بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި، މާތް ނަބިއްޔާގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ނޫމަރާގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، މިރަށުގެ ރަށު ކައުންސިލްގެ ރައީސް އަދި އަތޮޅު ކައުންސިލްގެ ރައީސް، މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަދި މިތަނަށް ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑު މިރަށަށް އައުމުން ހަމަ ހަނދާންވެގެންދަނީ، 2009 ވަނަ އަހަރު އަޅުގަނޑު އެންމެފަހުން މިރަށަށް އައި ދުވަސް. ތީގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ، އެދުވަހު މިރަށުގައި ބޭއްވި ޖަލްސާގައި، އަޅުގަނޑުމެން އެންމެން ބައްދަލުކޮށް، ވާހަކަ ދައްކައި ހެދީމު. އެދުވަހުގެ ޖަލްސާ ވެގެންދިޔައީ، އަޅުގަނޑަށް ހަމަގައިމުވެސް ވަރަށް ފާހަގަކުރެވޭ ޖަލްސާއަކަށް. އެއީ، ވަރަށް އަސަރުގަދަ ޖަލްސާއަކަށް ވެގެންދިޔައީ. މިރަށުގެ ރައްޔިތުންގެ އިޙްސާސްތަކާއި އާދޭސްތައް އެދުވަހު އަޅުގަނޑަށް އިވިގެންދިޔަ. އަޅުގަނޑަށް ވަރަށް ފުން އަސަރުތަކެއް ކުރި ދުވަހެއް. އެހެންވީމާ، އަޅުގަނޑު މިރަށުން ފުރައިގެންދިޔައީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ތިޔަބޭފުޅުންނަށް ވަޢުދުވެފައި. މިރަށުގެ ލަފާ ފޭބުމުގެ ކަންތައް އޭރަށްވުރެ ރަނގަޅު ގޮތަކަށް ހަމަޖައްސަން އަޅުގަނޑުވެސް މަސައްކަތް ކުރާނެ ކަމަށް ދަންނަވާފައި. ލަފާ ފުރޭނެ ގޮތެއް މިރަށުގައި ކޮންމެހެން ހަދަންޖެހޭކަން އަޅުގަނޑަށް އެދުވަހު އިޙްސާސް ކުރެވުނު. ސަބަބަކީ، އެދުވަހު އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން މިރަށަށް އައިސް ފައިބަން އުޅުމުން، ނުފޭބިގެން އުޅެނިކޮށް، ތިޔަބޭފުޅުން ވަޑައިގެން، ބޮއްކުރާއެކީގައި ހިއްލަވާލައްވައިގެން، އަޅުގަނޑުމެން ބޭލުއްވީ. އެ ހަނދާން އަޅުގަނޑުގެ އެބަހުރި ވަރަށް ބޮޑަށް. އަދި އެދުވަހު އަޅުގަނޑު މިރަށުން ފުރައިގެން ދިޔުމަށްފަހުގައި، އަޅުގަނޑުވެސް ހަމަ އަބަދާއި އަބަދު ކެނޑިނޭޅި މިރަށުގައި ބަނދަރެއް ނުވަތަ ފާލަމެއް އެޅުމުގެ ވާހަކަ ދައްކަމުން ގެންދިޔައީ. އެހެން ނަމަވެސް، އެކަން ނުވެ ލަސްވަމުން ލަސްވަމުން ލަސްވަމުން ދިޔުމުގެ ސަބަބުން އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިރަށަށް އައުންވެސް ލަސްވަމުން ލަސްވަމުން ގޮސް އެންމެފަހުން މިރަށަށް މިއާދެވުނީ. މިހާ ގިނަ ދުވަސް ވަންދެން އަޅުގަނޑު މިރަށަށް ނައިސް ހުރެވުނު ސަބަބަކީވެސް މިދެންނެވީ. ހަމަ މިކަން ނުވެ އޮތީމާ. އެކަމަކު މިހާރު މިދިޔަ އަހަރުގެ ފަހުކޮޅުގައި މި ބަނދަރުވަނީ ހަދަން ފެށިފައި. މިހާރު ދެން ފާޑަކަށް ބަނދަރު ހެދިފައި