بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ގޮއިދޫގެ ލޮބުވެތި ރައްޔިތުން، މިރަށުގެ ރަށު ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާޢީލް ރަޝީދު، މިއަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ފަތުޙީ. އަދި ކަނޑިތީމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙަންމަދު ޙުސައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ކައުންސިލްގެ މެންބަރުން، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑު ހިތަށްއަރާ، މިއީ ހާދަހާ ރީތިކޮށް ޒީނަތްތެރިކޮށްފައި ހުރި ޕޯޑިއަމެކޭ. ރަނގަޅަށް ބައްލަވާލައްވާއިރުގައި، މީގެ މާތައް އަތުރާލާފައި ހުރިގޮތް ވަރަށްވެސް ފުރިހަމަ. އަޅުގަނޑު ހިތަށްއަރާ، މިއީވެސް ހަމަ ކުޅަދާނަ ކަމެކޭ މިހިރީ. ކޮންމެވެސް ބޭފުޅަކު ކުރައްވާފައި ހުރި މަސައްކަތެއް. އެހެންވީމާ، މިކަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށް އަދި ޢާންމުކޮށް، މިރަށުގެ ހުރިހާ ރައްޔިތުން، އަޅުގަނޑުމެން މިރަށަށް އައުމުން ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑަށް އެނގޭ، ފަސޭހަ ވަގުތެއް ނޫން، މެންދުރުގެ އެންމެ ހޫނުގަދަ ވަގުތަކީ. އެހެން ނަމަވެސް، ތިޔަ ހުރިހާ ބޭފުޅުން ހަމަ ތުއްޕުޅު ބޭފުޅުން ގޮވައިގެން ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކުރައްވަން ތިޔަ ތިއްބެވީ ހަމަ ދާހިއްލާފޯވެގެން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް މިކަމުގައި އަޅުގަނޑު މިވަނީ ދަރާފައި. ވަރަށް ބޮޑަށް ޝުކުރުވެރިވާން ޖެހިފައި. އަޅުގަނޑުގެ ހަމަ ޝުކުރު އަނެއްކާވެސް ހަމަ ފަށްފަށުން ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން.

އާދެ! އަޅުގަނޑަށް ހީވަނީ ހަމަ އެއްދުވަސްވަރެއްގައި ޢިމާރާތް ކުރެވިފައި ހުރި މިކަހަލަ ސްކޫލް ހޯލްތަކަކަށް އަޅުގަނޑަށް އެބަދެވޭ މިދަތުރުގައި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ކޮންމެވެސްވަރަކަށް ވީ.އެސް.އޯ.ގެ އެހީއާ އެކީގައި ރައްޔިތުން ޢިމާރާތް ކޮށްފައި ހުރި ސްކޫލް ހޯލްތަކެއް. މިހުންނަނީ އެއްވައްތަރަކަށް. އެހެންވެގެން މިހެން މިދެންނެވީ. އަޅުގަނޑު ކައިރީ މީހަކު އެހެން ބުނެގެނެއް ނޫން. މި ކުޑަކޮށް ސްޓޭޖްމަތީގެ ސީލިންގ އުސްކޮށްލައި، ވައްކޮށްލައި، މި ޕާޓިޝަންތައް ޖަހައި، މިއީ އެއްގޮތަކަށް ހުންނަ ސްކޫލް ހޯލްތަކެއް މިހުންނަނީ. އެހެން ނަމަވެސް، މިރަށުގެ ސްކޫލް ހޯލާއި