ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ އެއްކަމަކީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބަށް އެރުވިއެވެ. އަދި ސިޔާސީ ގޮތުން ގެންނަންހުރި އިޞްލާޙުތަކާއި، ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

ޑޮނަލްޑް މެކިނަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށާއި، އިންތިޚާބުގެ ކަންތައްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކޮމަންވެލްތުގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.