بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދު، ފުނަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ރަޝީދު، ށ. އަތޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ފަތުޙީ ޢަލީ، ކަނޑިތީމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙަންމަދު ޙުސައިން އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. ޚާއްޞަކޮށް، ފުނަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން. މި ސްކޫލްގެ ލޮބުވެތި ދަރިވަރުންނާއި މުދައްރިސުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރެއަކީ އަޅުގަނޑުމެން އެންމެންގެ ހިތްތަކަށް ވަރަށްބޮޑު ފިނިކަމެއް ލިބިގެންދާ ރެއެއް. އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މިފަދަ ބޮޑު ރަޙްމަތެއް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދެންނެވުން.

އާދެ! ތަޢުލީމު ކުރިއެރުވުމަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ، އެއީ އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތެއް. މިރަށަކީ ހުރިހާ ގޮތަކުން ބަލާއިރުގައިވެސް ވަރަށް ޚާއްޞަ ރަށެއް. އާދެ! ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ތަފާތު އެތައް ރަށްރަށުގެ ބޭފުޅުން، އެ ބޭފުޅުންގެ ޢާއިލާތައް ގޮވައިގެން، ހިޖުރަ ކުރައްވާފައިވާ، މުޅިން އަލަށް އާބާދުވެފައިވާ ރަށެއް މިރަށަކީ. އަދި މީގެކުރިން ދިވެހިރާއްޖޭގެ ރިޔާސަތުގައި ތިއްބެވި ބޭފުޅުން ދެކެވަޑައިގެންނެވި ހުވަފެނެއް، މިރަށް އާބާދުވެ ތަރައްޤީވުމަކީ. އެގޮތުން، އެބޭފުޅުންގެ އެ ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި މަސައްކަތް ކުރުމަކީ، ފަހުން އަންނަ މަސްއޫލުވެރި ވެރިންގެވެސް ޒިންމާއެއް ކަމުގައި އަޅުގަނޑު ދެކެން. އާދެ! އެގޮތުން މިއަދު މިރަށުގެ އާބާދީ ދެހާހަށްވުރެ މައްޗަށް އަރާފައިވާއިރު، މި ސްކޫލްގައި ކިޔަވަން އެބައުޅޭ، ފައްސަތޭކައެއްހާ ދަރިވަރުން. އަހަރަކަށްފަހު އަހަރެއް މި ސްކޫލްގެ ކިޔެވުމުގެ ފެންވަރު އަންނަނީ ރަނގަޅުވަމުން. އަޅުގަނޑު ޚާއްޞަކޮށް، މިއަހަރު އުފާކުރާ އަނެއް ސަބަބަކީ، މިހާތަނަށް މި ސްކޫލް ދެއްކި އެންމެ ރަނގަޅު ނަތީޖާ މިއަހަރު ފެނިގެންދާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އާދެ! އެންމެފަހުން މިބޭއްވުނު އޯލެވެލް އިމްތިޙާނުގައި މި ސްކޫލްގެ ފަރާތުން ބައިވެރިވި 38 ކުދިންގެ ތެރެއިން 30 ކުދިން 5 މާއްދާއަށްވުރެ ގިނައިން ފާސްވެފައިވާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި ތިޔަ ހުރިހާ ދަރިވަރުންނަށާއި، ޓީޗަރުންނަށާއި، ބެލެނިވެރިންނަށް އަޅުގަނޑު މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން.

އާދެ! މިދެންނެވި ސަބަބުތަކަށްޓަކައިވެސް މި ސްކޫލް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އެގޮތުން، މިރޭ އަޅުގަނޑުމެންނަށް މި ސްކޫލްގައި 10 ކްލާސްރޫމްގެ އާ ޢިމާރާތަކާއި އަދި ހަމައެހެން، މަލްޓި-ޕަރޕަސް ހޯލެއްގެ ބިންގާ އެޅިގެންދިޔަކަން މިއީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ! އަޅުގަނޑު ދެންނެވިހެން ސްކޫލެއްގެ ކާމިޔާބީއަކީ، އެ ސްކޫލުން ނުކުންނަ ދަރިވަރުންގެ ފެންވަރު ރަނގަޅުވުން. ދަރިވަރުންގެ އަޚްލާޤު، ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތު ރަނގަޅުވުން. އެހެންވީމާ، މިގޮތުން މި ސްކޫލް އަންނަނީ ރަނގަޅުވަމުން. އަޅުގަނޑުމެންގެ އުންމީދަކީ، ކުރިއަށް އޮތްތާނގައި މިއަށްވުރެވެސް އަދި މި ސްކޫލް ރަނގަޅުވެގެން ދިޔުން. ސްކޫލް ބޮޑުވެ، ސްކޫލްގެ އާބާދީވެސް މިހާރަށްވުރެ ގިނަވެގެންދިޔުން. އަދި މި ސްކޫލަކީ އަނެއްކާވެސް އޭ ލެވެލް އިމްތިޙާނަށްވެސް ތައްޔާރުވާ، އޭ ލެވެލް އިމްތިޙާނުވެސް ނަގާ ސްކޫލެއް ކަމުގައި ވެގެންދިޔުން. ﷲ އިރާދަކުރެއްވިއްޔާ، އަލަށް ޢިމާރާތް ކުރެވޭ ޢިމާރާތްތައް ނިމުމުން، ޖާގައިގެ ދަތިކަން ފިލައިގެންދިޔުމާ އެކުގައި، މިދެންނެވި މަރްޙަލާއަށްވެސް މި ސްކޫލް ކުރިމަތިލާނެ.

އާދެ! މިރޭ މި ތަޢުލީމީ ވެށީގައި ވާހަކަ ދައްކާއިރުގައި، ކޮންމެވެސްވަރަކަށް ތަޢުލީމީ ކަންކަމާމެދު އެއްޗެއް ދެންނެވުމަކީ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ ވާޖިބެއް. އަޅުގަނޑަށް ފަހަކަށްއައިސް، ތަޢުލީމީ ކަންކަމުގައި މާ ދިގުކޮށް ވާހަކަ ދެއްކުމުގެ ފުރްޞަތެއް ނުލިބޭ. އެހެންވީމާ، މިރޭ ކުޑަކޮށް އަޅުގަނޑު އެވާހަކަ ދައްކާލަން ޤަޞްދުކުރަނީ.

އާދެ! ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެންމެންގެވެސް މުސްތަޤްބަލް ބިނާވެފައި އޮތީ، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލުގެ މައްޗަށް. އެދަރިންނަށް ދެވުނު ތަރުބިއްޔަތަކާއި ތަޢުލީމެއްގެ މައްޗަށް. އެ ދަރިންގައި ހުރި އަޚްލާޤެއްގެ މައްޗަށް. މިކަންކަން ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން އަދި ރައްޔިތުންގެ އެއްބައިވެރިކަމާއެކީގައި އުފެދޭ ތަންތަން ސްކޫލްތަކަކީ. ކޮންމެ ދަރިވަރެއްގެވެސް، ކޮންމެ ކުއްޖެއްގެވެސް އެންމެ ފުރަތަމަ މުދައްރިސަކީ އަދި މުދައްރިސާއަކީ، އެކުއްޖެއްގެ މަންމައާއި ބައްޕަ. ފުރަތަމަ ކިޔެވުން ކިޔަވައިދޭ ބަޔަކީ އެއީ. ކުއްޖާ ދުނިޔެއަށް އުފަންވުމާއެކުގައި، އެކުއްޖާއަށް ތަފާތު ކަންކަން ދަސްކޮށްދެނީ މައިންބަފައިން. އެގޮތުން، އެންމެ ތުއްތުއިރުގެ ތަޢުލީމް ދިނުމުގައި، އެލް.ކޭ.ޖީ އަށް ނޫނީ ނަރސަރީއަށް ދިޔުމުގެ ކުރިންވެސް ކުދިންނަށް ތަޢުލީމުގެ ބިންގާ އަޅައިދިނުމުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް މައިންބަފައިންގެ އިސްތަށިފުޅުގައި އެޅިފައިވޭ. އެހެންވީމާ، ވަރަށް މުހިންމު ކަމެއް، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށްޓަކައި އެންމެ ތުއްތުއިރުއްސުރެ ފަށައިގެންވެސް އެހީވެދިނުން. އެގޮތުން، ކުއްޖާ އުފަންވުމާ އެކީގައިވެސް، އެކުއްޖާއަށް ތަފާތު އިޙްސާސްތައް، ތަފާތު ތަޖްރިބާތައް، ތަފާތު ކަންކަން ދަސްކޮށްދިނުމަށްޓަކައި ގޭތެރޭގައިވެސް މަސައްކަތް ކުރުން އެއީ، ވަރަށް މުހިންމު ކަމެއް. ކުދިންނަށް ގިނަ ކަންކަމުގެ އިޙްސާސާއި ޙަރަކާތްތެރިކަން ޅަފަތުގައި ލިބުނުވަރަކުން، އެކުދިން ސްކޫލަށް އައުމުން، އެކުދިންނަށް ސްކޫލް ތަޢުލީމް ހޯދުމަށްވެސް ފަސޭހަވެގެންދޭ. އެހެންވީމާ، މިޒަމާނުގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި، ބެލެނިވެރިންނަށްވެސް ކުދިން ތަރުބިއްޔަތު ކުރުމުގެ ތަޢުލީމް ދަނީ ދެމުން. ވީމާ، މުސްތަޤްބަލްގައި އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އަޅުގަނޑުމެން އެބަޖެހޭ، ބެލެނިވެރިންނަށްވެސް ކުދިން ތަރުބިއްޔަތު ކުރުމުގެ ވައްޓަފާޅިއާއި، އޭގެ ހުނަރުތަކާއި ޢިލްމު އުނގަންނައިދޭން. އެކަންކަން ނުރަސްމީ ގަޑީގައި ސްކޫލްތަކުގައި ކުރުމަކީވެސް ހަމަ ރަނގަޅު ކަމެއް.

