بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.


ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:


السّــلام عليــكم ورحـمــة اللّـه وبـركاتـه،


އާދެ! ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރަން. މިއަހަރުގެ ޤައުމީ ދުވަހުގެ އިޙްތިފާލުތައް މި ބޭއްވެނީ، ހައްދުންމަތީ ފޮނަދޫގައި. އެހެންކަމުން، ފޮނަދޫގެ ލޮބުވެތި ރައްޔިތުންނަށާއި، މިއަތޮޅުގެ އެންމެހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، މި މުނާސަބަތުގެ ތަހުނިޔާ ދަންނަވަން.


ޤައުމީ ދުވަހުގެ އިޙްތިފާލުތައް ބޭއްވުމަށްޓަކައި ފޮނަދޫ މިވަނީ ވަރަށް ބޮޑަށް ތައްޔާރު ކުރެވިފައި. މިކަމުގައި ފޮނަދޫގެ ލޮބުވެތި ރައްޔިތުންނާއި، ކައުންސިލްގެ ބޭފުޅުން ކޮށްދެއްވި ބުރަ މަސައްކަތް އަޅުގަނޑު އުފަލާއެކު ފާހަގަކޮށް، އެހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިއަހަރުގެ ޤައުމީ ދުވަސް މިއަތޮޅުގައި ފާހަގަކުރެއްވުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށް، މިނިސްޓަރ ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.


އާދެ! ޤައުމީ ދުވަހަކީ، ޤައުމީ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ ޢަޒުމް އާކުރުމުގެ ދުވަސް. ޤައުމީ އަބްޠާލުންގެ ޛިކުރާ އާކުރެވޭ ދުވަސް. ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ޝަހީދުންގެ ހަނދާން އާކުރެވޭ ދުވަސް. ޤައުމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، ޤައުމަށް އަންނަމުންދާ މުހިންމު ބަދަލުތަކާމެދު ފިކުރުކޮށް، ބަހުސް ކުރަންވީ ދުވަސް. އަދި ޤައުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައިވާ ލޯބި އާލާ ކުރަންވީވެސް ދުވަސް. ޤައުމީ ދުވަސް ރަމްޒުކޮށްދެނީ ދިވެހިންގެ މިނިވަންކަމާއި، އަމިއްލަވަންތަކަމާއި، ފޯރުންތެރިކަމާއި، ދިވެހިވަންތަކަން. ދިވެހި ޤައުމު ވަކި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުން.


ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނަނީ އެ ޤައުމެއްގެ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓިގެން. އެ ބުރަ މަސައްކަތްޕުޅު ކުރެއްވި ކިތަންމެ ބޭފުޅުންނެއްގެ ނަންފުޅު ދިވެހި ތާރީޚުގައި ވަނީ ރަންއަކުރުން ފަވާލެވިފައި. ޚާއްޞަކޮށް މިއަދުގެ ބަޠަލު އައްސުލްޠާން އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އާކުރަންޖެހޭ. ހަމައެއާއެކީގައި، އައްސުލްޠާން ޢަލީ (6 ވަނަ) ޢަލިރަސްގެފާނު ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީއާއި، އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ކުރެއްވި މަތިވެރި ޖިހާދާއި، ވެވަޑައިގެންނެވި ޤުރްބާނީއަކީވެސް މިއަދު އެކަމުގެ ހަނދާންތައް އަޅުގަނޑުމެން އާކުރަންޖެހޭ ކަމެއް.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ޤައުމަށްޓަކައި ޤުރްބާންވެވަޑައިގެންނެވި ޤައުމީ އަބްޠާލުންގެ މަތިން، ޚާއްޞަކޮށް، ޝަހީދު ޙުސައިން އާދަމްގެ މަތިން އަޅުގަނޑު ހަނދާންކުރަން. އެދުވަހުވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ދީނަށްޓަކައި، ވަޠަނަށްޓަކައި އެބޭފުޅުންގެ ހިތްޕުޅުގައި އުފެދިފައިވާ ވަރުގަދަ ލޯބި.


