ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދުން ފެށިގެން ވަޒީރުންނާއި، ސަލާމަތީ ބާރުތަކުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް މުވައްޒަފުން ޙާޒިރުނުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ކަނޑައަޅުއްވައި، އެކަން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް އަންގަވައިފިއެވެ. މިކަން އަންގަވައި، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް މިއަދު ފޮނުއްވި ސިޓީފުޅުގައި، މިގޮތަށް މި ކަނޑައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގަނީ، ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާޢަތާ އެކުގައި ކަމަށް، މަޖިލީހުގެ ރައީސަށް ޔަޤީން ނުކުރެއްވޭތީ އަދި ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވާ ފަރާތްތަކުންދޭ މަޢުލޫމާތުތަކާމެދު ކަން ކުރެވެނީ، ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަންވެސް މަޖިލީހުގެ ރައީސަށް ޔަޤީން ނުކުރެއްވޭތީ، މިކަންކަން މިހެން ނުހިނގާނެ ގޮތަކަށް ބައްލަވައި، އެކަށީގެންވާ ފިޔަވަޅު އަޅުއްވައި، މިކަންކަން ޔަޤީން ކުރެއްވޭނެފަދަ އިންތިޒާމެއް ހަމަޖެހެންދެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން އެ ރިޕޯޓް ދިރާސާ ކުރުމަށް ކަމަށް ބުނެ، މިހާރު އަލުން މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާތީ، އުޞޫލެއްގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން މިފަދަ މައްސަލަތައް ބަލައި، ހޯދުންތައް ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމުގައިވީނަމަވެސް، އެކަން ކުރެވޭނީ ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ޙުދޫދުގެ ތެރެއިންކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެހެން ނަމަވެސް، ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ރިޕޯޓާމެދު ވަކިގޮތަކަށް ޢަމަލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަވާފައި ނުވުމާއެކު، މިޙާލަތުގައި މި ރިޕޯޓާމެދު ޢަމަލުކުރުމުގައި، މި ރިޕޯޓް ފޮނުވުނު ކޮމިޓީތަކުގެ ޤާނޫނީ ޒިންމާއަކަށްވާނީ، އެކޮމިޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން އަދާކުރައްވަންޖެހޭ ޒިންމާ އަދާކުރެއްވުން ކަމާއި، މި ރިޕޯޓާމެދު އެހެން ގޮތަކަށް ޢަމަލުކުރުމުގެ ބާރު، އެ ކޮމިޓީތަކަށް މިޙާލަތުގައި ލިބިވަޑައިގެންފައިނުވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކުރައްވަމުން ގެންދަވާ މިދެންނެވި މަސައްކަތަކީ، މިދެންނެވި ޙުދޫދުގެ ބޭރުން ހިނގަމުންދާ މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި އެމަސައްކަތަކީ އެ ކޮމިޓީއަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ބޭރުން ކުރަމުން ގެންދާ ކަމެއް ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވެފައި ވުމުގެ އިތުރުން، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެކަން އެގޮތަށް ނުހިނގާނެކަން ޔަޤީންކޮށްދެއްވުން އެދި ދައުލަތުގެ ބަންޑާރަ ނައިބުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިލްތިމާސް ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މި ފޮނުއްވި ސިޓީފުޅުގައި، މިފާހަގަކުރެއްވި ޙާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މަސައްކަތް ކުރިއަށް ގެންދެވިއިރުވެސް، އެކަން ޙައްލުކުރެއްވުމަށް މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން އެކަށީގެންވާ މަސައްކަތްޕުޅެއް ކުރައްވާފައިނުވާ ކަމާއި އަދި ބަންޑާރަ ނައިބުގެ އިލްތިމާސަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވާކަން ހިތާމައާއެކު ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، މިކަން މިހެން ހިނގުމަށް ފުރްޞަތު ފަހިވެފައި ވަނިކޮށް، މި ޙާލަތުގައި ސިއްރު ކޮމިޓީއެއްގެ ގޮތުގައި ހިނގާފައިވާ ކޮމިޓީއަކަށް، ދައުލަތުގެ ކުރީގެ އަދި މިހާރުގެ މަސްއޫލު ބޭފުޅުން ދެއްވާފައިވާ މަޢުލޫމާތުތަކެއް، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޢާންމު ކުރެއްވުމަކީ، އެކަމުގެ ސަބަބުން ދައުލަތުގެ ދުސްތޫރީ ނިޒާމަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރައިގެންދިޔަ، އެ މަޢުލޫމާތުތައް ދެއްވި ބޭފުޅުންގެ އަމިއްލަ ފަރުދީ ޙައްޤުތަކެއް ގެއްލި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނޭ ފުރްޞަތު އޮތް ކަމެއް ކަމަށްވެސް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، މިގޮތަށް މަޢުލޫމާތު ޢާންމު ކުރެއްވުމަކީ، ޤާނޫނުއަސާސީގައިވާ މަފްޙޫމްތަކާ ޚިލާފު ކަމެއްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާވެސް ޚިލާފު ކަމެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި މިކަމަކީ މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވެފައިވާއިރު، މިކަން ޙައްލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާކަންވެސް އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.