ޤައުމީ ދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި، މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި، ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ހެނދުނު 9.30 ގައި ހައްދުންމަތީ އަތޮޅު ތަޢުލީމީ މަރްކަޒުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ވާހަކަފުޅު ދައްކަވާނެއެވެ.

ހައްދުންމަތީ ފޮނަދޫގައި ކުރިއަށް ގެންދަވާ ޤައުމީ ދުވަހުގެ ޕްރޮގްރާމްގައިވާ ގޮތުން، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހެނދުނު 6 ޖަހާއިރު ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގައެވެ. އަދި މާދަމާ މެންދުރުފަހު ހައްދުންމަތީ ގަމު ޤަޠަރު އަމީރު ސްކޫލްގައި ޤައުމީ ފޯރަމެއް ބާއްވަވާނެއެވެ. ޤައުމީ ހަވީރު ބޭއްވެވުމަށް ހަމަޖައްސަވާފައިވަނީ، ފޮނަދޫ ކުރިމަގު ބޯޅަދަނޑުގައި މާދަމާ ހަވީރު 4 ޖަހާއިރުއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، މާދަމާގެ މެންދުރު ނަމާދަށްފަހު، ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރެއްވުންވެސް އޮންނާނެއެވެ.