އެހެން ސްކޫލް ހޯލްތަކާ ވަރަށްބޮޑު ތަފާތުތަކެއް އަޅުގަނޑަށް ފާހަގަކުރެވިއްޖެ. މިއީ ހަމަ އެއްބަޔަކު، އެއްދުވަސްވަރެއްގައި ހަދާފައި ހުރި ހޯލްތަކެއް. އެކަމަކު ބައްލަވާލައްވާ، މި ސްޓޭޖްގައި ޖަހާފައި ހުރި ތަށިމުށި. ބައްލަވާލައްވާ، މި ސީލިންގގައި މިހިރަ ފެހި ކުލައިގެ މި ފަތިތައް. އަނެއްކާ ވަރަށް ރީތިކޮށް ދަވާދުލާފައި ހުރި ޕާޓިޝަންތަކެއް. މިއިން ދޭހަވަނީ ކޮންކަމެއްތޯ؟ މިއިން ދޭހަވަނީ މިރަށުގެ ރައްޔިތުން ތަޢުލީމަށްޓަކައި ވަރަށްބޮޑު ސަމާލުކަމެއްދީ، ތަޢުލީމަށް ވަރަށް ލޯބިކުރައްވާކަން. އަދި ހަމައެއާއެކީގައި، މިރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި، ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ، މިރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންކަން. މިކަން މިހެންވެފައި މިހިރީ ރައްޔިތުންގެ އަމިއްލަ މަސައްކަތުން. އަޅުގަނޑަށް ކައުންސިލްގެ ރައީސްގެ އަރިހުން އަހާލެވުނު، އެއީ ރައްޔިތުންގެ މަސައްކަތް ދޮއެއްތޯއޭ. ދެން އެހާތަނުން އަޅުގަނޑަށް އަޅުގަނޑުގެ ސުވާލުގެ ޖަވާބު ވަރަށް ފުރިހަމައަށް ލިބިއްޖެ. އެހެންވީމާ، މިއިން ދޭހަވަނީ މިރަށުގެ ރައްޔިތުންނަކީ މިއީ އާދަޔާ ޚިލާފު ރައްޔިތެއްކަން.

މިރަށުގެ ތަރައްޤީއާއި، ރަށުގައި ކުރަންޖެހޭ ޢުމްރާނީ މަސައްކަތްތަކާއި، އެހެނިހެން ކަންކަމުގައި ރަށުގެ ރައްޔިތުން ތިޔަ ބަހައްޓަވާ ޚާއްޞަ އެހީތެރިކަމާއި އެއްބާރުލުން އެއީ، ނަމޫނާ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން. އަދި އަޅުގަނޑު ހީކުރަން، މި ރާއްޖޭގެ އެހެނިހެން ރަށްރަށަށްވެސް މިރަށުގެ ރައްޔިތުންނަކީ ނަމޫނާ ރައްޔިތުންނަށްވާނެ ކަމަށް. އާދެ! ހަމައެހެން އަޅުގަނޑަށް މިރަށުތެރޭގައި މާބޮޑަކަށް ހިނގައެއްނުލެވޭ. އެހެން ނަމަވެސް، ހިނގާލެވުނު ތަނުން އަޅުގަނޑަށް ފެނުނީ، މިރަށަކީ ބިންގަނޑު ރަނގަޅު، ގަސްތައް ރަނގަޅަށް ހެދޭ ރަށެއް ކަމަށް. އެހެންވީމާ، ވަރަށްގިނަ ގޭގޭގައި ހަމަ ގިނަ ގަސްތައް ހައްދަވާފައި ހުރިކަން އެއީ، އަޅުގަނޑުމެން އުފާކުރާ ކަމެއް. އޭގެ ސަބަބުން ރަށަށް ދިރުން ލިބިގެންދާ ކަމެއް. އަޅުގަނޑު އެންމެ އުފާވާ އެއްކަންތައް، ރަށެއްގައި ހުންނަ ގަސްތައް ރީތިވުން. ގަސްތައް މުއްސަނދިވެ، އޭގެ ސަބަބުން ރަށަށްވެސް އޭގެ އަސަރުކުރާނެ. އެހެންވީމާ، މިރަށަކީ ދަނޑުވެރިކަމާއި މަސައްކަތްތެރިކަމުގެ ރޮނގުންވެސް ހަމަ ކުރިއަރާފައި އޮތް ރަށެއްކަން އަޅުގަނޑަށް ފާހަގަވި.

