بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޙާޒިރުވެ ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ދުރާއި ގާތުން މިރަސްމިއްޔާތު ބައްލަވަމުން އަދި އަޑު އައްސަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ރަސްމީކޮށް އިފްތިތާޙް ކުރުމަށްޓަކައި މިބޭއްވޭ ރަސްމިއްޔާތުގއި ބައިވެރިވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިއަދު އަޅުގަނޑު އެންމެ އުފާކުރާ އެއްކަމަކީ، މިވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި، މިދާއިރާއިން ޚިދްމަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް، އެބޭފުޅުންގެ ޚިދްމަތުގެ އަގު ވަޒަންކުރެއްވިކަން. އެހެންވީމާ، މި ދިގު މުއްދަތުގައި، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ޙިމާޔަތްކޮށް ބަލަހައްޓަވައިދެއްވައި، ރާއްޖޭގެ އެއަރޕޯޓްތައް ބަލަހައްޓަވައި ދެއްވި ކަމަށްޓަކައި، އެ އެއަރޕޯޓްގެ ސެކިއުރިޓީގައި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެން، ދިވެހިރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑެއް ކޮންސޮލިޑޭޓްކޮށް، ވަރުގަދަކޮށް، ޤާއިމްކޮށްދެއްވުމަށްޓަކައި މިއަދުގެ ޑިފެންސް މިނިސްޓަރ މުޙަންމަދު ނާޒިމް އަދި އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން އެމް.އެން.ޑީ.އެފް.ގެ އެންމެހާ ވެރިން ތިޔަ ކޮށްދެއްވި މުހިންމު މަސައްކަތަށްޓަކައި ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާއި ނުރައްކާތައް މަދެއް ނޫން. އަދި އެފަދަ ގޮންޖެހުންތަކާއި ނުރައްކާތައް އަބަދުވެސް އަންނަނީ ބަދަލުވަމުން. ވަކިން ޚާއްޞަކޮށް، ވައިގެ ދަތުރުފަތުރުކުރުމުގެ ދާއިރާއަށް، ފަހަކަށްއައިސްވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. ރާއްޖޭގައި ކުރިން ހުރި އެއަރޕޯޓްތަކަށްވުރެ ގިނަ އެއަރޕޯޓްތައް މިއަދު ރާއްޖޭގައި މިވަނީ ޤާއިމްވެފައި. އަދި އެނގިވަޑައިގަންނަވާނޭ ފަދައިން، އިންޓަރނޭޝަނަލް އެއަރޕޯޓްތައްވެސް މިދަނީ އިތުރުވަމުން. ﷲ އިރާދަކުރެއްވިއްޔާ، މިއަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ރާއްޖޭގައި 3 ވަނަ އެއަރޕޯޓެއް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުވެގެންދާނެ. ހަނިމާދޫ އެއަރޕޯޓް. އަދި ހަމައެހެން، ރާއްޖެއަށް އަންނަމުންދާ އެއަރލައިންތައްވެސް މިދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން. އެންމެފަހުން ރޭވެސް އަޅުގަނޑު ވަނީ އާ އެއަރލައިނެއް ދިވެހިރާއްޖެއަށް ތަޢާރުފް ކުރުމުގެ އިޙްތިފާލުގައި ބައިވެރިވެފައި. ފްލައި ޑުބާއީ އެއަރލައިންވެސް ދިވެހިރާއްޖެއަށް މިހާރު މި އަންނަން ފެށީ. އެހެންވީމާ، އެގޮތުން ވަރަށްގިނަ ޢަދަދެއްގެ އެއަރލައިންތައްވެސް ރާއްޖެއަށް އަންނަމުން މިދަނީ. އަދި ހަމައެހެން، މީގެކުރިން ދުވަހަކުވެސް ރާއްޖެ ނާންނަހާ ގިނަ ޢަދަދެއްގެ ޕްރައިވެޓް ޖެޓްތައް މިހާރު ދިވެހިރާއްޖެއަށް އެބަ އަންނަމުންދޭ. އެހެންވީމާ، އެއަރ ސްޕޭސްގެ ސެކިއުރިޓީއަކީ، އޭވިއޭޝަން ސެކިއުރިޓީއަކީ މިއަދު އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވާ ކަމެއް.

