بســم اللّـه الرّحمـن الرّحيــم

ވަރަށް ހީވާގި ޒުވާން މަސައްކަތްތެރި ދަރިންތަކެއް ވިޔަފާރިއާ އެކުގައި އަޅުގަނޑުމެންގެ ތެރޭގައި ކުރިއަށްދާ، މި ޖަލްސާގައި އެބަ ތިއްބެވި. އާދެ! އެބޭފުޅުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން. އާދެ! އިކޮނޮމިކް މިނިސްޓަރ، ދައުލަތުގެ މިނިސްޓަރުން އަދި އެކިއެކި މިނިސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި އަދި ވަޑައިގެން ތިއްބެވި ރިސޯސް ބޭފުޅުންނަށް މިއަދުގެ ފިނި ހެނދުނުގެ އުފާވެރިކަން އަޅުގަނޑު ރައްދުކުރަން.

السّــلام عليــكم

އާދެ! މިއަދު މޫސުމަށް އައި ބަދަލެއްގެ ސަބަބުން ޕްރޮގްރާމަށް ކުޑަވެސްކަހަލަ ބަދަލެއް އައިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އާދެ! އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޤައުމަށް އަންނަ ސިޔާސީ ބަދަލުތަކުގެ ސަބަބުން، މިއަދުގެ މި ޕްރޮގްރާމަށް ކުޑަ ބަދަލެއް އައި ކަމުގައިވިޔަސް، ވިޔަފާރިވެރިން ކުރާ ވިޔަފާރީގެ ސިޔާސަތާއި، އިޤްތިޞާދީ ނައުގެ ކުރިއެރުމަށް އަންނަ ސަރުކާރެއްގެ ސަބަބުން އެއްވެސް ކަހަލަ ހީނަރުކަމެއް ލިބިގެން ނުވާނެ ކަމުގެ ވާހަކަ ދެންމެގައި މިނިސްޓަރު ވިދާޅުވި. އާދެ! މިއީ އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެއް. ވީމާ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއަދަކީ މިއީ، ވަރަށް މުހިންމު ހަމަ އެހާމެ އުފާވެރި ދުވަހެއް. ސަބަބަކީ، ދެންމެގައި މިނިސްޓަރުގެ ވާހަކަފުޅުންވެސް އަޅުގަނޑުމެންނަށް އިވިގެންދިޔަ، ދިވެހިރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް އައިސްފައި އޮތީ އަބަދުވެސް ރޭވުމެއްގެ ތެރެއިންކަން. އަދި ޚާއްޞަކޮށް، ޓުއަރިޒަމް އިންޑަސްޓްރީގެ މާސްޓަރ ޕްލޭންތަކެއްގެ ވާހަކަ، ތިޔަބޭފުޅުންވެސް އައްސަވާނެ. އާދެ! އަޅުގަނޑުގެ ވާހަކައިގައި، އެ މާސްޓަރ ޕްލޭންތައް އައިގޮތާމެދު ނުވަތަ އައި ސަބަބާމެދު އައިސްފައިވަނީ ކިހިނެއްކަންވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. އަދި އަޅުގަނޑުގެ ވާހަކަކޮޅު ފެށުމުގެ ކުރީގައި، އަޅުގަނޑު މި ޖަލްސާގައި ބައިވެރިވާތީ، ޝުކުރު އަދާކުރެއްވި، އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ކަނބަލުންނާއި، އަދި މިނިސްޓަރަށް އަޅުގަނޑު ޝުކުރު އަދާކުރަން. އެހެން ނަމަވެސް، ދަންނަވާލަން، އަޅުގަނޑު އެހާ އަވަދިނެތި ނޫޅޭ ވާހަކަވެސް.

އާދެ! ކޮންމެއަކަސް، ޙަޤީޤަތުގައި އިޤްތިޞާދީ މިނިވަންކަމަކީ، އެއީ ޤައުމެއްގެ ރައްޔިތުންގެ މިނިވަންކަން. ޙަޤީޤީ ޑިމޮކްރަސީ މިނިވަންކަން ގުޅިފައި އޮންނަނީ އިޤްތިޞާދީ މިނިވަންކަމާ. ޤައުމެއްގެ ރައްޔިތަކަށް އިޤްތިޞާދީ މިނިވަންކަން ނުލިބޭހާ ހިނދަކު، އެ ޤައުމެއްގެ ރައްޔިތަކަށް ތަކުރާރުކޮށް ޖެހޭނީ، ސަރުކާރުގެ ފަރާތުން އެކިއެކި ކަންތައްތައް ކޮށްދެއްވުމަށް އެދެން. އަދި އޭގެއިތުރުން، ފޯރާ ފަރާތްތަކަށްވެސް އެކިއެކި ބޭނުންތަކުގައި ދިޔުމަކީ އެއީ، ނުވެ ނުދާނެ ކަމެއް. ހިތާމައަކީ މިހާތަނަށް އެނގިގެން ނަމަވެސް އަދި ނުއެނގި ނަމަވެސް، މި ޤައުމުގެ އެކިއެކި ރޭވުންތަކާއި ސިޔާސަތުތައް، މިފަދަ ގޮތަކަށް މަސައްކަތް ކުރުމަށް، ކުރަންޖެހޭފަދަ ގޮތަކަށް ބައްޓަން ކުރެވިފައިވާކަން. ވީމާ، މިއަދު އަޅުގަނޑުމެންގެ މަޤްޞަދަކަށްވާންޖެހޭނީ، ދެން ކުރިއަށް އޮތް ތާނގައި މިފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރެވިގެން ނުވާނެކަން. މިގޮތަށް ސިޔާސަތުތައް ބައްޓަން ކުރެވޭނީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، ތަފާތު ޕާޓީތަކުން ވަޑައިގެން ތިއްބެވި ކަމުގައިވިޔަސް، ތަފާތު ކުލަތައް މިއަދު އަޅުގަނޑުމެންނަށް ރީތިވި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ އިޤްތިޞާދީ ނައު ދާންޖެހޭނީ، އިޤްތިޞާދީ މިޞްރާބު އޮންނަންޖެހޭނީ، މުޅި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާ ގޮތެއްގެ މަތިންކަން. މިކަން އެންމެ ބޮޑަށް ޤަބޫލު ކުރައްވަންޖެހޭނީ، އެއިރެއްގައި އޮންނަ ސަރުކާރެއް. އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތު ބައްޓަން ކުރެވެންޖެހޭނީ، މިކަންކަމުގެ ތެރެއަށް ނުވަދެ، ސިޔާސީނުވެ، ކޮންމެ ރައްޔިތަކީވެސް އެއީ، ދިވެހި ދަރިއެއްކަން ޤަބޫލުކޮށް، އޭނާކުރާ މަސައްކަތެއްގެ އަގު ވަޒަންކުރަންޖެހޭނެ. އެއީ، ކޮންމެފަދަ ޕާޓީއެއްގައި ހުރި ކަމުގައިވިޔަސް އަދި މަގުމައްޗަށް ނިކުމެ، ކިތަންމެ މުޒާހަރާއެއް ކުރިޔަސް އަޅުގަނޑުމެންގެ ސިޔާސަތާއި، ވިސްނުމާއި، އަޅުގަނޑުމެން ދެކޭގޮތް، އެފަރާތްތަކާ ދޭތެރޭގައި އެއްވެސް ތަފާތެއް ގެންގުޅެގެން ނުވާނެ. އޭރުން ނޫނީ އިޤްތިޞާދީ ތަރައްޤީގައި އަޅުގަނޑުމެންނަށް ކުރިއަކަށް ނުދެވޭނެ.

އަޅުގަނޑުމެން މިކަންކަން ޤަބޫލުކޮށް، މި އުޞޫލުތަކަކީ، މި ސިޔާސަތަކީ، މިއީ ޤުދްރަތީ ގޮތުން ރޭވިފައި ހުރި ކަންތައްތައްކަން. ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކުގައިވެސް މި އުޞޫލުތައް މިއޮންނަނީ މިގޮތަށް ޤާއިމު ވެފައިކަން، މި ކުޑަ ޤައުމުވެސް މިއަދު ޤަބޫލުކުރަން މިއޮތީ މަޖުބޫރުވެފައި. އަދި ޤަބޫލުކުރަންވެސް ޖެހޭނެ. ސަބަބަކީ، މިއަދު އަޅުގަނޑުމެންގެ ޤާނޫނުއަސާސީއަކީ އިއްޔެގެ ޤާނޫނުއަސާސީއެއް ނޫން. މިއަދު އަޅުގަނޑުމެން ކަންތައް ކުރަމުންދާންޖެހޭނީ، ސެންޓްރަލް ގަވަރންމަންޓަކުން ހުރިހާ ކަމެއް ކޮންޓްރޯލްކުރާ އުޞޫލަކަށް ނޫން. މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ، ލާމަރްކަޒީ އުޞޫލުން، ލޯކަލް ގަވަރނަންސްގެ ނިޒާމުން، ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދޫކުރަމުން. އެ ބާރުތަކުގެ ބޭނުން ރައްޔިތުން ރަނގަޅަށް ކުރޭތޯ، އަދި ކުރާގޮތަކަށް ކަންތައްތައް ބައްޓަން ކުރެވިގެން. އެކަންތައްތައް ބައްލަވާނީ، ސަރުކާރުގެ އެގްޒެކެޓިވް ޕަވަރޒްއަކުން ނޫން. އެކަންތައްތައް ބެއްލެވުމަށްޓަކައި ތަފާތު މިނިވަން މުއައްސަސާތަކެއް ވަނީ މިއަދު ބިނާކުރެވިފައި. ވީމާ، ކުންފުންޏެއް، އަމިއްލަ ފަރުދެއް އަދި އެހެން ފަރާތަކުން ކަމަކާމެދު ވިސްނާ ގޮތަކަށް ފާޑުކިޔާކަށް ރައީސަކަށް އަދި ނައިބު ރައީސަކަށްވެސް އަދި މިނިސްޓަރުންނަކަށްވެސް ނުޖެހޭ. އުޞޫލުތަކަކަށް، ޤަވާޢިދުތަކަކަށް އުޅުނީމަ، ތަރައްޤީވެ ކުރިއަރަމުން އަންނާނީ، އަޅުގަނޑުމެންގެ ޤައުމުކަން ހުރިހާ ފަރާތްތަކުންވެސް ދެކެން އެބަޖެހޭ.

އާދެ! ސަރުކާރުގެ ޒިންމާއަކަށް މިވަނީ، މަގުތައް ކޮށުން. ދެންމެގައި މިނިސްޓަރު ވިދާޅުވިގޮތަށް، ހިނގޭނެ މަގުތަކެއް ރައްޔިތުންނަށް ދެއްކުން. ޤާނޫނުގެ އޮނިގަނޑުގެ ތެރެއިން. އެ ވެށީގެ ތެރެއިން، މިކަންތައްތައް އަޅުގަނޑުމެން ބައްޓަން ކުރަންޖެހޭނީ. އެއީ، އެގްޒެކެޓިވް ޕަވަރޒްގެ ޒިންމާއަކީ. އެގްޒެކެޓިވް ޕަވަރޒްގެ ޒިންމާއަކީ، ރައްޔިތުންނަށް މިކަންތައް ހުޅުވާލަދިނުން، ފޯރުވައިދިނުން، މިކަންތައް ކުރުން. އޭގެއިތުރަށް، ފާޑުކިޔުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން. އިޤްތިޞާދީ އެއްވެސް ކަމެއް ސިޔާސީވެގެން ނުވާނެ. އިޤްތިޞާދީ ކަންތައްތައް ސިޔާސީވުމަކީ، އެޤައުމެއްގެ ނާކާމިޔާބު، އެ ސަރުކާރެއްގެ ފެއިލިއަރ. އެކަން އަޅުގަނޑުމެން މިއަދު ހަނދާންކުރަންޖެހޭނެ.

އާދެ! އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ އެބަ، މިހިސާބަށް މި ޤައުމުގެ ޙާލަތު އައިސްފައި މިއޮތީ، މީގެ ކުރީގައި މަސައްކަތް ކުރެއްވި އަގުހުރި ދަރިންތަކެއްގެ ސަބަބުންކަން. އާދެ! މީގެ އެތައް އަހަރެއް ކުރިން، އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު. އާދެ! އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ ވަރަށް ހީވާގި، ކަން ކުރަން ކެރޭ، ވަރުގަދަ ޒަޢީމެއް. އާދެ! އެމަނިކުފާނު [މޯލްޑިވްސް ސްޓާރ] ކިޔާ ބޯޓެއް ސަރުކާރަށް ބައްލަވައިގެންނެވި. ހަމަ ޖެހިގެން އައި އަނެއް އަހަރު [މޯލްޑިވްސް ކްރެސެންޓް] ކިޔާ ބޯޓެއްވެސް ބައްލަވައިގެންނެވި. ކީއްވެގެންތޯ؟ އެދުވަހު އަޅުގަނޑުމެން ބަރޯސާވެ އޮތީ، އަޅުގަނޑުމެންގެ ކާބޯތަކެތި، އަޅުގަނޑުމެންގެ ކާޑުކޮޅު ގެނެސްދިނުމަށް، ބޭރުގެ ބޯޓުފަހަރަށް އާދޭސްކުރާ ޙާލުގައި. އަދި މި ވިސްނުންފުޅުގެ ނަތީޖާއަކަށްވީ، 1979 ވަނަ އަހަރު ދިވެހިންގެ މުދާ އެތެރެކުރާ 46 ބޯޓު އޮތް. އަދި މިބޯޓުފަހަރު ހިންގުމަށް ވަރަށް ހަރުދަނާ ކުންފުންޏެއްވަނީ ޤާއިމު ކުރައްވާފައި. އެވެސް ހަމަ ސަރުކާރުގެ ކުންފުންޏެއް. އެބޭފުޅާގެ އަމިއްލަ ކުންފުންޏެއް ނޫން. އާދެ! ނާޞިރު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު، ކޮންމެ ދިވެހި ރައްޔިތަކަށް ޓަނެއްޖެހޭހާ ވަރަށް ދިވެހި ބޯޓުފަހަރުވަނީ ޓަނޭޖްގެ ގޮތުން އިތުރުވެފައި. އާދެ! މިއީ ވަރަށް ކެރިގެން ފިޔަވަޅުތަކެއް އެޅުމުގެ ނަތީޖާ.

އާދެ! މީގެއިތުރުން، އަޅުގަނޑު ދަންނަވާލާނަން، 1961 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްކޫލްގައި އިނގިރޭސިބަހުން މީޑިއަމެއް އުފެދި، އިނގިރޭސިބަހުން ކިޔަވައިދޭން ފެށުނު. މީގެ ނަތީޖާ ތިޔަ ހުރިހާ ބޭފުޅުންވެސް މިތާނގައި ވަރަށް ރީތި ޓައީ އަޅުއްވައިގެން ތިޔަ ތިއްބެވިކަން އެއީ. އަދި މީގެ ނަތީޖާއަކަށްވީ، މަތީ މަޤާމުތަކެއް ބައިނަލްއަޤްވާމީ މަރްޙަލާގައި، ދިވެހި ޒުވާން ދަރިންތަކެއް ހޯދުން. މިއަދު އަޅުގަނޑުމެންނަށް އެންމެ ގިނައިން ފެންނަނީ، ޕީ.އެޗް.ޑީ ކިޔާތަން. އާދެ! އަޅުގަނޑުމެންގެ ސްޓޭޖަށް ބައްލަވާލެއްވިޔަސް، އެކަން ފެންނަން އެބައޮތް. މިކަން މިހެން މިވީ، އޭރުގައި ހުންނެވި ރައީސެއްގެ ވިސްނުންތެރިކަމުން އަދި އެޅުއްވި ފިޔަވަޅުގެ ސަބަބުން.

އާދެ! އަޅުގަނޑުމެންގެ ހަނދާނަށް ގެންނަން އެބަޖެހޭ 1963 ވަނަ އަހަރު. އެވެސް ހަމަ ނާޞިރުގެ ވެރިކަމުގައި، ދިވެހިރާއްޖޭގައި ވަނީ ފްރީ ޕޯޓެއް، އާދެ! ޑިއުޓީ ނުނަގާ ޕޯޓެއް ތައްޔާރުކުރައްވާފައި. އެއްވެސް ޑިއުޓީއެއް ނުނަގާ ރާއްޖެއަށް އެއްޗެހި އެތެރެކުރެވޭގޮތަށް. އަދި 1 ޖަނަވަރީ 1980 ވަނަ އަހަރާ ހަމައަށް މިކަންވަނީ ކުރިއަށް ގެންދަވާފައި. ހީނުކުރާކަހަލަ، ވިސްނާލަންދަތި، މިކަހަލަ ފިޔަވަޅުތައް ވަނީ އަޅުއްވާފައި.

އާދެ! އިޤްތިޞާދީ ބިންގާ ފުޅާކުރެވޭނީ، ކެރޭ ބަޔަކަށް، ކެރޭ ރައީސަކަށް، ވެރިކަމުގައި ތިބޭ މީހުން، ރައްޔިތުންގެ އަޑުއަހައިގެން، އިޤްތިޞާދީ މާހިރުންގެ އަޑުއަހައިގެން. އެ ބޭނުމަށްޓަކައި މިއަދު މިބައްދަލުވުން މިއޮތީ އިންތިޒާމް ކުރައްވާފައި. އާދެ! އަޅުގަނޑަށް އެނގޭގޮތުގައި، ރައީސް އޮފީހުގެ ތެރޭގައި ނުވަތަ ކެބިނެޓްގެ ތެރޭގައި އޮވޭ އިޤްތިޞާދީ ކޮމިޓީއެއް. އަޅުގަނޑު އުންމީދު ކުރަން، އެ އިޤްތިޞާދީ ކޮމިޓީއަށްވެސް ޕްރައިވެޓް ސެކްޓަރުގެ ބޭފުޅަކު، ދެބޭފުޅަކު، ތިންބޭފުޅަކު ގެންނަވާނެ ކަމަށް. އާދެ! އެއީ ސަރުކާރު އެކަނި ކަންތައް ކޮށްގެން ނުވާނެ. ޕްރައިވެޓް ސެކްޓަރާ ގުޅިގެން ކަންތައް ކުރަންޖެހޭނީ. އެބޭފުޅުންގެ ޚިޔާލާއި، ޝުޢޫރުތަކާއި ވާހަކަ ހޯދައިގެން. މިހެން މި އަޅުގަނޑު ދެންނެވީ، އަޅުގަނޑަކީ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑެއްގައި އަމިއްލަގޮތުން މަސައްކަތްކުރި މީހަކަށްވާތީ، ސަރުކާރުގެ އެއްވެސް މަޤާމެއްނެތި. އެހެންވީމާ، ކުރީގައިވެސް ނުހިނގާހުރި ކަންތައްތަކެއްގެ ވާހަކައެއް ނޫން މިދައްކަނީ.

އާދެ! 1972 ވަނަ އަހަރު ޓުއަރިޒަމް ފެށިގެން އައިއިރުގައި، އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ، އޭރުގެ ވަރަށްގިނަ ބޭރުގެ ތަޖުރިބާކާރުން، އޭރުގެ ރައީސް އަރިހުގައި، އާދެ! ރައީސް ނާޞިރު އަރިހުގައި ދެންނެވި، ތިޔައީ ކާމިޔާބުހުރި ކަމެއް ނޫނޭ. ކާމިޔާބުވާނެ ކަމެއް ނޫނޭ. ތިކަން ނުފަށްޓަވާށޭ. މިއީ އެއްވެސް އުފެއްދުންތެރި ކަމެއް އޮތް ޤައުމެއް ނޫނޭ. އާދެ! އެދުވަހު އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ރާއްޖޭގައި އޮތީ ކިތައް ރިޒޯޓުތޯ. ރާއްޖެ އަންނަނީ ކިތައް މަތިންދާބޯޓުތޯ. ކަރަންޓް ހުރީ ކިތައް ރަށުގައިތޯ. އިންޖީނުލީ ކިތައް އުޅަނދު އޮތްތޯ. މިނަރަލް ވޯޓަރ ފުޅި، މިއަދު އަޅުގަނޑުމެންނަށް ވަރަށް މަޝްހޫރު އެއްޗެއް. އޭގެ ކިތައްފުޅި މޭޒުމަތީގައި ހުރިތޯ. ލޯނު ދޫކުރާ ކިތައް ބޭންކް ހުރިތޯ. މިއީ، ތިޔަފަދަ ޒުވާނުން މިއަދު ވިސްނަވާލައްވައި ސުވާލުކޮށްލައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް. މީގެ ތާރީޚަށް ބައްލަވާލައްވަންޖެހޭނެ. މިއީ، ކެރޭ ވެރިންތަކެއް އަޅުގަނޑުމެންނަށް މާތްﷲ މެދުވެރިކުރެއްވީތީ، ލިބިފައިވާ ކާމިޔާބުކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އެފަރާތްތަކަށް ޙައްޤު ޝުކުރު އަޅުގަނޑުމެން އަދާކުރަންޖެހޭނެ.

އާދެ! އަޅުގަނޑުމެން ހަނދާނަށް ގެންނަން އެންމެ ރަނގަޅު ދުވަސްވަރެއް އަޅުގަނޑު ދަންނަވާލަން ބޭނުން. ރިޔާ ނަގައިގެން ގެންގުޅުނު ދޯނިފަހަރުގައި، ރައީސް އިބްރާހީމް ނާޞިރުގެ އިރުޝާދުގެ މަތިން، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، އިންޖީނު އެޅިގެން ދިޔަތަން. އަދި މިގޮތަށް މިކަން ކުރެވެމުންދިޔައިރުގައި، މިކަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ވާހަކަ އަޅުގަނޑު މިއަދު ދަންނަވާލުމަކީ، ޚުދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެއީ އަޙްމަދު އާދަމް. އޭރުގައި މިބޭބޭފުޅުން މަސައްކަތް ކުރެއްވީކީ، މިބޭބޭފުޅުންނަށް ހަމައެކަނި ލިބިވަޑައިގަންނަވާ މުސާރައަކަށް ބައްލަވައިގެނެއް ނޫން. މިއަދު އަޅުގަނޑުމެންގެ އެކިއެކި މަސައްކަތް އައުޓްސޯސް ކޮށްލާފައި ދޭނެ ފަރާތްތަކެއް އެދުވަހަކު ނެތް. އެދުވަހު ތިބީ މިފަދަ ކަންތައްތައް ދަންނަ ވަރަށްމަދު ބައެއް. އޭގެތެރޭގައި، އަލްމަރްޙޫމް ޢަލީ ޙުސައިންދީދީވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. އާދެ! މިބޭބޭފުޅުން މަސައްކަތް ކުރެއްވީ، ސަރުކާރުން ވިދާޅުވިގޮތަކަށް، އެ ވިދާޅުވި ކަމެއް ކާމިޔާބު ކުރެވޭތޯ. ރައްޔިތުންނަށް އޭގެ ޙިއްޞާ ކުރެވޭތޯ. ރައްޔިތުންނަށް ފައިދާ ގެނެސްދެވޭތޯ. އާދެ! މިއީ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން އަބަދުވެސް މަސައްކަތް ކުރަމުން އައި ގޮތް. މި އާދަ، މި ޘަޤާފަތް އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ. ޤައުމެއްދެކެ ލޯބިވާ ރައްޔިތުން މަސައްކަތް ކުރާނީ، އަބަދުވެސް އެ ބިމުން އިތުރު ގަސްތައް ފަޅުވައި އަދި ދެން އަންނަ ޖީލަކަށް އެ ވާރުތަ ކުރާ ގޮތަށް މަސައްކަތް ކުރެވޭތޯ.

އާދެ! މިގޮތުން 1978 ވަނަ އަހަރު 135 ދޯންޏެއްގައި އިންޖީނު ބެހެއްޓިފައިވޭ. އާދެ! އެހިސާބަކުން އެކަން ނިމުނީކީވެސް ނޫން އިނގޭތޯ. އަލިފުށީގައި ބޯޓުޔާޑެއް އުފެދުނު. ފެލިވަރާއި ކޫއްޑޫގައި މަސް ޕްރޮސެސްކުރާ ފެކްޓްރީތައް ހެދުނު. ވީމާ، މަސްވެރިކަމަށް އިތުރު ތަރައްޤީއާއި ކުރިއެރުން ލިބިގެންދިޔަ.

އާދެ! 1978 ވަނަ އަހަރު ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވިއިރު، ވަރަށްމަދު ރިޒޯޓްތަކެއް އޮތީ. އެހެން ނަމަވެސް، ސިޔާސަތު ބައްޓަން ކުރެވިފައި އޮތްގޮތުން، ސަރުކާރަށް ލިބޭ މާބޮޑު އާމްދަނީއެއް ނެތް. އެހެން ނަމަވެސް، ރައީސް މައުމޫން ޚިޔާލު ކުރެއްވީ، ބެޑް ޓެކްސް އަދި ސަރުކާރަށް ލިބޭ ރެންޓް ތަޢާރުފް ކުރެއްވުމަށްޓަކައި. މިއަދު އަޅުގަނޑުމެން ހަނދާންކޮށްލަން އެބަޖެހޭ ނުވަތަ ވިސްނާލަން އެބަޖެހޭ، އޮބާމާ މިހާރު އުޅެނީ ކޮން ޙާލެއްގައިތޯ، ޓެކްސް އިތުރުކުރަން ޖެހުނީމަ. ހަމަ އެދުވަސްވަރުވެސް ވިސްނާލައްވާ، ސިޔާސީ ތަފާތު ޚިޔާލުތައް އަންނާނެވަރު. އެހެން ނަމަވެސް، އެމަނިކުފާނު އެ ޢަޒުމުގައި އެކަން ކުރިއަށް ގެންދެވީ. ނަތީޖާއަކަށްވީ އަޅުގަނޑުމެންގެ ސަރުކާރަށް، ޤައުމުގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެންދިޔުން. އަދި އެމަނިކުފާނު، އާދެ! ރައީސް މައުމޫން މަޤާމަށް ވަޑައިގެންނެވިއިރު، އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ، ޓުއަރިޒަމް އިންޑަސްޓްރީއަކީ ވަރަށް ހަނި ދާއިރާއެއްގައި އޮތް އިންޑަސްޓްރީއެއް. އެހެންނަމަވެސް އެ ހުޅުވާލެވުނު އެންމެންގެ މައްޗަށް. ހުޅުވާލެވި، އޭގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ސަތޭކަ އެތައް ރިޒޯޓެއް ނުވަތަ ދުއިސައްތަ ރިޒޯޓާ ހަމައަށް މަސައްކަތް ކުރަމުން މިހާރުދާތަން. އެވެސް ރައީސެއްގެ ވިސްނުން، ހުރި ވިސްނުން. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް ކަމުގައި.

އާދެ! މިއަދު މިގޮތަށް ޓުއަރިޒަމް ތަޢާރުފް ކުރުމުގެ ސަބަބުން، އަޅުގަނޑުމެންގެ ސަރުކާރުގެ އާމްދަނީއަށް ތިން ބިލިއަނާ ގާތަށް ލިބެމުންދާކަން އެއީ، އަޅުގަނޑުމެން ފާހަގަކޮށް، އެދުވަހު ރައީސް މައުމޫން އެޅުއްވި ފިޔަވަޅަށް، އެމަނިކުފާނަށް ޝުކުރު ދަންނަވަންޖެހޭނެ ކަމެއް. ހަމައެހެންމެ، 1978 ވަނަ އަހަރު ރައީސް މައުމޫން ވެރިކަމަށް ވަޑައިގަންނަވައި ޙަވާލުވެވަޑައިގަތުމަށްފަހުގައި، ސަޢޫދީ ފަންޑާއި، ކުވޭތު ފަންޑާއި، އަބޫދާބީ ފަންޑާއި، އޯޕެކް ފަންޑް އަދި މިފަރާތްތަކާ އެގްރީމަންޓްކޮށްގެން، އިންޓަރނޭޝަނަލް އެއަރޕޯޓެއް ތައްޔާރު ކުރެވުނު ނުވަތަ ހެދުނު. އާދެ! އެއީ، އަޅުގަނޑުމެންގެ ޙަޤީޤީ ގޭޓްވޭ ހުޅުވިގެންދިޔަ ދުވަސްވަރު. އާދެ! މިތާ ތިއްބެވި ބައެއް ބޭފުޅުން، ޒުވާން ބޭފުޅުންނަށް، އަޅުގަނޑުމެން ކަހަލަ މުސްކުޅިންނަށް އެނގުނަސް، އެނގިވަޑައިނުގަންނަވާނެ، އެދުވަސްވަރު ދިވެހިރާއްޖެއަށް ޓުއަރިސްޓުން އަންނަނީ، ސްރީލަންކާއަށް ބޮޑެތި ބޯޓުފަހަރުގައި އައިސްފައި، ސްރީލަންކާއިން ކުޑަ ބޯޓެއްގައި ދިވެހިރާއްޖެއަށް އަދި ދިވެހިރާއްޖެއަށް ޓުއަރިސްޓުން އެއްހަފްތާ ހޭދަކުރަން އަންނަ ކަމަށްވަންޏާ، އެއްހަފްތާގެ ފައިސާވެސް ސްރީލަންކާގެ ޓްރެވަލް އޭޖެންޓަކަށް ދައްކާ. މިއީ އަޅުގަނޑުމެން އޭރު ތިބި ޙާލު. މިއަދު އަޅުގަނޑުމެން ވަރަށް އުފަލާއެކީގައި، ޓުއަރިސްޓުން ދުނިޔޭގެ ހުރިހާ ތަނަކުން ދިވެހިރާއްޖެއަށް އަންނަ ވާހަކަ ދައްކާއިރު، އެކަންވީ ކިހިނެއްކަން، އެކަމުގެ މަސައްކަތް ކުރެއްވި ބޭފުޅުންނަށް، އަޅުގަނޑުމެން ޙައްޤު ޝުކުރު ރައްދުކުރަންޖެހޭނެ.

އާދެ! ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ވަރަށް ޒުވާން ރައީސެއް، މަޤާމަށް ވަޑައިގެންފައި ވަރަށްގިނަ މަސައްކަތް ކުރެއްވި. ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕާއި އަދި މިނޫންވެސް ކަންތައްތައް ތަޢާރުފް ކުރައްވައި، އިތުރަށް އާ ކަންތައްތަކެއް ތަޢާރުފް ކުރައްވައި، މަސައްކަތް ކުރައްވަމުން ގެންދެވި. އަދި ބޭރުގެ ވިޔަފާރިވެރިންނާއި، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އައުމަށް ވަރަށްފުޅާ ދާއިރާއެއްގައި މަގުތައް ހުޅުއްވަމުން، ކޮށްޓަވަމުން ވަޑައިގެންނެވިތަންވެސް އަޅުގަނޑުމެން ދުށީމު. އެކަމަށްޓަކައި ރައީސް ނަޝީދަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ރައްދުކުރަން.

އާދެ! އަޅުގަނޑު މިވާހަކަތައް މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫން. މިދެންނެވި ބޭބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ، އަބަދުވެސް އަބަދުވެސް މި ޤައުމުގެ ތަރައްޤީއަށް. މިއަދުގެ ވެރިންވެސް މި މިޞްރާބަށް ދިޔުމަކީ، ޤައުމުގެ ތަރައްޤީ ކުރިއަރައިގެން އަންނާނެ ކަމެއް ކަމުގައި އަޅުގަނޑަށް ހަމަ ކެރިގެން ދަންނަވަން އެނގޭ. މި މިޞްރާބަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ، އަބަދުވެސް ޤައުމުގެ ތަރައްޤީއަށް. ވިޔަފާރީގެ ދާއިރާއަކީ، އަޅުގަނޑުމެން ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ. އަޅުގަނޑުމެން އެ ދާއިރާގެ، އެ ކުޅަދާނަ މަސައްކަތްތެރިންނަށް އަބަދުވެސް މަގު ފަހިކޮށްދޭންޖެހޭނެ. އާދެ! އެބޭފުޅުން ފަށްޓަވާނެ އާ ކަންތައްތައް. އެބޭފުޅުން ފަށްޓަވާނެ އާ ޚިޔާލުތައް. ސަރުކާރުން އަބަދުވެސް ތަރުޙީބުދޭންޖެހޭނެ. ރަނގަޅަށް ހަނދުމަފުޅު ކުރައްވާ، ކުރާ ކޮންމެ ކައިވެންޏަކީވެސް ހަމަ ކާމިޔާބުވާ ކައިވެންޏެއް ނޫން. ވަރަށް ކާމިޔާބު ކައިވެނިތައްވެސް ހުރޭ. ކުރާ ކޮންމެ، ފަށާ ކޮންމެ ވިޔަފާރިއަކީވެސް ހަމަ އެގޮތަށް، ހަމަ ކާމިޔާބުވާނެ ވިޔަފާރިއެއް ނޫން. އެހެން ނަމަވެސް، ކޮންމެ ކަމެއްވެސް ކުރަނީ، ވަރަށް ފުރިހަމަ އުންމީދަކާ އެކީގައި. ވަރަށް ފުރިހަމަ ޢަޒުމަކާ އެކީގައި. ހަމަ ދާއިމީ ގޮތުގައި، އޭނާއާ އެކީގައި މުޅި ހުރިހާ ދުވަހެއް ހޭދަކުރުމަށް އުންމީދުކޮށްގެން. އަދި ކޮންމެ ވިޔަފާރިއެއްވެސް ފަށަނީ ހަމަ އެ ނިޔަތުގައި. އެހެންވީމާ، އެކަމެއް ފަށާއިރު، އެކަމަކަށް ސިޔާސީ މަޤާމުގައި ތިއްބަވާ ބޭފުޅުން، ޚާއްޞަކޮށް، ވިޔަފާރިތައް ފަށަމުންދާއިރުގައި، ވިސްނަވަންޖެހޭނެ، އެކަމަށް މަގުފަހިކޮށްދީ، އެކަން ކޮށްދެވޭނެ މަގު ހުޅުވައިދީ، ޤާނޫނާއި ޤަވާއިދުތަކާ އެއްޗެހި އެގޮތަށް ބައްޓަން ކުރަން. މިނިވަންކަމާއެކީގައި ހުޅުވާލުން. އެހެން ނޫނީ، ޒުވާނުންގެ ޚިޔާލުތަކެއް އަޅުގަނޑުމެންނަކަށް ތަޖްރިބާ ކުރާތަނެއް ނުފެންނާނެ.

އާދެ! މިހާރުވެސް އަޅުގަނޑުގެ ވާހަކަކޮޅު ވަރަށް ދިގުވެއްޖެ. އެހެން ނަމަވެސް، އަޅުގަނޑު ކޮންމެހެންވެސް ހަމަ ޙިއްޞާކޮށްލަން ބޭނުންވާ ވާހަކަތަކަކަށްވާތީ ދަންނަވާލަން ޖެހުނީ.

އާދެ! ނިންމާލުމުގެ ކުރިން އަޅުގަނޑު ތިޔަބޭފުޅުންނާ މި ޙިއްޞާ ކުރަނީ، 1940 ވަނަ އަހަރު އަޅުގަނޑުމެންގެ ތެރޭގައި އުފެދުނު އަދި މިހާތަނަށް އަޅުގަނޑު ދަންނަވާނީ، ދިވެހި ޤައުމުގައި އުފެދުނު އެންމެ އަގުހުރި، އެންމެ ޤައުމުދެކެ ލޯބިވި ބަޠަލެއްގެ ވާހަކަ. އަލްމަރްޙޫމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވާހަކަ. އެމަނިކުފާނު ކުރެއްވި ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މިއަދު ހުރިހާ ވާހަކައެއް ދަންނަވާކަށް ނެތީމު. އެހެން ނަމަވެސް، އެމަނިކުފާނު ގެންގުޅުއްވި ޚިޔާލުފުޅެއްގެ ވާހަކަ، ދިވެހި ޤައުމު މުސްތަޤްބަލުގައި އޮންނަންވީ ގޮތް ތަޞައްވުރު ކުރެއްވި ގޮތުގެ ވާހަކަ އަޅުގަނޑު ދަންނަވާލުމަކީ، ހަމަ ޚުދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ލޯބިވާ އަދި ޤަދަރުކުރާ ބަޠަލެއް އެއީ.

އާދެ! އޭނާ ދެކެވަޑައިގަންނަވާ ހުވަފެނަކީ މިއީ. މަދްރަސާތަކުން ފާސްވަމުންދާ ކުދިން ކޮލެޖްތަކަށް ފުދޭވަރަކަށް ވަންނަމުންދާނެއޭ. އެ ކޮލެޖްތަކުގައި އިންޖިނިއަރުކަން، ޑަކްޓަރީކަން، ފޫޅުމާކަން، ނެވިކަންފަދަ މަސައްކަތްތައް ދަސްކޮށްދިނުމަށް ކުޅަދާނަ އެދުރުން ތިބޭނެއޭ. މުވާޞަލާތީ ގޮތުން ދުނިޔޭގެ އެކިތަންތަނާ މާލެ އޮންނާނީ އެކަށީގެންވާ މިންވަރަށް ގުޅިފައޭ. އަޅުގަނޑުމެންގެ ދިރިއުޅުމަށްޓަކައި ބޭނުންވާ ކާބޯތަކެއްޗާއި، އެހެނިހެން ތަކެތި ރާއްޖެ ގެނައުމަށް އަޅުގަނޑުމެން ދޫކޮށްލައިގެން ތިބޭނީ، ބިދޭސީންގެ އަތްމައްޗަކަށް ނޫނޭ. އެތަކެތި އެދުވަހުން ގެންނާނީ ދިވެހިންގެ ވިޔަފާރިވެރިން، ދިވެހިންގެ ފުރާދުއްވާ ތަކެތީގައޭ. މާލޭގައި ފޭރާންވިޔާ ކާރުޚާނާތަކާއި، ބިސްކޯދު، ޕާންފަދަ ތަކެތި ހަދާ ކާރުޚާނާތައް ފުދޭވަރަކަށް ހުންނާނެއޭ. ދަނޑުގޮވާން ކުރުން ކުރިއަށް ގޮސްފައިވާލެއް ބޮޑުކަމުން، ދިވެހިންނަށް ބޭރުން ކާބޯތަކެތި ނުގެނެސް އުޅެވޭނެއޭ. ދިވެހިރާއްޖޭގެ ނަމަކީ، ވިޔަފާރީގެ ދުނިޔޭގައި ޙުރްމަތްތެރިކަން ލިބިގެންވާ ނަމެއް ކަމުގައިވާނެއޭ.

އާދެ! މިއީ އަލްމަރްޙޫމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު، މި ޤައުމު، މީގެ އެތައް ޒަމާނެއް ކުރިން ތަޞައްވުރު ކުރެއްވިގޮތް. ޤައުމުގެ ވެރިކަން ކުރި ކޮންމެ ވެރިޔަކުވެސް ހުވަފެންތައް ދެކިގެން، އެ ވެރިކަން ކޮށްފައި އޮތީ. އުންމީދުތަކެއް ކޮށްގެން، އެ ވެރިކަމަށް އައިސްފައި ތިބީ. އާދެ! މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް.

އާދެ! މިއަދު އަޅުގަނޑު ދަންނަވާލަން އޮތީ، ތިޔަ ޒުވާން ދަރިން، ލޮބުވެތި އެ މަރްޙޫމްގެ ހުވަފެން ޙަޤީޤަތަކަށް، އެ ހުވަފެންތައް ފުރިހަމަކުރުމަށްޓަކައި ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން އަތުގުޅާލަމާތޯއޭ. އަޅުގަނޑުމެން ހިފާ އަތަކީ، ރީނދޫ އަތެއްތޯ، ދޮން އަތެއްތޯ، ކަޅު އަތެއްތޯ، ނޫ އަތެއްތޯ، ރަތް އަތެއްތޯ، ފިޔާތޮށި އަތެއްތޯ ނުބަލައި، އެއަތުގައި ހިފަމާތޯއޭ. އޭރުން އަޅުގަނޑުމެންނަށް ޙަޤީޤީ ކުރިއެރުން ލިބޭނީ.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ހެޔޮ ރަޙްމަތްފުޅުން މި ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ދެއްވުމަށް އެދި މާތްﷲގެ ޙަޟުރަތުގައި ދެންނެވުން. އެއީ އަޅުގަނޑުގެ ދުޢާ. މިކަން އަޅުގަނޑުމެންނަށް ވާނެކަމުގެ ޔަޤީންކަން، އަޅުގަނޑުގެ ހަމަގައިމު އެބައޮތް. ހެޔޮ ނިޔަތުގައި އެކަލާނގެ ޙަޟުރަތުގައި އެދުނު ކޮންމެ ކަމަކަށް މާތްﷲ ތައުފީޤު ދެއްވާނެ.

والســّلام عليــكم