މިއޮފީހުގެ ނަންބަރު: 12/2009 (8 ފެބްރުއަރީ 2009) ދެންނެވުމާއި، ނަންބަރު 57/2009 (13 އޯގަސްޓް 2009) ދެންނެވުމާއި އަދި ނަންބަރު: 25/2012 (22 އޭޕްރިލް 2012)ގެ ދެންނެވުމާ ޙަވާލާދީ ދަންނަވަމެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމަށް ސަރުކާރުގެ އޮފީސްތަކުން ފޮނުއްވާ އިޢުލާނުތަކާއި، ދެންނެވުންތަކާއި، ނޫސްބަޔާންތައް ފޮނުއްވާ ވަގުތަށް 2013 ޖެނުއަރީ 27 ވާ އާދީއްތަ ދުވަހުން ފެށިގެން ބަދަލުގެންނެވުމަށް ނިންމަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތުން ހޯމަ ދުވަހުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމަށް ފޮނުއްވާ ލިޔުންތައް ފޮނުއްވުމުގެ އެންމެފަހު ވަގުތަކީ، ކުރީ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12.00ގެ ކުރިން ކަމަށާއި، ބުރާސްފަތި ދުވަހުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމަށް ފޮނުއްވާ ލިޔުންތައް ފޮނުއްވުމުގެ އެންމެފަހު ވަގުތަކީ، ހިނގަމުންދާ ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރު 12.00ގެ ކުރިން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް މި ހަމަޖެއްސެވީ، ގެޒެޓުގައި ޝާއިޢު ކުރެއްވުމަށް ފޮނުއްވާ ލިޔުންތަކުގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދިޔުމާއި، ގެޒެޓް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިވާތީ، ކަނޑައެޅިފައިވާ ވަގުތަށް ގެޒެޓު ނެރުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވީމާ، ގެޒެޓަށް ފޮނުއްވާ ލިޔުންތައް، މިދެންނެވި ގޮތުގެ މަތިން ފޮނުއްވަމުން ގެންދެވުމަށާއި، ދުރާލައި މަސައްކަތް ރާއްވަވައިގެން ގެޒެޓަށް ލިޔުންތައް ފޮނުއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ގެޒެޓަށް ފޮނުއްވާ އިޢުލާނުތަކާއި، ދެންނެވުންތަކާއި، ނޫސްބަޔާންތައް ފޮނުއްވާއިރު،    ކުރިއެކޭވެސް އެއްގޮތަށް އެ ލިޔުމެއް ބެއްލެވި ބޭފުޅެއްގެ ނަމާއި، މަޤާމާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ފޮނުއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ލިޔުންތައް ފޮނުއްވާއިރު، ރަނގަޅަށް ބައްލަވައި، ކުށް ފިލުއްވައި ޗެކް ކުރެއްވުމަށްފަހު ފޮނުއްވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.