ރާއްޖޭގައި ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދިނުން ނުވަތަ އޭވިއޭޝަން ސެކިއުރިޓީ، މިހާތަނަށް އޮތީ އެހާ ބޮޑަށް ސަމާލުކަން ނުދެވޭ ދާއިރާއެއްގެ ގޮތުގައި. އޭގެ ވަރަށް ފުރިހަމަ ދަލީލެއް، މިބާވަތުގެ ޖަލްސާއެއް އޭވިއޭޝަން ސެކިއުރިޓީއާ ބެހޭގޮތުން ބޭއްވޭ މިއީ ފުރަތަމަ ދުވަސް. މިހާ ދިގު މުއްދަތަކަށްފަހުގައި. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ވައިގެ ބަނދަރުތަކާ، ވައިގެ ނިޔަމިކަމުގެ އާލާތްތަކާއި، މަތިންދާބޯޓުތަކާ، އެވަސީލަތްތައް ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި މިޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު ވާނީ ވަކި މުއައްސަސާއެއް އުފައްދާފައި. އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އުފެދުމުން، ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ތަރައްޤީކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ. ހަމައެއާއެކު، މިދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ ފުރުސަތުވެސް އިތުރުވެގެންދާނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިފަދަ މަސައްކަތްތައް ކުރެވެންވާނީ، ކަނޑައެޅިފައިވާ ވަކި އަމާޒުތަކެއް ހާސިލުކުރެވޭ ގޮތަށް، ދުރާލާ ރޭވިގެން.

މިއަދު މިނެރެވުނު ރާއްޖޭގެ ޤައުމީ އޭވިއޭޝަން ސެކިއުރިޓީ ސްޓްރެޓެޖީއަކީ، މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގުފަހިކޮށްދޭނެ ސްޓްރެޓެޖީއެއް. ސަރުކާރުން ނެރުނު މި ސްޓްރެޓެޖީގެ ސަބަބުން، މިދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް، އެބޭފުޅުންގެ މަސައްކަތްތައް ފޯކަސްކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދީ އަދި މި ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުން ގުޅިގެން އެއްއަމާޒަކަށް މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

އާދެ! ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށާއި އިޖުތިމާޢީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންވާ، ޤައުމުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރިކަމާއެކު ޙިމާޔަތްކޮށް ބެލެހެއްޓުމަކީ، ސަރުކާރުގެ ޒިންމާއެއް. އެހެންކަމުން، މިއީ، ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއްދީގެން ކުރިއެރުވުމަށް މަސައްކަތް ކުރާ ދާއިރާއެއް. ކޮމްޕްރިހެންސިވް ލޭޔަރޑް ސެކިއުރިޓީ އެޕްރޯޗެއް ބޭނުންކޮށްގެން ދިމާވެދާނެ ކޮންމެ ކޮންޓިންޖެންސީއަކަށް ތައްޔާރުވުމުގެ މަސައްކަތް، އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންގޮސްދެއްވުމަށް އަޅުގަނޑު، ޑިފެންސް މިނިސްޓަރަށާއި އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވެރިންނަށް ދަންނަވަން.

މި ފުރްޞަތުގައި އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭ އަނެއް ކަމަކީ، ރާއްޖޭގެ ޤައުމީ ސަލާމަތާއި އިޤްތިޞާދީ ތަރައްޤީ އޭގެ މައްޗަށް ބިނާވެފައިވާ އަނެއް ދާއިރާއަކީ، ރާއްޖެއަށް މީހުންނާ މުދާ އެތެރެވާ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން. އެހެންކަމުން، މިއީވެސް ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދީގެން ތަރައްޤީ ކުރުމަށް މަސައްކަތް ކުރަންޖެހޭ ދާއިރާއެއް ކަމުގައި އަޅުގަނޑު މިއަދު ފާހަގަކުރަން.

އަޅުގަނޑު އެދެނީ، މިއަދު މި އިފްތިތާޙް ކުރެވުނު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރެވިގެން ދިޔުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމު، ސަލާމަތާއި ރައްކާތެރިކަންމަތީ މާތް ﷲ ދެމެހެއްޓެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.