2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 40 ވަނަ ޖަލްސާއިން ފާސްކުރެއްވި [ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ބިލު] ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.

މި ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނާއި، އެތަންތަނުގެ މިލްކުގައިވާ އެއްޗެހި، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، މޮނިޓަރ ކުރުމާއި، އިވެލުއޭޓް ކުރުމާއި، ދައުލަތުގެ ވިޔަފާރި ތަންތަނުން ޙިއްޞާ ޢާންމުކޮށް ވިއްކުމާއި، އެކަންކަމާ ގުޅޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ ދަށުން ހިންގާ މަސައްކަތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް ހަރުދަނާކޮށް، އިޤްތިޞާދީ ދުވެލި އިތުރުކުރުމާއި، ވާދަވެރި ވިޔަފާރީގެ މާޙައުލެއް ޤާއިމުކޮށް، އެ މާޙައުލުގެ ވާދަވެރިކަން އާލާކުރުމާއި، ރާއްޖޭގެ އިޤްތިޞާދީ އެކިއެކި މަސައްކަތްތައް، ވަކިފަރާތަކަށް މިލްކުވެފައި އޮންނަ އޮތުން ނައްތާލައި، ވީހާވެސް ގިނަ ފަރާތްތަކަށް، އެމަސައްކަތްތައް މިލްކުކޮށް، އެ މަސައްކަތްތައް ކުރުމުގައި ޙަރަކާތްތެރިވެވޭނެގޮތް ހަދައިދިނުން ހިމެނެއެވެ. އަދި ދައުލަތުގެ ވިޔަފާރި ތަންތަން ހިންގުމުގައި، ވީހާވެސް ބޮޑަކަށް ރައްޔިތުންގެ ޙިއްޞާ އިތުރުކުރުމާއި، އެ ޙިއްޞާގެ ނިސްބަތް ފުޅާކުރުމާއި، ދިވެހި ސަރުކާރަށް އާމްދަނީ އިތުރުކުރުމާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް، މަގު ތަނަވަސްކޮށްދިނުންވެސް ހިމެނެއެވެ.

މީގެއިތުރުން، ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް، ސަރުކާރުން މީހުން ޢައްޔަނު ކުރުމުގައި ހަރުދަނާ އުޞޫލެއް ޤާއިމު ކުރުމާއި، ބޯޑުތަކަށް ސަރުކާރުން ޢައްޔަންކުރާ ފަރާތްތަކަކީ، ކަމަށް އެކަށީގެންވާ ޤާބިލު ބައެއް ކަމުގައި ކަށަވަރު ކުރުމާއި، ބޯޑުތަކަށް ސަރުކާރުން މީހުން ޢައްޔަން ކުރުމާއި ވަކިކުރުމުގައި ޢަމަލުކުރާނެ ހަރުދަނާ އުޞޫލުތައް ބަޔާންކުރުންވެސް، މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނު ތަޞްދީޤު ކުރައްވައި ގެޒެޓް ކުރެއްވުމާއެކު، މި ޤާނޫނުގެ ދަށުން [ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު]ގެ ނަމުގައި ބޯޑެއް ވަނީ އުފެދިފައެވެ. މިބޯޑު އެކުލެވިގެންވަނީ، މި ޤާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢައްޔަންކުރާ ބޯޑުގެ ރައީސާއި، ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. ބޯޑުގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން ޢައްޔަނު ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.