ރާއްޖެއަށް ލިބޭ އާމްދަނީ، މިވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ދެގުނަ އިތުރުވެފައިވީ ނަމަވެސް، ޙަޤީޤަތަކީ ރާއްޖޭގައި އުޅޭ މުއްސަނދިންނާއި ފަޤީރުންގެ ތަފާތު ބޮޑުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ އެންމެފަހު މަންޒިލް ކަމަށްވާ ކަނޑިތީމަށް ވަޑައިގެން، ކަނޑިތީމު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖެ މިއަދު ހިމެނިފައިވަނީ، މެދުފަންތީގެ ދަރަޖަ ލިބިފައިވާ ޤައުމުތަކުގެ ތެރެއިންވެސް އެންމެ އުސް ހަރުފަތްތަކުގައި އުޅޭ ޤައުމެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ތެރެއިން ކޮންމެ ބޮލަކަށް މިހާރުޖެހޭ އާމްދަނީއަކީ ހަހާސް ޑޮލަރު ކަމަށާއި، މިއީ ޙަޤީޤަތުގައި ވަރަށްބޮޑު ޢަދަދެއް ކަމަށްވިޔަސްވެސް ފަޤީރންވަނީ ނިކަމެތިވެފައި ކަމަށާއި، މުއްސަނދިންވަނީ ކުރިއަށްވުރެ މުއްސަނދިވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، މި ތަފާތުތައް ކުޑަކުރުމަށް ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކެއް އަދި އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުރި ކަމަށާއި، އެއްކަމަކީ ނިކަމެތިންނަށް އެހީތެރިވުމާއި، ނިކަމެތިންގެ ދިރިއުޅުމުގެ ފެންވަރު ވަކިވަރަކަށް މައްޗަށް އުފުލައިލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިކަމުގައި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެއްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކަނޑިތީމު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ކަނޑިތީމަކީ ޕާޓީތަކުގެ ތަފާތުކުރުމެއްނެތި، އަވަށުގެ ތަފާތުތަކެއްނެތި، އަދި މިފަދަ ހުރިހާ ތަފާތުތަކެއް އެއްކިބާކުރައްވައި، ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން އަތުގުޅާލައްވައިގެން މަސައްކަތް ކުރަމުން ގެންދާ ރަށެއްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަނޑިތީމަށް މިވަގުތު ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންކަން ޙައްލުކުރެއްވުމަށް ކުރެއްވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރަށުގެ ކަރަންޓްގެ ކަންތައް މިހާރަށްވުރެ ރަނގަޅަށް އިންތިޒާމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ރަށުގެ ބަނދަރު އަލުން ރަނގަޅު ފެންވަރަކަށް ހެދޭނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ރަށުގެ ސްކޫލާއި ޞިއްޙީ މަރްކަޒު މިހާރަށްވުރެ ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަންވެސް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.