މި ފުރްޞަތުގައި، ދިވެހި ޤައުމަށްޓަކައި އަދި ދީނަށްޓަކައި ފުރާނައިން ޤުރްބާންވެވަޑައިގެންނެވި ހުރިހާ އަބްޠާލުންނަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން:


މިއީ އަޅުގަނޑުމެންގެ ޤައުމު. މިއީ، އަޅުގަނޑުމެންގެ ވަޒަން. އަޅުގަނޑުމެންގެ ވެށި. މި ވެށި އަމާން ތަނަކަށް ހެދިގެން ނޫނީ، އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ. މިއަހަރުގެ ޤައުމީ ދުވަހުގެ ޝިޢާރު [އަމާންވެށި – ޤައުމުގެ ކުރިއެރުން] މި ޝިޢާރު އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ތަރައްޤީގެ ކޮންމެ ހަރުފަތެއްވެސް އަޅުގަނޑުމެންނަށް ގިރާ ކުރެވޭނީ އަމާން މާޙައުލެއް އޮވެގެންކަން. ހަމައެއާއެކު، ޤައުމިއްޔަތުގެ މުހިންމު ރުކުންތައް ޙިމާޔަތްކޮށް، އެ ރުކުންތަކަށް އަޅުގަނޑުމެން އިޙްތިރާމް ކޮށްގެންކަން.


އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބައެއް. އަޅުގަނޑުމެންގެ އަމިއްލަ ބަހެއް އެބައޮތް. އަޅުގަނޑުމެންގެ އާދަކާދަތަކަކާއި ސަގާފަތެއް އެބައޮތް. ހަމައެހެންމެ، މި ޤައުމަކީ ވަރަށް ޢިލްމީ ދަރިންތަކެއް އުފެއްދި ޤައުމެއް. އެކި ރޮނގުރޮނގުން ޤައުމަށް ޚިދުމަތް ކުރައްވައި ރިވެތި ނަމޫނާ ދެއްކެވި އެތައް ބޭފުޅުންނެއް އަޅުގަނޑުމެންނާ މިއަދު ވަނީ ވަކިވެވަޑައިގެންފައި. އެބޭފުޅުންނަކީ، ޤައުމީ ޝަޚްޞިއްޔަތުންގެ ގޮތުގައި ފާހަގަކޮށްލަންޖެހޭ ބޭފުޅުން. އެހެންކަމުން، އެ ބޭފުޅުން އެ ދެއްކެވި މަގުން އަޅުގަނޑުމެން ހިނގައި، ޤައުމަށް އިޚްލާޞްތެރިވެ، ޤައުމީ މަޞްލަޙަތަށް އިސްކަންދީގެން މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު، މިއަދުގެ މުނާސަބަތުގައި އިލްތިމާސްކޮށް ދަންނަވަން.


ރާއްޖޭގެ ލޮބުވެތި ރައްޔިތުން:


މިއަދު ޤައުމުގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދޭތެރޭގައިވެސް މިފަދަ ޤައުމީ މުނާސަބަތެއްގައި، އަޅުގަނޑުމެން ވިސްނާލަންޖެހޭ. ޤައުމެއްގެ އަމަންއަމާންކަމާއި ހަމަޖެހުން ބިނާވެފައި އޮންނާނީ، ޤައުމުގެ މަޞްލަޙަތަށް އަޅުގަނޑުމެން އިސްކަންދިން މިންވަރެއްގެ މައްޗަށް. ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑުވެގެންދިޔަ ކަމުގައިވިޔަސް، އެ ވާދަވެރިކަމުގެ ތެރެއިން އަޅުގަނޑުމެންގެ ޤައުމަށް ނުވަތަ ރައްޔިތުންނަށް ފިއްތުންތަކެއް ކުރިމަތިވެގެނެއް ނުވާނެ. ޤައުމުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ހުއްޓުމެއް އަޔަދީގެންނުވާނެ. ހަމައެކަނި އެންމެ މީހެއްގެ ނުވަތަ ބައެއްގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި މުޅި ޤައުމު ހަލާކުގެތެރެއަށް ވައްޓާލައިގެން ނުވާނެ. ރާއްޖޭގެ އިޖުތިމާޢީ ފޭރާން ހަލާކުކޮށްލުމަށް އެއްވެސް މީހަކު މަސައްކަތް ކޮށްގެނެއް ނުވާނެ. ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށާއި، ޤައުމުގެ އަގު، ބޭރު ދުނިޔޭގައި ވައްޓާލުމަށް ހަމަ އެކަކުވެސް މަސައްކަތް ކޮށްގެން ނުވާނެ. ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ނުކުރުމަށް ހަމަ އެކަކުވެސް ގޮވާލައިގެންވެސް ނުވާނެ. މިފަދަ ކަންކަމުން މުޅި ޤައުމަށް، ޤައުމުގެ އިޤްތިޞާދަށް އެ ދެވެނީ ވަރަށްބޮޑު ގެއްލުމެއް. މި ޤައުމުދެކެ ލޯބިވާ އަދި ޤައުމަށް ހެޔޮއެދޭ އިޚްލާޞްތެރި އެއްވެސް ރައްޔިތަކު މި ދެންނެވިފަދަ ކަންކަން ކޮށްގެން ނުވާނެ.
ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދު ޤައުމަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކާ ދޭތެރޭގައިވެސް ޚިޔާލު ކުރަންޖެހޭ. ޚާއްޞަކޮށް، އިޖްތިމާޢީ ދާއިރާގައި ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ފިޔަވަޅުތަކެއް މިއަދު މިވަނީ އަޅަން ޖެހިފައި.


