ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާ މިއަދު ބައްދަލުކުރައްވައި، ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ، ކައުންސިލްތައް ހިންގުމުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ހުރަސްތަކަކީ ކޮބައިތޯ ބައްލަވައި، އެކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުން ކަމުގައި ވިދާޅުވިއެވެ. ލާމަރްކަޒީ ނިޒާމަކީ އަލަށް ތަޢާރުފް ކުރެވުނު ނިޒާމަކަށްވުމާއެކު، ދިމާވާނެ މައްސަލަތައް ހުންނާނެ ކަމަށާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރެވެންހުރި ކަންތައްތައް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮންނަންޖެހޭ ކަމަށާއި، އަދި ކައުންސިލްތަކާއި އެ ދާއިރާތަކާ ފަސޭހައިން މުޢާމަލާތު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަންކަން ޙައްލުކުރެއްވުމަށް ސިސްޓަމެޓިކްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭ ކަމަށާއި، ސަރުކާރުގެ ދާއިރާތައް މެދުވެރިވެގެން ކުރަންޖެހޭ ކަންކަން ކުރުމުގައި ވާހަކަދެކެވި، މަޢުލޫމާތު ބަދަލުކުރުން މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލްތަކާއި ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކުގެ މެދުގައި ބައްދަލުވުންތައް ބޭއްވޭނެ މަގުފަހިކުރެއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ މެދަކާ ހިސާބަށް ދިޔުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވަން ޤަޞްދު ކުރައްވާކަންވެސް ހާމަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، އަތޮޅު ކައުންސިލްތަކުގެ ފަރާތުން މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ފަތުޙީ ދެއްކެވި ވާހަކައިގައި، ކައުންސިލްތަކަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ދިނުމަށް ބޭނުންވާ ބަޖެޓްވެސް ނެތްކަން ފާހަގަކުރައްވައި، އިދާރީ ބަޖެޓްވެސް ކުޑަވެފައިވާ ކަމުގައި ވިދާޅުވިއެވެ.

މާލޭސިޓީގެ މޭޔަރ އަލްފާޟިލް މައިޒާން ޢަލިމަނިކު ދެއްކެވި ވާހަކައިގައި، ކައުންސިލްތަކަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތައް ފާހަގަކުރެއްވިއެވެ. އަދި މާލޭސިޓީން ކުރައްވަންޖެހޭ ކަންކަން ކުރެއްވުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އެކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންނެވިއެވެ. ފިނޭންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، 2013 ވަނަ އަހަރުގެ ބަޖެޓުން ދެބިލިއަން ރުފިޔާ އުނިކުރައްވާފައިވާތީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ލިބުނު ބަޖެޓް ކުޑަވެފައިވާކަން ފާހަގަކުރެއްވިއެވެ.