2012 ޑިސެމްބަރު 27ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 40 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި [ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު] ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، މިބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވެއެވެ. އަދި އެޓަރނީޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، މިބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިގޮތުން، ބިލުގެ 3 ވަނަ މާއްދާގެ (ބ) އާއި (ޅ)ގެ ދަށުން ކުޑަކުދިންނާއި އަންހެނުން ބަންދުކުރުމަށް ޚާއްޞަ ކުރެވޭ މަރްކަޒުތަކެއް ޤާއިމުކުރުން ލާޒިމުކޮށްފައި އޮތުމާއެކު، ބިލުގެ 4 ވަނަ މާއްދާގެ (ށ) ގައި، ކުޑަކުދިން ބަންދުކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރްކަޒު ގިންތި ކުރުމުގެ ވާހަކަ ބަޔާންކޮށްފައިވީނަމަވެސް، އަންހެނުން ބަންދުކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރްކަޒުގެ ވާހަކަ، 4 ވަނަ މާއްދާގައި ބަޔާންކޮށްފައިނުވާކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ބިލުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކޮށް، އެމާއްދާގައި ބުނާފަދައިން، ޖަލު އިންސްޕެކްޓް ކުރުމަށް [މިނިވަން މުސްތަޤިއްލު ކޮމިޝަނެއް، ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ މިނިސްޓަރަށް ކަނޑައެޅިދާނެ] ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެކަން ބަޔާންކޮށްފައިވަނީ، އިޚްތިޔާރީ ކަމެއްގެ ގޮތުގައި ކަމަށްވީނަމަވެސް، އެ ކޮމިޝަނުން ކުރަންޖެހޭ ކަންތައްތަކެއް، ބިލުގައި ބަޔާންކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ބިލުގެ 16 ވަނަ މާއްދާގައި [މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް]ގެ ނަމުގައި މުއައްސަސާއެއް އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ މުއައްސަސާ އުފައްދާނީ، ކޮންފަރާތަކުންކަން ބިލުގައި ބަޔާންކޮށްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ޑީ.ޕީ.އާރު.އެސް އާއި އެތަނުގެ މުވައްޒަފުން، އަލަށް އުފައްދާ ސަރވިސްއަށް ބަދަލުވެގެންދާނެގޮތް ބަޔާންކުރާ އިންތިޤާލީ އުޞޫލުތަކެއް، ބިލުގައި ހިމެނުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުން ކުރާ ޑިސިޕްނަރީ ކުށްތަކަށް އަދަބު ކަނޑައެޅުމަށް، ބިލުގައި ކަނޑައަޅާފައިވާ ނިޒާމަކީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާ ތަޢާރުޒުވާ ނިޒާމެއްކަމާއި، ބިލުގައި ކަނޑައަޅާފައިވާފަދަ ނިޒާމަކީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާ ތަޢާރުޒުވާ ނިޒާމެއްކަމާއި، ބިލުގައި ކަނޑައަޅާފައިވާފަދަ ނިޒާމުތައް ޤާއިމްކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މުއައްސަސާތައްކަން ފާހަގަކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވާފައިވެއެވެ.

މީގެއިތުރުންވެސް މި ބިލާ ގުޅޭ ބައެއް މައްސަލަތައް، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.