މިގޮތުން ޤައުމުގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާމެދުވެސް އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ. މަދަރުސާތަކުން ނުކުންނަ ކުދިންގެ ޢަދަދުވެސް، އެއް އަހަރުން އަނެއް އަހަރަށް މިދަނީ އިތުރުވަމުން. އަދި ރާއްޖޭގެ ޒުވާނުންގެ އާބާދީވެސް އިތުރުވަމުންދާއިރު، އެއްވެސް ވަޒީފާއެއްނެތި އުޅޭ ޒުވާނުންގެ ޢަދަދުވެސް މިވަނީ އިތުރުވެފައި. ހަމައެހެންމެ، ގްރޭޑް 10 އާ ހަމައަށް ތަޢުލީމީ މަރްޙަލާ ނުނިންމައި، އެއްވެސް މަސައްކަތެއް ދަސްވެފައި ނެތް ކުދިން ތިބިކަން އެއީ، މިއަދު އަޅުގަނޑުމެން ހިތާމަކުރަން ޖެހިފައިވާ ކަމެއް. އެހެންކަމުން، ރާއްޖޭގެ އާބާދީ އިތުރުވަމުންދާއިރު، އާބާދީގެ ބޮޑުބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެންދާ ގޮތަކަށް އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ބައްޓަންކުރަން މިވަނީ ޖެހިފައި. ޢުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް އެއްވެސް މަސައްކަތެއް ދަސްނުވެ، އެފަދަ ކުދިން މަގުމަތިވެ، އަޅާލާނެ މީހަކު ނެތިގެން ދިޔުމަކީ މުސްތަޤްބަލުގައި އިޖުތިމާޢީ ގޮތުން ރާއްޖެއަށް ކުރިމަތިވާނެ ވަރަށްބޮޑު މައްސަލައެއް. އަދި އެކަމަށް އެދެވޭ ޙައްލެއް ގެނައުމަށް މިއަދު އެކަށީގެންވާ މަސައްކަތްތަކެއް އަޅުގަނޑުމެން ނުކޮށްފިނަމަ، އެއީ އެކަމުގެ ހިތި ނަތީޖާއާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނެ ޤައުމީ މައްސަލައެއް.


ހަމައެއާއެކު، ގްރޭޑް 10 ނިންމާ ކުދިންނަށް އޭ ލެވެލަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމާއި، އޭ ލެވެލް ނިންމާ ކުދިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދިޔުމަކީ ސަރުކާރުގެވެސް ވަރަށްބޮޑު ޒިންމާއެއް. އެގޮތުން، ގްރޭޑް 10 ނިންމައި، އޭ ލެވެލް ފެންވަރަށް ތަޢުލީމު ހާސިލު ނުކުރެވޭ ކުދިންނަށްވެސް ކޮންމެވެސް މަސައްކަތެއް ދަސްކުރެވޭނެފަދަ ގޮތަކަށް ރާއްޖޭގެ ތަޢުލީމީ ސިޔާސަތު ބައްޓަން ކުރުމަކީ ވަރަށް މުހިންމު ކަމެއް.
ސަރުކާރު ހިންގުމާ އަޅުގަނޑު ޙަވާލުވި ދުވަހުން ފެށިގެން އެންމެބޮޑު އަހަންމިއްޔަތުކަމެއް އަޅުގަނޑު ދެމުންގެންދާ އެއްކަމަކީ، ރާއްޖޭގައި ތަޢުލީމީ ސިޔާސަތު ހަރުދަނާކުރުން. އެހެންކަމުން، މަތީ ތަޢުލީމު ހާސިލު ކުރަން ބޭނުންވާ ކުދިންނަށްވެސް އަދި ވަކި މަސައްކަތެއް ދަސްކުރަން ބޭނުންވާ ކުދިންނަށްވެސް އެ ފުރުޞަތު ލިބޭނެ މަގު ކޮށައިދިނުމަކީ، ސަރުކާރުގެ މުހިންމު މަސްއޫލިއްޔަތެއް ކަމަށް ދެކިގެން، އެފަދަ ކުދިންނަށް ލޯން ސްކީމެއްގެ ދަށުން ކޮންމެ އަހަރަކު އެއްހާހަށްވުރެ ގިނަ ކުދިންނަށް ކިޔެވުމުގެ ފުރްޞަތު މިވަނީ ސަރުކާރުން ހޯދައިދެވިފައި.


ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ޢުމުރުން 18 އަހަރު ފުރެންދެން ކޮންމެ ކުއްޖަކުވެސް ތަޢުލީމީ ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެވޭނެގޮތް ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އެކަމުގެ ޢަމަލީ މަސައްކަތްތައް، ކަމާބެހޭ ދާއިރާތައް މެދުވެރިކޮށް ވަރަށް އަވަހަށް ފަށަން ގަސްދުކުރާ ވާހަކަ އަޅުގަނޑު ދަންނަވަން. އަދި ރާއްޖޭގައި ތަޢުލީމީ އަދި މަސައްކަތްތެރި ޒުވާނުން އިތުރުކުރުމަށް ސަރުކާރުން މިކުރާ މަސައްކަތްތަކުގައި، ރާއްޖޭގެ ރައްޔިތުންނާއި އަދި ތަޢުލީމީ އެންމެހާ މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާނޭ ވާހަކަވެސް ދަންނަވަން.


ރާއްޖޭގެ ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން:


މިއަދު ޤައުމުގެ ޝަޚްޞިއްޔަތަށް އަންނަ ބަދަލާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނަން މިވަނީ މަޖުބޫރުވެފައި. ރާއްޖެ އަންނަ ބިދޭސީ މަސައްކަތު މީހުންގެ ޢަދަދު މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ރާއްޖޭގައި ވަރކް ވިސާގައި މިއަދު އެއްލައްކަ އެގާރަހާހަށްވުރެ ގިނަ ބިދޭސީން އުޅެމުން އެބަގެންދޭ. ހަމައެހެންމެ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ޢަދަދު ސާޅީސްހާހަށްވުރެ މައްޗަށް ގޮސްފައިވޭ.


ބިދޭސީންގެ ޢަދަދު އިތުރުވުމުން، ޤައުމަށް މިއަންނަ ބަދަލުތަކަކީ ކޮބައިތޯ؟ މިއަދު ވަރަށް ސީރިއަސްކޮށް ވިސްނަން އެބަޖެހޭ. މިއަދު މި ޤައުމުގައި ދިރިއުޅޭ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ބިދޭސީއެއް. ބިދޭސީ މަސައްކަތްތެރިންގެ އާބާދީ އަހަރަކު ވިހި އިންސައްތަ އިތުރުވާކަމަށް ތަފާސް ހިސާބުތަކުން ފެންނަން އެބަހުރި. މި މިންވަރަށް އިތުރުވަމުންދާނަމަ، މީގެ ހައަހަރު ފަހުން ރާއްޖޭގެ އާބާދީއަށްވުރެ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވާނެ. އާދެ، މިއީ، ޤައުމުގެ ޝަޚުޞިއްޔަތު ނެތިގެންދާނެ ކަމެއް. އެހެންކަމުން، މިކަމާ ދޭތެރޭގައި މިއަދު ޤައުމީ ފެންވަރެއްގައި އަޅުގަނޑުމެން ވިސްނައި، ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި. ރާއްޖޭގެ ރައްޔިތުންގެ އާބާދީއަށްވުރެ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޢަދަދު އިތުރުވުމަކީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއްތޯ؟ މިއީ އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫން. ނުވަތަ ގަބޫލުކުރަން ބޭނުންވާނެ ޙަޤީޤަތެއްވެސް ނޫން. ބޭރު މީހުންގެ ނުފޫޒު ގަދަވެއްޖެނަމަ، ދިވެހިވަންތަ ކަމަށާއި، ދިވެހި ޘަޤާފަތަށާއި، ދިވެހި ޤައުމިއްޔަތަށް އެކަމުން ނޭދެވޭ އަސަރުތަކެއް ފޯރުމުގެ ބިރު އޮންނާނީ ވަރަށް ގާތުގައި. ހަމައެއާއެކު، ބިދޭސީން އިތުރުވެގެން ދިޔުމަކީ، މިހާރުވެސް އަޅުގަނޑުމެންނަށް ވަރަށް އުނދަގުލުން ލިބޭ ބޭރު ފައިސާގެ ވަރަށްބޮޑު ޢަދަދެއް ޤައުމުން ބޭރަށް ދިޔުމުގެ ފުރުޞަތު ހުޅުވިގެންދާ މަގެއް. އެހެންކަމުން، މިދަނޑިވަޅަކީ ބޭރުމީހުން ގެންނަ އެކިއެކި ހުނަރުވެރި މަސައްކަތްތަކަށް ދިވެހިން ތަމްރީނުކޮށް، ދިވެހިންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއް. އަޅުގަނޑުމެން ހަނދާންކުރަން ޖެހެނީ، ދިވެހިން ހުނަރުވެރިވާންޖެހޭ މަސައްކަތްތަކަށް މިހާރު ހުނަރުވެރިވަމުން ދަނީ ބިދޭސީންކަން.


ހަމައެއާއެކު، ރިޒޯޓްތަކުގެ ވަކި މަޤާމުތަކެއް ދިވެހިންނަށް ޚާއްޞަކޮށް، އެމަޤާމުތަކުގައި ބިދޭސީން ނުގެންގުޅުމުގެ ވިސްނުމެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ގެންގުޅުއްވުމަކީވެސް މިއަދުގެ ޙާލަތަށް ބަލާއިރު، އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް.


ބިދޭސީންގެ ޢަދަދު އިތުރުވަމުންދާއިރު، ރާއްޖޭގައި ހިއުމަން ޓްރެފިކިންގގެ މައްސަލަވެސް މިވަނީ ވަރަށްބޮޑުވެފައި. ހިއުމަން ޓްރެފިކިންގ މިންކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ގެންގުޅޭ މިންގަނޑަށް ބަލާއިރު، ރާއްޖެ މިހާރު ހިމެނިފައިވަނީ، [ޓިއަރ 2] ގައި. މި މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް، އެކަން ކުރަންޖެހޭ ބާރުމިނުގައި ކުރެވިގެން ނުދާތީ، [ޓިއަރ 3]ގެ ދަރަޖައަށް ރާއްޖެ ވެއްޓުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް. އެހެންވެއްޖެނަމަ، ރާއްޖެއަށް ބޭރުގެ އެހީ ހޯދުމުގައި، ތަފާތު އެތައް ދަތިތަކަކާ ކުރިމަތިވާނެ. އަދި ރާއްޖެއިން ވިއްކާ މަހުގެ އަގަށްވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް. މިކަމަށް ސަރުކާރުން މިއަދު މިގެންދަނީ ވަރަށްބޮޑު ސަމާލުކަމެއް ދެމުން. އަޅުގަނޑު ވަރަށް އުފާކުރަން، ހިއުމަން ޓްރެފިކިންގއާ ދެކޮޅު ކެމްޕޭނެއް މިހާރު ފެށިގެން ހިނގަމުންދާތީ. މިކަމުގައި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބިގެން މެނުވީ، މިކަން ކާމިޔާބު ކުރެވޭނެ ގޮތެއް ނެތް.


މި ފުރުޞަތުގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ، "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލު"ގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ މިފެށޭ ދައުރުގައި އެންމެ އިސްކަމެއްގެ ގޮތުން ކޮށްދެއްވައި، ބިލު ނިންމަވައިދެއްވުމަށް މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަރިހުގައި އަޅުގަނޑު އެދެން.


މީގެއިތުރުން، ރާއްޖެއަށް ވަދެނުކުމެވާ މީހުން ބެލެހެއްޓޭނެ ހަރުދަނާ ބޯޑަރ ކޮންޓްރޯލް ނިޒާމެއް ޤާއިމުވާންޖެހޭ. މި ޤައުމުގެ ޝަޚްޞާއި އިޤްތިޞާދާ ގުޅިފައިވާ ހިއުމަން ޓްރެފިކިންގގެ މައްސަލަ، ސިޔާސީ ކަމަކަށް ނުހައްދަވައި، މިކަން ޙައްލުކޮށްދެއްވުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން މަސައްކަތް ކޮށްދެއްވުމަށް އެދި އަޅުގަނޑު އިލްތިމާސް ކުރަން.


ހަމައެއާއެކު، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ، ވަކި މުއައްސަސާއެއްގެ ނުވަތަ ވަކި ފަރުދެއްގެ މަސައްކަތެއް ކަމަށް ނުބަލައި، އެއީ، ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ދެކިގެން، މަސައްކަތް ކުރުމަކީ މިއަދު ޤައުމު މިއޮތް ޙާލަތުން އަރައިގަތުމަށް އަދާކުރަން ޖެހިފައިވާ ޤައުމީ ވާޖިބެއް.


އަޅުގަނޑުމެންގެ ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ދެނެގަންނަންޖެހޭ މުހިންމު ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ދިވެހި ޤައުމަކީ، އިންތިހާއަށް ނަޞީބުގަދަ ބައެއްކަން. ވަކި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، މިވޭތުވެދިޔަ ދިގު ތާރީޚުގައި އަޅުގަނޑުމެންނަށް ތިބެވުނު ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ. މި ރީތި ދޮންވެލި ރަށްތަކުގައި، މި ޤައުމުގައި ދިރިއުޅުމުގެ އުފާވެރިކަން ލިބިފައިވާ ކަމަށްޓަކައި ޝުކުރުވެރިވެ، އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތު ވަރުގަދަކޮށް، ދިވެހިވަންތަކަމުގެ ސިފަތައް އާލާކުރުމަށް އެންމެންވެސް މަސައްކަތް ކުރަންޖެހޭނެ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޅަދަރިން ތަރުބިއްޔަތު ކުރުމުގަޔާއި، ޢާއިލީ އަދި ޖަމާޢަތުގެ ގުޅުންތައް ބަދަހިކުރުމުގައި، ދިވެހި ރީތި އާދަކާދަތައް ހިފަހައްޓަން ބާރުއެޅުއްވުމަށްވެސް އަޅުގަނޑު އެދެން.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ޤައުމީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަދިވެސް އެއްފަހަރު ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަމުން. އަދި މާދަމާ މިފެށޭ ދިރާސީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި، ދަރިވަރުންގެ މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ސްކޫލްތަކުގެ ވެރިންނަށާއި، މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ރައްދުކުރަމުން. މި ފެށޭ ދިރާސީ އަހަރު، ތަޢުލީމީ މައިދާނުގައި، ރާއްޖޭގެ ދަރިވަރުންނަށް އިތުރު ކާމިޔާބީ މިންވަރު ކުރެއްވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން.


މާތްﷲ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރި ކުރައްވައި ޙިމާޔަތް ކުރައްވާށި! އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާށި! ޤައުމީ ރޫޙު އާލާކޮށް، އެންމެން އެކަތިގަނޑަކަށްވެގެން، ޤައުމުގެ އަމަންއަމާންކަމާއި މަޞްލަޙަތު ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި! ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް ދައްކަވާށި! އާމީން.


والســّلام عليــكم ورحـمــة اللّـه وبـركاتـه.