ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ ބަޔޮސްފިއަރ ރިޒަރވަކަށް ހެއްދެވުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އެކުލަވައިލައްވާފައިވާ ޢަމަލީ މަޝްރޫޢު ތަންފީޛު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މި މަޝްރޫޢު ތަންފީޛު ކުރެއްވުމާ ގުޅޭގޮތުން އެ މިނިސްޓްރީއިން އެކުލަވައިލައްވާފައިވާ ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިފަދަ މަޝްރޫޢެއް މި އެކުލަވައިލެއްވީ، މިދިޔަ އަހަރުގެ ޖޫންމަހު ބްރެޒިލްގެ ރިއޯޑި ޖެނީރޯގައި ބޭއްވުނު ރިއޯ ސަމިޓްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، 2017 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ، ދުނިޔޭގެ ފެންވަރުގެ ބަޔޮސްފިއަރ ރިޒަރވަކަށް ހެއްދެވުމަށް ނިންމަވައި، އެކަންވަނީ އިޢުލާނު ކުރައްވާފައެވެ. އަދި މިމަސައްކަތް ރަސްމީގޮތުން ކުރެއްވުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަވާލުކުރައްވާފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ބ. އަތޮޅު މިހާރުވަނީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވަކަށް ހައްދަވާފައެވެ. އަދި ބ. އަތޮޅުގައި މި ހިންގުނު މަޝްރޫޢުގެ ނަތީޖާއަށް ބައްލަވައިގެން އަދި އެ ތަޖްރިބާގެ އަލީގައި ރާއްޖޭގެ އެހެން އަތޮޅުތައްވެސް ބަޔޮސްފިއަރ ރިޒަރވަކަށް ހެއްދެވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ތެރެއިން ބ. އަތޮޅުގައި ޤާއިމް ކުރެވިފައިވާފަދަ ބަޔޮސް ރިޒަރވް ފަންޑެއް، އެހެން އަތޮޅުތަކަށްވެސް ހުޅުވި، އޭގެ ސަބަބުން އެއަތޮޅުތަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންތައްތަކަށް އެއިން ހޭދަކުރެވި، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމުގެ މަގު ތަނަވަސްކޮށްދެއްވުމަކީވެސް މި މަޝްރޫޢުގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދެއްވާ ވަރަށް މުހިންމު ކަމެއްކަން މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެ މަޝްރޫޢުގެ ސަބަބުން ބ. އަތޮޅަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިންގެ ޢަދަދާއި، އެކިއެކި ރިސަރޗް ހެދުމަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދާއި، ތިމާވެށްޓަށް ލޯބިކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ތަރައްޤީ ލިބެމުން އަންނަކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

ބަޔޮސްފިއަރ ރިޒަރވަކީ އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްޤީގެ މަޝްރޫޢުތައް ހިނގާ އަދި ހަމައެޔާއެކު، ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތް ކުރެވި، އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ބާރުއަޅާ ނިޒާމެކެވެ.