ދެން އަޅުގަނޑުގެ ހިތަށް މިއަރާ އެއްޗެއް އެހާ އުފާވެރިއެއް ނޫން. އެހެންވީމާ، މިހެން މިހާ ފުރިހަމައަށް ކަންކަން ހިނގަމުންދާ ރަށެއްގައި، ކަންކަމަށް މިހާ ލޯބިކުރައްވާ، މިހާ ބޮޑަށް މަސައްކަތް ކުރައްވާ ރަށެއްގައި، އަޅުގަނޑުގެ ހިތަށް އެބައަރާ، ކީއްވެގެންބާއޭ މިރަށުގެ ސްކޫލްގެ ނަތީޖާ މިއަހަރު މިހާ ދެރަވީ. އިސްލާމާއި ދިވެހި ފިޔަވައި އެހެން އެއްވެސް މާއްދާއަކުން މިފަހަރު އޯ ލެވެލް އިމްތިޙާނުގައި ސީ ގްރޭޑަށްވުރެ މަތިން އެއްވެސް ކުއްޖަކަށް ލިބިފައެއް ނެތް. މިއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. މިރަށަށް ވެގެންވާނެ ގޮތެއް ނޫން މިއީކީ. ތިޔަ ލޮބުވެތި ރައްޔިތުން ތިޔަހާ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ތަޢުލީމީ ކަންކަމުގައި ތިޔަހާ ބޮޑަށް އެހީތެރިވެދެނިކޮށް، މިކަހަލަ ނަތީޖާއެއް މިރަށުން ނުކުމެގެން ނުވާނެ. އަޅުގަނޑު އުންމީދު ކުރަން، މިކަމަކީ މިއީ ހަމައެކަނި މިއަހަރު ދިމާވި ކަމެއް ކަމަށް. މުސްތަޤްބަލުގައި މި ކުރިއަށް އޮތް އަހަރުގައި، މިރަށުގެ ތަޢުލީމީ ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަ ސަމާލުކަމެއްދޭން. އަޅުގަނޑު އެހެންވީމާ، އުފާކުރަން، އަޅުގަނޑުމެންނަށް އާ ޕްރިންސިޕަލެއް، ޢިމްރާން މިހާރު ވަޑައިގެން މިހުންނެވީ. އެހެންވީމާ، ޢިމްރާންގެ ބެއްލެވުމުގެ ދަށުން އަދި ރަށު ކައުންސިލްގެ ބެއްލެވުމުގެ ދަށުން މިރަށުގެ ތަޢުލީމީ ކަންކަން މިއަހަރު އެބަޖެހޭ ރަނގަޅުކުރަން.

އާދެ! މިދެންނެވި މާއްދާތަކަށް ޢާންމުކޮށް މި ކިޔަވައިދޭން މިތިބެނީ ބިދޭސީ ޓީޗަރުން. އެހެންވީމާ، އަޅުގަނޑު ބިދޭސީ ޓީޗަރުންނާ ދިމާއަށް މިފަހަރު އެއްޗެކޭ ބުނާނަން.

I want to say something today, expatriate teachers in this school, this time. First of all I want to thank you for being in Maldives and serving our children. But I want to share with you our disappointment this time. Because the results of all subjects other than Islam and Dhivehi have been very disappointing. No student in this school gained more higher than a ‘C’ Grade in any of their subjects taught by the expatriate teachers. So this is very disappointing. I hope our colleagues who have come all the way from India and other countries are able to do a better job this year. Maybe you have difficulties, but we need to overcome that and help our children to achieve higher grades. So please attend to this discuss with the news Principal and the Council members, and try to achieve higher grades for our children. This is extremely important. I hope it can be done.

އާދެ! މިރަށުގައި އަޅުގަނޑުމެންނަށް ކުރެވެންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. ޙަޤީޤަތުގައި މިރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތަކަކީ އެހާ ބޮޑެތި ކަންތައްތަކެއް ނޫން. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޙުސައިނަށްވެސް އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންނާ މި ފަހުން ބައްދަލުވި ފަހަރުގައިވެސް. މިރަށުން ތިޔަ އެދިވަޑައިގެންނެވި ކަންކަމަކީ އެހާ ބޮޑެތި ކަންތައްތަކެއް ނޫނޭ. އެކަންކަން އަޅުގަނޑުމެންނަށް ކުރެވެންޖެހޭނެއޭ. މީގެތެރޭގައި މިހިރީ، ބަނދަރުގައި ބައްތިޖެހުން. މިއީ ދެން އެވަރުގެ ބޮޑު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ހަމައެހެން، މިސްކިތް މަރާމާތް ކުރުން، ނޫނީ ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމް ކުރުން. މިއިން ކޮންމެ ކަމަކީވެސް ތިޔަހާ ބޮޑު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ޚާއްޞަކޮށް، މިކަހަލަ ރަށެއް. ކުރިން ދެންނެވިކަހަލަ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުންދޭ ރައްޔިތެއް އޮތް ތަނެއްގައި، މި ނުވާނެ އެހާ ބޮޑު ކަމަކަށް. އެހެންވީމާ، އަޅުގަނޑުމެން އެންމެން ގުޅިގެން، މިއަހަރު މަސައްކަތް ކޮށްފިއްޔާ، ﷲ އިރާދަކުރެއްވިއްޔާ، މިހުރިހާ ކަންތައްވެސްވާނެ.

އާދެ! އަޅުގަނޑުގެ ޒިންމާއަކީ، ދައުލަތުން މިފައިސާ ހޯދައިގެން، މަސައްކަތް ކުރެވޭނެ ފަރާތަކާ މި ފައިސާ ޙަވާލުކުރުން. އެފަރާތަކީ އެއީ ކައުންސިލް ކަމުގައިވިނަމަވެސް، ނޫނީ އަދި އެހެން ފަރާތެއް ކަމުގައިވީނަމަވެސް. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، މިހުރި ގިނަ ކަންކަމަކީ މިއީ ހަމަ ކައުންސިލް މެދުވެރިކޮށް ކުރެވެންހުރި ކަންތައް. އެހެންވީމާ، އެގޮތަށް އެކަން ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

ދެން މީގެތެރޭގައި ހިމެނޭ އެއްކަމެއް އެބައޮތް، ކުނި ނައްތާލުމުގެ ނިޒާމް. މިއާ ދޭތެރޭގައި އަޅުގަނޑު ކުޑަކޮށް އެއްޗެއް ދަންނަވާލަން މިޖެހެނީ. ކުނި ނައްތާލުމުގެ ނިޒާމް ޤާއިމްކުރުމަކީ ހަމައެކަނި ފަޅު ތަނެއް ފާހަގަކޮށް، އެތަނަށް ކުނިއެޅުމެއްވެސް ނޫން. ނޫނީ ވަށާފާރުލާފައި ހުންނަ ކޮމްޕައުންޑެއްގެ ތެރެއަށް ކުނިއެޅުމެއްވެސް ނޫން. ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމްކުރުމަކީ، އެ ކުނި ވަކިކުރެވި، އެ ކުނި ގަވާއިދުން އެއްކުރެވި، އޭގައި ވަކިކުރެވޭ ތަކެތީގެ ތެރޭގައި ހުންނަ ބޭނުންހިފޭ ތަކެތި، ބޭނުންހިފޭނެ ގޮތަކަށް ބަދަލުކޮށް، ވިއްކައިގެން ނަމަވެސް، އެއަށް އާމްދަނީއެއް ލިބި، މިކަހަލަ ނިޒާމެއް ޤާއިމްވެފައި އޮތުން. އެއީ ކުނި ނައްތާލުމުގެ ނިޒާމެއް، ޙަޤީޤަތުގައި ޤާއިމްކުރުމަކީ. މިހާތަނަށްވެސް އަޅުގަނޑުމެން މިއުޅުނީ ކުނި ނައްތާލައިގެން. އެހެން ނަމަވެސް، އެގޮތް ކަމުނުގޮސްގެންތާ މިއުޅެނީ. އެހެންވީމާ، އަޅުގަނޑުމެން އަލަށް ކުނި ނައްތާލާ ނިޒާމެއް ޤާއިމްކުރާއިރުގައި، އޭގައި އެބަ ހުންނަންޖެހޭ، މިދެންނެވިކަހަލަ ސިފަތައް. ދެންނެވިހެން ފުރަތަމަ އެބަޖެހޭ، ގަވާއިދުން ކުނި އެއްކުރެވޭނެ ގޮތެއް އިންތިޒާމް ކުރަން. ހަމައެއާއެކީގައި، އެ ކުނިތައް، އެކިކަހަލަ ކުނި ވަކިކުރެވޭނެ ގޮތެއްވުން. އޭގެތެރޭގައި އެބަހުރޭ، އަލުން ބޭނުންކުރެވޭ ކަހަލަ ތަކެތި. މިސާލަކަށް، ދަގަނޑާއި، ލަކުޑިއާއި، ކަރުދާސްވެސް. މިހެން ހުންނަ ތަކެތި. އެހެންވީމާ، މިތަކެތި ވަކިކުރެވި އަދި އޭގެތެރޭގައި ޤުދްރަތީގޮތުން ފަނާވެގެން ނެތިގެންދާކަހަލަ ބާވަތްތައް ބޭނުންކޮށްގެން، އަޅުގަނޑުމެންނަށް އުފެއްދޭ އެއްޗިހިވެސް އެބަހުރި. މިސާލަކަށް، ގަހުކާނާވެސް ހެއްދޭނެ. މިހެން މަސައްކަތް ކުރެވުނީމާ، ޙަޤީޤަތުގައި ކުނި ނައްތާލުމުގެ ނިޒާމެއް މި ޤާއިމްކުރެވެނީ. އެގޮތަށް އެހެންވީމާ، އެކަން ރާވާލައިގެން ގެންދިޔުމުގައި، އެންމެބޮޑު މަސައްކަތަކީ، ޙަޤީޤަތުގައި ތަނެއްގެ ފާރު ރޭނުމެއްވެސް ނޫން. އެންމެބޮޑު މަސައްކަތަކީ އެކަން ރޭވުން. އެކަމުގެ ރޭވުމެއް އޮތުން. އެކަމުގައި މަސައްކަތް ކުރާނެ ބަޔަކު ރޭވިގެން މަސައްކަތް ކުރުން. އޭރުން އެކަން ކުރެވޭނީ. ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބައެއް ރަށްރަށުގައި މިހާރު މިގޮތަށް މަސައްކަތް ކުރެވެމުން އެބަދޭ. ވަކިވަރެއް ކޮންމެ ގެއަކުން ނަގައިގެން، މިސާލަކަށް، ފަންސާސް ރުފިޔާ، ސަތޭކަ ރުފިޔާ މަހަކު ނަގައިގެން ކުނި އެއްކުރާ ބަޔަކު އެބަތިބޭ. މިއެއްޗިހި ގެންގޮސް އަދި ބައެއް ރަށްރަށުގައި ހަމަ ބޭފުޅުންގެ ތެރެއިން އިސްކޮށް އުޅުއްވާ، މިސާލަކަށް، ކުނިކަހާ އަންހެން ބޭފުޅުންގެ ތެރެއިން ބަޔަކު ނަގައިގެން، އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން އެތަކެތި ތަނަކަށް އެޅި، އެއްޗިހި ވަކިކުރެވެމުން އެބަދޭ.

މިދެންނެވިކަހަލަ ނިޒާމެއް ޤާއިމް ކުރެއްވުމަށްޓަކައި ޖެހޭނެ، ކައުންސިލްގެ ފަރާތުން ވަރަށްބޮޑު އިސްނެންގެވުމެއް ނަންގަވަން. މިއީ ހަމަ ހުރެލާފައި ވާކަމެއް ނޫން މިހުންނަނީކީ. މިބާވަތުގެ ޖަމާޢަތުގެ ރޭވުންތައް ރޭވުމުގެ ވިސްނުންތެރި، ޢަމަލީގޮތުން ޙަރަކާތްތެރިވާ ބަޔަކު އެބަ ތިބެންޖެހޭ. އެކަން ކުރުމަކީ އެއީ، މިހާރު ޤާނޫނީގޮތުންވެސް ކައުންސިލްތަކާ ޙަވާލުކުރެވިފައި އޮތް މަސްއޫލިއްޔަތެއް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ކައުންސިލްގެ ބޭފުޅުން، މިހާރު ތިއްބެވީ ކައުންސިލްތަކުގައި ވަރަށް ތަޢުލީމީ، ޤާބިލް ބޭފުޅުން. އެހެންވީމާ، ތިޔަބޭފުޅުން މިކަމާ ދޭތެރޭގައި މަޝްވަރާ ކުރައްވައި، މިކަން ރޭވިފައި އޮންނާނެ ގޮތެއްގެ ޗާޓެއް ކުރައްސަވައިލެއްވުން. ކުރައްސަވައިލައްވާފައި ދެން އެ ކުނިއަޅަންޖެހޭ ތަނެއްވެސް ފާހަގަކޮށް، އެތަން ސާފުކޮށް، އެތާނގެ ވަށައިގެން ފާރުލައި، ކުނި އެއްކޮށް، ކުނި ނައްތާލެވޭނެ ނިޒާމެއް ރާވައިދެއްވާނެ ކަމަށް އަޅުގަނޑު ހީކުރަން. މިދެންނެވި މޭރުމުން މިކަން ކުރީމާ، މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނީ.

މިއަދު ކުންޏަކީ އުކާލާ އެއްޗެއް ނޫން. ޙަޤީޤަތުގައި މިހާރު ކުނި ގަންނަންވެސް އެބަހުރި. އަދި ޚާއްޞަކޮށް، ގިނަ ޢަދަދަކަށް ކުނި އެއްކުރެވޭ ތަންތާނގައި، މިކުންޏަކީ ހަމަ ވަރަށްބޮޑު މުދަލެއް. މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މާލޭގައި ހިމެނޭ ތިން ރަށުގެ ކުނި، މިހާރު ގާތްގަނޑަކަށް ދުއިސައްތަވަރަކަށް ޓަން ދުވާލެއްގެ މައްޗަށް އެބަ އެއްކުރެވޭ. ބޭރުގެ ކުންފުންޏަކާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މި މުދަލަށް ހެދޭނެ ގޮތަކަށްވޭތޯ. މި ހަމައެކަނި ނައްތާލުމުގެ ބަދަލުގައި. އެއިން އާމްދަނީއެއް ލިބޭނެގޮތެއް ހެދުމަށްޓަކައި. ހަމައެގޮތަށް، ކުދި ރަށްރަށުގައިވެސް އަދި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އުތުރުގެ ދާއިރާގައިވެސް، ނ. ރ. ބ، މިހިސާބުގައިވެސް އެބައޮވޭ، ސަރަޙައްދީ މަޝްރޫޢެއްވެސް ހަމަ މިކަހަލަ މަޝްރޫޢެއް. އެހެންވީމާ، މި ކުނި ނައްތާލުމުގެ ކަންކަން މިހާރު ރޭވިގެން މިދަނީ، ކުނިން އެއްޗެއް ލިބޭގޮތަށް. ރަނގަޅަށް މިކަން ރޭވިއްޖީވިއްޔާ، ކުނިން ލިބޭ އެއްޗަކުން އެކަމުގައި މަސައްކަތްކުރާ ބައެއް މީހުންގެ މުސާރަވެސް ދެވޭވަރު ކުރެވޭނެ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، މިކަމާ ދޭތެރޭގައި ޚާއްޞަކޮށް ވިސްނާވަޑައިގެން، މިކަމުގައި މާލެއިން އަޅުގަނޑުމެން އެއްވެސް މީހެއްގެ އެހީއެއްވެސް ބޭނުންފުޅުވާ ކަމަށްވަންޏާ، އަޅުގަނޑުމެން މިކަމުގައި އެހީތެރިވެސްވާން މިތިބީ ތައްޔާރަށް. އެގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭފުޅުންނާ ގުޅުއްވައިގެން، މިކަން ރަނގަޅަށް ރޭއްވެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ދެން މިކަމަށް ކުރަންޖެހޭ ޚަރަދުގެ ކަންތައްތައް އިރާދަކުރެއްވިއްޔާ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑު ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަން.

އާދެ! މިވަގުތަކީ މާގިނައިރު ވާހަކަ ދައްކާކަހަލަ ވަގުތެއް ނޫން. އެހެން ނަމަވެސް، މިއަދު އަޅުގަނޑަށް ތިޔަބޭފުޅުންނާ ބައްދަލުކޮށް، ކިތަންމެ ކުޑަކޮށް ނަމަވެސް އެއްޗެއް ދެންނެވުމުގެ ފުރްޞަތު ލިބުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި ހަމައެހެން، މިއަދު ދެން އޮތީ ވަރަށް މުހިންމު ކަމެއް. އެއީ މި ސްކޫލްގައި ހަތަރު ކްލާސްރޫމްގެ ޢިމާރާތެއް ޢިމާރާތް ކުރުން. މިއީ ވަރަށް މުހިންމު ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއަދު ބިންގާއަޅައި، ކުރިއަށް އޮތް ތާނގައި އެކަމުގެ ސަބަބުން މި ސްކޫލަށް އިތުރު ފުރިހަމަކަމެއް އައިސްގެންދާނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން، މި ސްކޫލްގެ ކިޔެވުމުގެ ކަންތައް މިހާރަށްވުރެ ބޮޑަށް ބައްލަވައިދެއްވުން. އަދި ޚާއްޞަކޮށް، ތިޔަބޭފުޅުންގެ ދަރީންގެ ކިޔެވުމުގެ ކަންތައް ގޭތެރޭގައި ހުންނަ ނުހުންނަގޮތް ބައްލަވައިދެއްވުން. މޮޅުވާ ކުދިން މި މޮޅުވަނީ، ސްކޫލުން ކޮށްދޭ މަސައްކަތާ އެއްވަރަށް ހަމަ ގޭގައިވެސް ބެލެނިވެރިންވެސް މަސައްކަތް ކޮށްދެއްވައިގެން، އެކުދިން މި މޮޅުވެގެން މިދަނީ. އެހެންވީމާ، އެގޮތަށް ހުރިހާ ބެލެނިވެރިންވެސް މިކުދިންނަށް މަސައްކަތް ކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑަށް އެނގޭ، ބައެއް ބެލެނިވެރިންނަކީ ރަށުން ބޭރުގައި އުޅުއްވާ ބޭފުޅުން. ކުދިން މިތިބެނީ ރަށުގައި. މުސްކުޅިން، މާމައިންނާއި ކާފައިންނާ އެކީގައި އަދި މަންމައިންނާ އެކީގައި. އެހެންވިޔަސް، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މިކަމުގައި ޢާއިލާގެ އެހީތެރިކަން ކުދިންނަށް ދެއްވަމުން ގެންދެވުން. އޭރުން އިރާދަކުރެއްވިއްޔާ، މިހާރު މިއުޅޭ މައްސަލަ ވަރަށް ފަސޭހައިން، ކުރިއަށް އޮތް އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ޙައްލުކުރެވޭނެ. އަޅުގަނޑުގެ އުންމީދަކީ، މިއަންނަ އަހަރުގެ މިސްކޫލްގެ ނަތީޖާއަކީ ވަރަށް ބޮޑަށް ތަފާތު ރަނގަޅު، ކުރިއަރާފައިވާ ނަތީޖާއަކަށްވާނެ ކަމަށް. އެހެންވީމާ، އެކަމަށްޓަކައި އަދިވެސް އެއްފަހަރު މިސްކޫލްގެ ޕްރިންސިޕަލަށާއި، ސްކޫލްގެ ޓީޗަރުންނަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން، އެކަމަށް ބޮޑަށް މަސައްކަތް ކޮށްދެއްވުމަށް.

އާދެ! ދެން އަޅުގަނޑު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި. އަޅުގަނޑުގެވެސް ހަމަ އެދުމަކީ، ތިޔަ ހުރިހާ ރައްޔިތުންނަށް ރަނގަޅު ގޮތްތައް މެދުވެރިކުރެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލައްވައި، ތިޔަ އެންމެހާ ބޭފުޅުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާފާގަތިކަމުގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައިވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه