ކުރިއަށް އޮތީ ރިޔާސީ އިންތިޚާބުގެ ވާދަވެރި ދުވަސްވަރު ކަމުގައިވިޔަސް، ރަށްރަށުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކަށާއި، ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކަށް، މިދުވަސްވަރުގެ ތެރޭގައި އެއްވެސް ކަހަލަ ހުއްޓުމެއް އަންނަ ގޮތަށް ނުވަތަ ހުރަހެއް އެޅޭގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ބިލެތްފައްސަށް ވަޑައިގެން، ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަމުގައި ރަށްރަށުގެ ރައްޔިތުންނާއި އަދި ރައްޔިތުންނަށް މަގު ދައްކަވަން ތިއްބެވި އިސްވެރިންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް، ރައްޔިތުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެ މިވަނީ ވަރަށް ބޮޑަށް ބައިބައިވެފައިކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. ރަނގަޅު މަޤްޞަދެއްގައި، ވާދަވެރި މާޙައުލެއް އުފައްދައި، ތަރައްޤީއާ އެކީގައި ވެރިކަން ހިންގުމަށްޓަކައި، ސިޔާސީ ނިޒާމް އަޅުގަނޑުމެން ބަދަލުކުރަމުންދިޔަ ދިޔުމުގައި، ރަށްރަށުގެ ރައްޔިތުންގެ މެދުގައި މިވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައި ކަމަށް ވިދާޅުވިއެވެ. އެކަމުގެ އަސަރުތައް އަދިވެސް ކުދިކުދި އާބާދީން ފެންނަމުން އެބަދާ ކަމަށާއި، އަދި ބޮޑެތި އާބާދީތަކުގައި އެކަން މާބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ، ތަފާތުތައް ކުޑަކޮށް، އެހެން ކަންކަމަށް އިސްކަންދީގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިންނަކީ ކަންކަމުގައި ފަހަތަށްޖެހޭ ބައެއް ނޫން ކަމަށާއި، އެމަނިކުފާނުގެ މަސައްކަތްޕުޅުގައި ހިތްވަރު ހޯއްދަވަނީ ރައްޔިތުންގެ ފަރާތުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނަށާއި، އަޅުގަނޑުމެންގެ ޤައުމިއްޔަތަށް ޙުރްމަތްތެރިކޮށްހިތައި، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދަމަހައްޓާ ޤައުމެއް ކަމަށާއި، އެހެންވީމާ، ރާއްޖޭގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދާ މިފަދަ ވަގުތެއްގައި، ރައްޔިތުންގެ އެކުވެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.