މިއޮތީ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން މިރަށަށް އައިސް ފޭބުމުންވެސް އަޅުގަނޑަށް މިކަމާ ބެހޭގޮތުން ތަފާތު ޝުޢޫރުތައް އިވިއްޖެ. ބައެއް ބޭފުޅުން ވަރަށް ކަންބޮޑުވެފައި ތިއްބެވީ. އެއީ އެހާބޮޑު މަސައްކަތަކުން ބަނދަރު ހަދައި ނިންމުނުއިރުގައި، އަނެއްކާ މިއޮތީ މިތަނަށް ނުވަދެވޭވަރު ވެފައި. އަނެއްބައި ބޭފުޅުން ވަރަށް އުންމީދާއެކުގައި ވިދާޅުވި، އެކަން ރަނގަޅު ކޮށްލެވޭނެ ނޫންހޭ! އެހާ ބޮޑު ކަމެއް ނޫނެއް ނޫންހޭ އެއީކީ. އަޅުގަނޑުވެސް ދެކޭހިތްވަނީ އެގޮތަށް. އިރާދަކުރެއްވިއްޔާ އެކަން ރަނގަޅު ކޮށްލެވޭނެ. އެހެންވީމާ، އަޅުގަނޑު އުންމީދަކީ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެ ބަނދަރު ފުންކޮށްލެވޭނެ ކަމަށް.

މިކަންކަން މިވަނީ އެންމެ މީހެއް، ދެމީހެއްގެ މަސައްކަތަކުންނެއް ނޫން. މިރަށަށް ކުރެވޭ ކަންތައްތަކުގައި ވަރަށްބޮޑު ޙިއްޞާއެއް ކުރައްވާ ބޭފުޅެއް މިދާއިރާގެ މެންބަރު، އަލްފާޟިލް މުޙަންމަދު ޙުސައިން. މުޙަންމަދު ޙުސައިން ހަމަ ކެނޑިނޭޅި އެބޭފުޅާގެ ދާއިރާގެ ރަށްރަށަށް ތަރައްޤީގެ މަޝްރޫޢުތައް ގެނައުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ. އޭގެ ހަމަ ވަރަށްބޮޑު ދަލީލެއް މިރަށުގެ ބަނދަރު ހެދިގެން ދިޔަކަންވެސް އެއީ. އެހެންވީމާ، ދެންމެ ވިދާޅުވިފަދައިން، މިރަށުގައި މި ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރެވެންދެންވެސް ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަތް ދޫކޮށެއްނުލާނަން. ދައުލަތުގެ ފަރާތުން ތިޔަބޭފުޅުންނާއެކީގައި، ތިޔަބޭފުޅުންގެ މައްސަލަތައް ޙައްލުކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އިރާދަކުރެއްވިއްޔާ، ބަނދަރުގެ މައްސަލަވެސް، އަދި ދެންހުރި އެހެން މައްސަލަތައްވެސް ޙައްލު ކުރެވެމުންދާނެ. އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! މިރަށުގައި މި އަހަރު ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން، ބައެއް އެހެން މަސައްކަތްތައް ވަނީ ރޭވިފައި. އެގޮތުން، ދެންމެގައި، ދާދި ދެންމެއަކު މިރަށުގައި އާ ޕްރީސްކޫލެއްގެ ބިންގާ އެޅިގެން ހިނގައްޖެ. އަދި އޭގެއިތުރުން، އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މިރަށުގައި މިސްކިތެއްވެސް ޢިމާރާތް ކުރުމަށްވަނީ ވިސްނިފައި. ހަމައެހެން، ރަށުގެ އޮފީސް ޢިމާރާތުގެ މަސައްކަތް ކުރުމަށްވެސް ސަރުކާރުގެ ފަރާތުންވަނީ ވިސްނާވަޑައިގެންފައި. އެހެންވީމާ، މިދެންނެވި ކަންކަންވެސް ކުރެވޭނެ ކަމުގެ އުންމީދުގައި އަޅުގަނޑު މިހުރީ.