بســم اللّـه الرّحمـن الرّحيــم

އުއްތަމަ ފަނޑިޔާރު، ބަންޑާރަ ނައިބު، ވަޑައިގެން ތިއްބެވި މިނިސްޓަރުން، އެމް.ބީ.ސީ.ގެ ރައީސް، ކޯޕަރޭޝަންގެ މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ރޭޑިއޯ އަދި ޓީ.ވީ.ގެ އެންމެހާ ލޮބުވެތި މުވައްޒަފުން.

السّــلام عليــكم

އާދެ! މިރެއަކީ، ޙަޤީޤަތުގައިވެސް ވަރަށް ފުން ޝުޢޫރުތަކެއް، ވަރަށް ފުން އަސަރުތަކެއް އަދި އަސަރުން ފޯވެފައިވާ އުފާވެރި ވަރަށްގިނަ މުވައްޒަފުންތަކަކަށް، ވަރަށްގިނަ މަސައްކަތްތެރިންތަކަކަށް، ވަރަށްގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަކަށް އިޙްސާސް ކުރެވިގެންދާ ރެއެއް. އާދެ! ޤައުމެއް ބިނާކުރުމުގައި، މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އެންމެ މުހިންމު ބަޔަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް ނުވަތަ މިނިސްޓަރުން، އަދި ކީއްތޯ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މިބޭފުޅުންނެއް އެކަނި ނޫންކަން. ވަރަށް ރީތިކޮށް، ވަރަށް ސާދާކޮށް ޤައުމެއް ބިނާކުރުމުގައި، ވަރަށް އަގުހުރި ޚިދްމަތްތަކެއް ޤައުމުގެ ކޮންމެ މުއައްސަސާއެއްގައި މަސައްކަތް ކުރާ ދަރިންތަކަކަށް ކުރެވިދާނެކަން އަދި ކުރާނެކަން އަދި ކޮށްފައިވާކަން އަދި ކުރަމުންދާކަން މިރޭ އަޅުގަނޑުމެންނަށް ސާބިތުވެއްޖެ.

އާދެ! އަޅުގަނޑު ފާހަގަކޮށްލަން، ދިވެހިރާއްޖޭގެ އަޑުގައި މީގެ 50 އަހަރު ކުރިން މަސައްކަތް ކުރައްވަން ފެށްޓެވި ބޭފުޅުންނަކީ، ފަހަރެއްގައިވެސް ލިބިވަޑައިގަންނަވާނެ، މުސާރައެއް ވަޒަން ކުރެއްވި އަދި އޮޅުންފިލުއްވެވި ބޭފުޅުންނެއް ނޫން. އެބޭފުޅުން އެމަސައްކަތް ކުރެއްވެވީ، އެބޭފުޅުންގެ ހިތްޕުޅުގެ އަޑީން. ހިތްޕުޅުގެ އަޑީން، މި ޤައުމުދެކެވާ ލޯތްބަށްޓަކައި. އެމަސައްކަތުގެ އަގު ވަޒަން ކުރެއްވެވޭތީ. އަދި އެމަސައްކަތްދެކެ ލޯބިވާތީ. އަދި މި ވަޠަންދެކެ، މި ޤައުމުދެކެ، އަޅުގަނޑުމެން ލޯބިވާ ދިވެހި ވަޠަންދެކެ ލޯބިވާތީވެ. މިއީ، އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އެހެންވެގެން އެބޭފުޅުންގެ އަގު މިއަދު އަޅުގަނޑުމެން ވަޒަންކުރަނީ. އަދި އެބޭފުޅުން ކުރައްވާފައި ހުރި މަސައްކަތްވެސް. އަދި ކިއެއްތޯ، މި 50 އަހަރުގެ ކުރީގައި، މި ފަންސާސް އަހަރުގެ ތެރޭގައި، ވަރަށްގިނަ ބޭފުޅުންތަކެއް، ވަރަށްގިނަ އަގުހުރި މަޢުލޫމާތުތަކެއް އަޑާ ޙިއްޞާ ކުރައްވައި، ރައްޔިތުންނަށް ވަނީ ފޯރުކޮށްދެއްވާފައި. އާދެ! ހަމަ މިއަދު އަޅުގަނޑު ފަޚުރުވެރިކަމާއެކީ ދަންނަވަން،ޝުކުރުވެރިކަމާއެކީ ދަންނަވަން، އެއީ، އެބޭފުޅުން އެއްވެސް އަގަކަށް ކުރެއްވި ކަމެއް ނޫން. އެއީ އަޅުގަނޑުވެސް އެތާ އުޅުނު ދުވަސްތަކެއް ކަމަށްވާތީ، އަޅުގަނޑަށްވެސް އެކަން ވަރަށް ރަނގަޅަށް އިޙްސާސް ކުރެވޭތީ.

