ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެކުވެރި މާޙައުލެއްގައި އެންމެން އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކުރިއަށް ދިޔުމުގެ ޢަޒުމު އާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޫމަރާއަށް ވަޑައިގެން، މިއަދު ހަވީރު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ތެރޭގައި އުފެދުނު ބައެއް ހަމަނުޖެހުންތައް މިހާރު ފިލައި، އަޅުގަނޑުމެންގެ ތެރޭގައި އޮތް އުޚުއްވަތްތެރިކަމާއި އެއްބައެއްވަންތަކަން އަނެއްކާވެސް ލިބިގެންދާކަމުގެ ޢަލާމާތްތައް މިހާރު ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ނޫމަރާއަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅުއްވާ ރަށެއްކަމަށް ވިދާޅުވެ، އެކަމަށްޓަކައި ރަށުގެ ވެރިންނަށާއި، ތަފާތު ސިޔާސީ ޕާޓީތަކުގައި އުޅުއްވާ އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ހިންގަންޖެހޭ މަޝްރޫޢުތަކެއް ހަމަނުޖެހުންތައް އޮވެގެން ނުހިންގޭނެ ކަމަށާއި، މިއަދު ރައްޔިތުން ބޭނުންވެފައިވާ އަސާސީ ޚިދުމަތްތަކާއި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ވަރަށްބޮޑު އެކުވެރިކަމެއް އޮންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނޫމަރާ ފަދަ ރަށްރަށުން މި ރާއްޖެއަށް މިދައްކާ ރީތި ނަމޫނާއާއި މިސާލު، އެހެން ރަށްރަށުން ބަލައިގަނެ، އެންމެން އެއްބައިވެގެން، އެކުވެރިކަމާ އެކީގައި މަސައްކަތް ކުރަމުން ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން، ޒުވާން ޢާއިލާތަކުންވެސް އެމީހުންގެ ދިރިއުޅުން ރަނގަޅަށް ޤާއިމްކުރުމަށް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.