بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، ތިޔަބޭފުޅުން އަންޑަރ 23 މުބާރާތުގައި ހޯއްދެވި ކާމިޔާބު، އިންޓަރނޭޝަނަލީ އެ ހޯއްދެވި ކާމިޔާބީއަކީ، އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް އެކަމަށްޓަކައި ފަޚްރުވެރިވެ، އުފާކުރިކަމެއް. ތިޔަބޭފުޅުން އެނބުރި ވަޑައިގަތުމުން، ހަނދުމަފުޅު ހުންނާނެ، އަޅުގަނޑުވެސް ތިޔަބޭފުޅުންނާ ބައްދަލުކޮށް އޮންނާނީ ދަންނަވާފައި، އަދި އިތުރަށް ބައްދަލުކޮށްލުމުގެ ފުރްޞަތެއް އަޅުގަނޑު ހޯދާނަމޭ. ވީމާ، އަޅުގަނޑު އެ ދެންނެވި ދެންނެވުމުގެ މައްޗަށް ބިނާކޮށްފައި މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް މި ދަންނަވާލީ މުލީއާގެއަށް. އަޅުގަނޑު ވަރަށް އުފާކޮށްފިން، ހުރިހާ ބޭފުޅުންނަށް ވަޑައިގެންނެވުނީތީ.

ދެން އަޅުގަނޑުމެންގެ ރާއްޖެއަކީ މިއީ، ފުޓްބޯޅައަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ރާއްޖެއެއް. ހަމަ މާލޭގެ އިތުރުން، އަދި ހަމަ އަތޮޅުތެރޭގައިވެސް، ހުރިހާ ރަށެއްގައިވެސް ފުޓްބޯޅައަށް ހަމަ ވަރަށްބޮޑު ޚާއްޞަ ކަމެއް ދެމުން މިގެންދަނީ. ވީމާ، އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަ އެންމެ މުހިންމު ކުޅިވަރަކީ ފުޓްބޯޅަ. ޚާއްޞަކޮށް، ތިޔަބޭފުޅުންނަކީ މި ފުޓްބޯޅައިގެ އެންމެ އުންމީދީ ކުޅުންތެރިން. އެހެންވީމާ، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް މުހިންމު ބައެއް ތިޔަބޭފުޅުންނަކީ.

އެހެންވީމާ، އަޅުގަނޑު މިރޭ މި ދަންނަވާލި ދަންނަވާލުމަކީ، އަޅުގަނޑުގެ މި ޝުޢޫރު ތިޔަބޭފުޅުންނަށް ފާޅުކޮށްލަން. އަޅުގަނޑުމެން އެދެން، ތިޔަބޭފުޅުންގެ ކުޅިވަރުގެ ކަންތައްތައް، ފުޓްބޯޅަ ކުޅުއްވުމުގައި އިތުރު ފުރުޞަތުތައް ލިބިވަޑައިގަންނަވާނެ ކަމަށް. އަދި މިހާރު ޒުވާންކޮށް ކުޅުއްވަމުން ގެންދަވާ ބޭފުޅުން އަދިވެސް އިތުރަށް ހަމަ ތަރައްޤީވަމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެހެންވީމާ، އެ ފުރްޞަތުތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނަން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށް ޕްރެކްޓިސް ކުރުމުގައިވެސް، މިހާރުވެސް ދަނޑުގެ ދަތިކަންވެސް ކޮންމެވެސްވަރަކަށް ހުންނަކަން. އެހެންވީމާ، އެކަންކަންވެސް ޙައްލު ކުރެވޭތޯ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. މާލޭގައި އިތުރު ދަނޑެއް ހެދުމަކީ މިހާރު ތަން ނެތީމާ ވަރަށް އުނދަގޫ ކަމެއް. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، ވިލިނގިލީގައިވެސް ކުޅެވޭނެ ގޮތެއް މިވަނީ، ހުޅުމާލޭގައިވެސް ކުޅެވޭނެ ގޮތެއް އަޅުގަނޑުމެން ޖެހޭނީ ހަދަން ވަރަށް އަވަހަށް. އޭރުން އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ.

ދެން އަޅުގަނޑު ތިޔަބޭފުޅުންނަށް ކޮންމެހެން ދަންނަވާކަށް ނުޖެހޭނެ. ފުޓްބޯޅައަކީވެސް ހަމަ އޭގެ ޒާތުގައި ހަމަ ކެރިއަރއެއް ބިލްޑް ކުރެވިދާނެ ކަމެއް. އަދި ހަމަ ރާއްޖޭގައިވެސް ތިޔަބޭފުޅުން ފަރިތަކުރައްވައި، ކުޅަދާނަވީ ވަރަކުން އަދި ރާއްޖޭގެ ޓީމުތަކުގެ އިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކުގެ ހަމަ ޓީމްތަކުގައިވެސް ހަމަ ދިވެހިންނަށްވެސް ކުޅުމުގެ ފުރްޞަތު އިރާދަކުރެއްވިއްޔާ، ހަމަ އޮންނާނެ މުސްތަޤްބަލުގައި. އެހެންވީމާ، ކޮންމެ ކުއްޖަކުވެސް ބައްލަވަންވާނެ، ފުޓްބޯޅައަކީ މީގެ ޒާތުގައި ހަމަ އޭގެ ކެރިއަރއެއް އޮތް، ކޮންމެ ބޭފުޅަކަށްވެސް ހަމަ އެރޮނގުން ވަރަށް ކުރިއަށް ވަޑައިގެންނެވިދާނެ ރޮނގެއްކަން. އެހެންވީމާ، އެގޮތުން އަޅުގަނޑު ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށް ހިތްވަރުދީ، ތިޔަބޭފުޅުން ތިޔަ ކުރެއްވި މަސައްކަތަށް ހަމަ އައްސަރިބަހާއި ސާބަސް އަޅުގަނޑު ރައްދުކުރަން. އަޅުގަނޑުމެން ވަރަށް ބޮޑަށް ތިޔަ ޒުވާނުންނާމެދު ފަޚްރުވެރިވާ ވާހަކަ އަދިވެސް ދަންނަވަން.

ދެން މިރޭ އަޅުގަނޑާ އެކުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވީތީ، އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ އެއްވެސް ކަމެއް އޮތް ކަމަށްވާނަމަ، އެކަމެއްގައި އަޅުގަނޑުމެން އެހީވެދޭން އަބަދުވެސް ތައްޔާރަށް ތިބޭނެ ވާހަކަވެސް ދަންނަވަން. އެހެންވީމާ، މި ޙަފްލާގައި ހުރިހާ ބޭފުޅުންވެސް ބައިވެރިވެވަޑައިގެން، އުފާފާޅުކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

މިމޭރުމުގައި އަޅުގަނޑު ވަރަށް ބޮޑަށް އެފް.އޭ.އެމް.ގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. މިބޭފުޅުންގެ ޓެލެންޓް ތަރައްޤީ ކުރެއްވުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތަށް. ހަމައެހެން، އެކިއެކި ކްލަބްތަކުގެ، ފުޓްބޯޅަ ކްލަބްތަކުގެ ވެރިން، އެ ކްލަބްތައް ތަރައްޤީ ކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް މިކަހަލަ ފުރްޞަތެއްގައި ހަނދާން ނައްތާލައިގެންވާނެ ކަމެއް ނޫން. ޙަޤީޤަތުގައި ސަރުކާރުން ކުރެވޭ މަސައްކަތަށްވުރެ، މާބޮޑު މަސައްކަތެއް އަމިއްލަ ކްލަބްތަކުން މިކުރައްވަމުން މިގެންދަވަނީ. އެހެންވީމާ، ކްލަބްތަކަށްވެސް އަޅުގަނޑުމެންނަށް ހަމަ ވެވެންހުރި ހުރިހާ އެހީއެއް އަބަދުވެސްވަމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން. އަދި އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތަށް ކާމިޔާބު. ދިވެހިރާއްޖޭގައި ފުޓްބޯޅައިގެ މުސްތަޤްބަލަށް، އަދަށްވުރެ ފަހި މާދަމައެއް ފެންނާނެ ކަމުގެ އުންމީދު.

ވަރަށް ބޮޑަށް ޝުކުރިއްޔާ.