2012 ޑިސެމްބަރު 27ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 40 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި [ސިޔާސީ ޕާޓީގެ ބިލު] ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، މިބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވެއެވެ. އަދި އެޓަރނީޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، މިބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިގޮތުން، ބިލުގެ 11 ވަނަ މާއްދާގެ (ހ) ގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ، މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާކަމާއި، އެފަދަ ޙައްޤެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ، ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިހާތަނަށް ރާއްޖޭގައި ކަންކުރެވިފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ، ސިޔާސީ ޕާޓީގެ ގަވާއިދުގެ 7 ވަނަ މާއްދާގައި ޕާޓީއެއް އުފެއްދޭނީ 3,000 (ތިންހާސް) މީހުން ހަމަވެގެން ކަމުގައި ބަޔާންކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އެހެން ނަމަވެސް، މިޢަދަދު ކަނޑައަޅާފައިވަނީ ކޮން ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމެއް، އެ ގަވާއިދުން ސާފެއްނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެއިތުރުން، މި ބިލުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަދުވެގެން ތިބެންޖެހޭނެ މެންބަރުންގެ ޢަދަދު 10,000 (ދިހަހާސް) އަށް އިތުރުކޮށްފައިވަނީ، ކޮން ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމެއްވެސް ބިލުން ސާފުނުވާކަމަށް ވިދާޅުވެފައިވެއެވެ.

ބިލުގެ 35 ވަނަ މާއްދާގެ (ށ) ގައި، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް، އެ ޢަދަދު ހަމަކުރަން މި ޤާނޫނުގެ ދަށުން ދެވޭ 3 މަސްދުވަހުގެ މުއްދަތުގައި، އެ ޢަދަދު ހަމަކުރާ ޕާޓީތަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލުން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބެންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ސިޔާސީ ޕާޓީގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް، އެ ޢަދަދު ހަމަކުރުމަށް 3 މަސްދުވަހުގެ މުއްދަތެއް ދެވޭނެކަމަށް ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް ބިލުގައި ހިމެނިފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ.

ބިލުގެ 8 ވަނަ މާއްދާގެ (ށ) ގައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތައް، މި ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ޕާޓީތަކެއް ކަމުގައި ބެލެވޭނެ ކަމަށް ބުނެފައިވާ ބުނުމަށް ބަލާއިރު، ސިޔާސީ ޕާޓީގެ ގަވާއިދުގެ ދަށުން މިހާރު ރަޖިސްޓަރީ ކުރެވި ހިނގަމުން އަންނަ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް ވާނެ ގޮތެއް، އަދި އެ ޕާޓީތަކާ ބެހޭގޮތުން ކަންކުރާނޭ ގޮތެއްގެ އިޖުރާޢީ ނުވަތަ އިންތިޤާލީ އުޞޫލުތަކެއް، ބިލުގައި ބަޔާންކޮށްފައި ނެތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން އުފެދި ހިނގަމުން އަންނަ ސިޔާސީ ޕާޓިތައް އުވާލުމާ ބެހޭގޮތުން، ޢަމަލުކުރަމުންދާ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ވުޖޫދުގައިވާ ސިޔާސީ ޕާޓީއެއް އުވާލުމުގެ ފުރުޞަތު، ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ފަހިކޮށްދެވިފައިވަނީ، ވަރަށް ޚާއްޞަ ޙާލަތެއްގައި ކަމާއި، މި ޙާލަތްތަކުގެ ތެރޭގައި ހިމެނެނީ، ދައުލަތުގެ ދުސްތޫރީ ދެމިއޮތުމާއި، މިނިވަންކަމާއި ގުޅިފައިވާ މައްސަލަތަކާއި، ޤައުމުގެ ދުސްތޫރީ އޮނިގަނޑަށް ނުރައްކާތެރިވުމާއި، ނަސްލީ، އިޖްތިމާޢީ، ނުވަތަ ދީނީ ބައިބައިވުން އުފެއްދުންފަދަ ސީރިއަސް މައްސަލަތަކުގައިކަން ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، މި ބިލު ތަޞްދީޤު ކުރެވިއްޖެނަމަ، ތަސްދީޤު ކުރެވޭ ހިސާބުން ފެށިގެން އުވިގެންދާ ޕާޓީތައް އުވިގެންދަނީ، އެ ޕާޓީތަކުގެ އެއްވެސް އިހުމާލެއް ނުވަތަ ‘wrong doing’ އެއް ނެތި، އަދި ޤާނޫނީ އޮނިގަނޑަށް ފެއްތުމަށް، އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުޞަތެއް، އެ ޕާޓީތަކަށް ދިނުމެއް ނެތިކަންވެސް ފާހަގަކުރައްވާފައިވެއެވެ.

ބިލުގެ 36 ވަނަ މާއްދާގެ (ހ) ގައި، 20,000 (ވިހިހާސް) މެންބަރުން ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި، އެ ޕާޓީގެ ޙަރަކާތްތައް ހިންގުމަށް މާލޭން 1,000 (އެއްހާސް) އަކަފޫޓުގެ ބިމެއް، މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިދޭންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ރާއްޖޭގައި ބިން އެކަށައެޅޭ ބޭނުންތައް، ޤާނޫނު ނަންބަރު 2002/1 (ބިމާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން، އެމާއްދާގައި ބިން އެކަށައެޅޭނެ ކެޓަގަރީތަކުގެ ތެރޭގައި، ސިޔާސީ ބޭނުމަށް ބިން އެކަށައެޅޭނޭ ގޮތެއް ބަޔާންކޮށްފައިނުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.