މުސްތަޤްބަލުގައި ރާއްޖޭގައިވެސް ބެލެނިވެރިންނަށް، ކުދިން ތަރުބިއްޔަތު ކުރުމުގެ ވައްޓަފާޅިއާއި، އެކަމުގެ ހުނަރުތައް އުނގަންނައިދޭން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ސްކޫލްގެ 10 ކްލާސް ރޫމާއި، މަލްޓި ޕަރޕަސް ހޯލްގެ ބިންގާ، ރޭ އަޅުއްވައިދެއްވުމަށްފަހު، މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިޒަމާނުގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި ބެލެނިވެރިންނަށްވެސް ކުދިން ތަރުބިއްޔަތު ކުރުމުގެ ތަޢުލީމު ދެމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައިވެސް ނުރަސްމީ ގަޑިތަކުގައި ސްކޫލްތަކުގައި މިފަދަ ކަންކަން ހިންގުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލް ބިނާވެފައި އޮތީ، އެ ދަރިންނަށް ދެވޭ ތަޢުލީމަކާއި ތަރުބިއްޔަތެއްގެ މައްޗަށް ކަމަށާއި، އެ ދަރިންގައި ހުރި އަޚްލާޤެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އަދި އެކުދިން ހަރުދަނާ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންމެ ދަރިވަރެއްގެވެސް އަދި ކޮންމެ ކުއްޖެއްގެވެސް އެންމެ ފުރަތަމަ މުދައްރިސަކީ އަދި މުދައްރިސާއަކީ، އެކުއްޖެއްގެ މަންމައާއި ބައްޕަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުއްޖާ ދުނިޔެއަށް އުފަންވުމާ އެކީގައި، އެކުއްޖާއަށް ތަފާތު ކަންކަން ދަސްކޮށްދެނީ، މައިންބަފައިން ކަމަށާއި، އެގޮތުން އެންމެ ތުއްތުއިރު ނަރސަރީއަށް ދިޔުމުގެ ކުރިންވެސް އެކުދިންނަށް ތަޢުލީމުގެ ބިންގާ އަޅައިދިނުމުގެ މަސްއޫލިއްޔަތު އެޅިފައިވަނީ، މައިންބަފައިންގެ ކިބައިގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުދިންނަށް ގިނަ ކަންކަމުގެ އިޙްސާސާއި ޙަރަކާތްތެރިކަން ޅަފަތުގައި ލިބުނުވަރަކުން، އެކުދިންނަށް މަދްރަސީ ތަޢުލީމު ހޯދުމަށްވެސް ފަސޭހަވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޢިމާރާތެއް ކުރެވުމަކުން، ތަޢުލީމާއި ތަރުބިއްޔަތެއް ނުދެވޭނެ ކަމަށާއި، ތަޢުލީމާއި ތަރުބިއްޔަތު ދެވޭނީ، އެތަނެއްގައި ރަނގަޅު ޕްރޮގްރާމްތަކެއް ހިންގިގެން، ރަނގަޅު މަންހަޖެއް އޮވެގެން އަދި އެ މަންހަޖަށް ކިޔަވައިދެވޭވަރުގެ ޤާބިލް ޓީޗަރުން ތިބެގެން ކަމަށް ވިދާޅުވިއެވެ. އަދި ކިޔަވައިދިނުމުގެ ރަނގަޅު މަންހަޖެއް އޮވެ، އެ ތަންފީޛު ވެގެންދާއިރު، މުދައްރިސުންގެ ފެންވަރު ނެތް ކަމަށްވާނަމަ، އެ ގެނެވުނު ބަދަލުގެ މާބޮޑު ފައިދާއެއް ނުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުނަދޫ ސްކޫލްގެ 10 ކްލާސްރޫމްގެ އާ ޢިމާރާތާއި، މަލްޓި ޕަރޕަސް ހޯލްގެ ބިންގާ އަޅުއްވައިދެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ސްކޫލެއްގެ ކާމިޔާބީއަކީ، އެ ސްކޫލަކުން ނުކުންނަ ދަރިވަރުންގެ ފެންވަރާއި، ދަރިވަރުންގެ އަޚްލާޤާއި، ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތު ރަނގަޅުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފުނަދޫ ސްކޫލްގެ ކިޔެވުމުގެ ފެންވަރު، އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް އޯ ލެވެލް އިމްތިޙާނުގައި، އެ ސްކޫލުން ދެއްކި އެންމެ ރަނގަޅު ނަތީޖާ، މިއަހަރު ފެނިގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އެސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށާއި، ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ.