بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އަޅުގަނޑު ހިއެއްނުކުރަން، މިހާ ގިނަ ޢަދަދެއްގެ ބޭފުޅުން، މި [ތާރޒްޑޭ ފޯރަމް]ގައި ބައިވެރިވެވަޑައިގަންނަވާ ކަމެއް. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާވެއްޖެ، މިހާ ގިނަ ބޭފުޅުން މިކަހަލަ ކަމަކަށް ޝައުޤުވެރިވެވަޑައިގެން، މިކަމުގައި ބައިވެރިވެވަޑައިގަންނަވާތީ. ދެން އިންސްޓިޓިއުޓްގެ ވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން، މިބާވަތުގެ ފޯރަމެއް ރާއްވަވައިގެން، ފުލުހުންގެ ހުރިހާ ބޭފުޅުންނަށް، އޮފިސަރުންނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް، މިކަން ރާއްވަވައިދެއްވާތީ. އެއީ، އަޅުގަނޑުމެން ކޮންމެ މަސައްކަތެއް ކުރި ކަމުގައިވީނަމަވެސް، އަބަދާއި އަބަދު އަވަދިނެތި އެކަމުގެ ތެރޭގައި އުޅޭގޮތަށް ދިމާވެފައި މިއޮންނަނީ. އެއްގޮތަކަށްވެސް ކަމަކާ ދޭތެރޭގައި ހުއްޓިލައިގެން ފިކުރުކޮށްލައި، ދުނިޔޭގައި ކަންކަން ވާނުވާގޮތާ ދޭތެރޭގައި ޚިޔާލު ބަދަލުކޮށްލައި ހެދުމުގެ ފުރްޞަތު އޮންނަނީ ގިނަފަހަރަށް ނުލިބިފައި. އެހެންވީމާ، މިކަހަލަ ވަގުތުކޮޅެއް، ހަފްތާގެ އެންމެފަހު ދުވަހު ޚާއްޞަ ކޮށްލައްވައިގެން، މިކަމަށް ޚާއްޞަ ނަޒަރު ދެއްވުމަކީ އެއީ، އަޅުގަނޑު ހީކުރާގޮތުގައި، އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ވަރަށް މުހިންމު ކަމެއް. އެހެންވީމާ، މިކަން ރާއްވަވައި ހިންގަވާތީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވަން.

ދެން މިއަދު އަޅުގަނޑު ކުޑަކޮށް ވާހަކަ ދައްކާލަން ޚިޔާލުކޮށްގެން މިހިރީ، މިހާރު ރާއްޖެއަށް އަންނަމުންމިދާ ބަދަލުތައް، ޚާއްޞަކޮށް ޑިމޮކްރެޓިކް ބަދަލުތައް މި އަންނަމުންދާގޮތާއި އަދި މި މާޙައުލުގައި ފުލުހުންނަށް، އެމީހުންގެ މަސައްކަތްތައް ކުރުމުގައި ދިމާވާ، ދިމާވާނެ އެކިއެކި ގޮންޖެހުންތަކާއި، އެކަން ކުރުމުގައި އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ސަމާލުކަން ބެހެއްޓިދާނެ ބައެއް ކަންކަމާ ދޭތެރޭގައި.

އެނގިވަޑައިގަންނަވާނޭ ފަދައިން، މި ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަށް އަދި މި އާ ޤާނޫނުއަސާސީގެ ދަށުން ޑިމޮކްރެޓިކް ވެރިކަމެއް ކުރަން ފެށުނުތާ މާ ގިނަ ދުވަހެއްނުވޭ. ރާއްޖޭގައި ދެން ބައެއް ބޭފުޅުން ވިދާޅުވެދާނެ، ދިވެހިރާއްޖޭގައި ޑިމޮކްރަސީ އޮންނަތާ ލައްކަ ދުވަސްވެއްޖެއޭ. އެއީ، ރާއްޖޭގައި ފުރަތަމަ ޤާނޫނުއަސާސީއެއް ވުޖޫދަށް އައީ 1932 ވަނަ އަހަރު. އޭގެފަހުން، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހެއްވެސް އޮވޭ. ކެބިނެޓެއްވެސް އޮވޭ. އެހެންވީމާ، ދުނިޔޭގެ ހަމަ ގިނަ ޤައުމުތަކުގައި ވެރިކަންކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައިވެސް މަޝްވަރާގެ ދަށުން ވެރިކަން ކުރެވޭތާ މިހާރު އަށްޑިހަ އަހަރުވެއްޖެ. އެހެންނަމަވެސް، ހުޅަނގުގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި މިހާރު އޮތްކަހަލަ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކޮށް، އަޅުގަނޑުމެންނަށް 2008 ވަނަ އަހަރު ލިބިފައިވާ މި އާ ޤާނޫނުއަސާސީއަކީ ވަރަށް އާދަޔާ ޚިލާފު ޤާނޫނުއަސާސީއެއް. މި ޤާނޫނުއަސާސީއަކީ މިއީ، ދުނިޔޭގައި އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ބޭފުޅުން ކިޔަވާ ވިދާޅުވާން ވަޑައިގެން، އެކިއެކި ޔުނިވަރސިޓީތަކުގައި ތަޢުލީމް ޙާޞިލު ކުރެއްވުމަށްފަހު، އެނބުރި ވަޑައިގެން، ވަރަށްމަތީ ފެންވަރަށް ތަޢުލީމް ޙާޞިލް ކުރައްވައި، ދުނިޔޭގެ އެހެން ތަންތާނގެ ޤާނޫނުތަކާ އެއްޗެހި ހުންނަ ނުހުންނަގޮތް ބެއްލެވުމަށްފަހުގައި އެކުލަވާލައްވާފައިވާ ޤާނޫނުއަސާސީއެއް. އެހެންނަމަވެސް، މި ޤާނޫނުއަސާސީއަކީ އަދި ތަންފީޛުކޮށްގެން، ޢަމަލީގޮތުން މިކަން ހިންގިފައި އޮތް ޤާނޫނުއަސާސީއެއް ނޫން. ފުރަތަމަފަހަރަށް އަޅުގަނޑުމެންނަށް 2008ގެ ފަހުން މި ޤާނޫނުއަސާސީ ހިންގަން މި ފެށުނީ. އެހެންވީމާ، މީގައި އަޅުގަނޑުމެންނަށް ދިމާވާ ބައެއް ދަތިތައްވެސް އެބަހުރި.

