بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ އިސްލާމީ އުންމަތުގައި ވަރަށް ޚާއްޞަ ދުވަހެއް. މިއަދަކީ އަޅުގަނޑުމެންގެ މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّمގެ ޢީދު މީލާދު، މުޅި ދުނިޔެ، މުޅި އިސްލާމީ އުންމަތް ފާހަގަކުރަމުންދާ ބަރަކާތްތެރި ދުވަސް. އެހެންވީމާ، މިއަދުގެ މުނާސަބަތުގައި، ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، މިއަދުގެ ތަހުނިޔާ ދަންނަވަން.

އާދެ! އަޅުގަނޑު މިއަދު އެންމެ ފުރަތަމަ ވާޖިބަކީ، އަޅުގަނޑުމެން މިރަށަށް އައުމުން، މިރަށުގެ ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑަށާއި، އަޅުގަނޑާއެކުގައި ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އާދެ! މިރަށަކީ މިއީ މީހަކު ލޯބިން ފުރޭފަދަ ރަށެއް. ރަށަކީ ރީތި ރަށެއް. ހިޔާބޮޑު ރަށެއް. މިރަށުގެ ރައްޔިތުންނަކީ އެކުވެރި، އެއްބައިވަންތަ ބައެއް. ބޭރުން އަންނަ މީސްމީހުންނަށް މެހްމާންދާރީ އަދާކުރާ ރަށެއް. އަޅުގަނޑު ހަމަ ކުޑަކޮށްވެސް ޙައިރާނެއްނުވޭ. ވީމާ، އަޅުގަނޑުމެންގެ އަޚު އަލްފާޟިލް މުޙަންމަދު މޫސާ މިރަށާ ދޭތެރޭގައި އެ ބަހައްޓަވާ އޯގާތެރިކަމާއި ރަޙްމަތްތެރިކަމުން.

އާދެ! މިއަދު އަޅުގަނޑަށް މިރަށަށް މިއާދެވުނީ، ﷲގެ ރަޙްމަތްފުޅުން މިރަށުގެވެސް ވަރަށްބޮޑު ޢީދު ދުވަހެއްގައި. މި ބަރަކާތްތެރި ރަބީޢުލްއައްޥަލް މަހުގެ 12 ވަނަ ދުވަސް މި މިންވަރު ކުރެއްވީ، މިރަށަށް އައި ވަރަށްބޮޑު ޢީދެއްގެ ގޮތުގައި. އެގޮތުން، މިރަށުގައި ވަރަށް ފުރިހަމަ ފާލަމެއް ޢިމާރާތް ކުރެވި، އަދި އެ ފާލަމާ އެކުގައި ކުޑަކުދިންގެ ބަގީޗާއަކާއި އަދި އެތަނަށް ބޭނުންވާ ފާޚާނާއާއި، މިފަދަ ޢުމްރާނީ ތަންތަން ހެދުމަށްފަހުގައި، އެތަންތަން އިޙްތިފާލު ކުރުމުގެ އުފާވެރި މުނާސަބަތު. އެހެންވީމާ، އަޅުގަނޑު ތިޔަ ހުރިހާ ރައްޔިތުންނަށްވެސް ފުރަތަމަ މުބާރަކްބާދު ދަންނަވަން. އަދި ހަމައެއާއެކުގައި، މިފަދަ ބޮޑު ޚިދުމަތެއް މިރަށަށް، މިރަށުގެ ރައްޔިތުންނަށް ކޮށްދެއްވީތީ އަދި މީގެކުރިންވެސް މިރަށުގެ ކިތަންމެ ޢުމްރާނީ ކަންކަމެއްގަޔާއި އަދި މިރަށަށް ބޭނުންވާ އެކިއެކި ބޭނުންތަކުގައި އެހީވެވަޑައިގަންނަވާތީ، އަޅުގަނޑު މި ފުރުޞަތުގައި ދިވެހި ސަރުކާރުގެ ނަމުގައި ޗަމްޕާ ބްރަދަރސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން ޚާއްޞަކޮށް، އަލްފާޟިލް މުޙަންމަދު މޫސާއަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ދެންމެ ވަރަށް އަސަރާއެކީގައި، މިރަށުގެ ފަރާތުން ވާހަކަ ދެއްކެވި. އެ ދެއްކެވި ވާހަކަފުޅު އަޅުގަނޑު ވަރަށް ކަނުލާ އަހައިފީމު. އަޅުގަނޑަށް ދެންނެވޭނީ، މިއީ ހަމައެކަނި ހެނބަދޫގެ ޙާލަތު ހުރިގޮތެއް ނޫނޭ. ރާއްޖޭގެ ވަރަށްގިނަ ކުދި ރަށްރަށުގައި ޙާލަތު ހުރީ ހަމަ އެ ވިދާޅުވި ކަހަލަ ގޮތަކަށް.

އާދެ! ދައުލަތުގެ މަޤްޞަދަކީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ވީހާވެސް އަވަސް ފުރުޞަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުން. ސަރުކާރެއް އޮތުމުގެ ބޭނުމަކީ އެއީ. ސަރުކާރެއް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން، އަވަސް ފުރުޞަތެއްގެ ތެރޭގައި ކޮށްދިނުން. އެކަމަށްޓަކައި ބޭނުންވާ އެހީތެރިކަން ހޯދައިދިނުން. އެހެންވީމާ، އެކަމުގައި އަޅުގަނޑު ދަންނަވަން، އެއްގޮތަކަށްވެސް މި ސަރުކާރަކުން ފަހަކަށް ނުޖެހޭނެ ވާހަކަ. އަދި މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު ދިވެހި ސަރުކާރު ހިންގުމާ ޙަވާލުވީ، ރާއްޖެއަށް ވަރަށް އުނދަގޫ ދުވަސްވަރެއްގައި. ވަރަށްދަތި ދުވަސްވަރެއްގައި. ވީމާ، މިވޭތުވެދިޔަ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި، މިހާރު އަޅުގަނޑުމެން މިވަނީ، އަޅުގަނޑުމެންނަށް ދިމާވި ވަރަށް ބޮޑެތި އުނދަގޫތަކުން އިރާދަކުރެއްވިއްޔާ ސަލާމަތްވެ، ޤައުމުގައި ހަމަޖެހުމާއި، ޞުލްޙަމަޞްލަޙަތު ކޮންމެވެސްވަރަކަށް ޤާއިމް ކުރެވިފައި.

މިގޮތަށް އަޅުގަނޑުމެންނަށް ސަރުކާރުން ކަންކަމާއިގެން ކުރިއަށް ދިޔުމުގައި ފުރުޞަތު ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރަމުން އައި މަސައްކަތުން އިރާދަކުރެއްވީތީ މިހާރު މިވަނީ އެ ފުރުޞަތު ތަނަވަސްވެފައި. ނަމަވެސް، އަޅުގަނޑު ހިތާމައާއެކީ ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ މާލިއްޔަތު މިވަގުތު އޮތީކީ އެހާ ރަނގަޅަކަށް ނޫނޭ. އޭގެ ތަފްޞީލުތައް ކޮންމެހެން އަޅުގަނޑު ދަންނަވައި، ތިޔަބޭފުޅުންގެ ހިތް ނުތަނަވަސްކުރުމަކީ އެއީ، އަޅުގަނޑުގެ މަޤްޞަދެއް ނޫން. އެހެން ނަމަވެސް، ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ޤުދްރަތީ ކާރިޘާއަކީ ސުނާމީ. ސުނާމީއަށްފަހުގައި ދިވެހިރާއްޖެއަށް އައި ވަރަށްބޮޑު ދަތިކަމެއް. ވަރަށްގިނަ މީހުންނަށް ގެދޮރު ޢިމާރާތް ކުރުމާއި، އެކިއެކި ޢުމްރާނީ މަސައްކަތްތައް ކުރަން ޖެހުނު. އޭގެ ސަބަބުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ސަރުކާރުން ވަރަށް ބޮޑެތި ހޭދަތައް ކުރައްވައި، ދައުލަތުގެ ބަޖެޓަށް އޭގެ ބުރަ އޮތީ ވަރަށް ބޮޑުވެފައި. ނަތީޖާއަކަށްވީ ކޮންމެ އަހަރަކުވެސް، އެ އަހަރަކު ލިބޭ އާމްދަނީއަށްވުރެ ބޮޑު ޢަދަދުތަކެއް ޚަރަދުކޮށް، ދައުލަތުގެ ދަރަނި ވަރަށްބޮޑުތަން ބޮޑުވުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެ ދަރަނި އެހެން އޮތް ކަމުގައިވިނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ވީވަރަކުން ދެމުން ގެންދެވޭތޯ. އެގޮތުން، އަޅުގަނޑު އުފަލާއެކީ ދަންނަވަން، މިއަދާ ހަމައަށް އަޅުގަނޑުމެން މިދަނީ، ރައްޔިތުންނަށް ސަރުކާރުންދޭ އެކިއެކި ޢިނާޔަތްތައް، އިރާދަކުރެއްވީތީ ދެމުން. އަދި ހަމައެހެން، މުވައްޒަފުންނަށް ދޭންޖެހޭ މުސާރަތައްވެސް ދެމުން. އަދި އަސާސީ ޚިދުމަތްތައްވެސް، ވީ އެންމެ ރަނގަޅަކަށް ދެވޭތޯ ބަލަމުން. އަޅުގަނޑުމެން މުޅިން ހިތްހަމަޖެހޭ ދަރަޖައަކަށް ނޫން މިކަންކަން ކުރެވެނީކީ. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައި، މި ޙާލަތު މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް. އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް މިއަށްވުރެ ތަނަވަސް ދުވަސްތަކެއް މިންވަރު ކުރެއްވުން. އަދި ހަމަ އަޅުގަނޑުގެ އުންމީދަކީ، ކުދި ރަށްތަކަށްވެސް، އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ބަރާބަރަށް ލިބެމުން ދިޔުން.

