އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ)ގެ އެންމެފަހުގެ ނިންމުންތައް ނިންމާ ގުނަވަންކަމުގައިވާ އެ އެޖެންސީގެ އެސެމްބްލީގެ ނައިބުރައީސްކަން ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި މަގާމަށް ވާދަކުރި ޤައުމުތަކުގެ ތެރޭގައި އިންޑިޔާއާއި މެލޭޝިޔާވެސް ހިމެނެއެވެ. އައިރީނާގެ ރައީސް ކަމަށް ހޮވުނީ މެކްސިކޯއެވެ.

އައިރީނާއަކީ ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވެގެން އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ކުރިއަރުވައި، އެ ދާއިރާއިން މެންބަރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2009 އަހަރު ޤާއިމްކުރެވިފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. އައިރީނާގައި 105 މެންބަރު ޤައުމު ހިމެނޭއިރު އެ އެޖެންސީގެ މެންބަރުކަމަށް އެދި އިތުރު 55 ޤައުމަކުން މިހާރުވެސްވަނީ ހުށަހަޅާފައެވެ. ދިވެހިރާއްޖެއަކީ އައިރީނާގެ މެންބަރެއްގެ ގޮތުގައި އެންމެފުރަތަމަ ހިމެނިގެންދިޔަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.

އައިރީނާ އުފެދިގެން މިއަދާ ހަމަޔަށް އައިއިރު އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެ އެޖެންސީވަނީ ތަފާތު ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން އައިރީނާއަކީ މިދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ މުހިންމު އެއްފަރާތެވެ.

ދިވެހިރާއްޖެއިން އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ދުނިޔޭގެ ފެންވަރުގައި އަބަދުވެސް ވަރަށްބޮޑަށް ފާހަގަކުރާ މަސައްކަތްތަކެކެވެ. މިދާއިރާއިން ދިވެހިރާއްޖެ ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ދިވެހިރާއްޖެއަކީ އައިރީނާގެ އެންމެފަހުގެ ނިންމުންތައް ނިންމާ ގުނަވަންކަމުގައިވާ އެސެމްބްލީގެ ނައިބު ރައީސްގެ އިތުރުން އައިރީނާގެ ފައިނޭންސް ކޮމެޓީގެ ވައިސް ޗެއަރވެސް މެއެވެ.

މި ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި ރާއްޖެވަނީ އ.ދ.ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށްވެސް ހޮވިފައެވެ.