އާދެ! މިއީ މިޤައުމުގައި ތިބި މި ޤައުމުދެކެ ލޯބިވާ ދިވެހި ދަރިން ކުރައްވާފައިވާ ޖިހާދެއް. ކޮށްފައިވާ ސެކްރިފައިސް. ވަގުތު، ފެމިލީ ނުވަތަ ޢާއިލާ، މިކަންކަމަށްވުރެ މިދަރިންނަށް އިތުރުވީ ނުވަތަ އިތުރު އިސްކަންދިނީ، އަދާކުރަންޖެހޭ ވަޒީފާއަށް. އެކަމުގެ މައްޗަށް ހުރި ޝައުޤުވެރިކަމަކުން. އެކަމުގެ މައްޗަށް ހުރި ލޯތްބަކުން. އާދެ! އެއީ އަޅުގަނޑުމެން މިއަދު ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭނެ، މިފަދަ ދަރިން ތިބޭނެތޯ މިޤައުމުގައި. އެބަތިބި، މިހާރުވެސް އެބަތިބި. އަދި އިރާދަކުރެއްވިއްޔާ، މާތްﷲގެ ރަޙްމަތްފުޅުން އެފަދަ ދަރިން އަޅުގަނޑުމެންގެ މި ބިމަށް މާތްﷲ ފޮނުއްވާނެ.

އާދެ! އަޅުގަނޑު މިވާހަކަ ދައްކާއިރުގައި، މިތާނގައި ޓީ.ވީ.ގެ ޛަރީޢާއިންވެސް އަދި އެކިއެކި ޕްރޮގްރާމްތަކުންވެސް ފެނިވަޑައިގަންނަވާނެ، މިޤައުމުގައި ވެރިކަން ކުރެއްވި ބޭފުޅުން. އާދެ! އަޅުގަނޑު މިއަދު ހަމަ ފާހަގަކުރަން ބޭނުން، އެންމެ ފުރަތަމަ މިޤައުމުގައި މި ޚިދްމަތް ދެއްވުމުގައި، އެންމެ އިސްކޮށް އުޅުއްވި ނުވަތަ މިކަން ފަށްޓަވައިދެއްވި އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، އޭރުގެ ބޮޑުވަޒީރު މިޤައުމަށްޓަކައި ކޮށްދެއްވާފައިވާ މި އަގުހުރި ޚިދްމަތްތައް، މިހެން މިތާހުރެ އަޅުގަނޑަކަށް ނުދެންނެވޭނެ، އޭގެތެރެއިން އެންމެ ޚިދްމަތެއްވެސް. އެހެން ނަމަވެސް، އަދި އިތުރު އެއް ޚިދްމަތެއްގެ ވާހަކަ އަޅުގަނޑު ދަންނަވާނަން. އެއީ، ދިވެހިރާއްޖޭގެ ވިޔަފާރި، ބޭރު މީހުންގެ އަތްމަތީގައި އޮއްވާ، ވޯރާ ވިޔަފާރިވެރިން މި ޤައުމުން ފޮނުވާލައްވައި، އެކާމިޔާބު ހޯއްދަވައިދެއްވީވެސް ހަމަ އެ ރައީސް. އަދި ތިޔަބޭފުޅުންނަށް ދެންމެ އަޑު އިވިވަޑައިގެންނެވި ގޮތަށް، އޭރުގައި ހުރި މަދު ވަސީލަތްތައް، އިޤްތިޞާދީ ގޮތުންވެސް، އިޖްތިމާޢީ ގޮތުންވެސް އަދި ސިޔާސީ ގޮތުންވެސް. މިބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ ޤައުމުގެ ސަލާމަތަށް. ދެން އަންނަ ޖީލަކަށް އަގުހުރި ގޮތުގައި، މިނިވަންކަމާއެކީ މި ޤައުމު ރައްދުކޮށްދެއްވޭތޯ. ފޯރުއްވައިދެއްވޭތޯ. މިކަމަށްޓަކައި އަޅުގަނޑު، އެ މާތް މަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އަދި ވަރަށް އިޚްލާޞްތެރިކަމާއެކީގައި، މިއަދުގެ ސަރުކާރުގެ ނަމުގައި އަދި ލޮބުވެތި ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ! އެދުވަސްވަރު ފެށިގެންދިޔަ ޕްރޮގްރާމްތަކަށް އަޅުގަނޑުމެން ބަލައިލައިފިއްޔާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ސަރުކާރުގެ ރޭޑިއޯއިން ބްރޯޑްކާސްޓް ކުރަމުންދިޔަކަން. އަދި އޭރުގައި ޤައުމުގެ ޙާލަތު އޮތްގޮތް ހަމަގައިމު ތިޔަބޭފުޅުންނަށް މިރޭ އިޙްސާސް ކުރެއްވޭނެ. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، އެދުވަހު އެ ބްރޯޑްކާސްޓިންގ ސްޓޭޝަނުން ދިޔައީކީ ސަރުކާރުގެ މޮޅުކަމުގެ ވާހަކަ ދައްކަމަކުން ނޫން. އަދި ސަރުކާރު އިޝްތިހާރު ކުރަމަކުންނެއްވެސް ނޫން. މިއީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ ކަމެއް. މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ހެއްކެއް.

އާދެ! އެދުވަހު އެބޭފުޅުންނަށް ވަރަށް ފަހިކޮށް އެކަން ކުރެއްވެން އޮތް. އެހެންނަމަވެސް، ދީނީ ޕްރޮގްރާމްތަކާއި، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި އަދި މިނޫންވެސް ދެންމެ ތިޔަބޭފުޅުންނަށް އަޑުއިވިވަޑައިގަންނަވައިގެންދިޔަ މުހިންމު ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކުގެ ޕްރޮގްރާމްތައް ބައްޓަން ކުރައްވައި، އެ ޕްރޮގްރާމްތައް ފޮނުއްވަމުން ގެންދެވި. އާދެ! އެއީ ޕަބްލިކް ބްރޯޑްކާސްޓިންގގެ އަސާސެއް ކަމަށް މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އެކަމަކު އެދުވަހު އެފަދަ ޢިބާރާތަކުން ވާހަކަ ދައްކަވާނެ ބޭފުޅަކު ނުވަތަ އެ ބްރޯޑްކާސްޓް ކުރެވެމުންދިޔަ އެއްޗަކަށް ބަހެއް ބުނާނެ މީހަކުވެސް މި ބިމުގައި ހުރިތޯ؟ ނެތް. އެކަހަލަ ޙާލަތެއްގައިވެސް ރައީސް އިބްރާހީމް ނާޞިރު ކަންތައް ކުރައްވަމުން ވަޑައިގެންފައިއޮތީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކުގައިކަން މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އެ ސަބަބުތަކާއި އެފަދަ ސަބަބުތަކުގެ ތެރެއިން މިއަދު އަޅުގަނޑުމެންނަށް މި މަޤާމުގައި ހުރެފައި ވާހަކަ ދެއްކުމުގެ ފުރްޞަތު ލިބުނީ. އެގޮތަށް އެބޭފުޅުން ވެރިކަން ނުކުރެއްވެވިނަމަ، އެގޮތަށް ޢަމަލު ނުބެހެއްޓެވިނަމަ، އެގޮތަށް މި ޤައުމުދެކެ ލޯބިވެވަޑައިނުގެންނެވިނަމަ، މިޤައުމު އަޅުގަނޑުމެންގެ އަތްމައްޗަކު ނުހުންނާނެ.

އާދެ! ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އޭގެފަހުން އަޅުގަނޑުމެންނަށް ދިވެހި ޤައުމުގައި ވެރިކަން ކުރެއްވި ވަރަށް ތަޢުލީމީ، ވަރަށް ޢިލްމުވެރި ފަރާތެއް. އާދެ! ރައީސް މައުމޫން. އެމަނިކުފާނުގެ ދައުރުގައިވެސް ހަމައެހާމެ އަގުހުރި ޚިދްމަތްތަކެއް ކުރައްވާފައި އެބަހުރި. އެހާމެ ގާތުން މި ޕްރޮގްރާމްތައް ހިނގާ ނުހިނގާ ގޮތް ބައްލަވަމުން ގެންދެވި. އާދެ! އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއިން ކޮންމެ ބޭފުޅެއްވެސް، ރައީސް މައުމޫންވެސް މަސައްކަތް ކުރައްވާފައިވަނީ، ރައްޔިތުންގެ ހޭލުންތެރިކަން އެދުވަހު އުނގަންނައިދޭންޖެހޭ ހިސާބުން އެކިއެކި ޕްރޮގްރާމްތައް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށް. ނަތީޖާއަކަށްވީ، އޭރުގައި ރޭޑިއޯ ހިންގުމަށް ތިއްބެވި ބޭފުޅުން، އެބޭފުޅުންނަށް ވަރަށް ރަނގަޅު ފުރްޞަތު ލިބިވަޑައިގަތީ، އިތުރު ފަންނާނުންނާއި، އެކިއެކި ހުނަރުވެރިންނާ، އެބޭބޭފުޅުން އުފައްދަން. ނަތީޖާއަކަށްވީ، ވަރަށްގިނަ ލަވަކިޔުންތެރިންތަކެއް، އެކިއެކި ޕްރޮގްރާމްތަކުގެ ތެރެއިން ވަރަށް ކުޅަދާނަ ދަރިންތަކެއް އުފެދިގެންދިޔުން. އާދެ! ދަރިންތަކަކަށް މިފުރްޞަތެއް ދިނީ، އެ ސަރުކާރުގެ ސިޔާސަތުގެ ދަށުން އެގޮތަށް ބައްޓަން ކުރެވިގެން. އާދެ! މިއަދު އަޅުގަނޑުމެން އުފާކުރަންޖެހޭނެ، އެއްވެސް ޢާއިލާއެއް ނުވަތަ އެއްވެސް ރަށަކަށް އަދި އެއްވެސް މުޖްތަމަޢުގެ ވަކިފަރާތަކަށް ބެލުމެއްނެތި ކުޅަދާނަ، ހުނަރުވެރި ފަރާތްތަކަކަށްވަނީ ފުރްޞަތުތަކެއް ހޯއްދަވައިދެއްވާފައި.

އާދެ! އެއީ މިއަދު އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. ހުނަރުވެރިން ތިބޭނީ ހަމައެކަނި ވަކި ޕާޓީއެއްގައެއް ނޫން. ކުޅަދާނަ ލަވަކިޔުންތެރިން ތިބޭނީ ހަމައެކަނި ވަކި ރަށެއްގައި ނޫން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވިއްޔާ، ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް، އަދި ކޮންމެ ރަށަކަށް ނިސްބަތްވިޔަސް، އޭނާގެ އިންސާނީ ޙައްޤެއް، އޭނާއަށް އެ ފުރްޞަތު ލިބުން. އެކަން، އެ ފުރްޞަތު ހޯދައިދިނުމަކީ، އެވަގުތަކު ވެރިކަމުގައި ތިބި ބައެއް ނުވަތަ ސަރުކާރުގެ މުއައްސަސާތައް ހިންގާ ބަޔަކަށް މަޖުބޫރުކަމެއް. މަސްއޫލިއްޔަތެއް. އެފަރާތެއްގެ ޙައްޤެއް، އަނެއް ފަރާތެއްގެ ޙައްޤެއް ހޯދައިދިނުމަކީ. މިއީ އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެ ކަމެއް. ޤަބޫލުކުރަން ޖެހޭނެ ކަމެއް. ވީމާ، އަޅުގަނޑު ދަންނަވާނީ، ރޭޑިއޯއަށް މިހާބޮޑު ތަރައްޤީއާއި ކުރިއެރުން ގެނެސްދެއްވި ވެރިކަމުގައި ތިއްބެވި ދެބޭފުޅުންނަކީވެސް މި ނިޔަތުގައި މިގޮތަށް މަސައްކަތް ކުރެއްވި ދެބޭފުޅުންނޭ.

އާދެ! އޭރުގެ ތަފާތު ޕްރޮގްރާމްތަކުގެ މައްޗަށް އަޅުގަނޑު ނަޒަރު ހިންގާކަށް ނެތިން. އަދި އެވާހަކަ ދައްކާކަށް ނެތިން. ސަބަބަކީ ތިޔަބޭފުޅުންނަށް ދެންމެވެސް ފެނިވަޑައިގެންފި. އޭގައި ވަރަށްގިނަ ޕްރޮގްރާމްތައް، ވަރަށް ކުރިއްސުރެ، 1980ގެ ތެރެއިން، 1982ގެ ތެރެއިން، 1983، 1986ގެ ތެރެއިންވެސް އެބަހުރި [އެބައުޅޭ މިބައުޅޭ] ކަހަލަ ޕްރޮގްރާމް އަދި ދީނީ ސުވާލުގެ ޕްރޮގްރާމް، [މަގުމަތިން] އަދި ތަފާތު ޕްރޮގްރާމްތައް ވެގެންދިޔައީ، ރައްޔިތުންނާ ގުޅިފައި ހުރި ކަންތައްތަކެއްގެ މައްޗަށް. އަދި އެއާއެކީ ރައްޔިތުންނަށް އެކަންތަކުގެ މައްޗަށް ހޭލުންތެރިވުމަށް ލިބިގެންދިޔަ. އާދެ! ވީމާ މިގޮތުން އަޅުގަނޑު މިދެބޭފުޅުންގެ ވާހަކަ އަޅުގަނޑު މި ފާހަގަކޮށްލީ، ހަމަ ޙަޤީޤަތުގައިވެސް އެދެބޭފުޅުންނަކީ ވަރަށް އަގުހުރި ޚިދްމަތްތަކެއް ދިވެހި ޤައުމަށް ކޮށްދެއްވާފައި ތިއްބެވި ދެބޭފުޅުންނަށްވާތީ.
އާދެ! އެހެންނަމަވެސް އެބޭފުޅުންނަށް އެމަސައްކަތްޕުޅު ކުރެއްވިގެންދިޔައީ، ވަރަށް ހީވާގި ދަރިންތަކެއް މި މުއައްސަސާގައި މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން. އެކަން މިރޭ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވައިގެން އެދިޔައީ. ވީމާ، އެ ލަޤަބް ލިބިވަޑައިގެންނެވި، ޝީލްޑް ލިބިވަޑައިގެންނެވި މިހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު މަރްޙަބާކިޔާ ޝުކުރު ދަންނަވަން.

ރާއްޖޭގެ ސްޓޭޝަނަކުން ނުވަތަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސްޓޭޝަނަކުން ހުރިހާ ރައްޔިތުންގެ ކަންތައްތައް، ޤައުމުގައި ދިމާވާ ދަތި ކަންތައްތަކާއި، އުނދަގޫ ކަންތައްތަކާއި އަދި ކާމިޔާބު ކުރެވެމުން އަންނަ ކާމިޔާބުތަކުގެ ވާހަކަވެސް ރައްޔިތުންނަށް ފޯރުވައިދޭންޖެހޭނެ. އަދި ރޭޑިއޯއަކީ، އަޅުގަނޑު ދަންނަވާނީ، އެގޮތުން އަޅުގަނޑުމެންގެ ވަރަށްގިނަ ބަޔަކު މަހަށްގޮސް ކަނޑުމަތީގައި އުޅޭއިރުވެސް ރޭޑިއޯ އެހުމަކީ އެއީ މާއުނދަގޫ ކަމަކަށްނުވޭ. ރޭޑިއޯއެއް ހުންނަ ކަމަށްވަނީނަމަ. ވީމާ، އެގޮތުން ވަރަށް ކައިރިން ރައްޔިތުންނަށް ޚިދްމަތްތައް ލިބިގެންދާ ފަރާތެއް. ވީމާ، އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް ރޭޑިއޯ ޕްރޮގްރާމްތަކަށްވެސް ހަމަ ޓީ.ވީ.ގެ ޕްރޮގްރާމްތަކޭ އެއްގޮތަށް ކުރިއަށްދިޔުން. އެއީ ފަސޭހައިން އަޑުއިވޭގޮތަށް، އަދި ދަތުރުކުރާއިރުވެސް އަޑުއިވެމުންދާގޮތަށް އަޅުގަނޑުމެންނަށް ފަސޭހައިން އަޑުފޯރުކޮށްދެވޭނެ ވަސީލަތަކީ ރޭޑިއޯގެ ޒަރީޢާއިން ކަމަށްވާތީ. ހަމަގައިމު އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން މިހާރު ވިސްނަވާފައިކަން އޮންނާނީ، އަދި މިހާރުވެސް އެކަން އެބަ ހިނގާހެން އަޅުގަނޑަށް ހީވަނީ. ބޭރު ތަންތާނގެ ޓްރެފިކް އޮންނަގޮތަށް ޓްރެފިކް ވާހަކަ ކޮންމެހެން ނުދެއްކިޔަސް، ކޮންމެވެސްވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި، މޫސުމުގެ ވާހަކައާއި، އަދި ސަމާލުކަންދޭންވީ ގޮތަށް ދަތުރުކުރަމުންދާއިރުގައި، ކަންތައްތައް ގެންދަންވީގޮތާ، މި މަޢުލޫމާތުވެސް މިހާރުވެސް އަޅުގަނޑަށް އެނގޭ، ރޭޑިއޯގެ ޛަރީޢާއިން ފޯރުކޮށްދެއްވާކަން. ވީމާ، މިކަންވެސް ކުރިއަށް ތަރައްޤީވެ، ކުރިއަށްދާނެ ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުވެސް ހަމަ ޝުކުރު އަދާކޮށްލަން ބޭނުން ބޭފުޅުންކޮޅެއް އެބަ އުޅުއްވާ. އޭގެތެރޭގައި، އަޅުގަނޑު ދެންމެ ފާހަގަކުރި ދެބޭފުޅުން ފިޔަވައި، އަޅުގަނޑުމެންގެ އެކުވެރި ސަމަރޭ އަދި ބަދުރު މި ބޭފުޅުންނަކީ، ވަރަށް ޢަމަލީގޮތުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި ދެބޭފުޅުން. އަދި އަޅުގަނޑާ ވަރަށް ކައިރިން، އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވި އެއްބޭފުޅެއް ކޮނޑޭ. އާދެ! އަޅުގަނޑުވެސް ރޭޑިއޯގައި މަސައްކަތް ކުރިއިރުވެސް މަސައްކަތް ކުރައްވަމުން ގެންދެވި. އަޅުގަނޑު ހަމަ ދެންމެ ދެންނެވިގޮތަށް އެބޭފުޅުން ޚިދްމަތް އަދާކުރައްވަމުން ގެންދެވީ، އެކަމަށް ހުރި ލޯތްބެއްގެ ސަބަބުން. އެކަމެއް ކުރެއްވުމަކީ އުފަލެއް ކަމުގައި ދެކެވަޑައިގަންނަވައިގެން. އަދި ފެށިގެންދިޔައިރުގައި، ސައިކުރާ ނަޢީމް، ނ.ތ. ޙަސަންދީދީ އަދި އަލްމަރްޙޫމް މުޙަންމަދު ޖަމީލް، ص.س ރަޝީދު. މިބޭފުޅުންނަކީ ރޭޑިއޯގެ ޙަޔާތުގައި ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން ކަމަށްވާތީ، އެބޭބޭފުޅުންނަށް އަޅުގަނޑު ހަމަ އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އާދެ! މިއަދު އިބްރާހީމް މަނިކު ވާހަކަ ދައްކަވަމުން، ވަރަށް މުހިންމު ނުކުތާތަކެއް ފާހަގަކުރައްވައިފި. އަޅުގަނޑުވެސް ހަމަ އެ ދެއްކެވި ވާހަކައަށް މުޅިން ތާއީދުކުރަން. ދިވެހިރާއްޖޭގެ އަޑުވެސް ތަރައްޤީވެ ކުރިއަރަމުން އައިއިރުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތަކެއްވެސް އެބަހުރި. ސަރުކާރުން އެހީވެދޭންޖެހޭނެ ކަންތައްތަކެއްވެސް އެބަހުރި. އެއީ، ޓެކްނޯލޮޖީގެ އެހީތަކަކީ ހަމަ ފައިސާ ހޯދައިގެން، ފައިސާދީގެން، ފައިސާ ފޯރުކޮށްދީގެން ކުރެވޭނެ ކަންތައްތައް. އެފަދަ މުވައްޒަފުން ބިނާކުރުންވެސް އަޅުގަނޑަށް ހީވަނީ ރޭޑިއޯގެ ނުވަތަ ޓީ.ވީ.ގެ ދާއިރާގައި ބޭރަށް ފޮނުވައިގެން މަޢުލޫމާތު އުނގަންނައިދީ ހޯދައިދިނުމަކީ، މިއީ އެ މުއައްސަސާތައް ތަރައްޤީ ކުރުމަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެއީ މިއަދު ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކޮށްދެއްވަވަންޖެހޭނެ ކަމެއް. ވީމާ، އަޅުގަނޑު މިރޮނގުން މަސައްކަތް ކޮށްދޭނެ ކަމުގެ ވާހަކަ ވަރަށް އިޚްލާޞްތެރިކަމާއެކީ ދަންނަވަން. އެއީ، މިކަންތައްތައް ތަރައްޤީވެ ކުރިއަރަމުންދާއިރުގައި، އަޅުގަނޑުމެން އެބަޖެހޭ، ޓެކްނޯލޮޖީގެ ފަހަތުން ނުދުވެ، އެއްސަފުގައި ތިބެވޭތޯ މަސައްކަތް ކުރަން. މިކަން ކުރެވޭނީ، އެކަށީގެންވާ ޚަރަދެއް އެކަމަށް ކޮށްގެން. އެކަށީގެންވާ ހޭދައެއް ކޮށްގެން. މީހުން ބިނާކޮށްގެން. އެއީ އަޅުގަނޑުމެން މިއަދު ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް.ޝައްކެއްނެތް، ޢިމާރާތްތަކެއް ހުޅުވިދާނެ، ބަނދަރުތަކެއް ހެދިދާނެ. އެކަމަކު އެތާނގައި އުޅޭނެ ތަޖްރިބާކާރު ނުވަތަ ތަޖްރިބާ ލިބިފައިވާ ދަރިންތަކެއް އުފެއްދުމަކީވެސް އެއީ ވަރަށް މުހިންމު މަސްއޫލިއްޔަތެއް.

އާދެ! ވީމާ އަޅުގަނޑު އުންމީދުކުރަނީ، ކުރިއަށް އޮތް ތާނގައި، މިވޭތުވެދިޔަ 50 އަހަރަށްވުރެ، މާ ފާގަތި، އުޖާލާ އަދި ކާމިޔާބު 50 އަހަރު އަދި އިތުރު އެތައް އަހަރުތަކެއް ތިޔަބޭފުޅުންނަށް މިކަމުގައި ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގަންނަވާނެ ކަމަށް. އަދި މިކަމުގައި އަޅުގަނޑު މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

والســّلام عليــكم