2012 ޑިސެމްބަރު 27ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 40 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި [ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު] ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، މިބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވެއެވެ. އަދި އެޓަރނީޖެނެރަލް ފާހަގަކުރައްވާފައި މި މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، މިބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލަކީ "ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިމްތިޔާޒުތަކާއި ބާރުތަކުގެ ތެރެއިން ބައެއް އިމްތިޔާޒުތަކާއި ބާރުތައް ބަޔާންކުރުމުގެ ޤާނޫނު" ކަމުގައި އެ ބިލުގެ ތަޢާރުފުގައި ބަޔާންކޮށްފައިވާއިރު، ބިލުގައި ހިމެނޭ ބައެއް ކަންކަމަކީ ޤާނޫނުއަސާސީގައި ކަނޑައަޅައިދީފައިވާ ދާއިރާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ މެންބަރުންނަށް ނުވަތަ އެ މަޖިލީހުގެ މުވައްޒަފުންނަށް ލިބިދޭ އިމްތިޔާޒުތަކެއްގެ ގޮތުގައި ބެލެވިދާނެ ކަންކަމަށްވުރެ، އެ މަޖިލީހުގެ މެންބަރުންގެ ޢިނާޔަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ބިލުގެ 4 ވަނަ މާއްދާގެ (ށ) ގައި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ޢަމަލުތައް ބަޔާންކޮށްފައިވާއިރު، އަދި އެ ޢަމަލުތަކަކީ ކުށް ކަމުގައި ކަނޑައަޅާފައިވާއިރު، އެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ، ކުށުގެ ޢަމަލު އެންމެ ސާފުކޮށް ކަނޑައަޅާފައިވާ ޢަމަލުތަކެއް ކަމަށް ފެނިވަޑައިނުގަންނަވާތީއާއި، އެ ކުށްކުށުގެ އަދަބުގެ ގޮތުގައި ޖަލަށްލުންވެސް ހިމެނޭއިރު، ކުށުގެ ޢަމަލު ސާފުނުވެއޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ޙިމާޔަތާއި ރައްކާތެރިކަން ހަމަޖައްސައިދޭންވާނެ ކަމަށް ބިލުގެ 6 ވަނަ މާއްދާގައި ބަޔާންކުރާއިރު، އެފަދައިން ދައުލަތުގެ ސަލާމަތީ ބާރުތަކުން ޙިމާޔަތާއި ރައްކާތެރިކަން މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސައިދިނުން މި ބިލުން ލާޒިމުކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ށ) ގެ ދާއިރާއަށްވުރެ ފުޅާކޮށް ކަނޑައަޅާފައިވާ އުސޫލެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ބިލުގެ 12 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިއްޖެނަމަ އެ މެންބަރަކު ބަލައި ފާސްކުރަންވާނީ އިޙްތިރާމާއެކު ކަމާއި، ޢާންމު ތަނެއްގައި އެކަން ކުރާނަމަ ކުރަންވާނީ ޝައްކެއްނެތި ޔަޤީންކުރެވޭ މިންވަރަށް އެ ތުހުމަތުކުރެވޭނަމަ ކަމުގައި ބަޔާންކޮށްފައިވާއިރު، މިއީ މަޖިލީހުގެ މެންބަރުންގެ ސިޔާސީ އެކްސްޕޯޝަރ ނާޖާއިޒުގޮތެއްގައި ބޭނުންކުރުން ހުއްޓުވުމަށް ލިޔެފައިވާ މާއްދާއަކަށްވީ ނަމަވެސް،
މިއީ ބައެއް ޙާލަތްތަކުގައި ކަނޑައެޅިފައިވާ ޖިނާއީ އިޖުރާއަތުތަކުގެ ތެރެއިން ކުރެވޭ ޤާނޫނީ ފާސްކުރުންތަކަށް ހުރަސްއެޅޭނެ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

12 މަސް ދުވަހަށްވުރެ ކުރު ޖިނާއީ ޙުކުމެއް ކަނޑައެޅި ޙުކުމް ތަންފީޛުކުރަމުންދާ މެންބަރުންވެސް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭންވާނެ ކަމަށް ބިލުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، 12 މަސްދުވަހަށްވުރެ ކުރުނަމަވެސް ޖިނާއީ ކުށެއް ސާބިތުވާކަމަށް މަޖިލީހުގެ މެންބަރެއްގެ މައްޗަށް ކޯޓަކުންޙުކުމެއް އައުމަށްފަހު އެ ޙުކުމަށް ބަދަލެއްނައިސް ދެމިއޮތްހާ ހިނދަކު އެ މެންބަރަކު ޤާނޫނުގެ ކުރިމަތީގައި ވާނީ ކުށްވެރިއަކަށް ކަމަށާއި، މިޙާލަތުގައި އެމީހަކު ވާނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށް ޖިނާއީ ކުށެއް އެމީހެއްގެ މައްޗަށް ކުރެވިފައިވާ މީހަކަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.