އަޅުގަނޑު، ދަންނަވާފައިވާނޭ ފަދައިން، ރަށެއްގެ ސައިޒަކަށް ބަލައިގެން، އެއްގޮތަކަށްވެސް، ރަށުގައި ތިބޭ ރައްޔިތުންގެ ޕާޓީއަކަށް ބަލައިގެން، މިގޮތަކަށް ނޫން، އަޅުގަނޑު ކަންތައް ކުރަމުން ގެންދަނީކީ. ރައްޔިތުންނަށް ބޭނުންވާ ކަންކަން، ވީހާވެސް ފުރިހަމައެއްކޮށް އަދާކޮށްދެވޭތޯ މަސައްކަތް ކުރަމުން. ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ކަންކަމުގެ ތެރެއިން ދައުލަތުން ކުރެވެންހުރި ކަންކަން އިރާދަކުރެއްވިއްޔާ ކޮށްދެއްވާނެ. ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނަން. އެގޮތުން، ޞިއްޙީ މަރްކަޒުގެ ކަންތައް، މިހާރަށްވުރެ ރަނގަޅަށް އިންތިޒާމް ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނަން. އަދި ހަމަ އެހެން، އަޅުގަނޑު އުފަލާއެކީ ދަންނަވަން، މިހާރު މިރަށުގެ އިންޖީނުގެ މިހުރީ ހުރިހާ ގެތަކުގެ މެދުގައި. އެތާ ކައިރީގައި ހުރި ގެދޮރުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ވަރަށްބޮޑު އުނދަގުލެއް ކަމަށް މިކަން ވެފައި މިއޮންނަނީ. އެހެންވީމާ، ދާދި އަވަހަށް މިއަހަރުގެ ތެރޭގައި، މި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް، ސަރުކާރުގެ ފަރާތުން ކުރާނެ ވާހަކަ ދަންނަވަން.

އާދެ! ބޯފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލަތަކަކީ މިހާރު އަޅުގަނޑު ދެކޭގޮތުގައި، ރައްޔިތުންނަށް ބޮޑުވެފައި އޮތް އެންމެބޮޑު އެއް މައްސަލަ. ހުރިހާ ދިމާއެއްގައިވެސް. މިވޭތުވެދިޔަ ތާނގައި އަޅުގަނޑުމެން އެހާ ބޮޑަކަށް ނަރުދަމާގެ ކަންތަކަކަށް އެހާބޮޑު ސަމާލުކަމެއް ނުދެން. އެއީ އާބާދީވެސް ކުޑަވުމާއި އަދި އެދުވަސްވަރު ހަމަ ފެށުނީ މާލޭގައިވެސް ހަމަ ފެށިގެން އައިސްފައި އޮތީ ހަމަ ސެޕްޓިކް ހަދައިގެން، ފާޚާނާގެ ކަންތައްތައް ގޯތިތެރޭގައި ހަމަޖައްސާ ގޮތަށް. އެހެން ނަމަވެސް، އޭގެ ސަބަބުން ދިމާވި ތިމާވެށީގެ މައްސަލަތައް މިހާރު އަޅުގަނޑުމެންނަށް މިދަނީ ތަޖުރިބާ ކުރެވެމުން. އަޅުގަނޑުމެންގެ ފެން ފަށަލައަށް އޭގެ އަސަރުކޮށް، ފެން ތަޣައްޔަރުވުން. އެހެންވީމާ، މިހާރު ރާއްޖޭގެ ހަމަ ހުރިހާ ދިމާއެއްގައިވެސް، މި ރަށްރަށަށް މިވަނީ ނަރުދަމާގެ ނިޒާމު އަޅަންޖެހިފައި. އެކަމަކީ ފުދޭވަރުގެ ޚަރަދު ހިނގާ ކަމެއް. އެހެންވީމާ، ދައުލަތުގެ ބަޖެޓް ތަންދިން މިންވަރަކުން މިކަން ރާވައިގެން، ތާވަލު ކުރެވިގެން، ހުރިހާ ރަށަކަށްވެސް ނަރުދަމާގެ ޚިދުމަތް ދެމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. ﷲ އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެ ޚިދުމަތް ތިޔަބޭފުޅުންނަށްވެސް ލިބިވަޑައިގަންނަވާނެ.

އާދެ! އަޅުގަނޑުގެ ވާހަކަ، މި ވަގުތުގެ ގޮތުން މާ ދިގުކުރާކަށް ނެތީމު. މެންދުރުގެ މިކަހަލަ ވަގުތެއްގައި، މާގިނައިރު އެއްތަނެއްގައި ތިއްބެވުމަކީ ފަސޭހަ ކަމެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ދެތިން އެއްޗެއް އަދި ދަންނަވާލާނަން. އަޅުގަނޑަށް އެނގޭ، މިރަށުގެ މި ސްކޫލް ވަރަށްބޮޑު ހިތްވަރެއްކޮށްފި. އޭގެ ނަތީޖާގެ ސަބަބުން މިއަހަރު މިރަށުގެ ސްކޫލްގެ އޯ ލެވެލްގެ ނަތީޖާ ވަރަށްބޮޑުތަން ރަނގަޅުވެގެން ހިނގެއްޖެ. އެކަމަށްޓަކައި އަޅުގަނޑު މި ސްކޫލްގެ ހުރިހާ ވެރިންނަށާއި، ޓީޗަރުންނަށާއި އަދި ބެލެނިވެރިންނަށް އަދި ޚާއްޞަކޮށް، ކިޔަވާ ކުދިންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާއާއި ޝުކުރު ދަންނަވަން.

އާދެ! ރަށެއްގެ ދިރުމަކީ އެ ރަށެއްގެ ތަޢުލީމް. އެހެންވީމާ، ތަޢުލީމީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅުގަނޑަށް ޔަޤީން، މިތާނގައި އެބަ އިންނެވި އެޑިޔުކޭޝަން މިނިސްޓަރ. އެހެންވީމާ، މި ސްކޫލަށް އިތުރަށް ވެދެއްވެން ހުރި އެހީއެއް ވެދެއްވައި، ކަންކަން ރަނގަޅުކޮށްދެއްވަން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު މިނިސްޓަރަށް ދަންނަވަން.

އާދެ! މިއަތޮޅުގައި އެބަޖެހޭ އެއަރޕޯޓް ހަދަން. އަޅުގަނޑަށް އެނގޭ، މިމައްސަލަ ކޮންމެވެސްވަރަކަށް މިހާރުވަނީ ޖެހިފައި. 2007 ވަނަ އަހަރުން ފެށިގެން މިއަތޮޅުގައި އެއަރޕޯޓެއް އެޅުމުގެ ވާހަކަ ދަނީ ދެކެވެމުން. އަދި އެމަސައްކަތް ކޮންމެވެސް ފަރާތަކާ ޙަވާލުވެސް ކުރެވުނު. އެހެން ނަމަވެސް، ތަފާތު ސަބަބުތަކަކާހުރެ އެކަން ނުކުރެވި ލަސްވަމުން ލަސްވަމުން އައިސް އަދިވެސް އެމަސައްކަތެއް ނުއެއް ފެށޭ. އެކަމުގެ އުދާސްތައް އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. އަޅުގަނޑަށް ހަމަ ރަނގަޅަށްވެސް އިޙްސާސް ކުރެވޭ. އަޅުގަނޑު މިދަނީ ވަރަށް ގާތުން އެ މައްސަލަ ބަލަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ނ. އަތޮޅުގައި އެއަރޕޯޓް އެޅުމުގެ މަޝްރޫޢު އިޢުލާނު ކުރެވި، އެކަމަށް އަލުން އިންވެސްޓްކުރާ ބަޔަކު ހޯދައިގެން، އެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެ. އަޅުގަނޑުގެ އުންމީދަކީ، މިއަހަރުގެ ތެރޭގައި އެކަން ކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ހިނގާ އަހަރު، މިއަހަރުގެ ތެރޭގައި، ނ. އަތޮޅުގައި އެއަރޕޯޓް ހެދޭނެ.