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު އެންމެފަހުން މިރަށަށް އައިފަހުން ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްގެން ހިނގައްޖެ. މިރަށުގެ ކައުންސިލަށްވެސް ބަދަލު އަތުވެއްޖެ. އަދި ސަރުކާރަށްވެސް ބަދަލު އަތުވެއްޖެ. އަދި މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ވަރަށް ތަފާތު އިޙްސާސްތައް އުފެދި، މުޅި ރާއްޖެއަށް އޭގެ އަސަރުތައްވަނީ ކޮށްފައި. އެހެންނަމަވެސް، މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މިއައި ބޮޑެތި ބަދަލުތައް، އޭގެ ތެރޭގައި ހިމެނުނު އުދާސްތައް މިހާރުވަނީ ކޮންމެވެސް ވަރަކަށް ފިލާފައި. އަދި ހަމައެހެން، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރޭގައި އުފެދުނު ބައެއް ހަމަނުޖެހުންތައްވެސް މިހާރު ފިލައި، އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަމަސަލަސްކަން އިތުރުވެ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އުޚުއްވަތްތެރިކަމާއި އެއްބައެއްވަންތަކަން އަނެއްކާވެސް ދިރިގެންދާ ކަމުގެ ޢަލާމާތްތައް އަޅުގަނޑަށް ފެންނަމުންދާ ވާހަކަ އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން. މިރަށުން އަޅުގަނޑުމެންނަށް މިފެންނަނީ ވަރަށްވެސް އެކުވެރި ރައްޔިތެއް. އެކަމަށްޓަކައި އަޅުގަނޑު، މިރަށުގެ ވެރިންނަށާއި އަދި މިރަށުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ތަފާތު ސިޔާސީ ޕާޓީތަކުގެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއްވެސް ރަށެއްގައި ތަރައްޤީގގެ މަޝްރޫޢުތަކެއް ނުހިންގޭނެ، އެރަށެއްގެ ތެރޭގައި ހަމަނުޖެހުން އޮވެގެންނެއް. އެހެންވީމާ، އަޅުގަނޑުމެން އެންމެން މިއަދު ބޭނުންވެފައިވާ އަސާސީ ޚިދްމަތްތަކާއި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެބަ އޮންނަންޖެހޭ ވަރަށްބޮޑު އެކުވެރިކަމެއް. މިފަދަ ރަށްރަށުން މި ރާއްޖެއަށް މިދައްކާ ރީތި ނަމޫނާއާއި މިސާލު އަޅުގަނޑު ހީކުރަން، ޚާއްޞަކޮށް، ބޮޑެތި ރަށްރަށުގައިވެސް ރައްޔިތުން ޤަބޫލު ކުރައްވާނެ ކަމަށް. އަދި އެގޮތުން އަޅުގަނޑުމެންނަށް ބޭނުންވާ ކަންކަން ކުރުމުގައި ހުރިހާ އެންމެން އެއްބައިވެގެން، އެކުވެރިކަމާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް.

އާދެ! މިރަށަކީ، ވަރަށް ކުޑަކުޑަ ރަށެއް މިހާރު އާބާދީގެ ގޮތުން. މިރަށަކީ ޚާއްޞަ ޙާލަތްތަކެއް ދިމާވެފައިވާ ރަށެއް. މިރަށުގެ މުސްތަޤްބަލާ ދޭތެރޭގައި އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. އަޅުގަނޑަކީ ކުއްލި ކުއްލިއަށް ބޮޑެތި ބަދަލުތައް ގެނެސް، އެއްވެސް ޖަމާޢަތެއްގެ ތެރޭގައި ހަލަބޮލިކަން އުފައްދާ މީހެއް ނޫން. އަޅުގަނޑުގެ ވިސްނުމަކީ، އަބަދުވެސް ކެތްތެރިކަމާއެކީގައި، ވިސްނުންތެރިކަމާއެކީގައި ގެންނަންޖެހޭ ބޮޑެތި ބަދަލުތައް އަމާން، އޮމާންކަމާއެކީގައި ގެނައުން.

ރާއްޖެއަށް މިހާރު ބޮޑެތި ބަދަލުތައް އަންނަމުން މިދަނީ، ރާއްޖޭގެ ރައްޔިތުންގެ ޚާއްޞަކޮށް، ޒުވާނުންގެ އުންމީދުތައް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ޒުވާން ޢާއިލާތަކުން އެބަ ބޭނުންވޭ، އެމީހުންގެ ދިރިއުޅުން ރަނގަޅަށް ޤާއިމްކުރަން. މީހުންނާ އިނދެ، ކުދިން ލިބި، އެކުދިންގެ މުސްތަޤްބަލާ ދޭތެރޭގައި، ތަޢުލީމީ، ވިސްނުންތެރި، އަދުގެ ޒުވާނުން ދަނީ ވިސްނަމުން. އެހެންވީމާ، މިރަށުގެ ޒުވާނުންގެ އުންމީދުތަކާ އެއްގޮތަށް، ދައުލަތުގެ ފަރާތުން ކަންތައްތައް ކުރުން އަޅުގަނޑުމެންގެ ހުރިހާވެސް މަޤްޞަދަކީ.

އާދެ! އަޅުގަނޑުމެން ވިސްނަންޖެހޭނެ، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ފެންވަރެއްގެ ތަޢުލީމު ދެވޭނެ ގޮތް، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދްމަތްތައް ދެވޭނެ ގޮތް އަދި އަޅުގަނޑުމެންނަށް ހިތްފަސޭހަކަމާއެކީގައި ދިރިއުޅެވޭ ގޮތްތައް. އޭގެތެރޭގައި، މުނިފޫހިފިލުވުމާއި، ކުޅިވަރުކުޅުމާ، މިބައިބައިވެސް ހަމަ ހިމެނޭގޮތަށް. ދިރިއުޅުމަކީ އަޅުގަނޑުމެން ކޮންމެ އިންސާނަކަށްވެސް ﷲ އެއްފަހަރު ދެއްވާ ފުރްޞަތެއް. އަޅުގަނޑުމެން މި ޙަޔާޔް ވޭތުކުރަނީ ހަމަ އެންމެފަހަރަކު. މިދަތުރުގައި އަޅުގަނޑުމެން، އަޅުގަނޑުމެންނަށްވީ އެންމެ ރަނގަޅަކަށް، މިދުނިޔެއަށާއި އާޚިރަތަށްޓަކައި ކުރަންޖެހޭ މަސައްކަތްކޮށް، އުފަލާއި ހިތްހަމަޖެހުމުގައި އުޅެން އެބަޖެހޭ. އަޅުގަނޑުމެން ދުޢާ ދަންނަވަނީ، އަބަދުވެސް މިދުނިޔޭގަޔާއި އާޚިރަތުގައި އަޅުގަނޑުމެންނަށް އުފަލާއި ނަޞީބު މިންވަރު ކުރެއްވުމަށް. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނަންޖެހޭ އަޅުގަނޑުމެންގެ މި ޙާލަތާ ދޭތެރޭގައި، އަޅުގަނޑުމެންގެ ޒުވާނުންނާއި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޅަދަރިންނާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ.

އާދެ! މުސްތަޤްބަލް އޮތީ ތަރައްޤީއާ އެކީގައި. މުސްތަޤްބަލް އޮތީ އަޅުގަނޑުމެންނަށް ކުރިއެރުން ގެނެވޭގޮތަކުން. އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަން ކޮށްގެން. އެހެންވީމާ، ތިޔަބޭފުޅުންގެ އުންމީދުތަކާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، މިއަށްވުރެ ތަނަވަސް ދިރިއުޅުމެއް ތިޔަބޭފުޅުންނަށް ހޯދައިދެވޭތޯ. އެގޮތުން، މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، މިރަށުގެ ބައެއް ޢާއިލާތައްވަނީ ހިޖުރަކޮށްފައި. މުސްތަޤްބަލުގައި އަދި އިތުރު ޢާއިލާތައްވެސް ހިޖުރަ ކުރާނެ. އެހެންވީމާ، އެގޮތަށް އެ ބޭނުންވާ ޢާއިލާތަކަށް ދައުލަތުގެ ފަރާތުން އެހީތެރިވުން އެއީ، އަޅުގަނޑު ދެކޭގޮތުގައި ކުރަންޖެހޭ ކަމެއް. އެއީ ތިޔަބޭފުޅުންގެ ވިސްނުންފުޅުގެމަތިން، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް މުސްތަޤްބަލް ބައްޓަންކުރުމަށްޓަކައި ކޮންމެ ދައުލަތަކުންވެސް ކޮށްދޭންޖެހޭނެ ކަމެއް. ދިވެހިރާއްޖޭގައި މިނޫން ކިތަންމެ ރަށެއް އެބަހުރި. ވަރަށް ކުދިކުދި އާބާދީ ހުރި ރަށްތައް. މުސްތަޤްބަލްގައި ދިވެހިރާއްޖޭގައި މިހާގިނަ ރަށްރަށުގައި މީހުންނެއް ނޫޅޭނެ. މިހާރުވެސް 190 އެތައް ރަށެއްގައި ރައްޔިތުން އެބައުޅޭ. އެކަމު އަޅުގަނޑަށް ފެންނަ ތާނގައި ކުރިއަށް އޮތް މުސްތަޤުބަލުގައި އެއަށްވުރެމަދު ބޮޑެތި ރަށްރަށުގައި ރައްޔިތުން ދިރިއުޅެމުންދާނެ. އެރަށްރަށުގައި މަގުތައްވެސް ހުންނާނީ ހެދިފައި. ހޮސްޕިޓަލްތައްވެސް ހުންނާނެ. ބޮޑެތި ޝޮޕިންގ ސެންޓަރުތައްވެސް ހުންނާނެ. ބޮޑެތި ސްކޫލްތަކާއި ޔުނިވަރސިޓީތައްވެސް ހުންނާނެ. އެތަންތަނަށް ޒުވާނުން ގޮސް އެތަންތާނގައި އުޅޭނެ ދުވަސް އަޅުގަނޑުމެންނަށް ފެނިގެންދާނެ. އެއީ، ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް އަންނަ ބަދަލު. ދިވެހިރާއްޖެ އެއަކުން އިސްތިސްނާއެއްނުވޭ. އެހެން ޤައުމުތަކަށް އެ އަންނަ ބަދަލު ހަމަ ދިވެހިރާއްޖެއަށްވެސް އަންނާނެ. ނަމަވެސް އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެން އަވަސްއަރުވާލާފައި ކަންތައް ކުރާ ވާހަކައެއް ނޫން. ޤުދްރަތީގޮތުން އެކަން އެދާ ސްޕީޑެއްގައި ހިތްފަސޭހަކަމާއެކީގައި ކަންކަން ކުރުމަށް ވާގިވެރިވެ، އެކަންކަމުގައި އެހީތެރިވެދިނުމަކީ އެއީ، ދައުލަތުގެ ޒިންމާ. އަޅުގަނޑުމެން އެކިއެކި ޒިންމާދާރު މަޤާމުތަކާ ޙަވާލުވެ ތިބޭ މީހުންގެ ޒިންމާއެއް، ތިޔަބޭފުޅުންގެ އިޙްސާސްތައް ދެނެގަނެ، ތިޔަބޭފުޅުންގެ ތެރޭގައި ތިއްބެވި ކުދި ބޮޑު އެންމެންގެ ތަފާތު އިހްސާސްތައް ދެނެގަނެ، އެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން މުސްތަޤްބަލް ބައްޓަން ކުރުމަށްޓަކައި މަސައްކަތް ކުރުން. އަދި ހަމައެހެން، އެހެނިހެން ޤައުމުތަކުގެ ތަޖުރިބާއަށް ބަލާފައި ކުރިމަގު އޮންނާނެ ގޮތަކާ ދޭތެރޭގައި ވިސްނައި، އެކަމާ ދޭތެރޭގައި މަޝްވަރާ ކުރުމަކީ، ޚިޔާލު ކުރުމަކީވެސް އެއީ، އަޅުގަނޑުފަދަ މަގާމުތަކުގައި ތިބޭ މީސްމީހުން ކުރަންޖެހޭ ކަމެއް. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ މުސްތަޤްބަލަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ގެންދާނީ ކުރަމުން. ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެންނާނަން. އެބަދަލުތައް ގެންނާނީ ތިޔަބޭފުޅުންނާއެކީގައި. ތިޔަބޭފުޅުންގެ އެއްބައިވުމާއެކީގައި. އެއްބާރުލުމާއެކީގައި. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ކެތްތެރިކަމާއެކީގައި، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކުރަމުން ގެންދިޔުން. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެންނަށް މިގޮތަށް އެކުވެރި މާޙައުލެއްގައި އެންމެން އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކުރިއަށް ދިޔުމުގެ ފުރްޞަތު ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އެގޮތަށް މިރަށުގެ ކަންކަންވެސް ހަމަޖެހިގެން އޮންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި އެގޮތަށް، މިރަށުގެ ވެރިންނާއި މިރަށުގެ ރައްޔިތުން މަސައްކަތް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް، މިރަށުގެ ޒުވާނުން މަސައްކަތް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ކުރިންވެސް ދެންނެވި ފަދައިން، މިރަށަށް ބޭނުންވާ އަސާސީ ކަންކަން ޙައްލު ކުރުމުގައި ދައުލަތުގެ ފަރާތުން ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ތިޔަބޭފުޅުންނާ އެކީގައި މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އާދެ! މިރަށުގެ ސްކޫލާއި، ޞިއްޙީ މަރްކަޒާ، މިހެންހުރި އެކިއެކި ތަންތަން، މިހާރަށްވުރެ ރަނގަޅަށް ހިންގުމަށްޓަކައި މިއަހަރުގެ ތެރޭގައި މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި އަދި މިނިސްޓަރ އޮފް ހެލްތް ޚާއްޞަ ގޮތެއްގައި މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ޚާއްޞަކޮށް، މިފަދަ ކުދި އާބާދީތަކަށް ދޭންޖެހޭ ޚިދްމަތްތައް މިހާރަށްވުރެ ރަނގަޅަށް ދިނުމަށްޓަކައި މަސައްކަތްތަކެއް ކޮށްދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އަޅުގަނޑު އުންމީދުކުރަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ހިތްފަސޭހަ، ކުރިއަށްވުރެ ރަނގަޅު ގޮތްތަކެއް މިއަހަރު ހަމަޖެހިގެންދާނެ ކަމަށް. އެގޮތުން، އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. އަދި ތިޔަ އެންމެހާ ބޭފުޅުންނަކީ، ތިޔަ ހުރިހާ ބޭފުޅުންގެ ދަރިންނާއި ތުއްތު ކުދިންނަކީވެސް، ދުޅަހެޔޮ ޞިއްޙަތެއްގައި، ހިތްފަސޭހަ ދިރިއުޅުމެއް އުޅޭ ރައްޔިތެއް ކަމުގައި މާތްﷲ ލެއްވުން. އަޅުގަނޑުގެ ހުރިހާ ހެޔޮ ދުޢާއާއި ހުރިހާ ޝުކުރެއް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އަޅުގަނޑުމެން މިރަށަށް އައުމާ ގުޅިގެން، މިރަށުގެ ހުރިހާ ރައްޔިތުންހެން، ކުދިބޮޑު އެންމެން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވަރަށް ހޫނު ތަރުޙީބެއް ދެއްވައިފީމު. އަދި ކުރިން ދެންނެވިހެން އަޅުގަނޑު މިރަށަށް ނައިސް މިހާގިނަ ދުވަސްވާންޖެހުނު ސަބަބު އަޅުގަނޑު ވަރަށް ތަފްޞީލުކޮށް މިއަދު މިދެންނެވީ. ޙަޤީޤަތަކީ އެއީ. ދެން މިހާރު އެ ޢުޒުރެއް ނެތް. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަނެއްކާވެސް ނޫމަރާއަށް އަޅުގަނޑަށް އާދެވޭނެ ކަމުގެ އުންމީދު އަޅުގަނޑު ކުރަން. އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه