ޤައުމީ ޝަޚުޞިއްޔަތު ވަރުގަދަކުރައްވައި، ދިވެހިވަންތަކަމުގެ ސިފަތައް އާލާކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ހައްދުންމަތީ ފޮނަދޫގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަޅުގަނޑުމެންގެ ޅަދަރިން ތަރުބިއްޔަތު ކުރުމުގަޔާއި، ޢާއިލީ އަދި ޖަމާޢަތުގެ ގުޅުންތައް ބަދަހިކުރުމުގައި، ދިވެހި ރީތި އާދަކާދަތައް ހިފަހައްޓަން ބާރުއެޅުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަކި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، މިވޭތުވެދިޔަ ދިގު ތާރީޚުގައި އަޅުގަނޑުމެންނަށް ތިބެވުނު ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ ކަމަށާއި، މި ރީތި ދޮންވެލި ރަށްތަކުގައި، މި ޤައުމުގައި ދިރިއުޅުމުގެ އުފާވެރިކަން ލިބިފައިވާ ކަމަށްޓަކައި ޝުކުރުވެރިވާންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ޤައުމުގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދޭތެރޭގައިވެސް މިފަދަ ޤައުމީ މުނާސަބަތެއްގައި، އަޅުގަނޑުމެން ވިސްނާލަންޖެހޭކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤައުމެއްގެ އަމަންއަމާންކަމާއި ހަމަޖެހުން ބިނާވެފައި އޮންނާނީ، ޤައުމުގެ މަޞްލަޙަތަށް އަޅުގަނޑުމެން އިސްކަންދިން މިންވަރެއްގެ މައްޗަށެވެ. ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑުވެގެންދިޔަ ކަމުގައިވިޔަސް، އެ ވާދަވެރިކަމުގެ ތެރެއިން އަޅުގަނޑުމެންގެ ޤައުމަށް ނުވަތަ ރައްޔިތުންނަށް ފިއްތުންތަކެއް ކުރިމަތިވެގެނެއް ނުވާނެއެވެ. ޤައުމުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ހުއްޓުމެއް އަޔަދީގެންނުވާނެއެވެ. ހަމައެކަނި އެންމެ މީހެއްގެ ނުވަތަ ބައެއްގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި، މުޅި ޤައުމު ހަލާކުގެތެރެއަށް ވައްޓާލައިގެން ނުވާނެއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އިޖުތިމާޢީ ފޭރާން ހަލާކުކޮށްލުމަށް، އެއްވެސް މީހަކު މަސައްކަތް ކޮށްގެނެއް ނުވާނެ ކަމަށާއި، ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށާއި، ޤައުމުގެ އަގު، ބޭރު ދުނިޔޭގައި ވައްޓާލުމަށް ހަމަ އެކަކުވެސް މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު، ޤައުމުގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާމެދުވެސް ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ ކަމަށް ވިދާޅުވެ، މަދަރުސާތަކުން ނުކުންނަ ކުދިންގެ ޢަދަދުވެސް، އެއް އަހަރުން އަނެއް އަހަރަށް މިދަނީ އިތުރުވަމުންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ރާއްޖޭގެ ޒުވާނުންގެ އާބާދީވެސް އިތުރުވަމުންދާއިރު، އެއްވެސް ވަޒީފާއެއްނެތި އުޅޭ ޒުވާނުންގެ ޢަދަދުވެސް މިވަނީ އިތުރުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، ގްރޭޑް 10 އާ ހަމައަށް ތަޢުލީމީ މަރްޙަލާ ނުނިންމައި، އެއްވެސް މަސައްކަތެއް ދަސްވެފައި ނެތް ކުދިން ތިބިކަން އެއީވެސް، މިއަދު އަޅުގަނޑުމެން ހިތާމަކުރަން ޖެހިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން، ރާއްޖޭގެ އާބާދީ އިތުރުވަމުންދާއިރު، އާބާދީގެ ބޮޑުބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެންދާ ގޮތަކަށް، ޤައުމުގެ ކަންކަން ބައްޓަންކުރަން މިވަނީ ޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ޢުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް އެއްވެސް މަސައްކަތެއް ދަސްނުވެ، އެފަދަ ކުދިން މަގުމަތިވެ، އަޅާލާނެ މީހަކު ނެތިގެން ދިޔުމަކީ، މުސްތަޤްބަލުގައި އިޖުތިމާޢީ ގޮތުން ރާއްޖެއަށް ކުރިމަތިވާނެ ވަރަށްބޮޑު މައްސަލައެއް. އަދި އެކަމަށް އެދެވޭ ޙައްލެއް ގެނައުމަށް މިއަދު އެކަށީގެންވާ މަސައްކަތްތަކެއް އަޅުގަނޑުމެން ނުކޮށްފިނަމަ، އެއީ އެކަމުގެ ހިތި ނަތީޖާއާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނެ ޤައުމީ މައްސަލައެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ޢުމުރުން 18 އަހަރު ފުރެންދެން، ކޮންމެ ކުއްޖަކުވެސް ތަޢުލީމީ ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެވޭނެގޮތް ހަމަޖެއްސެވުން ކަމަށް ވިދާޅުވެ، އިރާދަކުރެއްވިއްޔާ އެކަމުގެ ޢަމަލީ މަސައްކަތްތައް، ކަމާބެހޭ ދާއިރާތައް މެދުވެރިކުރައްވައި، ވަރަށް އަވަހަށް ފަށްޓަވަން ގަސްދުކުރައްވާކަން އިޢުލާން ކުރެއްވިއެވެ.