އާދެ! ދެން އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިން މި ފޮނުވަނީ ސްކޫލަށް. ފުރަތަމަ ނަރސަރީއަށް ނޫނީ އެލް.ކޭ.ޖީ.އަށް. އެ ދުވަސްވަރަކީވެސް އެއީ، ވަރަށް މުހިންމު ދުވަސްވަރެއް. ތުއްތު ކުއްޖާ ތަރައްޤީވުމުގައި، ހެދިބޮޑުވުމުގައި ޢުމުރުން ދެއަހަރާއި ތިންއަހަރާ ދޭތެރެއަކީ ވަރަށް މުހިންމު ފައްތަރެއް. މިދުވަސްވަރު ކުއްޖާގެ ސިކުނޑި ވަރަށް ބާރު ސްޕީޑެއްގައި، ވަރަށްބާރު މިނެއްގައި ތަރައްޤީވަމުންދޭ. ބައެއް ކުދިން ވަރަށް ސިޔާސަވާ ކަމަށްވެސް އަޅުގަނޑުމެން ޤަބޫލުކުރަން. އޮބިނޯންނަ ހިސާބަށް ބައެއް ތުއްތު ކުދިން، ޢުމުރުން ދެއަހަރުގައި އެބަދޭ. މިއަށް އިނގިރޭސިބަހުން ބޭރުގެ ބައެއް މީސްމީހުން ކިޔާއުޅޭ ޓެރިބަލް ޓޫލްސް. އެއީ ވާގޮތަކީ އެދުވަސްވަރަކީ އެއީ ތުއްތު ކުދިންގެ ސިކުނޑި އާދަޔާ ޚިލާފަށް ތަރައްޤީވެގެންދާ ދުވަސްވަރަކަށްވާތީ. އެހެންވީމާ، އެކުދިންނަށް ސަމާލުކަންދީގެން، އެ ފުރްޞަތުގެ ބޭނުން އަޅުގަނޑުމެންނަށް ހިފޭނީ.

އާދެ! ދެން ސްކޫލަށްދާއިރުގައި، ނަރސަރީ ސްކޫލާ ހަމައިންވެސް ޓީޗަރުން އެކަމަށް ތައްޔާރުވާން އެބަޖެހޭ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ތެރޭގައި ތިބި އެންމެމޮޅު، އެންމެ ކުޅަދާނަ ޓީޗަރުން ތިބެންވީ، އެންމެ ޅަފަތުގައި ކިޔަވައިދޭ ކްލާސްތަކުގައި. އެއީ، ހެދިބޮޑުވަމުން އަންނަ ކުއްޖަކަށް، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވަނީ، އެންމެ ޅަފަތުގައި ކަމަށްވާތީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތު ކަނޑައެޅިފައި އޮންނަ ގޮތުން، ގިނަފަހަރަށް މޮޅު ޓީޗަރުން މި ލަނީ، ފަހުގެ ކްލާސްތަކަށް. އެންމެ ތަމްރީނު ނުލިބޭ، އެންމެ ތަޢުލީމީ ގޮތުން ކުޑަކޮށް ތަޢުލީމް ޙާޞިލްކޮށްފައިވާ ޓީޗަރުން މި ލަނީ، އެންމެ ދަށް ކްލާސްތަކަށް. މި ސިޔާސަތުވެސް އަޅުގަނޑުމެން އެބަޖެހޭ، އަލުން މުޠާލިޢާކޮށް، އެކަމާ ދޭތެރޭގައި އަލުން ވިސްނަން.

އާދެ! ޢިމާރާތެއް އެޅުމަކުންނެއް، އަޅުގަނޑުމެންނަކަށް ތަޢުލީމާއި ތަރުބިއްޔަތެއް ނުދެވޭ. ތަޢުލީމާއި ތަރުބިއްޔަތު ދެވޭނީ، އެތަނުގައި ރަނގަޅު ޕްރޮގްރާމްތަކެއް ޤާއިމް ކުރެވިގެން. މިހާރުގެ ބަހުރުވައިން ދަންނަވާނަމަ، ރަނގަޅު މަންހަޖެއް އޮވެގެން. އަދި އެ މަންހަޖު ކިޔަވައިދެވޭވަރުގެ ކުޅަދާނަ ޤާބިލް ޓީޗަރުން ތިބެގެން. ކިތަންމެ ރަނގަޅު މަންހަޖެއް އޮތް ކަމުގައިވީ ނަމަވެސް، އޭތި ތަރުޖަމާވެގެން، ތަންފީޛު ކުރެވިގެންދާއިރުގައި، މުދައްރިސުންގެ ފެންވަރު ނެތް ކަމަށްވާނަމަ، އެ ގެނެވުނު ބަދަލުގެ މާބޮޑު ފައިދާއެއް ނުކުރާނެ. އެހެންވީމާ، އަޅުގަނޑުމެން މިޖެހެނީ، ޓީޗަރުންނަށް، މުދައްރިސުންނާއި މުދައްރިސާއިންނަށް ޚާއްޞަ ސަމާލުކަމެއްދޭން. މިއަދު ރާއްޖޭގެ ސްކޫލްތަކުގައި ނަތީޖާ، ވަރަށް ރަނގަޅު ނަތީޖާ ހޯދާ ކުދިން އެބަތިބި. އެހެން ނަމަވެސް، އަޅުގަނޑުމެން އެ ނަތީޖާތަކަށް ބަލައިލާއިރުގައި، މި ފެންނަނީ ގިނަ ޢަދަދެއްގެ ކުދިންނަކީ އެއީ، ރަނގަޅު ނަތީޖާ ހޯދާ ކުދިން ނޫން ކަމަށް. ނިސްބަތުން މަދު ކުދިންކޮޅެއް ވަރަށްމޮޅު ނަތީޖާ ނެރެނީ. މިހެން ދަންނަވާއިރުގައި، މި ސްކޫލްގެ ނަތީޖާއަށް، މިއަހަރުގެ ނަތީޖާއަށް ބައްލަވައިލެއްވިޔަސް، ތިން ކުއްޖަކު ވަރަށްމަތިން ފާސްވެފައި މިއޮތީ. ނަމަވެސް ގިނަކުދިން ފާސްވެފައި ހުރީ ތަންކޮޅެއް ދެރަކޮށް. މިއީ މުޅި ރާއްޖޭގެވެސް މިކަމުގައި ކަންއޮތްގޮތް. މިއީ ހަމައެކަނި ވަކި ސްކޫލަކަށް ނިސްބަތްކޮށް ދަންނަވާ އެއްޗެއް ނޫން. މިކަން ރަނގަޅު ކުރެވޭނީ، މުދައްރިސުންގެ ފެންވަރު ރަނގަޅުކޮށްގެން. އަޅުގަނޑުމެންގެ ސްކޫލްތަކުގައި ކިޔަވައިދޭން މުދައްރިސުންނަކީ މިއީ މަތީ ތަޢުލީމް ޙާޞިލްކޮށްގެން، ކިޔަވައިދިނުމުގެ އުޞޫލުތަކާއި، އޭގެ ފަންނު ރަނގަޅަށް ދަސްކޮށްގެން ތިބޭ މުދައްރިސުންނަށްވެގެން. އަދި އެ މުދައްރިސުންނަކީ ދެމިހުންނަނިވި ގޮތެއްގައި، ތަކުރާރުކޮށް ތަމްރީނުދެވޭ ބަޔަކަށްވެގެން. އެހެންވީމާ، މިދެންނެވި މަޤްޞަދުގައި މިހާރު އަޅުގަނޑުމެން ވާނީ ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރްކަޒާއި އަދި ކޮންޓިނިއުއިންގ އެޑިޔުކޭޝަން ސެންޓަރާ އެއްކޮށް އާ މުއައްސަސާއެއް، ދާދިފަހުން އުފައްދާފައި. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން. މި އިންސްޓިޓިއުޓްގެ މަޤްޞަދަކީ، ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުން. ﷲ އިރާދަކުރެއްވިއްޔާ، މި މުއައްސަސާ އުފެދިގެން ދިޔުމަށްފަހުގައި، ޓީޗަރުންނަށް މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެވޭނެ.