އަޅުގަނޑު އެދެން، ހުރިހާ ރައްޔިތުންވެސް ކެތްތެރިވެވަޑައިގަތުމަށް. ދައުލަތަށް ކަންކަން ވެވުނުވަރަކުން ކޮށްދޭން އެކަމުގެ ފުރިހަމަ މަޤްޞަދާއި ނިޔަތް އެބައޮތް. އެކަމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އާދެ! މިއަދު ކިތަންމެ ނުތަނަވަސް ވަގުތެއްގައި ކަމުގައިވީ ނަމަވެސް، އަޅުގަނޑު އަދި އެއް ވާހަކަ ދަންނަވާލާނަން. ދިވެހިރާއްޖޭގެ އިޤްތިޞާދާ ދޭތެރޭގައި، އަޅުގަނޑު ތަންކޮޅެއް ތަފްޞީލުކޮށް އަދި ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި މި ވާހަކަ ދައްކާނަން. އެހެން ނަމަވެސް، ސުރުޚީ އަޅާލުމުގެ ގޮތުން އަޅުގަނޑު ދަންނަވަން. ދިވެހިރާއްޖޭގެ އިޤްތޞާދު ޙަޤީޤަތުގައި އެހާ ގޯހެއް ނޫން. ދުނިޔެއަށް މިހާރު އައިސްފައިވާ ރިސެޝަން، މި އިޤްތިޞާދު މަޑުވަމުން ދިޔުމުގެ ރޯޅިއެއްގައި ދިވެހިރާއްޖެއަށް ކޮންމެވެސް ވަރެއްގެ އަސަރެއްގެ ކުރަމުން ދަނީ. އެހެން ނަމަވެސް، މި ޤައުމުގެ އިޤްތިޞާދު ބިނާވެފައި މިއޮތީ، ފަތުރުވެރިކަމާއި، މަސްވެރިކަމާ، ޚާއްޞަކޮށް، މި ދެ ދާއިރާއަށް. އެނގިވަޑައިގަންނަވާނެ، 2012 ވަނަ އަހަރަކީ، ފަތުރުވެރިކަމުގެ ގޮތުންވެސް، މަސްވެރިކަމުގެ ގޮތުންވެސް ދިވެހިރާއްޖެ ކުރިއަރާފައިވާ އަހަރެއް. މިވޭތުވެދިޔަ ހަތަރު ފަސްމަހުގެ މައްޗަށް ބަލާއިރުގައި، 2012 ވަނަ އަހަރަކީ، ރާއްޖެއަށް މަސްވެރިކަން ރަނގަޅު އަހަރެއް. ރައްޔިތުންގެ އަތަށް ވަރަށްބޮޑު އާމްދަނީއެއް، މަސްވެރިކަމުގެ ސަބަބުން ވަދެއްޖެ. އަދި ފަތުރުވެރިކަމުގެ ގޮތުންވެސް ރާއްޖޭގައި އިތުރު ރިޒޯޓް ހުޅުވި، އިތުރު އެއަރޕޯޓްވެސް ހުޅުވިގެން ހިނގައްޖެ. އަޅުގަނޑުމެން އުންމީދު ކުރަން މިތިބީ، އެއް މިލިއަން ޓުއަރިސްޓުން އަންނާނެ ކަމަށް. ވަރަށް ގާތަށް އަޅުގަނޑުމެންނަށް އެ ޢަދަދު ގެނެވިއްޖެ. އެހެން ނަމަވެސް، ކުރިން ދެންނެވިހެން، ޔޫރަޕްގައި އިޤްތިޞާދަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާހެދި، ޔޫރަޕުން އަންނަ ޓުއަރިސްޓުންގެ ޢަދަދު ކޮންމެވެސް ވަރަކަށް ދަށަށް ދިޔައީ. ނަމަވެސް، ކުރީ އަހަރަށްވުރެ އައި ފަތުރުވެރިން މިއަހަރު ގިނަ. އެހެންވީމާ، ރާއްޖެއަށް ލިބޭ އާމްދަނީ މިދަނީ ރަނގަޅުވަމުން އިރާދަކުރެއްވީތީ. ދެން ތިޔަބޭފުޅުން ސުވާލު ކުރައްވަފާނެ، ކީއްވެގެންތޯއޭ، ތިމަންނަމެންނަށް މި ލިބޭ ފައިސާކޮޅު މިދިޔަ އަހަރަށްވުރެ ކުޑަވެގެން މިދަނީ. ތިޔަބޭފުޅުންނަށް މިދިޔަ އަހަރު، މިރަށުގެ ކައުންސިލް ހިންގުމަށް ލިބިވަޑައިގެން ތިން މިލިއަން ރުފިޔާ. މިއަހަރު ލިބިވަޑައިގަތީ ދެމިލިއަން ރުފިޔާ. މިދިޔަ އަހަރު، ދެންމެ އެންމެ ފަހުން މި މައްސަލަ، އިއްޔެގައިވެސް އެހެން ރަށެއްގެ ކައުންސިލަކުން ގެނައި. އެރަށުގެ ކައުންސިލަށްވެސް މިދިޔަ އަހަރު ހަތަރު މިލިއަން، މިއަހަރު ދެމިލިއަން. މިކަހަލަ ގޮތަކަށް މިހެންވީ ކީއްވެގެންހެއްޔޭ، ތިޔަބޭފުޅުން ސުވާލު ކުރައްވާނެ. އޭގެ ޖަވާބުގައި އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެން އެކަން އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ފޫބައްދައިދޭނަމޭ. އެކަން ފޫބެއްދުމަށްޓަކައި އަޅުގަނޑު ޤަޞްދުކުރަން، މިއަހަރުގެ މެދަކާ ހަމައަށް ދިޔުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށްވެސް އަނެއްކާވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން.

ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ނުދީއެއް އަޅުގަނޑުމެންނަކަށް ބޮޑެތި ޢުމްރާނީ ކަންތައްތަކެއް ނުކުރެވޭނެ. ރައްޔިތުންގެ ޞިއްޙަތު އަޅުގަނޑުމެން އެބަ ސަލާމަތްކުރަންޖެހޭ. ޞިއްޙީ މަރްކަޒު ރަނގަޅަށް އެބަ ހިނގަންޖެހޭ. ކުދިންނަށް ތަޢުލީމް އެބަ ދޭންޖެހޭ. މިކަންތައް ނުކޮށް، އަޅުގަނޑުމެންނަށް ބަނދަރެއްވެސް ހެދުމުގެ މާބޮޑު ބޭނުމެއް ނެތް. އަޅުގަނޑުމެންގެ ޅަދަރިން ޞިއްޙަތު ސަލާމަތުންނެތި، ބަލިވާ ވަގުތު ބޭސްނުކުރެވޭ ކަމަށްވަންޏާ، ބަނދަރެއް ހެދުމުގެ ބޭނުމެއްވެސް ނެތް. އެއަރޕޯޓް ހެދުމުގެ ބޭނުމެއްވެސް ނެތް. ފުރަތަމަ ކަންތައް އަޅުގަނޑުމެން ޖެހޭނެ ފުރަތަމަ ކުރަން. އެހެންވީމާ، މިގޮތުން ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން. ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ކުރައްވަންޖެހޭ ޚަރަދުތައްވެސް ކުރުމުގައި އަޅުގަނޑުމެން އެހީތެރިވެދީ، އެކަން ހަމަޖައްސަމުން ގެންދާނަން.

މިދިޔަ އަހަރު ރާއްޖޭގެ ބަޖެޓްގެ ދަރަނި އޮތީ، ރާއްޖޭގެ އުފެއްދުމުގެ 12 ޕަސެންޓްގެ ގޮތުގައި. މިއަހަރު މިވަނީ 3 ޕަސެންޓަށް ކުޑަކުރެވިފައި. ވަރަށްބޮޑު ތަފާތެއް މިއައީ. އެހެންވީމާ، ދަރަނި ކުޑަކުރުމަށްޓަކައި ވަރަށްބޮޑު މަސައްކަތެއް ކުރަމުން މިގެންދަނީ. ދަރަނި ކުޑަކުރުމުން މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ދަރިން ބޮޑުވަމުން އަންނައިރުގައި، އެކުދިންނަށް ބޭނުންވާ ވަޒީފާތައް އުފެއްދުމާއި، މަސައްކަތްތައް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނީ. އެހެންވީމާ، ކޮންމެވެސްވަރެއްގެ ދަތިކަމެއްވެސް އަޅުގަނޑުމެންނަށް މިހާރު އެބަޖެހޭ ތަޙައްމަލް ކުރަން.

ދެން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައެއް، އަޅުގަނޑު ކުރިން ދެންނެވިހެން ތަންކޮޅެއް ތަފްޞީލު، އަޅުގަނޑު އަރުވާނަން އަދި ފަހުން. އަޅުގަނޑުމެންނަށް މިއަދު ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި މި ޚަރަދު ކުރަނީ މުސާރައަށް. އެކަމަކު އެނގިވަޑައިގަންނަވާނެ، ގިނަ ބޭފުޅުންނަކީ ހަމަ ވަރަށް ކުޑަ މުސާރައެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން. ޚާއްޞަކޮށް، ސިވިލް ސަރވިސް. ސިވިލް ސަރވިސްގެ މުސާރަތައް އަދިވެސް ހުރީ މިހާރު ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށްވުރެ ގިނަ ބޭފުޅުންގެ މުސާރަ އަދިވެސް ހުރީ ކުޑަކޮށް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެން ނަމަވެސް، މުސާރަތައް ބޮޑުވެފައި އެބަހުރި ބައެއް ދާއިރާތަކުގައި. ވަރަށް ބޮޑަށް، ދުނިޔޭގެ ފެންވަރުގައި ބައިނަލްއަޤްވާމީ މުސާރަތަކާ އެއްވަރަށް، އަދި އެއަށްވުރެ މައްޗަށް. މިހެންހުރި ކަންތައް އެބަޖެހޭ ހަމައަކަށް އަޅުވަން. އެކަމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ފަރާތުން އެކަމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށްވެސް މިހާރުވަނީ ފެށިފައި. މިދެންނެވިހެން ލިބޭ އާމްދަނީއެއްގެ ދެބައިކުޅަ އެއްބައި މުސާރައަށްދީފައި، ދެން ބާކީ އޮތް ދެބައިކުޅަ އެއްބައިގެ ތެރެއިން ފަސްބައިކުޅަ އެއްބައި، ވިއްސަކަށް ޕަސެންޓް ނަމަވެސް އަޅުގަނޑުމެން މިދެނީ ސަބްސިޑީޒްގެ ގޮތުގައި. ނޫނީ ކަރަންޓްގެ ތެލަށް. މީގައި އެބަހުރި ވަރަށް ބޮޑެތި ހަމަނުޖެހޭ ކަންތައްތައް. އެކަންކަން އެބަޖެހޭ ހަމަޖައްސަން. ތެލަށް ވަރަށްބޮޑު ޚަރަދެއް މިހާރު ކުރަމުން މިދަނީ. ދެންމެ ވިދާޅުވެއްޖެ، ތެޔޮ ލިބުން ވަރަށް ދައްޗޭ. އެއީ ހަމަ ތެދު ވާހަކަފުޅެއް. ތެޔޮވެސް އަޅުގަނޑުމެންނަށް ލިބޭނީ ތެލަށް ދައްކަންޖެހޭ ފައިސާ އަޅުގަނޑުމެން ދައްކައިގެން. ތެލުގެ ޚަރަދު ކުޑަކުރަން މަސައްކަތްކޮށްގެން. ތެޔޮ ބޭނުންކުރެވޭ ޢަދަދު ކުޑަކުރެވިގެން. ކަރަންޓާއި އަދިވެސް އެހެން ކަންކަމަށް ތެޔޮ ބޭނުންކުރެވޭވަރު ކުޑަކުރެވިގެން. އަޅުގަނޑަށް އެނގޭ، މިރަށަކީ މިއީ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ހިންގަން ކޮންމެވެސް އިރެއްގައި ވާހަކަ ދެކެވިފައި އޮތް ރަށެއްކަން. އެހެންނަމަވެސް، އެކަމެއް ނުހިނގާ. އެހެންވީމާ، އޭގެ ފައިދާއެއް އަދި ނުކުރޭ. އަޅުގަނޑުމެން އުންމީދު ކުރަމުން މިގެންދަނީ، މިއަހަރުގެ ތެރޭގައި ވިއްސަކަށް ރަށުގައި ސޯލަރ އެނަރޖީ ތަޢާރުފް ކުރެވި، ކަރަންޓްގެ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް. މިބާވަތުގެ މަޝްރޫޢުތައް އަޅުގަނޑުމެން އެބަ ހިންގަންޖެހޭ. އޭރުން ތެލުގެ ޚަރަދު ކުޑަވާނީ. ތެލުގެ ޚަރަދުކުޑަނުކޮށެއް ނެތް ވާކަށް.

ދެން އަޅުގަނޑުމެން އެހެނިހެން ދާއިރާތަކަށް ބައްލަވާ. ސަބްސިޑީޒްގެ ގޮތުގައި ވަރަށްބޮޑު އެއްޗެއް ސަރުކާރުން މިހާރު ދެމުން އެބަގެންދޭ. އެގޮތުން، ކާބޯތަކެއްޗަށް ބައްލަވައިފިއްޔާ، ދިވެހިރާއްޖެއަށްވުރެ އަގުހެޔޮކޮށް ހަކުރު ގަންނަން ލިބޭ ޤައުމެއް މި ހިސާބުގަނޑަކު ނޯންނާނެ. މިއަދު ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ހަކުރު ގަންނަން އެބަ އާދޭ މާލެއަށް. އެއީ، ކީއްވެގެންތޯ؟ އަޅުގަނޑުމެން ހަކުރު ކިލޯއަކަށް މިޖެހެނީ ބާރަ ރުފިޔާ. އޭގެ ޚަރަދަށް މިޖެހެނީ ބާރަ ރުފިޔާ. އަޅުގަނޑުމެން މި ވިއްކަނީ ހަތަރު ރުފިޔާއަށް. ރާއްޖެއިން އިމްޕޯޓްކުރާ ހަކުރުގެ ބޮޑުބައި ކަނީ ޓުއަރިސްޓުން. ދިވެހިންނެއް ނޫން. ދިވެހިން ޚަރަދުކޮށްގެންދޭ ސަބްސިޑީގެ ބޮޑުބައެއް މިހާރު އެބަދޭ ޓުއަރިސްޓުންނަށާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް. ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންނަކީ އެއީ، މިހާރު ތިންމީހުންކުރެ އެކަކީ އޭގެ އެކަކު. އެހެންވީމާ، މިހެން ހުރި ހަމަނުޖެހޭ ކަންތައްތަކެއް އެބަހުރި. މިކަންތައް އަޅުގަނޑުމެން ހިތްވަރާ އެކުގައި، ކެތްތެރިކަމާ އެކީގައި އެބަޖެހޭ އިޞްލާޙު ކުރަން. އަޅުގަނޑު ޤަޞްދުކުރަން، މިއަހަރު އެމަސައްކަތް ކޮންމެވެސްވަރަކަށް ކުރަން. ތެދެއް، މިއީ ރިޔާސީ އިންތިޚާބު އޮންނަ އަހަރެއް. އެހެންވީމާ، ރިޔާސީ އިންތިޚާބު އޮންނަ އަހަރެއްގައި، މިބާވަތުގެ ކަންކަމާ ކުޅުމަކީ އެއީ، އަލިފާނާ ކުޅުންކަހަލަ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު މިހާރު އޮތް ގޮތުން، އެއިން ކޮންމެވެސްވަރަކަށް މިކަހަލަ ކަންތައް އެބަޖެހޭ އިޞްލާޙު ކުރަން މަސައްކަތް ކުރަން. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެކަންކަމުގައިވެސް މަސައްކަތް ކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އޭގެ ސަބަބުން ރައްޔިތުންނަށް އިތުރު ފައިދާއާއި މަންފާ ލިބިގެންދާނެ.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑުމެންނަށް މިރަށުގެ ތިޔަ ލޮބުވެތި ރައްޔިތުން ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު ހިތަށްއެރި، މިއަދު މި ފާލަން ފެނުމުން އަޅުގަނޑު ވަރަށް އުފާވި. އެކަމަކު އެ ފާލަން ފެނުމުން ލިބުނު އުފަލަށްވުރެ މާބޮޑަށް އަދި އަޅުގަނޑު އުފާވެފައި ހުރި ވާހަކަ ދަންނަވަން. އެއީ ފާލަން ހުޅުވުމަށްފަހުގައި، އެތާ ހެދިފައިވާ ކުޑަކުދިންގެ ބަގީޗާގައި ތިބި ތުއްތު ކުދިން ދެއްކި މަންޒަރު. އެކުދިން އެތާ ތިބެގެން ރާއްޖޭގައި ޢާންމުކޮށް ކޮށްއުޅޭ ތަފާތު މަސައްކަތްތައް އަޅުގަނޑުމެންނަށް ދައްކައިދިން. އެކަން ތައްޔާރު ކުރެއްވީ އަޅުގަނޑަށް ޔަޤީން، ބަޔަކު ވަރަށްބޮޑު މަސައްކަތްތަކެއް ކޮށްގެން. އެ ވެދާނެ ސްކޫލްގެ ޓީޗަރުންނަށްވެސް. ވެދާނެ ބެލެނިވެރިންނަށްވެސް. އަޅުގަނޑު ދެތިން ކުއްޖެއް ކައިރީގައި އަހާލިން، ކާކުހޭ ދަސްކޮށްދިނީ. ބުނީމަ ބުނީ މަންމައޭ ދަސްކޮށްދިނީ. ރޯނުވަށާ ކުދިންނާއި، ފަންގިވިޔާ ކުދިންނާ، މިހެންގޮސް ތަފާތު މަސައްކަތްތައް ކުދިން ކުރަމުން ގެންދިޔަ. އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު އުފަލެއް އޭގެ ސަބަބުން ލިބުނު. ސަބަބަކީ، އެ ތުއްތު ކުދިންނަށް އެހާ ބުރަ މަސައްކަތެއް ކުރުމަށް ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވައިގެން، އެކަންކަން އަޅުގަނޑުމެންނަށް ހަމައެކަނި މިއަދު ދައްކާލުމަށްޓަކައި ނަމަވެސް، އެކަން ދަސްކޮށްދެއްވީތީ، އޭގެ ޝައުޤުވެރިކަން އެކުދިންގެ ހިތުގައި އަބަދުވެސް ހުންނާނެ. އަދި މިރަށުގެ ދެންތިބި އެއަށްވުރެ ބޮޑެތި ކުދިންނަށްވެސް އަޅުގަނޑަށް ޔަޤީން، އޭގެ ސަބަބުން އަސަރެއް ކުރާނެ.

މިކަންކަމަކީ އަޅުގަނޑުމެން ކުރަންވާނެ ކަންތައްތައް އަދިވެސް. ދެން އޭގެ ޓެކްނޮލޮޖީ ތަފާތުވެދާނެ. އެހެން ނަމަވެސް، ފަންގިވިނުންވެސް މިއީ ހަމަ ފުދޭވަރެއްގެ އާމްދަނީއެއް މިހާރު ހަމަ ލިބޭ ކަމެއް. މި ހުރިހާ ރިޒޯޓްތައް ހުންނަނީ ފަންޖަހާފައި. އެހުރިހާ ތަނަކަށް ފަން އެބަ ބޭނުންވޭ. ހަމަ ފުދޭވަރެއްގެ އާމްދަނީއެއް އެކަމުންވެސް އެބަ ލިބޭ. އެހެންވީމާ، އަޅުގަނޑުމެން ކޮށްއުޅުނު މިބާވަތުގެ މަސައްކަތްތައް އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދިނުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އެއީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަމޭ މިކިޔާ އެއްޗެއްގެ ތެރޭގައި ހިމެނޭ ވަރަށްބޮޑު ބައެއް. އަޅުގަނޑުމެން މިބުނަނީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު އަޅުގަނޑުމެން ހިފަހައްޓަން ބޭނުމޭ. އަޅުގަނޑުމެންގެ އާދަކާދަތައް އަޅުގަނޑުމެން ހިފަހައްޓަން ބޭނުމޭ. މިއަދު މިރަށުން އެ ފެނިގެން އެދިޔައީ އޭގެ ވަރަށްރީތި މިސާލެއް. ވަރަށް ޢަމަލީގޮތުން އަޅުގަނޑުމެންނަށް އޭތި ފެނިގެން ހިނގައްޖެ. އެހެންވީމާ، އެކަމަށްޓަކައި އެކަން ކޮށްދެއްވީތީ އަދި ވަކިން ޚާއްޞަކޮށް، ސްކޫލްގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަދިވެސް އެއްފަހަރު ތިޔަ ބެހެއްޓެވި އޯގާތެރި ކަމަށްޓަކައި އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، އަޅުގަނޑުގެ އެދުމަކީ، اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. އަދި މިރަށަކީ ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއެކީގައި ދިރިއުޅުއްވާ، އާބާދީ ދިރިއުޅޭ ރަށެއް ކަމުގައި ލެއްވުން. އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރި ކުރައްވައި އަދި މިރަށަށް އަދަށްވުރެ ފަހި މާދަމައެއް ދެއްކެވުން އެދި އަޅުގަނޑު ދުޢާކުރަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه