بســم اللّـه الرّحمـن الرّحيــم


ޕްރެޒެންޓަރ ޕްރޮޑިއުސަރ މަރިޔަމް ޝާހިދާ މުޙަންމަދު:

ޕީ.ޕީ.އެސް.ބީ ނުވަތަ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގއަށް ބަދަލުވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އަޑާމެދު މަނިކުފާނުގެ އުންމީދުތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖޭގެ އަޑަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޅި ޤައުމުގެ މަޞްލަޙަތާއި ފައިދާއަށް މަސައްކަތްކުރާ ވަރަށް މުހިންމު މުއައްސަސާއެއް. ވަކި ގިންތިއެއް ނުވަތަ ފިކުރެއް އިސްތިސްނާ ކުރުމެއްނެތި ދިވެހިންގެ ވިންދާއި ޝުޢޫރުތައް ހާމަކޮށްދޭ، ޒިންދާރުކަމާ އެކީގައި ޙަރަކާތްތެރިވާ މި ޤައުމުގެ އަޑު. އެހެންވީމާ، އެ މޭރުމުން މުޅި ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް، ކުރިއަށް އޮތް ތާނގައިވެސް ދިވެހިރާއްޖޭގެ އަޑުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ދުވާލާއި ރޭގަނޑުގެ ކޮންމެ ވަގުތެއްގައި، ދިވެހިރާއްޖޭގެ އަޑުން ގެނެސްދެނީ، ވަރަށް އަގުހުރި، ވަރަށް ބޭނުންތެރި ޕްރޮގްރާމްތަކެއް. ޤައުމުގައި ހިނގާ ކަންކަމާބެހޭ ޚަބަރުތައް، ފުޅާ ދާއިރާއެއްގައި މެދުކެނޑުމެއްނެތި، 50 އަހަރު ވަންދެން ގެނެސްދީފައިވާކަން އަޅުގަނޑު ވަރަށް އުފަލާ އެކީގައި ފާހަގަކުރަން. އަދި މުނިފޫހިފިލުވުމާއި މަޢުލޫމާތު މުއްސަނދި ކޮށްދިނުމުގެ ގޮތުން ފޮނުވާ ތަފާތު ޕްރޮގްރާމްތައް އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން.

އަޅުގަނޑު މި ފުރްޞަތުގައި، މި މުނާސަބަތުގައި ދިވެހިރާއްޖޭގެ އަޑުގައި މިވޭތުވެދިޔަ 50 އަހަރު ނުހަނު އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ އަންހެން ބޭފުޅުންނަށާއި، ފިރިހެން ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.


ޕްރެޒެންޓަރ ޕްރޮޑިއުސަރ މަރިޔަމް ޝާހިދާ މުޙަންމަދު:

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކުގެ ތެރެއިން މަނިކުފާނު އެންމެ ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވަނީ، ކޮން ވައްތަރެއްގެ ޕްރޮގްރާމްތަކަކަށްތޯ؟


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު ބޮޑަށް ރޭޑިއޯގެ ޕްރޮގްރާމްތަކުން އަޑުއަހާހިތްވަނީ ރައްޔިތުންގެ ޝުޢޫރުތައް. އާދެ! އެކިއެކި ކަންކަމާ ބެހޭގޮތުން ރައްޔިތުން ދެކޭގޮތް، ރޭޑިއޯ މެދުވެރިކޮށް، ސަރުކާރަށާއި، ސަރުކާރުގެ އެކި މުވައްޒަފުންނާއި މުއައްސަސާތަކަށް އެނގުން އެއީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އެގޮތުން ރައްޔިތުންގެ ޚިޔާލުތަކަށް އައްސަވައި ގެނެސްދެއްވާ ޕްރޮގްރާމްތައް އަޅުގަނޑު ވަރަށް އަހާހިތްވޭ. އަދި ހަމައެއާއެކީގައި، އަޅުގަނޑު ވަކިފަރާތަކަށް ނުޖެހި، ވަކިބައެއްގެ މެދުގައި ރުޅިވެރިކަން އުފެއްދުމުގެ މަޤްޞަދެއްނެތި ގެނެސްދޭ ޕްރޮގްރާމްތައް އެއީ، އަޅުގަނޑު އެންމެ އަޑުއަހާހިތްވާ ޕްރޮގްރާމްތަކަކީ.

ޕްރެޒެންޓަރ ޕްރޮޑިއުސަރ މަރިޔަމް ޝާހިދާ މުޙަންމަދު:

އާދެ! ދެން ދިވެހިރާއްޖޭގެ އަޑަށް ބައި ޤަރުނުވެގެންދާއިރު، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ އަޑު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ގޮތަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އަޅުގަނޑު އެދެނީ ހަމަ ކުރިއަށް އޮތް ތާނގައިވެސް، ކުރިއެކޭ އެއްފަދައިން، މިވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑުން ގެނެސްދީފައިވާ ޕްރޮގްރާމްތަކުގެ ތަޖުރިބާގެ އަލީގައި، ދުވަހަކަށްވުރެ ދުވަހެއް ޕްރޮގްރާމްތައް ރަނގަޅު ކުރައްވަމުން ގެންދެވުން. އަދި މިއީ، ޕަބްލިކް ސަރވިސް ރޭޑިއޯއަކަށްވާތީ، ރައްޔިތުންނަށް ފައިދާހުރި ޕްރޮގްރާމްތަކެއްގެ ގޮތުގައި ޕްރޮގްރާމްތައް ގެނެސްދެމުން ގެންދިޔުން. ހަމަ މަޢުލޫމާތު މުއްސަނދިކޮށްދިނުމާއި، މުނިފޫހިފިލުވުމާއި އަދި ހޭލުންތެރިކަން އިތުރުކުރުވުމާ، މިބާވަތުގެ ޕްރޮގްރާމްތައް ގެނެސްދެއްވުން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ވަރަށްގިނަ ބަޔަކު، ދިވެހިރާއްޖޭގެ އަޑު މިހާރުވެސް ހަމަ އަޑުއަހަމުން ގެންދޭ. ރޭޑިއޯ އަޑުއަހާ ވަރަށްގިނަ ބަޔަކު މިހާރުވެސް އެބައުޅޭ. އެހެންވީމާ، އަދި ޚާއްޞަކޮށް، ގޭގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންނަށް، މަސައްކަތުގެ ތެރޭގައި އުޅުއްވަމުންވެސް ރޭޑިއޯ ހުޅުވާފައި ބަހައްޓައިގެން، ރޭޑިއޯގެ ޕްރޮގްރާމްތައް އަޑުއައްސަވަމުން އެބަ ގެންދަވާ. އެހެންވީމާ، އެ އޯޑިއަންސަށްވެސް ވަރަށް ބޮޑަށް ވިސްނައިގެން، ޕްރޮގްރާމްތައް ގެނެސްދެއްވާނެ ކަމަށް އަޅުގަނޑު ހީކުރަން.