަހުރި. ފުރަތަމަ ސަބަބަކީ، ކުރީ އަހަރުތަކާ އަޅާ ބަލާއިރުގައި މިއަހަރު ސަރުކާރުގެ ތަންފީޒީ ކަންކަން ހިންގުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓު ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައި. މިއީ، ސަރުކާރު، ދައުލަތުގެ ތަންފީޒީ ސިޔާސަތަށް ގެނެވިފައިވާ ބަދަލެއް. މިބަދަލު ގެނެވިފައިމިވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓު ރޭވިގެން ގޮސްފައިވާގޮތުން. އެބަޖެޓަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން. މިދަންނަވަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަތައް ދިނުމުގެ އިތުރުން، ސަރުކާރު ހިންގުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި މާބޮޑު އެއްޗެއް ކަނޑައެޅިފައެއްނުވޭ. އަދި ސަރުކާރުގެ މުވައްޒަފުންވެސް ރަސްމީގަޑީގައި ކުރައްވާ މަސައްކަތުގެ އިތުރުން، ކުރައްވާ މަސައްކަތަކަށް އުޖޫރަ ދިނުމުގެ އުޞޫލެއް މިއަހަރުގެ ބަޖެޓުގައި ކަނޑައެޅިފައެއްނުވޭ. އެހެންވީމާ، މިދެންނެވީ ދައުލަތުގެ ތަންފީޒީ ސިޔާސަތަށް ރައްޔިތުންގެ މަޖިލީހުން މިވަނީ ބަދަލުތަކެއް ގެންނަވާފައި. އެބަދަލުތަކާ އެކީގައިވެސް އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން.
އަޅުގަނޑުމެންގެ ރައްޔިތުންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބާރުލުމާއެކީގައި، އަޅުގަނޑުމެންގެ ރަށްރަށަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެވަގުތަކަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންގެންދާ ބައެއް. މިރަށްރަށް މިފެންވަރުގައި މި ރީތިކަމާއެކީގައި، މި ސާފުތާހިރުކަމާއެކީގައި ނޯތީސް، ރަށްރަށުގެ ރައްޔިތުން މަސައްކަތްތަކެއް ނުކުރައްވާނަމަ. އެހެންވީމާ، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި މިއަހަރުވެސް އަދި ކުރިއަށްއޮތްތާނގައިވެސް ކުރިއެކޭ އެއްފަދައިން، ރައްޔިތުންގެ އެއްބާރުލުމާއި އެކުވެރިކަމާއި އެހީތެރިކަން އިންތިހާއަށް އެބަބޭނުންވޭ. ޚާއްޞަކޮށް، މިދެންނެވި ކަހަލަ ބަދަލެއް ދައުލަތުގެ ބަޖެޓަށް ގެނެވިފައިވާ ދުވަސްވަރެއްގައި ކަންކަން ކުރުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. ދެންމެ ދެންނެވިހެން، ސްކޫލަކަށް ޚިޔާލު ކުރައްވާކަމަށްވާނަމަ މިސާލެއްގެ ގޮތުން، ސްކޫލެއްގެ މުދައްރިސުން، އިތުރުގަޑީގައި މަސައްކަތް ކުރެއްވުމަކަށް މިއަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައެޅިފައެއްނެތް. ހަމައެހެން، ރަށްރަށުގެ ރަށު ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކަށްވެސް އިތުރު ފައިސާ ދިނުމަށް ކަނޑައެޅިފައެއް ނެތް. އެކަން ތިޔަބޭފުޅުންނަށް ލިބިވަޑައިގެންނެވި ބަޖެޓުން ފެނިވަޑައިގަންނަވާނެ.