އާދެ! ދެން އަޅުގަނޑު ދަންނަވާލާހިތްވާ ވާހަކައަކީ، ސްކޫލަކީ ހަމައެކަނި ފޮތުގެ ޢިލްމު އުނގެނެން ހުންނަ ތަނެއް ނޫނޭ. ސްކޫލެއްގެ ޒިންމާގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމެއް، ކުދިންނަށް ތަރުބިއްޔަތެއް ދިނުން. ރަނގަޅު ތަރުބިއްޔަތެއް ދިނުން. ތަޢުލީމާއި ތަރުބިއްޔަތާ މިއީ ތަފާތު ދެއެއްޗެއް. ތަރުބިއްޔަތު ކުރުމަކީ އެކުއްޖާއަށް ރިވެތި އަޚްލާޤު ދަސްކޮށްދިނުން. އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މުސްލިމުން. އިސްލާމްދީނުގައި ކަނޑައެޅިގެން މުސްލިމުންގެ ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތަކެއް އެބައޮވޭ ކަނޑައެޅިފައި. އެ ތަރުބިއްޔަތުގެ އުޞޫލުތައް އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭން، ދަސްކޮށްދޭން. ސްކޫލްގެ ތެރޭގައި މިދެންނެވި އަޚްލާޤީ މިންގަނޑުތައް ޢަމަލީ ސިފައެއްގައި ދައްކައިދީގެން ނޫނީ އަޅުގަނޑުމެންގެ ކުދިންނަކަށް އެ ތަރުބިއްޔަތެއް ނުދެވޭނެ. އެހެންވީމާ، ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން އެބަޖެހޭ މިކަމާ ދޭތެރޭގައި ވިސްނަން. މިއަދު އަޅުގަނޑުމެންގެ ޤައުމީ މަންހަޖުވެސް، ތަޢުލީމީ ނިޒާމުވެސް ބައްޓަންވެފައި މިއޮތީ އިމްތިޙާނުން ފާސްވާން. އިމްތިޙާނުން ފާސްވުމަކީ އަދި ފުރިހަމަވުމެއް ނޫން. ކިތަންމެ ރަނގަޅު ތަޢުލީމެއް ލިބުނަސް، ކިތަންމެ މަތިން ފާހެއް ނެގިކަމުގައިވީ ނަމަވެސް، ތިމަންނައަށް އުޅެން ނޭނގިއްޖިއްޔާ، ތިމަންނަގެ އަޚްލާޤެއް ނެތް ކަމަށްވަންޏާ، މުޖްތަމަޢުގައި އެމީހަކަށް ވަރަށް އުނދަގޫވާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ތަޢުލީމުގެ ތެރެއަށް ތަރުބިއްޔަތުގެ ބައި ވަރުގަދަކުރަން. އެކަމަށްޓަކައި ތަޢުލީމީ ދާއިރާގެ ބޭފުޅުން ވިސްނާވަޑައިގެން، މިކަމާ ދޭތެރޭގައި ފިޔަވަޅުތަކެއް އަޅުއްވައިދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އާދެ! މިއަދު ރާއްޖެއަށް އަންނަމުންމިދާ ބަދަލުތަކާ އެކުގައި، އަޅުގަނޑުމެންގެ ކުޑަ އާބާދީއަކީ މަތީ ފެންވަރުތަކަށް ތަޢުލީމް ޙާޞިލްކޮށްފައި ތިބި ބައެއް ކަމުގައި އެބަވާންޖެހޭ. އަޅުގަނޑުމެންގެ އޮތް އެންމެބޮޑު ރައުސުލްމާލަކީ އަޅުގަނޑުމެންގެ އިންސާނީ ވަސީލަތްތައް. އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ ރައްޔިތުން. އަޅުގަނޑުމެންގެ ރައްޔިތުންގެ ސިކުނޑިތައް. މިއީ އެންމެ މުހިންމު ރައުސުލްމާލަކީ މި ޤައުމުގެ. އަޅުގަނޑުމެންގެ ރާއްޖޭގައި ތިބީ ތިންލައްކަ ފަންސާސް ހާހެއްހާ މީހުން. މި މީހުންނަކީ ވަރަށްމަދު މީސްކޮޅެއް. މިއަދު ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ބޭރުން އެބަ ގެންނަން، އޭގެ ދެބައިކުޅަ އެއްބައި މީހުން. އަދި މުސްތަޤްބަލުގައި އެއަށްވުރެ ގިނަ މީހުންވެސް ގެންނަންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ ޅަދަރިންވާންޖެހޭނީ، ރަނގަޅަށް ތަޢުލީމާއި ތަރުބިއްޔަތު ލިބިފައި ތިބި، ތޫނުފިލި، ވިސްނުންތެރި، ޤާބިލު ބަޔަކަށް ހަދަން. ހަމަ އެންމެ ކުއްޖަކުވެސް އެ ތަޢުލީމާއި ތަރުބިއްޔަތުގެ ތެރެއިން ގެއްލިގެން ދިޔުމަކީ އެއީ އަޅުގަނޑުމެންނަށް ލިބޭ، މުޅި ޤައުމަށްވެސް ލިބޭ ވަރަށްބޮޑު ގެއްލުމެއް.

އާދެ! މި ވިސްނުމުގައި ތަޢުލީމަށް ވަރަށް ބޮޑެތި ބަދަލުތައް އަޅުގަނޑުމެން ގެންނަންޖެހޭ. އަލަށް އަޅުގަނޑުމެން ހެދި ޤައުމީ މަންހަޖުގެ އެއް މަޤްޞަދަކީ މިދެންނެވީ. އަޅުގަނޑުމެންގެ ސްކޫލްތަކުން ކިޔަވައިގެން ނުކުންނަ ކުދިންނަކީ އެއީ، ހުރިހާ ގޮތަކުންވެސް ފުރިހަމަ ތަޢުލީމަކާއި ތަރުބިއްޔަތެއް ލިބިފައި ތިބި ކުދިންތަކަކަށް ހެދުން. މިހާރުގެ ބަހުރުވައިންނަމަ، ވަށާ ޖެހިފައިވާ ތަޢުލީމެއް ލިބިދިނުން. އޭގެ މާނައަކީ، ހުރިހާ ގޮތަކުންވެސް ފުރިހަމަ އިންސާނަކު އުފެއްދުމަށްޓަކައި ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު ލިބިފައިވުން. އަޅުގަނޑުމެން ހައްދަވާފައި މިވަނީ، އަޅުގަނޑުމެންގެ ވަރަށްގިނަ ކުޅަދާނަ ސިފަތަކެއް ލައްވަވާފައި. އެގޮތުން އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތެރޭގައި މި ކިތަންމެ ކުޑަކުޑަ މުޖްތަމަޢެއްގައިވެސް ވަރަށް ތަފާތު ހުނަރުތައް ހުރި މީސްމީހުން އެބައުޅޭ. އަޅުގަނޑުމެންގެ ސްކޫލްގައިވެސް ބައެއް ކުދިން ވަރަށްމޮޅުވާނެ ހިސާބު ޢިލްމަށް. އަނެއްބައި ކުދިން ވަރަށްމޮޅުވާނެ ބަހަށް، ބަސް ކިޔެވުމަށް. މިއީ ހަމަ ޠަބީޢީގޮތުން އިންސާނުން އުފައްދަވާފައިވާ ގޮތް. ކޮންމެ އިންސާނަކީވެސް ތަފާތު ހުނަރުތަކެއް އެކުލެވިގެން އުފެދިފައިވާ އިންސާނެއް. އެމީހަކު މޮޅުވަނީ އެމީހަކަށް ލިބޭ ޢިލްމާއި ތަޖްރިބާގެ މައްޗަށް ބިނާކޮށް. ޙަޔާތުގައި އެމީހާއަށް ހުޅުވޭ ދޮރުތަކުގެ ސަބަބުން. ކޮންމެ ކުއްޖަކީވެސް މިދެންނެވި ރޮނގުތަކުގެ ތެރެއިން ގިނަ ރޮނގުރޮނގުން ކުރިއަށް ދެވޭނެ ކުއްޖެއް، އަޅުގަނޑުމެން އެ ފުރްޞަތު އެކުދިންނަށް ހޯދައިދެވިއްޖިއްޔާ. އަޅުގަނޑުމެންގެ ސިފަތަކުގެ ތެރޭގައި އެބަހުރޭ، މިދެންނެވި ކުޅަދާނަކަމުގެ ތަފާތު ކުޅަދާނަ ކަންތައް. ބައެއް ކުދިންނަކީ ކުޅިވަރަށް ވަރަށްމޮޅު ކުދިން. ދުނިޔޭގެ ފެންވަރުގައި ހިފަހައްޓާލެވޭވަރުގެ ދުވުންތެރިން އެބަ އުފެދޭ. ހަމައެހެން، ދުނިޔޭގެ މީހުންނާ ހަމަ އެއްވަރަށް މިއުޒިކް އުފެއްދޭ ކުދިންވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ. އަދި ހަމައެހެން، މީސްމީހުންނާ މުޢާމަލާތު ކުރާއިރުގައި، ހުރިހާ އެންމެންނަކީ އެމީހެއްގެ ރަޙްމަތްތެރިއެއް ކަމަށް ހަދާލެވޭކަހަލަ ކުދިންވެސް އެބައުޅޭ. އޭގެ އަނެއްކޮޅުގައި ހަމަ އެއްވެސް މީހަކާ ނުގުޅޭކަހަލަ މީހުންވެސް އެބައުޅޭ. މި ތަފާތު ހުނަރުތަކެއް މި ހުންނަނީ ހުރިހާ އެންމެންގެވެސް. އެކަންކަން ތަރައްޤީ ކުރުމަށްޓަކައި، އެ ސިފަތައް ކުރިއަށް ނެރެދިނުމަށްޓަކައި ކުރާ ކަމެއް، އަޅުގަނޑުމެން ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ. އެހެންވީމާ، ސްކޫލެއްގެ ތެރޭގައި، މިދެންނެވި ތަފާތު ތަޖުރިބާތައް، ތަފާތު ދޮރުތައް އަޅުގަނޑުމެންނަށް ހުޅުވާލަދީފައި ހުރުމަކީ އެއީ މިދަންނަވާ ވަށާޖެހޭ ތަޢުލީމް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް.
ހަމައެކަނި އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރުމަކުންނެއް، މިދަންނަވާ ކަންކަމެއް އަދި ފުރިހަމައެއްނުވޭ. އެކަންކަން ފުރިހަމަކުރުމަށްޓަކައި އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރުމަށްފަހުގައި، ދެން އޮންނަ ވަގުތުތަކުގައި ކަންތައްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑު ކުޑަކުޑަ މިސާލެއް ދަންނަވާނަން. އަޅުގަނޑުމެންގެ ތެރޭގައި ސްކައުޓިންގ ހަދާ ކުދިން. މިކުދިންނަށް އެބަލިބޭ ޚާއްޞަ ހުނަރުތަކެއް. ދިރިއުޅުމަށްޓަކައި ބޭނުންކުރާނެ އެކިއެކި ހުނަރުތައް. އަދި ހަމައެހެން، އަޅުގަނޑުމެންގެ ރާއްޖޭގައި ޒުވާނުންނަށް މިހާރު ކުރިމަތިވަމުންދާ ބައެއް ނުރައްކާތެރި ނޭދެވޭ ކަންތައްތައްވެސް މިކުދިންނަކަށް އެހާ ބޮޑަކަށް އޭގެ އަސަރެއް ނުކުރޭ. އެވަނީ ކީއްވެތޯ އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. އެހެންވީމާ، ސްކޫލް ކުދިންނަށް ކްލާސްރޫމްގެ ބޭރުން، ކިޔެވުމުގެ އިތުރުން އެބަޖެހޭ ތަފާތު ޙަރަކާތްތައް ރާވައިގެން، އެކުދިން ތަރުބިއްޔަތު ކުރުމަށްޓަކައި މަސައްކަތް ކުރަން. ސްކައުޓިންގއަކީ މިދެންނެވި ކަހަލަ ތަރުބިއްޔަތު ކުރުމުގެ ޙަރަކާތްތަކެއް.

އާދެ! އެހެންވީމާ، އަޅުގަނޑުމެންގެ ތަޢުލީމް ބައްޓަން ކުރުމުގައި، ޤައުމީ ތަޢުލީމުގެ ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑުމެން އެބަޖެހޭ މިއަދު ޤަބޫލުކުރަން. އަޅުގަނޑުމެންގެ ހުރިހާ ދަރިވަރުންނަކީވެސް ކޮންމެވެސް މަގަކުން ކުޅަދާނަ ކުއްޖަކަށް ހެދޭތޯ އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން. އެއީ، ކޮންމެ ކުއްޖަކީވެސް އެތައް ރޮނގަކުން ކުޅަދާނަކަން ދެއްކިދާނެ ކުއްޖެއް. ހަމައެކަނި އެންމެ ރޮނގަކުން ނަމަވެސް، ކޮންމެ ކުއްޖަކީވެސް ކުޅަދާނަ ކުއްޖަކަށް ހެދުމަކީ މި ޤައުމުގެ ތަޢުލީމީ ސިޔާސަތުގެ މަޤްޞަދަކަށް އެބަވާންޖެހޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެން މި އަޅާ ބިންގަލަކީ، މިއީ ހަމައެކަނި ސިމެންތިއާއި ގަލުގެ ބިންގަލަކަށް ނުވާނެ ކަމަށް. މި ބިންގަލަކީ މިއީ، އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ކުރިއެރުވުމަށްޓަކައި އެޅޭ ބިންގަލަކަށްވާނެ ކަމަށް. އެގޮތުން، މިރަށުގެ ހުރިހާ ލޮބުވެތި މައިންބަފައިންވެސް މިކަމަށްޓަކައި ވިސްނާވަޑައިގެން، އަޅުގަނޑުމެންގެ ޅަދަރިންނަށް ވީހާވެސް ގިނަ ފުރްޞަތުތައް ހުޅުވާލަދިނުމަށްޓަކައި ހުރިހާ ބޭފުޅުން މަސައްކަތް ކުރެއްވުން އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އަދި ހަމައެއާއެކުގައި، އެކުދިންނަށް އެ ފުރްޞަތުތައް ހޯދައިދިނުމަށްޓަކައި ތަޢުލީމާއި ތަރުބިއްޔަތުގެ ގޮތުން ސްކޫލްތައް، މިހާރަށްވުރެ ބޮޑަށް މުއްސަނދިވެ، ސްކޫލްތަކުގައި ކުރެވޭ ކަންތައްތަކާއި، ހިންގޭ ޙަރަކާތްތައް އިތުރުވެގެން ދިޔުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އެކަމަށްޓަކައި ސްކޫލްގެ ޕްރިންސިޕަލަށާއި، ސްކޫލްގެ މުދައްރިސުންނަށާއި ސްޓާފުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. ވަރަށް ޙަރަކާތްތެރިކަމާއެކީގައި މިކަންކަން އިތުރަށް ކުރިއަރުވައިދެއްވުމަށް. އަޅުގަނޑުމެންގެ ޓީޗަރުންގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއަކީ، މި ޤައުމު ކުރިއަށް ގެންދިޔުން. މިއިން އެންމެ ކުއްޖަކަށް ހިސާބު ޖަހައިދިނުމުގެ ވާހަކައެއް ނޫން މިދައްކަނީކީ. އެ ފޮޅުވަތް އަޅައިދިނުމުން މިވާގޮތަކީ، އެ ނަންބަރު ދަސްކޮށްދިނުމުން މިވާގޮތަކީ، މުޅި މި ޤައުމު އަޅުގަނޑުމެންނަށް މި ކުރިއެރުވެނީ. އެހެންވީމާ، އެވަރުގެ ބޮޑު ޒިންމާއެއް، މަސްއޫލިއްޔަތެއް އެޅިފައިވާ ބައެއް މުދައްރިސުންނަކީ.
އަޅުގަނޑަކީވެސް މިއީ މުދައްރިސެއް. އަޅުގަނޑުގެ ޙަޔާތުގައި އަޅުގަނޑު ކުރި މަސައްކަތް، މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން އަޅުގަނޑަށް އެންމެބޮޑު ހިތްފަސޭހަކަމެއް، ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަކީ މުދައްރިސްކަން ކުރުން. މުދައްރިސަކަށް ލިބޭ ހިތްހަމަޖެހުމަކީ، ހަމައެކަނި އެމީހަކަށް ލިބޭ މުސާރައިގެ ހިތްހަމަޖެހުމެއް ނޫން. އެހެން ކަމަށްވާނަމަ، ވަރަށްގިނަ ޓީޗަރުން، ޓީޗަރުކަމެއް ނުކުރާނެ. ރަނގަޅު ޓީޗަރުންނަކީ ގިނަ ވަގުތު އަމިއްލައަށް އެކަމަށް އެދިގެން، ޝައުޤުވެގެން ކުދިންގެ ތަރުބިއްޔަތާއި ތަޢުލީމަށްޓަކައި މަސައްކަތްކުރާ ބައެއް. ގިނަ ޓީޗަރުންނަކީ އެއީ ލިބޭ މުސާރައަކަށްވުރެ ބޮޑަށް، އެކުދިންނަށް އެ އަންނަ ތަރައްޤީއާއި، އެކުދިން ހެދިބޮޑުވަމުންދާއިރުގައި، އެކުދިންނަށް އަންނަ ބަދަލުތައް ދެކެފައި، އެކަމުގެ އުފަލުން އެކަންކުރާ ބައެއް. މިއަދު އަޅުގަނޑު އެންމެބޮޑަށް ފަޚްރުވެރިވާ އެއްކަމަކީ، އަޅުގަނޑުގެ ދަރިވަރުން ބޮޑެތިވެގެން މަސްއޫލުވެރި މަޤާމުތަކުގައި ތިއްބެވިކަން. އެއިން ކޮންމެ ބޭފުޅަކު ފެނުމުން، އަޅުގަނޑަށް އެ ލިބޭ އުފަލަކީ، އެއީ އަޅުގަނޑަށް ލިބުނު މުސާރައަކަށްވުރެ މާބޮޑު އިނާމެއް. އެހެންވީމާ، މުދައްރިސުންގެ ޙަޤީޤީ ރިވޯޑަކީ ކުދިންނަށް ލިބޭ ކާމިޔާބު.

އާދެ! އަޅުގަނޑުގެ ވާހަކަ މާ ދިގުވެސްވެއްޖެ، މިފަދަ ރެޔަކާ އަޅާބަލާފައި. އެހެން ނަމަވެސް، ތަޢުލީމަކީ މިއީ އަޅުގަނޑުގެވެސް ދާއިރާ ކަމަށްވާތީ، އަޅުގަނޑަށް ތަންކޮޅެއް ދިގުކޮށް މިކަމާ ބެހޭގޮތުން ވާހަކަ ދެއްކުނީ. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައި ދިވެހިރާއްޖޭގެ ތަޢުލީމީ ސިޔާސަތު މިހާރަށްވުރެ ބަދަހިވެ، ހަރުދަނާވެ، އޭގެ ނަތީޖާ މުޅި ޤައުމަށްޓަކައި ރަނގަޅުވެގެންދިޔުން. އަޅުގަނޑުގެ އުންމީދަކީ، މިރަށަށް ތިޔަ ހިޖުރަ ކުރައްވައިގެން، މިރަށުގައި ތިޔަ އުޅުއްވާ ހުރިހާ ބޭފުޅުންގެ އުންމީދުތަކާއި ހުވަފެންތައް، ކާމިޔާބު ޙަޤީޤަތަކަށް ވެގެންދިޔުން. މިރަށަކީ މިއީ ތަހުޒީބު ކުރިއަރާފައިވާ ރަށަކަށްވުން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލެއްވުން. މިރަށުގެ އާބާދީ ކުރިއަރައި، ރަށުގެ ޢުމްރާނީ ތަރައްޤީއާއި، ތަޢްލީމީ، ޞިއްޙީ ތަރައްޤީ މިހާރަށްވުރެ ކުރިއަށްދިޔުން. އަދި މިރަށުގެ ރައްޔިތުންނަކީ އެއީ ހިތްފަސޭހަކަމާ އެކީގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުއްވާ އުފާވެރި ރައްޔިތެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه