2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 38 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޞުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.


މި ޤާނޫނަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނެވެ. މިޤާނޫނުގެ ބޭނުމަކީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން، ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވީހިނދު، އެ މިނިވަންކަމުގެ ޙައްޤުގެ ހަމަތައް ބަޔާންކުރުމާއި، އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ ޤަރާރުގެ 20 ވަނަ މާއްދާގެ (1) ވަނަ ނަންބަރުން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤުގެ ހަމަތައް ދިވެހިރާއްޖޭގައި އިންތިޒާމު ވެގެންވާގޮތް ބަޔާންކުރުމެވެ. އަދި މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާގެ 21 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤުގެ ހަމަތައް، ދިވެހިރާއްޖޭގައި އިންތިޒާމުވެގެންވާ ގޮތް ބަޔާންކުރުމާއި، ވަކި މަޞްލަޙަތުތަކެއް ރައްކާތެރި ކުރުމަށްޓަކައި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު، ޤާނޫނަކުން ހަނިކުރެވިދާނެ ކަމަށް މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާހިނދު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)އަށް ޙަވާލާދީ، އެ ޙައްޤު ހަނިކުރެވިދާނެ ޙާލަތްތައް، މި ޤާނޫނުގައި ކަނޑައެޅުމެވެ.