މިދިޔަ އަހަރު، ތިން މިލިޔަން ރުފިޔާ ޚަރަދުކުރި ކައުންސިލްތަކަށް މިއަހަރު ކަނޑައެޅިފައިވަނީ ދެ މިލިއަން ރުފިޔާ. އެއީ، ހަތަރު މިލިއަންގެ ބަޖެޓަކަށް އެދިވަޑައިގަންނަވައިގެން ލިބުނުވަރު. މިއީ ޙަޤީޤަތަކީ. މިއީކީ ކޮންމެހެން ސަރުކާރުން އަދި ބޭނުންވި ގޮތެއް ނޫން. ދައުލަތުގެ ތަންފީޒީ ސިޔާސަތު ކަނޑައަޅާ ބާރެއް ކަމުގައި ޤާނޫނު އަސާސީގައި ކަނޑައެޅިފައި މިއޮންނަނީ ސަރުކާރު. އެހެންނަމަވެސް، މިހާރު ދައުލަތުގެ އެކިއެކި ބާރުތައް ލާމެހި ގުޅި، ކުޑަކޮށް މަސްހުނި ވުމުގެ ސަބަބުން، ތަންފީޒީ ސިޔާސަތުވެސް މިހާރު ކަނޑައެޅިގެން މިދަނީ ބަޖެޓުގެ ތެރެއިން. ފައިސާ ނެތިއްޔާ ކޮންކަމެއްތޯ ކުރާނީ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އަޅުގަނޑުމެން ޢުމްރާނީ މަޝްރޫޢުތަކަށް ކިތަންމެ ބޮޑު އަދަދުތަކެއް ކަނޑައެޅިފައިވީ ނަމަވެސް، އަޅުގަނޑުމެން ބަޖެޓުގެ ބަހުރުވައިން ދަންނަވާނަމަ ޕީ.އެސް.އައި.ޕީ، ޕީ.އެސް.އައި.ޕީ.އަށް ކިތަންމެ ބޮޑު އަދަދުތަކެއް ކަނޑައެޅިފައި ހުއްޓަސް، އެކަންކަން ހިންގުމަށްޓަކައި އޮތް ތަންފީޒީ އިދާރީ ކަންކަން ކުރުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓު ވަނީ ވަރަށް ބޮޑަށް މިހާރު ކުޑަކޮށްލެވިފައި. އެހެންވީމާ، މިއީ އަޅުގަނޑުމެންނަށް ދިމާވާނެ ގޮންޖެހުމެއް. އެހެންނަމަވެސް، ތިޔަ ޢިއްޒަތްތެރި ރައްޔިތުންގެ އެއްބާރުލުމާއި އެކުވެރިކަމާއެކީގައި އަޅުގަނޑުމެންނަށް މިކަންކަން ހާސިލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އަޅުގަނޑު ވަރަށް ބާރުލާފައި ތިޔަ ޢިއްޒަތްތެރި ރައްޔިތުންނަށް، ހަމައެކަނި މިރަށުގެ ރައްޔިތުންނަށް އެކަންޏެއް ނޫން، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެވެސް ރައްޔިތުންނަށް އަޅުގަނޑު މިދަންނަވަނީ، މިއަހަރު އަޅުގަނޑުމެންނަށް ކަނޑައެޅިފައިވާ ޕީ.އެސް.އައި.ޕީ.ގެ އެކިއެކި މަޝްރޫޢުތައް ހިންގުމަށްޓަކައި ކޮންމެ ރަށެއްގައިވެސް ރަށުގެ ރައްޔިތުން، އެކުވެރިކަމާއި އެއްބާރުލުން އިސްކުރައްވައި، ރަށުގެ މަޞްލަޙަތާއި ޞުލްޙަ އިސްކުރައްވައި، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ބާރުލެއްވުން އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެގޮތަށް ތިޔަބޭފުޅުން މަސައްކަތް ކުރައްވަނިކޮށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހިންގަންޖެހޭ މަޝްރޫޢުތައް ހިންގައި، އަޅުގަނޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެންގެ ރަށްރަށަށް، ގެންނަންޖެހޭ ކުރިއެރުން ގެނެވޭނެކަމާމެދު އެއްވެސް ޝައްކެއް އަޅުގަނޑުގެ ނެތް. އެކަމުގައި، ހެޔޮ ނިޔަތުގައި މަސައްކަތް ކުރާ ކަމަށްވާނަމަ އަޅުގަނޑުމެންނަށް މާތްﷲ ތައުފީޤް ދެއްވާނެ.

އާދެ! އަޅުގަނޑު ދެންނެވި ދެ ގޮންޖެހުމެއްގެ ވާހަކަ. ފުރަތަމަ މިދެންނެވީ ބަޖެޓުގެ ގޮންޖެހުމުގެ ވާހަކަ. ދެން އޮތީ އިޤްތިޞާދީ ގޮންޖެހުން. ދެން އޮތީ އިޖްތިމާޢީ ގޮންޖެހުމެއްގެ ވާހަކަ. ސިޔާސީ ގޮންޖެހުމެއްގެ ވާހަކަ. އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ވަރަށް ބޮޑަށް ބައިބައިވެފައި. ރަނގަޅު މަޤްޞަދެއްގައި ވާދަވެރި ސިޔާސީ މާޙައުލެއް އުފެއްދުމަށްޓަކައި ރައްޔިތުންގެ ރައުޔާ އެކީގައި ވެރިކަން ހިންގުމަށްޓަކައި ސިޔާސީ ނިޒާމު އަޅުގަނޑުމެން ބަދަލުކޮށްގެން ދިޔަ ދިޔުމުގެ ތެރޭގައި މިވަނީ، ރަށްފުށުގެ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައި. އެކަމުގެ އަސަރުތައް އަދިވެސް މިރަށުގައި މިހާ ކުޑަކުޑަ އާބާދީއެއްގެ ތެރޭގައިވެސް އެބަހުރި. އަދި ބޮޑެތި އާބާދީތައް ހުރި ރަށްރަށުގައި މިކަން އަދި މާބޮޑު. އެހެންނަމަވެސް އަޅުގަނޑު މިދެންނެވި ފަދައިން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ، މިހުރި ތަފާތުތައް ކުޑަކޮށް، އެތަފާތުތައް އަޅުގަނޑުމެން ކުޑަ ކުރުމުގެ އިތުރުން، އެއަށްވުރެ އިސްކަން އެހެން ކަންކަމަށް ދީގެން.

މިއަހަރަކީ، ރިޔާސީ އިންތިޚާބުގެ އަހަރެއްކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، ކުރިއަށް އޮތް ހައެއްކަ މަސް ދުވަސް ވާނީ، ވަރަށްވެސް ވާދަވެރި ދުވަސްތަކަކަށް. މިދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެން އެއްގޮތަކަށްވެސް، މަސައްކަތް ކޮށްގެން ނުވާނެ، އަޅުގަނޑުމެންގެ ރަށްރަށުގައި ކުރަން ފަށާފައިވާ އަދި މިއަހަރު ކުރަން ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކަށް އެއްވެސް ކަހަލަ ހުއްޓުމެއް، ނޫނީވިއްޔާ ހުރަހެއް އެޅޭ ގޮތަކަށް އަޅުގަނޑުމެން ކަންތައް ކޮށްގެން ނުވާނެ. އަޅުގަނޑަށް ޔަޤީން ކުރެވޭ، މިރަށްރަށުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނާ އަދި އެ ރައްޔިތުންގެ ކަންކަމުގައި މަގު ދައްކަވަން ތިއްބެވި އިސްވެރިންގެ ހެޔޮ ލަފަޔާއެކުގައި، އަޅުގަނޑުމެންގެ ރަށްރަށުގައި ކުރަންޖެހޭ ކަންކަމުގައި ދެއްވަންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް. އެކަމަށްޓަކައި އެ އެއްބާރުލުން ދެއްވުމަށްޓަކައި، އެކުވެރިކަން ދެމެހެއްޓެވުމަށްޓަކައި، ތިޔަ ރައްޔިތުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އަޅުގަނޑު ވަރަށް އާދޭހާއެކު ދަންނަވައި އިލްތިމާސް ކުރަން. އިރާދަކުރެއްވިއްޔާ އޭރުން އަޅުގަނޑުމެންނަށް ދިމާވާ އިޖްތިމާޢީ ސިޔާސީ ގޮންޖެހުމުންވެސް އަޅުގަނޑުމެންނަށް އަރައިގަނެވޭނެ.
ދިވެހިންނަކީ ކުރަން ބޭނުންވާ ކަންތައް ކުރާ ބައެއް. ދިވެހިންނަކީ ކަންކަމުގައި ފަހަތަށްޖެހޭ ބައެއް ނޫން. އަޅުގަނޑުގެ މަސައްކަތުގައި އަޅުގަނޑު ހިތްވަރު ހޯދަނީވެސް ތިޔަ ރައްޔިތުންގެ ފަރާތުން. މި ރާއްޖޭގެ ތާރީޚް ދައްކާ ގޮތުން މިރާއްޖެއަކީ ލާމަސީލު ރާއްޖެއެއް. މިވަރުގެ ކުދިކުދި އެހެން ޤައުމުތަކާ އަޅާ ބަލާއިރުގައި ކޮންމެ ކަމެއްގައިވެސް، ދިވެހިރާއްޖެވަނީ އެހެން ޤައުމުތަކަށްވުރެ ކުރިއަށް ޖެހިލާފައި. އެހެންވާން މިޖެހެނީ، އަޅުގަނޑުމެންގެ ޤައުމިއްޔަތާއި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް އަޅުގަނޑުމެން ހުރުމަތްތެރިކޮށް ހިތާ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދަމަހައްޓާތީ. އެހެންވީމާ، މިދަނޑިވަޅުގައިވެސް ރާއްޖެ ވަކިން ހަލުވި ބާރު މިނެއްގައި ރާއްޖޭގެ ތަރައްޤީގެ ކަންކަން ކުރިއަށްގެންދާ ވަގުތެއްގައި އަދި ޚާއްޞަކޮށް މިދެންނެވި އެއްބާރުލުމާއި އެކުވެރިކަން ބޭނުންވާ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑު ޔަޤީން ކުރަން، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މިދެންނެވި ގޮންޖެހުންތައް ހުރި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް މިއަހަރަކީ މިއީ، ތަރައްޤީގެ އާ ހަރުފަތްތަކަކަށް ދެވޭ އަހަރަކަށްވާނެ ކަމަށް. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ ދައުލަތުގެ ފަރާތުން، ސަރުކާރުގެ އިތުރުން އަދި އެހެނިހެން މުއައްސަސާތަކުންވެސް ހަމަ ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ހެޔޮ ނިޔަތާއި މަޤްޞަދާއި އަޅުގަނޑުމެންގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި އަޅުގަނޑުމެންނަށް ތައުފީޤް ދެއްވާށި.

އަޅުގަނޑުގެ އެދުމަކީ، މިރަށުގެ ތަރައްޤީއަށް ހަލުވި ކުރިއެރުމެއް އައުން. ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި އުނދަގޫތައް ފިލައިގެން ދިޔުން. އަދި ތިޔަ ލޮބުވެތި ރައްޔިތުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރި ފާގަތި މާޙައުލެއްގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި މާތްﷲ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه