بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
ފޭދޫގެ ލޮބުވެތި ރައްޔިތުން، މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، މިނިސްޓަރ އޮފް އެޑިޔުކޭޝަން، މިރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް އަދި ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މިއޮތް ހޫނު އަވީގައި، މިއަދު ހެނދުނުއްސުރެ ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނާ އެކުގައި ނިކުމެވަޑައިގެން، އަޅުގަނޑާއި އަޅުގަނޑާ އެކީގައި މިރަށަށް އައި ވަފްދަށް މަރްޙަބާ ވިދާޅުވުމަށްޓަކައި ތިޔަ ހޭދަކުރި ވަގުތުކޮޅަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ހަމައެހެން، އަޅުގަނޑަށް ތިޔަ ދެއްވި ވަރަށް ރީތި، ވަރަށް އަގުހުރި، ވަރަށް ރަމްޒީ ހަދިޔާއަށްޓަކައިވެސް ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިރަށަށް އާދެވުމުން އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ސަބަބަކީ މިރަށަށް ނާދެވި އަޅުގަނޑަށް ވަރަށްގިނަ ޒަމާންވުމަށްފަހުގައި، މިރަށަށް މި އާދެވުނީ. އާދެ! މިއަދު އަޅުގަނޑުގެ ވާޖިބަކީ، ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި، އަޅުގަނޑު ހަމަ ގަދައަޅައި މަސައްކަތް ކުރަމުން ގެންދިޔުން. މިއަދު އަޅުގަނޑުމެން ދިވެހިރާއްޖެއަށް ގެނެސްފައިވާ ޑިމޮކްރަސީގެ މަޤްޞަދަކީ، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގައި ޢަދުލުވެރި ވެރިކަމެއް ޤާއިމްކުރުން. اللّـه سبحـانـه وتعـالى އަންގަވާފައިވަނީ، މި ބިމުގައި ކުރަންޖެހޭނީ ޢަދުލުވެރި ވެރިކަމެއް ކަމުގައި. ކޮބައިތޯ އެފަދަ ވެރިކަމެއް. މިއަދު އަޅުގަނޑުމެންނަށް މި ޖަލްސާއިން މިހާތަނަށް އިވިގެން މިދިޔައީ، އެ ވެރިކަމަކީ އަޅުގަނޑު ދެކޭގޮތުގައި ފުރަތަމަ ހިތްހެޔޮ އިޚްލާޞްތެރި ވެރިކަމަކަށްވުން. ދެވަނަ ކަމަކަށް، އެ ވެރިކަމަކީ އިންޞާފުވެރި ހަމަހަމަ ވެރިކަމަކަށްވުން. ތިންވަނަ ކަމަކަށް، އެ ވެރިކަމަކީ އަމާނާތްތެރި ވެރިކަމަކަށްވުން.

އާދެ! އިޚްލާޞްތެރި ހިތްހެޔޮ ވެރިކަމެއް ކުރެވޭނީ، ރައްޔިތުންގެ ބޭނުންތައް ރަނގަޅަށް ދެނެގަނެގެން. ރައްޔިތުންނަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި، ރައްޔިތުން ދައްކާ ވާހަކަތައް، ރައްޔިތުންގެ އިޙްސާސްތައް ވަރަށް ގާތުން އަޑުއަހައި ދެނެގަނެގެން. އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ، މިރަށްރަށަށް އަޅުގަނޑުމެން އައިސް، ރައްޔިތުންނާ ބައްދަލުކޮށްގެން. އަދި ތިޔަބޭފުޅުން ބައްދަލުކުރައްވަން ބޭނުންފުޅުވުމުން، ތިޔަބޭފުޅުންނަށް ވަގުތުދީގެން. އަޅުގަނޑު މިގޮތަށް މަސައްކަތް ކުރަނީ. އަޅުގަނޑާ ބައްދަލުކުރަން އެދިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކާ އަޅުގަނޑު ބައްދަލުކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އަދި ހަމައެހެން، އަޅުގަނޑަށް ވަގުތުވީ އެންމެ ގިނައެއްކޮށް ރައްޔިތުންނާ ހަމައަށް އައިސް، ރައްޔިތުންނާ ބައްދަލުކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އަދި ހަމައެއާއެކީގައި، އިޚްލާޞްތެރި ވެރިކަމެއް ކުރެވޭނީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކަން ކޮށްގެން. ވެރިކަމުގައި ތިބޭ މީސްމީހުންނަށް ފެންނަހާ ގޮތަކަށް، ފެންނަ ތަނެއްގައި، ފެންނަ ކަމެއް ކޮށްގެން، ރައްޔިތުންނަށް ލާބައާއި މަންފާއެއް ނުކުރާނެ. މިކަމަށް އަޅުގަނޑުމެން ސަމާލުކަން އެބަދޭންޖެހޭ. އެއީ، ނުދިނުމުގެ ސަބަބުން ދިމާވާ އުނދަގޫތަކާއި ދަތިތަކާއި، ފަހުން ކުރަންޖެހޭ ޚަރަދުތަކާ، މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް މިދަނީ ތަޖުރިބާ ކުރެވެމުން.

އާދެ! ހަމައެހެން، މި ވެރިކަން ވާންޖެހޭނީ، ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން ގެނެސްދޭ ވެރިކަމަކަށް. މިހާރު އަޅުގަނޑުމެން ތިބި ގޮތަށްވުރެ ރަނގަޅު ގޮތަކަށް، ރައްޔިތުންނަށް ފަސޭހަ، ހިތްފަސޭހަ، ފައިދާހުރި ގޮތްތަކަކަށް ކަންކަން ބަދަލުވަމުން ދިޔުމަކީ، އެއީ އިޚްލާޞްތެރި ވެރިކަމެއް ކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދު. އަދި ހަމައެހެން، އިންޞާފުވެރި ހަމަހަމަ ވެރިކަމެއް ކުރުން އެއީވެސް، ވެރިންނަށް ލާޒިމުވާ ކަމެއް. އެގޮތުން، އަޅުގަނޑު އަބަދުވެސް ދަންނަވަމުން މިގެންދަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ، އެއްވެސް ރަށަކަށް ތަފާތުނުކޮށް، އެއްވެސް ސިޔާސީ ޕާޓީއަކަށް ތަފާތުނުކޮށް، ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކީގައި، ދައުލަތުގެ ފަރާތުން ދޭންޖެހޭ ޚިދްމަތްތައް ދިނުމުގައި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނަމޭ. މިކަމަކީ މިއީ އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ދުސްތޫރު އަޅުގަނޑުމެންނަށް ލާޒިމްކުރާ ކަމެއް. އާދެ! ހަމައެހެން ރައްޔިތުންގެ މުދަލަށާއި، ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިކަމާއެކީގައި މަސައްކަތް ކުރުމަކީ އެއީ، ވެރިންނަށް ލާޒިމް ކަމެއް. ވީހާވެސް އިސްރާފު ކުޑަކޮށް، އެ އޮތް އެއްޗެއްގެ ފައިދާ ވީހާވެސް ބޮޑުވާނޭ ގޮތަކަށް ވިސްނައިގެން ކަންކަން ކުރުމަކީ އެއީ ކުރަންޖެހޭ ކަމެއް. ރާއްޖެއަކީ އަދި މުއްސަނދި ޤައުމެއް ނޫން. އަޅުގަނޑުގެ އުންމީދަކީ، ރާއްޖެއަކީ މާއްދީގޮތުން މުއްސަނދި ޤައުމަކަށް އަދި ވަރަށް އަވަސް މުސްތަޤްބަލެއްގައި ވެގެންދާނެ ކަމަށް. އެހެން ނަމަވެސް، މިހާރު އަދި އަޅުގަނޑުމެން އުޅެން ޖެހިފައިވަނީ، ކޮންމެވެސްވަރެއްގެ ދަތިކަމެއްގެ ތެރޭގައި. އެހެންވީމާ، އެބަޖެހޭ އަޅުގަނޑުމެން ކަންކަމުގައި އިސްރާފުނުކޮށް، ވީހާވެސް ރަނގަޅަކަށް ރައްޔިތުންގެ ތަކެއްޗާއި، މުދަލާއި، ފައިސާ ބޭނުންކުރެވޭނެ ގޮތްތައް ހޯދަން.

އާދެ! މިދެންނެވި ކަންކަމަށް ސަމާލުވެގެން، ވެރިކަމުގެ ކަންކަން ކުރިއަށް ގެންދިޔުމަކީ އެއީ، ހުރިހާ ވެރިންގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއެއް. އެންމެ ކުޑަކުޑަ ރަށުގެ ކައުންސިލަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް، ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ މަސްއޫލިއްޔަތެއް، މިދެންނެވި މޭރުމުން ވެރިކަމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވުން. އެހެންވީމާ، އަޅުގަނޑު މިއަދު އިލްތިމާސްކުރަން، މި ރާއްޖޭގެ އެކިކަންކޮޅުގައި، ވެރިކަމުގެ ޙިއްޞާ އުފުއްލަވާ، ވެރިކަމުގެ ތެރޭގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް، ޢަދުލުވެރި ވެރިކަމެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި، ކުރިއެރުވުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމަކަށް ސަމާލުވެވަޑައިގެން، އެގޮތުގައި ކުރިއަށް ވަޑައިގެންނެވުމަށް.

އާދެ! މިވަގުތަކީ އަޅުގަނޑަކަށް މާދިގުކޮށް ވާހަކަ ދެއްކޭކަހަލަ ވަގުތެއް ނޫން. ހުކުރު ވަގުތާ ކައިރިވަމުން އަންނާތީ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަވެސް ކުރުކޮށްލާނަން. ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ އިޙްސާސްތަކާއި ބޭނުންތަކަށް ކޮންމެވެސްވަރެއްގެ ވާހަކަކޮޅެއް، އަލިއަޅުވާލުމެއް އަލިއަޅުވާނުލައި މިތަނުން ފޭބުމަކީ އެއީ، ކޮށްގެންވާނެ ކަމެއް ނޫން.

އެގޮތުން، ފުރަތަމަ ކަމެއްގެ ގޮތުގައި، އަޅުގަނޑު އުންމީދު ކުރަން، ވަރަށް އަވަހަށް މިރަށުގެ ބަނދަރު ފުންކުރެވޭނެ ގޮތެއް ވާނެކަމަށް. އެކަމަށްޓަކައި އަޅުގަނޑުމެން މިހާރު ވާހަކަ ދައްކަމުން ގެންދަނީ، އެކިފަރާތް ފަރާތާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިންމަހެއްގެ ތެރޭގައި، އެންމެ ލަސްވިޔަސް ރަށުގެ ބަނދަރު ފުންކުރެވޭނެ ގޮތެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ހަމައެއާއެކުގައި، އަޅުގަނޑު މިއަދު ވަރަށް އުފާކުރަން. އެއީ މިއީ ވަރަށް ނަޞީބުވެރި ދަތުރެއް. ސަބަބަކީ މިރަށުގެ ސްކޫލް، އާ ސްކޫލްގެ ބިންގާ އެޅުމުގެ ނަޞީބު اللّـه سبحـانـه وتعـالى މިންވަރު ކުރެއްވީތީ. ﷲ އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑުމެން މިރަށުގައި އާ ސްކޫލެއްގެ ބިންގާ އަޅާނަން. އަދި ހަމައެހެން، އާ މިސްކިތެއްގެވެސް ބިންގާ އަޅާނަން. އަލަށް އެޅޭ މިސްކިތަކީ، އެއީ ގާތްގަނޑަކަށް ފައްސަތޭކައެއްހާ މީހުންނަށް ނަމާދުކުރެވޭވަރުގެ މިސްކިތަކަށްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މިދެންނެވި ކަންކަން މިހެން ކުރުމުގައި ވަރަށްގިނަ ފަރާތްތަކުގެ އެހީއާއި އެއްބާރުލުން ލިބިފައިވޭ. އަޅުގަނޑު ފުރަތަމަ ފާހަގަކޮށްލަން. ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙަންމަދު ޙުސައިން ދެންމެ ވިދާޅުވިފަދައިން، އެމަނިކުފާނު ހަމަ ކެނޑިނޭޅި މިދާއިރާއަށްޓަކައި، މިއަތޮޅަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވަނީ. އެމަނިކުފާނަކީ ތިޔަބޭފުޅުންނަކަށް އާ ބޭފުޅެއް ނޫން. ވަރަށްގިނަ ދުވަސްތަކެއް ވަންދެން، މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ކަމުގެ މަޤާމު ފުރުއްވާފައި އަދި ފުރުއްވަމުން ގެންދަވާ ބޭފުޅެއް. އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އެބޭފުޅާ ބޮޑަށް މި ދަސްވީ، އަޅުގަނޑު ރައީސްކަމާ ޙަވާލުވީފަހުން. އެ ވިދާޅުވިހެން، ދެތިން ފަހަރަކު އަޅުގަނޑާ ބައްދަލުކުރައްވައި، ވަރަށް ތަފްޞީލުކޮށް، މިދާއިރާގައި ކުރަންހުރި ކަންކަމުގެ ވާހަކަ ވަނީ އަޅުގަނޑާ ދައްކަވާފައި. އެކަމަށްޓަކައި ކެނޑިނޭޅި މުހަންމަދު ޙުސައިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ހެކިވެ، ދަންނަވަން. އަޅުގަނޑަށް ޔަޤީން، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންވެސް އެ މޭރުމުން އެބޭފުޅުންގެ ދާއިރާތަކަށް ޚިދުމަތް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނަމަ މިހާރަށްވުރެވެސް ބާރު ސްޕީޑެއްގައި ރާއްޖެތެރޭގެ ތަރައްޤީ ކަންކަން ކުރިއަށްދާނެ.

ހަމައެހެން، މިކަމުގައި ސަރުކާރުގެ އެކިވަރުވަރުގެ ވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްވެސް އަޅުގަނޑު ފާހަގަކުރަން. ޚާއްޞަކޮށް، މިއަދު މި ޖަލްސާގައި އަޅުގަނޑުމެންގެ ޒުވާން އެޑިޔުކޭޝަން މިނިސްޓަރ އެބަ އިންނެވި. އެމަނިކުފާނުވެސް މިރަށުގައި ސްކޫލެއް ޢިމާރާތް ކުރެއްވުމަށްޓަކައި ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައި. އަދި އަޅުގަނޑަށް ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް، އެމަނިކުފާނު މިކަމުގައި ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، ކުރިއަށް އޮތް މިއަހަރުގެ ތެރޭގައި، 2013 ވަނަ އަހަރުގެ ތެރޭގައި މި ސްކޫލް ޢިމާރާތް ކުރައްވައި ނިންމަވާނެ ކަމަށް.

އާދެ! އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އަދިވެސް އެއްފަހަރު ތިޔަ ޢިއްޒަތްތެރި އަޚުންނާއި އުޚުތުން އަޅުގަނޑުމެންނާ ބައްދަލުކުރެއްވުމަށްޓަކައި ރަށުގެ ވަރަށް ދުރަށް ހިންގަވައި، ބަނދަރުދޮށަށް ވަޑައިގެން، ވަރަށްގަދަ އަވީގައި ތިއްބަވައިގެން އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވެދެއްވީތީ، އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ އެންމެހާ ރައްޔިތުންނަށް، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، މިރަށުގެ ހުރިހާ ރައްޔިތުންނަށް ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަކީ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމާއެކީގައި، ހިތްފަސޭހަ، ތިޔާގި ދިރިއުޅުމެއް އުޅުއްވާ، ދުޅަހެޔޮ ރައްޔިތެއް ކަމުގައި ލެއްވުން. މިރަށަށް އަޅުގަނޑު އެދެނީ، އަދަށްވުރެ ފަހި މާދަމައެއް.

والســّلام عليــكم ورحـمــة اللّـه وبـركاتـه