ޝައްކެއްނެތް. މިއަދު އަޅުގަނޑުމެން ދެކެން މިޖެހެނީ، އަޅުގަނޑުމެންނަކީ މިއީ، މިސާލަކަށް، އެމެރިކާ ކަމަށް ބަލާނަމަ، ގާތްގަނޑަކަށް އަށާރަސަތޭކައިގެ ދުވަސްވަރުގެ ތެރޭގައި، އެތާނގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް ކުރިމަތިވާނެކަހަލަ އެކިއެކި ގޮންޖެހުންތަކާއި ކަންކަން ދިމާވަމުން މިދަނީ. ޤާނޫނުއަސާސީއެއް އެކުލަވައިލެވިގެން، ޤާނޫނުއަސާސީގައި ހިމެނޭ އެކިއެކި ބާރުތަކާއި މުއައްސަސާތަކާ އެކީގައި މަސައްކަތް ކުރެވޭތޯ ބަލާއިރުގައި، އެބަހުރޭ އެކީގައި މަސައްކަތް ކުރަން އުނދަގޫވާކަހަލަ ކިތަންމެ ކަންތައްތަކެއް. އަޅުގަނޑު އަބަދުވެސް މި ޤާނޫނުއަސާސީ އަލަށް މި އަޅުގަނޑުމެން ތަޢާރުފްކުރި ނިޒާމް އަޅުގަނޑު މިސާލުޖަހަނީ، އަލަށް ހަދައިގެން އުޅޭ މެޝިނެއް ގޮތަށް. އެކިއެކި ޕާޓްސްވެސް ދިމަދިމާލުން ހޯދައިގެން ގެނެސް، އަޅުގަނޑުމެން އާ ވައްތަރެއްގެ މެޝިނެއް މި ހެދީ. ހެދިއިރުގައި މި މެޝިން އަދި ރަނގަޅަށް މިއުޅެނީ ފައިން ޓިއުން ނުވެގެން. ފައިން ޓިއުން ކުރުމުގެ ބުރަ މަސްއޫލިއްޔަތު މިއަދު އެޅިފައި މިއޮތީ އަޅުގަނޑުމެންގެ ކޮނޑުގައި. އެހެންވީމާ، އެކަން ކުރަން އުޅޭއިރުގައި، އެންމެ މުހިންމު ކަމަކީ، މީގެ ރޫޙާ ޚިލާފުނުވެ، މީގެ އޮށްޓަރު ދެމެހެއްޓޭނެ ގޮތަކަށް މީތި ފައިން ޓިއުން ނުކޮށް، މި މެޝިނަރީ، މި ޑިމޮކްރެޓިކް މެޝިނަރީ ރަނގަޅަށް ހިނގާނެ ގޮތެއް އަޅުގަނޑުމެން ހޯދުން. މިކަމުގެ ތެރޭގައި ދިމާވާ ކިތަންމެ ދަތިތަކެއް އެބަހުރި.

މިވޭތުވެދިޔަ ދިހަވަރަކަށް މަސްދުވަހަކީ، އަޅުގަނޑުމެން ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ދިހަވަރަކަށް މަސްދުވަސް. އަޅުގަނޑަށްވުރެވެސް މާބޮޑަށް މަގުމަތީގައި، ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމުގެ އެންމެބޮޑު މަސްއޫލިއްޔަތެއް އަދާކުރެއްވި ބޭފުޅުންނަކީ ތިޔަބޭފުޅުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށް އުނދަގޫ، ވަރަށްދަތި ޙާލަތުތަކެއްގެ ތެރޭގައި، ވަރަށް ނުރައްކާތެރި ބައެއް ޙާލަތްތަކުގައިވެސް މަސައްކަތްކޮށްގެން، އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވިފައި މިތިބީ. އަޅުގަނޑުމެން އުފާކުރަންޖެހޭ އިނގޭތޯ. އެއީ، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢު ހަމަޖެހޭ، ޞުލްޙަވެރި، އަމާން ތަނެއްގެ ގޮތުގައި މިއަދު އަޅުގަނޑުމެންނަށް މި ބޭއްވުނީ، އަޅުގަނޑުމެން ޙިކްމަތްތެރިކަމާއެކީގައި، ކެތްތެރިކަމާއެކީގައި މިވޭތުވެދިޔަ ދިހަމަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރީމަ. އަޅުގަނޑުމެން އެންމެންވެސް މި ދުސްތޫރީ، ޑިމޮކްރެޓިކް ނިޒާމަށް ޙުރްމަތްތެރިކޮށް ހިތައިގެން، އޭގެ ރޫޙަށް އިޙްތިރާމްކޮށްގެން މަސައްކަތްތަކެއް ކުރީމަ. އެހެން ނޫންނަމަ، އަދިވެސް އަޅުގަނޑުމެންނަކަށް އޭރުގައި އޮތް ހަލަބޮލިކަން ފިލުވާލައި، މި އަމާން އޮމާންކަމުގެ ތެރެއަކަށް ރާއްޖެއެއް ނުގެނެވުނީސް. އެހެންވީމާ، ތިޔަބޭފުޅުން ވަރަށްބޮޑު މަސައްކަތެއް ތިޔަ ކުރެއްވީ. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް، ހަމަ އެ ކެތްތެރިކަމާއި، ޙިކްމަތްތެރިކަމާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް.

އާދެ! ވަރަށް އުނދަގޫ ކަންތަކަކާ ކުރިމަތިވި. ފުލުހުންގެ ޤަދަރާއި ޢިއްޒަތް ނަގާލުމަށްޓަކައި ކުރި މަސައްކަތްތައް އަޅުގަނޑުމެން މިތިބީ ދެކެފައި. ފުލުހުންގެ ޤަދަރު ވައްޓާލުމަށްޓަކައި ކުރި މަސައްކަތްތައްވެސް އަޅުގަނޑުމެން މިތިބީ ދެކެފައި. އެހެން ނަމަވެސް، އޭގެތެރެއިން މިއަދު މިވަނީ އަޅުގަނޑުމެންނަށް އަރައިގަނެވިފައި. ފުލުހުންނާ ބެހޭގޮތުން އެކިއެކި ތުހުމަތުތައްކޮށް، ފުލުހުންނަކީ އަނިޔާވެރި ބައެއް ކަމުގައި ދެއްކުމަށްޓަކައިވެސް ބަޔަކު މަސައްކަތްތަކެއް ކޮށްފި. ހަމައެކަނި ރާއްޖެއަކު ނޫން. ރާއްޖެއިން ބޭރުގައިވެސް މިކަމާބެހޭ ސުވާލުތަކާ އެއްޗެތި އަންނަމުންދޭ. އެހެން ނަމަވެސް، ވަރަށް ސާބިތުކަމާއެކީގައި ތިޔަބޭފުޅުން އެކަމާ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވީ. ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ވިސްނަންޖެހޭނެ، ކިހިނެއްތޯ އަޅުގަނޑުމެން މި ޑިމޮކްރެޓިކް ވެރިކަމުގެ ތެރޭގައި، އަޅުގަނޑުމެންގެ ޤަދަރާއި ޢިއްޒަތާ ދަމަހައްޓާނީ. އަޅުގަނޑުމެންގެ ރީތި ނަން އަޅުގަނޑުމެން ދަމަހައްޓާނީ.

މިހާރު މި ވޭތުވެދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި، ތިޔަބޭފުޅުންނަށް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ. މީހުން ކޮންމެހެން ޤަބޫލުކުރަނީކީ ތެދު ޙަޤީޤަތެއް ނޫން. މީހުން ޤަބޫލުކުރޭ، އެކި ބާވަތްބާވަތުގެ ޙަޤީޤަތް. އެއީ، ތެދަކަށްވެސް ވެދާނެ، ދޮގަކަށްވެސް ވެދާނެ. ދޮގު ޙަޤީޤަތްތައް ޤަބޫލުކުރާތަން އަޅުގަނޑުމެންނަށް ވަރަށް ރީތިކޮށް އެބަ ފެނޭ. އަޅުގަނޑުމެންގެ އާބާދީގެ ވަރަށްބޮޑު ބައެއް، އެބަ ޤަބޫލުކުރޭ ހަމަ މުޅިން ޙަޤީޤަތާ ޚިލާފު ކަންތައްތަކެއް އެއީ، އެކަމަކު ޙަޤީޤަތް ކަމަށް. އަޅުގަނޑު، މި ކިޔެވުމުގެ ތެރޭގައި، އަޅުގަނޑު ކިޔެވި އެއްދާއިރާ ޕޮލިޓިކަލް ސައިންސް. ކިޔެވުމުގެ ތެރޭގައި އަޅުގަނޑުމެން ދަސްކުރަމުންދިޔައީ، ކިހިނެއްތޯ މީހުންގެ ވިސްނުން ބައްޓަންކުރަނީ. ތަނެއްގެ ޙަޤީޤަތް ބަދަލުވެގެންދަނީ. ޙަޤީޤަތް އެއީ، ތެދެއް ކަމަށް، ވަކި ކަމަކީ އެއީ ތެދެއް ކަމަށް މީހުންނަށް ވިސްނައިދޭން މިޖެހެނީ. ދެން ބައެއްފަހަރަށް އަޅުގަނޑުމެން ކައިރީގައި، އަޅުގަނޑުމެންގެ މައިންބަފައިންވެސް ބުނާނެ، މިވެނި ކަމެއް އޮތީ މިވެނިގޮތަށޭ. ބުނީމަ އަޅުގަނޑުމެން ޤަބޫލުކޮށްލައިގެން ތިބޭތަން އާދޭ. އެހެންނަމަވެސް، އަޅުގަނޑުމެންވެސް ބޮޑެތިވެ، އަމިއްލަ ވިސްނުން އަޅުގަނޑުމެންނަށް އައިސް، އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން އަމިއްލައަށް ފިކުރުކުރަން ފެށީމާ، ބައެއްފަހަރަށް ހަމަ އަޅުގަނޑުމެންގެ މައިންބަފައިން ބުނެފައި ހުންނަ ވާހަކަތައްވެސް އަޅުގަނޑުމެން ޤަބޫލުކުރުން ދޫކޮށްލަން އެބަ. ވަކިގޮތަކަށް، ވަކި ވިސްނުމަކަށް، ވަކި ބައްޓަމަކަށް، މިހެން ހަމައެކަނި ވަކި އެއްޗެއް ޤަބޫލުކޮށްގެން ތިބެވޭނީ ސުވާލު ނުކުރެވޭ ތަނެއްގައި. ކަންކަމާ ދޭތެރޭގައި ފިކުރުކުރިޔަސް، އެކަމާ ބެހޭގޮތުން ސުވާލު ނުކުރެވޭ ތަންތާނގައި. މިސާލަކަށް ދަންނަވަންޏާ، ކުރީގެ ސޮވިއެޓް، އެކިއެކި ކޮމިއުނިސްޓް ޤައުމުތަކުގައި ސުވާލެއް ނުކުރެވޭނެ. ތިމަންނައަށް ކޮންމެ އެއްޗެއް ވިސްނުނަސް، އެކަމާ ބެހޭގޮތުން ސުވާލުކޮށްފިއްޔާ ބަންދުކުރާނެ. އެހެންވީމާ، އެކަމަކުވެސް ކޮމިއުނިސްޓް ޤައުމަކާއި ޚުދުމުޚްތާރު ޤައުމަކާއި ޑިމޮކްރެޓިކް ޤައުމަކާ ހުރި ތަފާތަކީ، ތިމާގެ ހިތަށް އަންނަ ސުވާލުތައް، މިނިވަންކަމާއެކީގައި ކުރުމުގެ ފުރްޞަތު. އެހެންވީމާ، ޙަޤީޤަތާ ދޭތެރޭގައިވެސް ސުވާލު އުފައްދާ، ޑިމޮކްރެޓިކް ވެށްޓެއްގެ ތެރޭގައި. އަޅުގަނޑުމެން ޒަމާނުއްސުރެ ޤަބޫލުކުރަމުން އަންނަ ޙަޤީޤަތް، އެއީ ޙަޤީޤަތްތޯވެސް ސުވާލުކުރާނެ. އެ ޙަޤީޤަތާ ބެހޭގޮތުން ސުވާލު ކުރުމުގެ މިނިވަންކަން އޮތީމާ، ޑިމޮކްރެޓިކް ވެށްޓެކޭ އަޅުގަނޑުމެން މިކިޔަނީ. މިއަދު އަޅުގަނޑުމެންގެ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް އެބައޮތް އެ މިނިވަންކަން ދީފައި. ކަންކަމާ ބެހޭގޮތުން ސުވާލުކޮށް، އަޅުގަނޑުމެންގެ މިނިވަން ޚިޔާލުތައް ފާޅުކުރުމުގެ ޖާގަ، ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް، އަސާސީ ޙައްޤެއްގެ ގޮތުގައި. އެހެންވީމާ، މީހުންނާ ބެހޭގޮތުންވެސް، ކަންކަމާ ބެހޭގޮތުންވެސް އެމީހަކަށް ފެންނަ އެއްޗެއް އެމީހަކު މިދަނީ ބުނަމުން. ބުނަމުންދާއިރުގައި، އޭގެ ޙަޤީޤަތް އޮންނަނީ އޮންނާނެ ތަނެއްގައި.

މިހާރު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިއްޖެ. މިވޭތުވެދިޔަ ދިހަވަރަކަށް މަސްދުވަހުގެ ތެރޭގައ، ހަމަ ވަކިކަހަލަ ވާހަކައެއް ތަކުރާރުކޮށް ދައްކާ ދައްކާ ދައްކާ ދައްކާ ގޮސް، އެއީ ޙަޤީޤަތަކަށް މީހުން ޤަބޫލުކުރަމުން އެބަދޭ. އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެންގެ މީޑިއާގެ ތެރޭގައި، އެގޮތަށް ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ތަކުރާރުކޮށް ދައްކާ ދައްކާ، އެތައް ބަޔަކު އެކަން އެބަ ޤަބޫލުކުރޭ، އެއީ ޙަޤީޤަތެއްކަން. ކޯނީގެ ރިޕޯޓް ނިމުމަށްފަހުގައި، އެ ކޮމިޝަންގައި އޮބްޒަރވަރުންގެ ގޮތުގައި ތިއްބެވި ބޭރުގެ ދެބޭފުޅަކު އަޅުގަނޑާ ބައްދަލުކުރައްވަން ވަޑައިގެން، މަސައްކަތް ނިންމެވުމަށްފަހުގައި. އެއްބޭފުޅަކީ ކެނެޑާގެ ބޭފުޅެއް. އަނެއް ބޭފުޅަކީ ނިއުޒީލަންޑް ބޭފުޅެއް. މިބޭފުޅުން ވަޑައިގެން، ވާހަކަފުޅު ދެއްކެވުމަށްފަހުގައި، އަޅުގަނޑު ކައިރީގައި ވިދާޅުވި، މިކަހަލަ ކަމަކާ ތިމަންނަމެންނަކާ އަދި ދިމައެއްނުވެއޭ. އެއީ ކަނޑައެޅިގެން ދޮގު ކަންކަން އެއީ، ޙަޤީޤަތް ކަމަށް ޤަބޫލުކުރާ މީހުން. ތިމަންނަމެންނަށް ކޮމިޝަންގައި ރިޕޯޓްދޭން އައި ބައެއް މީސްމީހުންވެސް، ހަމަ އެމީހުންގެ ހިތުގެ އަޑިން ޤަބޫލުކޮށްފައި އެބަހުއްޓޭ، މިވެނި ކަމެއް މިހެން ހިނގި ކަމަށް. ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތަސް. އެހެންވީމާ، އަޅުގަނޑުމެންނަށް އެންމެ އުނދަގޫވާނެ އެއްކަމަކީ، އެގޮތަށް ޙަޤީޤަތް ޤަބޫލުކުރާ މީހުންނާ ދޭތެރޭގައި، ކަންތައް ކުރާނެގޮތް. ކިހިނެއްހެއްޔޭ، އެމީހުން އެހެން ގޮތަކަށް ޤަބޫލުކުރުވާނީ. ވަރަށްބޮޑު މައްސަލައަކަށްވާނެ. އެއީ، ހަމަ ރަނގަޅު ވާހަކައެއް.

އެހެންވީމާ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެންނާ ބެހޭގޮތުންނާއި، ޤައުމުގެ ޙާލަތާ ބެހޭގޮތުންނާ، މީހުން ދައްކާ ވާހަކަތައް، ކިހާވަރަކަށް، ކޮންކަހަލަ ވާހަކައެއްތޯ ދެކެވެނީ. އެ ވާހަކައަށް ރައްދުދީ، ޖަވާބުވެސް ދެވެން އެބަޖެހޭ. އަދި އަޅުގަނޑުމެން ދެކޭ ޙަޤީޤަތް، މީހުންނަށް ވިސްނައިދިނުމަށްޓަކައި މީޑިއާ މެދުވެރިކޮށާއި، އެހެން ގޮތްގޮތުން އެބަ މަސައްކަތް ކުރަންޖެހޭ. ސިޔާސީ ބާރު ދެމެހެއްޓެނީ ހަމައެކަނި މިލިޓަރީ ބޭނުންކޮށްގެނެއް ނޫން. އެހެންނަމަ، މަގުމަތީގައި ތިބޭނީ ހުސް ސިފައިން ހަތިޔާރު އަޅައިގެން. ހަމައެކަނި ފުލުހުން ބޭނުންކޮށްގެނެއްވެސް ނޫން. ލޯ އެންފޯސްމަންޓް އޭޖެންސީތައް ބޭނުންކުރަންޖެހޭ ޙާލަތްތައް ހުރޭ. އެހެން ނަމަވެސް، ގިނަ ވަގުތުތަކުގައި މީހުން މަޑުމަޑުން މި ތިބެނީކީ، އެމީހުންނަށް މީހުން ބިރުގަންނަވައިގެންނެއް ނޫން. އަދި މަގުމަތީގައި ސިފައިން ތިބެގެނެއްވެސް ނޫން. ކީއްވެގެންތޯ ތިބެނީ. އެއީ، އެމީހުން ޤަބޫލުކުރާ އެއްޗެއްގެ ގޮތުން. އެމީހުންގެ ވިސްނުން ވަކިގޮތަކަށް ހުރީމަ. އަބަދާއި އަބަދު އެމީހުންނަށް މިތަނަކީ ހަމަނުޖެހޭ ތަނެއްކަމަށް، ނުރައްކާތެރި ތަނެއް ކަމަށް، ބިރުވެރި ތަނެއް ކަމަށް ވިސްނޭ ކަމަށްވަންޏާ، އެމީހުން މަޑެއްކޮށް ނުތިބޭނެ.

އެހެންވީމާ، ޢާންމު ރައުޔު ބައްޓަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރޭ. އެމަސައްކަތްތައް ރެޔާދުވާލު ކުރަންޖެހޭ. އެގޮތުން، އަޅުގަނޑުމެން އެބަޖެހޭ، ވަރަށް ޢަމަލީ ގޮތެއްގައި، ޕްރޯއެކްޓިވްކޮށް، މީޑިއާއިންނާއި އަދި އެހެނިހެންވެސް ގޮތްގޮތުން ރައްޔިތުންނަށް ވިސްނައިދޭން، އަޅުގަނޑުމެންގެ މުޖުތަމަޢަކީ ރަނގަޅު މުޖުތަމަޢެއްކަން، ހަމަޖެހޭ ތަނެއްކަން، ޞުލްޙަވެރި ތަނެއްކަން، އެކަކު އަނެކަކުދެކެ ލޯބިވާ ތަނެއްކަން. މިގޮތްގޮތަށް މިމަސައްކަތް އެބަ ކުރަންޖެހޭ. އެއީ، އެގޮތުން އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އުޚުއްވަތްތެރިކަމާއި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށް އަޅުގަނޑުމެން ޤަބޫލުކޮށްގެން މިތިބޭ ތިބުމާ، މިކަންކަން އަޅުގަނޑުމެން އެބަޖެހޭ ހަމަ ތަކުރާރުކޮށް އަޅުގަނޑުމެންނަށް، އެކި ޢުމުރުފުރައިގެ އެންމެންނަށްވެސް މިވާހަކަ އަބަދުވެސް ދެކެވެން. ޤައުމުގެ ޞުލްޙައާއި މަޞްލަޙަތާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި، މިދެންނެވި ޞުލްޙަވެރި ވިސްނުން، ރައްޔިތުންގެ ތެރޭގައި އަށަގެންފައި އޮތުމަކީ އެއީ، ވަރަށް މުހިންމު ކަމެއް.

އިނގިރޭސި ލިޓްރެޗަރގެ ތެރޭގައި އޮންނަ ވާހަކައެއް، [ސޯޝަލް ކޮންސްޓްރަކްޝަން އޮފް ރިއަލިޓީ] ސޯޝަލް ކޮންސްޓްރަކްޝަން އޮފް ރިއަލިޓީގައި، މި ތިއަރީގައި މިބުނަނީ، މި ޙަޤީޤަތް ކޯސްޓްއައުޓް ކޮށްދީ އުފައްދައިދިނުމަކީ މިއީވެސް ހަމަ މުޖުތަމަޢުގެ ތެރޭގައި ކުރާ ކަމެކޭ. އިޖުތިމާޢީ ގޮތުން ކުރާ ކަމެކޭ. ދެންމެ އަޅުގަނޑު މިދެންނެވީ އެވާހަކަ. އިޖުތިމާޢީ ގޮތުން ޙަޤީޤަތް، ވަކިގޮތަކަށް ބައްޓަން ކުރުމަށްޓަކައި، ވަކިގޮތަކަށް ދެއްކުމަށްޓަކައި ކުރާ މަސައްކަތްތަކެއް، އަބަދާއި އަބަދު ކުރެވެމުން މިދަނީ. އަޅުގަނޑުމެންނަށް އެނގިގެން ނަމަވެސް، ނޭނގިގެން ނަމަވެސް. އެހެންވީމާ، ޓީ.ވީ.ގައިވެސް ދެކެވޭ ހުރިހާ ވާހަކަތަކާ، މިހުރިހާ އެއްޗެއްގެ އަސަރު ކުރާނެ، މީހުންގެ ވިސްނުމަށް. މީހުން ކަންކަމާ ދޭތެރޭގައި ދެކޭގޮތް. މިސާލަކަށް ދަންނަވަންޏާ، ފުލުހުންނަކީ އަނިޔާވެރި ބައެކޭ. މިވާހަކަ އަބަދާއި އަބަދު ދެކެވޭ ކަމަށްވަންޏާ، މީހުންނަށް ޤަބޫލުކުރެވެން ފަށާފާނެ، ފުލުހުންނަކީ އަނިޔާވެރި ބައެއް ކަމަށް. އެކަން އަޅުގަނޑުމެން ދެނެގެން ތިބެގެން، އަޅުގަނޑުމެން އެބަޖެހޭ، އެކަމާ ދެކޮޅަށް މަސައްކަތެއް ކުރަން. މިހާރު ބާރު ހިފެހެއްޓެނީކީ، ހުރިހާ މީޑިއާތައް ބަންދުކޮށްގެނެއް ނޫން. ޑިމޮކްރެޓިކް ވެށްޓެއްގައި ބާރު ދެމެހެއްޓެނީ، އެ މީޑިއާގެ ޑޮމިނަންސް ހޯދައިގެން. އަޅުގަނޑުމެންނާ ޚިޔާލު ތަފާތު މީހުން، އަޅުގަނޑުމެންނާ ދެކޮޅަށްވެސް ވާހަކަ ދައްކާނެ. އެ އަޑެއް، ޑިމޮކްރެޓިކް ސޮސައިޓީއަކު ބަންދެއް ނުކުރެވޭނެ. އެކަމަކު އެ އަޑަށްވުރެން އުފުލިފައި ހުންނަ އެހެން އަޑެއް އެބަ ހުންނަންޖެހޭ. އަޅުގަނޑުމެން ކުރާ ރަނގަޅު ކަންތަކުގެ ވާހަކަ. އޭރުން އޭތި ބެލެންސް ކުރެވޭނީ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެވާހަކަ ނުދެކެވި، އަޅުގަނޑުމެންގެ ރަނގަޅު ކަމުގެ ވާހަކަ، އަޅުގަނޑުމެންނަށް ކުރެވޭ ރަނގަޅު ކަންތަކުގެ ވާހަކަ ދައްކާނެ މީހަކުނެތި، ނުދެއްކޭ ކަމަށްވަންޏާ، ދެން އެންމެންނަށްވެސް އިވޭނީ، އޭގެ އިދިކޮޅު އަޑު. އެހެންވީމާ، މިވާގޮތަކީ، އަޅުގަނޑުމެންނާ ދެކޮޅު އަޑުތައް މުޖުތަމަޢުގައި ގިނައިން އަޑުގަދަކޮށް ހުންނަ ކަމަށްވަންޏާ، އެގޮތަށް ރައްޔިތުންނަށް އެހެން ވިސްނިގެންދާނީ ގިނަ ބަޔަކަށް.

މިދެންނެވީ މިއީ ސިޔާސީ ކަމެއް މި ހިނގަނީ އިނގޭތޯ. ސިޔާސީ ބާރު، އަޅުގަނޑު ކުރިން ދެންނެވިގޮތަށް ހިފެހެއްޓެނީކީ ހަމައެކަނި ހަތިޔާރަކުންނެއް ނޫން. މިދެންނެވި ގޮތަށް، މުޖުތަމަޢުގައި އެކިއެކި ރައުޔުތައް އުފައްދައި، ޚިޔާލުތައް އުފައްދައި، އޭގެތެރެއިން ހަމަޖެހުމާއި، ވިސްނުމާއި ބާރު ދެމެހެއްޓުމަށްޓަކައި މި މަސައްކަތް މިކުރަނީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، ކުރިއަށް އޮތް ތާނގައި، ވަރަށް ބޮޑަށް ވިސްނަން، ކިހިނެއްތޯ އަޅުގަނޑުމެން ސުލްހަމަޞްލަޙަތުކަމާއި އަމަންއަމާންކަން ޤާއިމު ކުރުމަށްޓަކައި ދޭންޖެހޭ މެސެޖްތަކާ އެއްޗެހި، ދޭންޖެހޭ މަޢުލޫމާތާ އެއްޗެހި ބަރާބަރަށް ދެމުން ގެންދާނީ. ބައެއްފަހަރަށް އަޅުގަނޑުމެންނަށް ފުދޭވަރަށް ސަމާލުކަން ނުދެވުމަކީ އެކަށީގެންވާ ކަމެއް، މީޑިއާގެ ކަންތައްތަކުގައި. ކޮމިއުނިކޭޝަން ކަންތައްތަކުގައި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް އަދި އެކަމުގައި މާ ކުޅަދާނައެއް ނޫން. އަޅުގަނޑު މިދަންނަވަނީ ޕޮލިސް ފޯސްގެ ވާހަކައެއް ނޫން. މުޅި ސަރުކާރުގެ ވާހަކަ. އެހާ ކުޅަދާނައެއް ނޫން، އަޅުގަނޑުމެން ކުރާ ރަނގަޅު ކަންތަކުގެ ވާހަކަ، އަޅުގަނޑުމެން ދައްކާކަށް. ދެން ބައެއްފަހަރަށް އަޅުގަނޑުމެން ޓްރެއިންވެފައި އޮންނަގޮތުން، އަޅުގަނޑުމެންނަށް ވާގޮތަކީ، އަޅުގަނޑުމެން ބޮޑުކޮށްފައި ހުންނަގޮތުން، އަޅުގަނޑުމެންގެ އަމިއްލަ ވާހަކަ، އަޅުގަނޑުމެން ދައްކަން، ބައެއްފަހަރަށް ލަދުވެސްގަންނާނެ. އެހެން ނަމަވެސް، އެވާހަކަ ނުދައްކާ ކަމަށްވަންޏާ، ދެންހަމަ ހައްތަހާވެސް އިވޭނީ، އެހެން މީހުން ދައްކާ ވާހަކަ، އެހެން ނޫންތޯ. ދެން އެއްވެސް މީހަކަށް ނޭނގޭނެ، އެމީހަކާ ބެހޭގޮތުން ތިމާއަށްވުރެ ބޮޑަށް އެހެން މީހަކަށް ނޭނގޭނެ. އެހެން ނޫންތޯ ވާނީ. އަޅުގަނޑާ ދޭތެރޭގައި އަޅުގަނޑުގެ ޙަޤީޤަތާއި، އަޅުގަނޑުގެ ރަނގަޅު ސިފަތަކާއި، ގޯސް ސިފަތަކާ ނޭނގޭނެ އެހެން މީހަކަށް، އަޅުގަނޑަށް އެނގޭ ވަރަކަށްވުރެ ބޮޑަކަށް. އެހެންވީމާ، ޕޮލިސް ފޯސަސްއަށްވެސް ހަމަ އެހެންވާނީ. ޕޮލިސް ފޯސްއަށް އެނގިވަޑައިގަންނަވާނީ، ޕޮލިސް ފޯސްގައި ހުރި ސްޓްރެންތާއި، ކުރެވޭ ރަނގަޅު ކަންތައްތަކާއި، މޮޅު ކަންތައްތަކާ، މިހުރިހާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އެކަން ވަރުގަދަކުރަން. މިއީ، ވަރަށް މުހިންމު ވާހަކައެއް އަޅުގަނޑު މިދަންނަވަނީ. ބައެއްފަހަރަށް އަޅުގަނޑުމެންނަށް ހީވެދާނެ، އަޅުގަނޑުމެން މި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ ޓްރޭނިންގގައި، މަގުމަތި ބެލެހެއްޓުމާއި، މިހެން ކުރަންޖެހޭ ކަންތައްތަކޭ ކުރަން. ހަމަ އެއާ އެއްވަރަށް މުހިންމު ކަމެއް، މި ސޯޝަލް މެސެޖް ދިނުމާއި، މީހުންގެ ވިސްނުމަށް ދޭންޖެހޭ މަޢުލޫމާތާއި ހޭލުންތެރިކަން ދިނުން އެއީ، ވަރަށް މުހިންމު ކަމެއް.

އާދެ! ދެން އަޅުގަނޑުއެއްޗެއް ދަންނަވާހިތް އޮތީ، ކުރިއަށް އޮތް ތަނާ ބެހޭގޮތުން. މިހާރު މިއަހަރަކީ މިއީ ރިޔާސީ އިންތިޚާބުގެ އަހަރު. އަޅުގަނޑުމެން އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ، މިހާރު މިއޮތް އަމާން އޮމާންކަމާއެކީގައި، އަބަދަކު އޮންނާނެ ކަމަކަށް. ރިޔާސީ އިންތިޚާބު ކައިރިވަމުން އައިވަރަކަށް، ރިޔާސީ ވާދަވެރިކަން އިތުރުވަމުންދާނީ. އޭގެ ސަބަބުން ހަލަބޮލިވުމަކީވެސް ހަމަ އެކަށީގެންވާ ކަމެއް. އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ވިސްނަންޖެހޭ. ކުރިއްސުރެ އެކަމަށް ތައްޔާރުވާންވެސް އެބަޖެހޭ. މިހާރު އެކިގޮތްގޮތަށް، އެކިދިމަދިމާލުން މަސައްކަތް ކުރެވެމުން މިދަނީ. ދެން މިވަގުތު އަދި މަގުމަތިން ޙަރަކާތްތައް ނުފެނުނު ކަމުގައިވީނަމަވެސް، މަގުމަތީގައި ޙަރަކާތްތައްވެސް ހަމަ ފެންނާނެ ކަމަށް އަޅުގަނޑުމެން ޖެހޭނީ އެކްސްޕެކްޓްކޮށްގެން ތިބެން. އެކަމާ އަޅުގަނޑުމެން ޖެހޭނެ ތައްޔާރުވެގެން ތިބެން. ދެންވެސް ހަމަ ކުރިއަށް އޮތް ތާނގައިވެސް، މީގެކުރިންވެސް ތިޔަބޭފުޅުން، ޚާއްޞަކޮށް، މިވޭތުވެދިޔަ ދިހަމަސް ދުވަހުގެ ތެރޭގައި ތިޔަ ލިބިވަޑައިގެންނެވި ތަޖުރިބާގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތާނގައިވެސް ވަރަށް ކޮންޓްރޯލް، ކެތްތެރި، ޙިކްމަތްތެރި ގޮތަކަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ހީކުރަން.

ދެން މި ބަދަލުވަމުންދާ ސިޔާސީ މަސްރަޙުގެ ތެރޭގައި، އަބަދުވެސް މި ސިޔާސީ ގޮތުން ބަލިކަށިވާން ފެށީމާ، އޭގެ ނަތީޖާއަކަށް ވެދާނެ، މަގުމައްޗަށް ނުކުތުން. މިހާރު ސިޔާސީ މީހުން މި މަސައްކަތް ކުރަނީ، ރައްޔިތުންގެ އެޓެންޝަން ލިބޭތޯ، އެހެން ނޫންތޯ. ރައްޔިތުންގެ އެޓެންޝަން ލިބޭތޯ، ރައްޔިތުންގެ ވޯޓް ލިބޭތޯ، ރައްޔިތުންގެ ތާއީދު ލިބޭތޯ، ސިޔާސީ ހުރިހާ އެންމެންވެސް މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވީމާ، ރައްޔިތުންގެ އެޓެންޝަން ކުޑަވާން ފެށީމާ، އެޓެންޝަން ހޯދުމަށްޓަކައި، ކޮންމެވެސް ކަންތައްތަކެއް ކުރަން އެބަޖެހޭ. ބައެއް ޕާޓީތަކުން ޕާޓީތައް ނުހިފެހެއްޓޭނެ. ބޮޑެތި ކަންތައްތައް ރާވައިގެން ކުރަން އެބަޖެހޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް މިވޭތުވެދިޔަ ދިހަމަސް ދުވަހުގެ ތެރޭގައި ފެނުނު ކަންތައްތަކުގެ ތެރޭގައިވެސް، ބައެއް ކަންކަން ހުރީ މިދެންނެވި އެޓެންޝަން ޑެފިސިޓާ ގުޅިފައި. ޕަބްލިކް އެޓެންޝަން ވަކިވަރަކަށް ނުލިބޭން ފެށީމާ، އެ އެޓެންޝަން ހޯދުމަށްޓަކައި ކުރާ މަސައްކަތްތަކެއްގެ ގޮތުގައި. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، މިދެންނެވި ކަހަލަ އެޓެންޝަން ހޯދުމުގެ ކަންތައްތަކެއްވެސް ހަމަ ހިނގާފާނެ.

ދެން މިހާރު މިއަދު އަޅުގަނޑު ތަޞްދީޤުކުރާ އެއް ބިލަކީ، [ޞުލްޙަވެރިކަމާއެކީގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު]. އިރާދަކުރެއްވިއްޔާ މިއަދު އެ ބިލު އަޅުގަނޑު ތަޞްދީޤު ކުރާނަން. އޭރުން ލޯ އެންފޯސްމަންޓް ކަންތައްތަކުގައި ތަންކޮޅެއް ފަސޭހަފުޅުވެގެންދާނެ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެމުން އަންނަނީ. ތިޔަބޭފުޅުން ވަރަށް ރަނގަޅަށް އެ ބިލު ދިރާސާ ކުރައްވައި، އެ ބިލުގައި ހުރި ކަންތައްތައް ޢަމަލީގޮތުން ކިހިނެއްތޯ އިމްޕްލިމެންޓް ކުރައްވާނީ، ބައްލަވައިދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަދި ހަމަ އެހެން، އެކަންކަން މިހާރު އަދި ޤާނޫނީގޮތުން ތަންކޮޅެއް ފަސޭހަވެގެންދިޔަސް، ޢަމަލީގޮތުން އެކަން ކުރެއްވުމުގައި ބައްލަވަންޖެހޭނެ، އަދިވެސް ހަމަ ތަނުގެ މަޞްލަޙަތަށާއި، ޞުލްޙަ މަޞްލަޙަތު ބޭއްވުމަށާއި، ވީހާވެސް ބޮޑަކަށް ކެތްތެރިވުމަށާއި، މިހުރިހާ ކަމަކަށް ހަމަ ވިސްނާވަޑައިގަންނަވަންޖެހޭނެ. އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވަމުން އަންނަ ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ސިޔާސީގޮތުން. އެކަންކަމަށްވެސް އަޅުގަނޑުމެން ހޭލާ އެބަ ތިބެންޖެހޭ.

އަޅުގަނޑު ކުރިން ދެންނެވިހެން، އަޅުގަނޑުމެންގެ މި ޑިމޮކްރަސީއަކީ މިއީ ފައްކާވެފައި އޮތް ޑިމޮކްރަސީއެއް ނޫން. އަޅުގަނޑުމެން މީތި ބައްޓަން ކުރަމުން މިގެންދަނީ. ޙަޤީޤަތުގައި މީގެ ފަންސާސް އަހަރު ފަހުން، ސަތޭކަ އަހަރު ފަހުން އަންނަ މީހުން ދެކޭނީ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މި ޑިމޮކްރަސީގެ ފޮރ ފަރދަރސް ކަމަށް. އެހެންވީމާ، އެ މަސްއޫލިއްޔަތު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި މިއޮތީ، މީތި ރަނގަޅުކުރަން. މީތި ފަންކްޝަނަލް ޑިމޮކްރަސީއަކަށް ހެދުމަށް. އެކަމަކު މިހާރު މި ކުރިމަތިވާ ޗެލެންޖަސްތަކުގެ ތެރޭގައި، މިވާގޮތަކީ، ޤާނޫނުއަސާސީގެ ތެރޭގައިވެސް އެބަހުރޭ، އެއް މުއައްސަސާއިން އަނެއް މުއައްސަސާގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބޭކަހަލަ ކަންތައްތަކެއް ހަމަޖެހިފައި. މިހާރު އަސާސީ ކަމެއްގެ ގޮތުގައި ޑިމޮކްރަސީގައި މިއޮންނަނީ ތިންބާރު. ދައުލަތުގެ ތިންބާރު ވަކިވުން. އެގްޒެކެޓިވް، ޖުޑީޝަރީއާއި، ލެޖިސްލޭޗަރއާ ވަކިވެފައި އޮތުން، މިނިވަންކަން އޮތުން. އެހެން ނަމަވެސް އެއްކަލަ މި އަދި ފައިން ޓިއުން ނުކުރެވޭތީ، އެއްބާރު އަނެއް ބާރުގެ ތެރެއަށް ވަންނަ ތަން އަޅުގަނޑުމެންނަސް ފެނިގެން އެބަދޭ. މިސާލަކަށް ދަންނަވަންޏާ، މިއަހަރުގެ ބަޖެޓް. ބަޖެޓްގެ ތެރޭގައި ހުރި ވަކިވަކި އައިޓަމްތައް އެބަހުރި ނަގާފައި. މިސާލަކަށް، އެއްވެސް ތަނެއް މަރާމާތު ކުރުމަކަށް ނެތް ލާރިއެއް. އިސްލާމީ މަރްކަޒު މަރާމާތު ކުރުމަކަށް ލާރިއެއް ނެތް. ހަމައެހެން، ވެލާނާގޭ އާ ޢިމާރާތުން، އެތަންވެސް މަރާމާތު ކުރާކަށް ފައިސާއެއް ނެތް. އެހެން ނަމަވެސް، މިކަންކަމަކީ ކުރަންޖެހޭ ކަންކަން. އެފައިސާ އެއިން ކަނޑާލުމަކީ އެއީ، އެގްޒެކެޓިވް ފަންކްޝަނެއްތޯ، ލެޖިސްލެޓިވް ފަކްޝަނެއްތޯ. އަޅުގަނޑު ނެތިން ސުވާލުކުރާކަށް. އެހެން ނަމަވެސް، އެކަން ކޮށްފައި އެއޮތީ. އަޅުގަނޑަށް މަޢުލޫމާތު ލިބޭ ގޮތުގައި، ޤާނޫނުއަސާސީވެސް އެކަން ކުރަން ތަންވެސްދޭ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ރައްޔިތުން ނިންމާފައި އޮތީ، އެގްޒެކެޓިވް ޕްރެޒިޑެންސީއެއް ރާއްޖޭގައި ބާއްވަން. އެގްޒެކެޓިވް ޕްރެޒިޑެންސީއަކީ މިދެންނެވި ގޮތަށް، ތަންފީޛު ކުރުމަށްޓަކައި، ޤާނޫނު ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާ ޕްރެޒިޑެންސީއެއް. އެއީ ހަމައެކަނި ނޮމިނަލް ނަމެއްގައި އޮންނަ ޕްރެޒިޑެންސީއެއް ނޫން. ދައުލަތް ހިންގުމުގައި ކުރަންޖެހޭ އެކިއެކި ކަންކަން، ޕޮލިސީތައް ކަނޑައެޅުން، ޕޮލިސީތައް ތަންފީޛު ކުރުމުގައި، ކޮންތަނެއްގައި ކޮންކަމެއްތޯ ކުރާނީ ކަނޑައެޅުމަކީ އެއީ ރިޔާސީ ފަންކްޝަނެއް. އަޅުގަނޑުމެން ފުލުސް ސްޓޭޝަން ހަދާނީ މިއަހަރު ކޮން ރަށެއްގައިތޯ ކަނޑައެޅުމަކީ އެއީ، އެގްޒެކެޓިވް ފަންކްޝަނެއް. އެއީކީ ލެޖިސްލެޓިވް ފަންކްޝަނެއް ނޫން. އެހެން ނަމަވެސް، މިދެންނެވި ކަހަލަ އޮޅުންބޮޅުންތައް ހުރުމުގެ ސަބަބުން މިވާގޮތަކީ، މިހާރު އަޅުގަނޑުމެންނަށް މި ލިބިފައި އޮތް ބަޖެޓް، މިއަހަރު މިއީ ވަރަށްދަތި ބަޖެޓެއް. އެ ބަޖެޓުން މިބާވަތުގެ ކަންތައްތައް ފެނިގެން މިދިޔައީ.

ދެން ހަމަ އެހެން، މިސާލަކަށް މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ދެދުވަހެއްގެ ތެރޭގައި ކޮމިޝަން. ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް، އެކިއެކި ކޮމިޝަން އުފެއްދުން. އަޅުގަނޑު އުފެއްދި ކޮމިޝަން. މި ކޮމިޝަންގައި މަސައްކަތްކޮށް ނިމިގެން މިހާރު މީގެ ރިޕޯޓް ވަނީ ދެވިފައި. އެހެން ނަމަވެސް، މިހާރު ލެޖިސްލެޓިވް ބްރާންޗުން އައިސް މިބުނަނީ، އެ ކޮމިޝަންގައި އަޑުއެހި ހުރިހާ އިންޓަރވިޔުތަކާއި، ޓޭޕްތަކާއި، ނަގާފައި ހުރި ބަޔާންތަކާ، މިހުރިހާ އެއްޗެހި ފޮނުވައިދޭށޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ ކުރެވޭނެ ކަމެއް ނޫން. ޚާއްޞަކޮށް، އެގްޒެކެޓިވް ޕްރެޒިޑެންސީއެއްގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކޮމިޝަނެއްގެ ތެރޭގައި ހިނގާފައި ހުރި ޕްރޮސީޖަރސްތަކާ، މިއެއްޗެހިތައް އަލުން ގެންގޮސްގެން ބެލުމަކީ، އެއީ ލެޖިސްލޭޗަރއިން ކުރެވިގެންވާނެ ކަމެއް ނޫން. ނަމަވެސް، ވިސްނުން މިހިރީ އެހެން ގޮތަކަށް. ވިސްނުން މިހިރީ ކޮންމެ ކަމެއްވެސް ކުރެވިދާނޭ. ދެން މާދަމާވީ އަޅުގަނޑު މިސާލަކަށް ސިޓީއެއް ފޮނުވަން، މަޖިލީހުގެ މިވެނި ކޮމިޓީއެއްގައި އޮތް ސިއްރު ޖަލްސާގެ ޔައުމިއްޔާއާއި، މި އެއްޗެހި އަޅުގަނޑަށް ފޮނުއްވައިދެއްވާށޭ. މިއީކީ ދެން ކަންތައް ކުރެވޭނެ ގޮތެއް ނޫން. އެހެން ނޫންތޯ. އެހެންވީމާ، މިބާވަތުގެ އޮޅުންބޮޅުންތައް ހުރި ދުވަސްވަރެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. މިދުވަސްވަރު އެމެރިކާ ތަންތަނަށް އައިސްފައިވަނީ ގާތްގަނޑަކަށް ސަތޭކަ ފަންސާސް އަހަރު ކުރިން. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މި ޙަޤީޤަތުގައި ދިރިއުޅެން ޖެހިފައި މިއޮތީ. ދެން މިކަންކަން ސާފުކޮށް، މި ބައުންޑަރީތައް ޤާއިމްކޮށް، މިކަންކަން ކުރަން ދުވަސްކޮޅެއް ނަގާނެ. އެކަމުގެ ތެރޭގައި އަޅުގަނޑުމެން ކެތްތެރިކަމާއެކީގައި ބައެއްފަހަރަށް ދޫދީގެން ތިބޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ، އެކަންކަން ޤާއިމު ކުރަން. އެކަންކަން އެސްޓެބްލިޝް ކުރަން. އެކަންކަން ކުރުމަށްޓަކައި ކަނޑައެޅިފައި މިއޮންނަނީ، މިކަހަލަ ނިޒާމެއްގައި، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ބުނާގޮތުގައި ވިއްޔާ، ސުޕްރީމް ކޯޓު. ދުސްތޫރީ މިބާވަތުގެ މައްސަލަތައް ކަނޑައަޅުއްވައިދެއްވާނީ، ސުޕްރީމް ކޯޓުން. ސުޕްރީމް ކޯޓަށް ކޮންމެހެން މައްސަލަ ހިފައިގެން ދިޔުމަކީ އެއީ ބަޔަކަށް ވަކިބަޔަކަށް ދިމާކުރުމަށް ކުރެވޭ ކަމެއް ކަމަކަށް ބެލެވިގެން ނުވާނެ މިހާރަކު. މި ސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި، އެ ބައުންޑަރީސްތައް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ކަމެއް، އެ ދާންޖެހޭ ތަނަކަށް ގޮސްގެން އެކަން ކުރުން. އެއީކީ އެއްވެސް ހާލެއްގައި ޒާތީ ކަމެއް ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ.

އެހެންވީމާ، މިބާވަތުގެ ކަންކަންވެސް، އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތާނގައި ފެނިގެންދާނެ. މިއީ، އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތަކީ. މި ސިޔާސީ މަސްރަޙުގެ ތެރޭގައި، އެންމެބޮޑު އެއް މަސްއޫލިއްޔަތު އަދާކުރައްވަންޖެހޭ ފަރާތަކީ ޕޮލިސް ފޯސް. އެއީ ޞުލްޙައާއި އަމަންއަމާންކަންމަތީގައި ތަން ބޭއްވުން. މިހާރު އަޅުގަނޑުމެންނަށް މި ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައިވެސް، ޤައުމީ އިޤްތިޞާދު އަޅުގަނޑުމެން ގެންދަން ބޭނުންވާހާ ބާރުމިނަކު ނުދޭ. އެހެން ނަމަވެސް، ޓޫރިޒަމް ސެކްޓަރވެސް ހަމަ ފުދޭވަރަކަށް ރަނގަޅަށް އެބަ ކުރިއަށްދެއޭ. މިހާރު ކުރީ އަހަރަށްވުރެ މާގިނަ މަސްވެސް ބާނައިފިއޭ. އެހެންވީމާ، މިހިރަ ދަނީ ކަންކަން ކުރިއަށް އެހެން ނޫންތޯ. އެކަންކަން އެވަނީ ތަނުގައި އަމަންއަމާންކަން އޮތީމަ. މީހުންނަށް މަހަށްދާނެ ވަގުތުވާތީ. މަހަށް ފުރޭތީ އެހެން ނޫންތޯ. ދޯނިފަހަރު އަންދާނުލާތީ. އެހެންވެގެން މި ރީތިކޮށް މީތި މިދަނީ. ދެން އަޅުގަނޑަށް ހަމަ ޔަޤީން، މީގެކުރިންވެސް މި ޤައުމުގައި ހަމަ މިކަހަލަ އުނދަގޫ ދުވަސްތައް އައިސްފައި ހުންނާނެ. އަދި މި ޤައުމުގެ އިޤްތިޞާދުވެސް މިއަށްވުރެވެސް ގޯސްވެފައި ހުރި ދުވަސްވަރުވެސް އައިސްފައި ހުންނާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އެކަން ބޮޑުވެގެން، މީހުންނަށް ނުނިދިގެން އުޅޭ ހިސާބަކަށް ނުދޭ. މިހާރުވެސް ކޮންމެހެން ނުނިދިގެން އުޅޭކަށް ނުޖެހޭ.

އެހެންވީމާ، އަޅުގަނޑަށް ހީވަނީ ހަމަ މިހެން އަޅުގަނޑުމެންނަށް މަޑުމަޑުން މިތިބެވެނީވެސް، ޤައުމު ކުރިއަށް މިގެންދެވެނީވެސް، އަމަންއަމާންކަން ޤާއިމުކުރެވިފައި އޮންނާތީ. އެހެންވީމާ، ފުލުހުންގެ ވަރަށްބޮޑު ޒިންމާއެއް، މި ޕީސް ފޯމްގައި އަބަދުވެސް ޤާއިމުވެފައި އޮތުން. ޕީސް ޑިސްރަޕްޓް ކުރާ މީސްމީހުންނަށް އަޅަންޖެހޭ ފިޔަވަޅު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޤައުމުގެ ޕީސް ނަގާލައި، ޞުލްޙަ ނަގާލައި، ތަން ހަލަބޮލިކުރިޔަދީގެން އަޅުގަނޑުމެން ނުވާނެ. ހަލަބޮލިވެގެން ނުވާނެ. ހަލަބޮލިވުމަކީ ދެންހުރި އެހެން ހުރިހާ ކަމަކަށް އޭގެ އަސަރު ކުރާނެ ކަމެއް.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންގެ މެދުގައި ހަމަ ކުރިއަށް އޮތް ދުވަސްތަކާ ބެހޭގޮތުން ޚާއްޞަކޮށް، ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރުގައި، ދިމާވާނެ ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، ހަމަ ވަރަށް ޕްރޮފެޝަނަލްކޮށް، ޙިކްމަތްތެރިކަމާއެކީ ކަންކަން ކުރިއަށް ގެންދެވޭނެގޮތް ވިސްނާވަޑައިގެން، އެކަމުގައި ގޮތްތައް ހޯއްދަވަން، މަޝްވަރާ ކުރައްވަމުން މިހާރުއްސުރެ ގެންދަވާނެކަމަށް. ދެން އަދި އަޅުއްވަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަން. ދެންމެ މިދެންނެވި ބިލުވެސް އިމްޕްލިމެންޓް ކުރުމުގައި ހުންނާނެ އެކިއެކި ކަންތައްތައް ވިސްނާވަޑައިގަންނަވައިގެން، އެކަންކަމަށްވެސް ތައްޔާރުވެވަޑައިގަތުން. އޭރުން އިރާދަކުރެއްވިއްޔާ، ޤައުމު ހަމަ ރީތިކޮށް، އަމާންކަމާއެކީގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ.

އަޅުގަނޑުގެ އުންމީދަކީ، ހަމަ ފްރީ އެންޑް ފެއަރ އިލެކްޝަނެއް މިއަހަރު ބޭއްވުން. ބާއްވާފައި ހަމަ ސްމޫތް ޓްރާންސެޝަނެއް ދިޔުން. ދެން އަންނަ އެޑްމިނިސްޓްރޭޝަނަކަށް. އެހެންވީމާ، އެކަމުގައި ތިޔަ ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އެބައޮތް. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޤައުމު އަމާންކަންމަތީގައި އަބަދުވެސް ދެމިއޮންނާނެ.

والســّلام عليــكم ورحـمــة اللّـه وبـركاتـه.