بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އަޅުގަނޑުމެންގެ ބާސްކެޓްބޯލް ޤައުމީ ޓީމަށް އަޅުގަނޑު މަރްޙަބާ ދަންނަވަން. ދެން މިއަދު ހަވީރު އަޅުގަނޑާ ބައްދަލުކޮށްލައްވަން ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެންދެއްވީތީ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް، ތިޔަބޭފުޅުންނާ ބައްދަލުކޮށްލުން. ދެން މާދަމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަ ވަޑައިގަންނަވަނީ، މި ސައުތު އޭޝިއާގެ ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޗެމްޕިއަންޝިޕް މެޗްތަކުގައި ބައިވެރިވެވަޑައިގަންނަވަން، ބަންގްލަދޭޝްގެ ޑާކާއަށް.

އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ކާމިޔާބު އެދެން. ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް މެޑެލްވެސް ލިބިވަޑައިގަންނަވާނެ. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް އެކަމަށްޓަކައި މަސައްކަތް ކޮށްދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

ދެން ބާސްކެޓްބޯލް ރާއްޖޭގައި ކުރިއެރުވުމަށްޓަކައި ސަރުކާރުން ވީވަރަކުން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން. މިއަދު މި ކުޑަކުޑަ ބައްދަލުވުން ރޭއްވެވުމަށްޓަކައި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަޅުގަނޑަށް މިކަމުގައި އެދިވަޑައިގަތުމުން، މިކަން ހަމަޖެހިގެން މިދިޔައީ. އެހެންވީމާ، ޙާފިޒަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިކަމުގައި އިނީޝިއޭޓިވް ނެންގެވީތީ.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ބާސްކެޓްބޯލް އެސޯސިއޭޝަނަށް ވަނީ ބިމެއްވެސް ހަމަޖެހިފައި. އަޅުގަނޑު އުންމީދު ކުރަނީ، އެކި ފަރާތްފަރާތުގެ އެހީއާ އެކީގައި، އެތަނުގައި ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ފެސިލިޓީޒް ޤާއިމުވެގެންދާނެ ކަމަށް. ދެން އެކަމުގައިވެސް ހަމަ ސަރުކާރުންވެސް ހަމަ ލެވެންހުރި ހުރިހާ ބާރެއް ލައިދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން، އެކަން ވީހާވެސް އަވަހަކަށް އިންތިޒާމު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނަން.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ރާއްޖޭގައި ބާސްކެޓްބޯލް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ތެރޭގައި، ތިޔަބޭފުޅުންނަށް ދޭންޖެހޭ ހުރިހާ އެހީތަކެއް ދިނުމަށް، އެސޯސިއޭޝަންގެ ފަރާތުން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރު ކުރިއާ އަޅާބަލާއިރުގައި، ކޯޗުންވެސް އަދި ރެފްރީންވެސް އިތުރުކުރެވޭތޯ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. އަޅުގަނޑު އުފާކުރަން، ރެފްރީއެއްވެސް މިތާ ވަޑައިގެން އެބަ އިންނެވި، މި މެޗްތަކުގައި ބައިވެރިވެވަޑައިގަންނަވާ. އެހެންވީމާ، އެބޭފުޅާއަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން.

އާދެ! އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. އާދެ! ތިޔަބޭފުޅުންގެ ތިޔަ މަސައްކަތް ކާމިޔާބުވާނެ ކަމަށް އަޅުގަނޑު ހީކޮށް، އެކަމަށްޓަކައި އަޅުގަނޑުމެންވެސް ދުޢާކުރަމުން ގެންދާނަން. ތިޔަބޭފުޅުންނާ އެކީގައި އަޅުގަނޑުމެން މިތިބީ. ދަތުރުފުޅު، ނިޔާމަ ދަތުރުފުޅަކަށްވާނެ ކަމަށް ހީކުރަން. ބަންގްލަދޭޝްގައި ތިއްބަވާ ތިއްބެވުންވެސް، ހިތްފަސޭހަ، ކާމިޔާބު ތިއްބެވުމަކަށްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ، ވަޑައިގެންދެއްވި ކަމަށްޓަކައި ހުރިހާ ބޭފުޅުންވެސް. އަދި މިނިސްޓަރުގެ ފަރާތުންވެސް، ސްޓޭޓް މިނިސްޓަރވެސް ވަޑައިގެން ދެއްވި ކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިވަގުތު ވަގުތީގޮތުން މިނިސްޓްރީ ޙަވާލުވެވަޑައިގެން ހުންނެވި އަޅުގަނޑުމެންގެ ޒުވާން މިނިސްޓަރ އަދީބަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން ވަޑައިގެންދެއްވީތީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.